A wide advertisement which will be shown on all devices. (700 x 100)

އިސްލާމިކް ސްޓޭޓް ގެ ނުފޫޒު ދެކުނު އޭޝިއާ އަށް ފޯރައިފި

އައިއެސްގެ ޚުރާސާންގެ ލީޑަރަކަށް ހާފިޒު ސައީދު ޚާން އައްޔަންކޮށްފައިވާ ކަމަށްބުނާ ވީޑިއޯ

ދައުލަތުލް އިސްލާމިއްޔާ ނުވަތަ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނުފޫޒު ދެނުކު އޭޝިއާގެ ސަރަހައްދާއި ހަމައަށް ފޯރައިފިއެވެ. މިކަން ހާމަވެގެން ދަނީ މި ޖެނުއަރީ މަހު 13 ވަނަ ދުވަހު، އައިއެސް ގެ ޚުރާސާން ގޮފިން ކަމަށް ބުނެ ނެރެފައިވާ ވީޑިއޯއަކުންނެވެ. އެވީޑިއޯގައި އައިއެސް އިން ޚުރާސާން ސަރަހައްދަށް ކަނޑައަޅާ އަމީރުން އައްޔަން ކޮށް އެކަން އިއުލާން ކޮށްފައިވެއެވެ.

އައިއެސް އިން ޚުރާސާން ސަރަހައްދުގެ އިސްފަރާތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ތެހްރިކް އީ ތާލިބާން ޕާކިސްތާނުގެ ލީޑަރެއް ކަމަށްވާ ހާފިޒް ސައީދު ޚާން އޮރަގްޒައީއެވެ. މީގެ އިތުރުން އައިއެސްގެ އެސަރަހައްދުގެ އިތުރު އެސަރަހައްދުގެ އެހެން ލީޑަރުން ކަަމަށް އެވީޑިއޯގައި ބުނާ ފަރާތްތަކަކީ:

1- ޙާފިޡް ސަޢީދު ޚާން އޮރަގްޒައީ – ޚުރާސާނުގެ އަމީރު
2- ގުލް ޒަމާނުލް ފާތިޙް – ޚައިބަރުގެ އަމީރު
3- ޢުމަރު މަންޞޫރު – ލާލް މަސްޖިދު މަޖްމޫޢުގެ އަމީރު
4- ސަޢުދުލް އިމާރަތީ – އަފްޣާނިސްތާނުގެ ލޯގަރ ވިލާޔަތުގެ ޖުބުހަތު ސަޢީދު ބުން އަބީ ވައްޤާޞްގެ އަމީރު
5- ޢުބައިދުﷲ – ޕާކިސްތާނުގެ ޕިޝާވަރުގެ މަޖްމޫޢުއް ތަޥްޙީދު ވަލް ޖިހާދުގެ އަމީރު
6- ޖައްވާދު – އައްޝައިޚް ޢަބްދުލްޤާހިރު އަލްޚުރާސާނީގެ ނައިބު އަދި އަބްޠާލުލް އިސްލާމްގެ އަމީރު
7- އައްޝައިޚް މުޙްސިން – އަފްޣާނިސްތާނުގެ ކުނަރު ސަރަޙައްދުގެ މަޖްމޫޢުގެ އަމީރު
8- ޠަލްޙާ – ވަޒީރިސްތާނުގެ ކައިރީގައި އޮންނަ މަރްވަތު ސަރަޙައްދުގެ މަޖްމޫޢުގެ އަމީރު
9- ޙާފިޡް ދަޥްލަތު – ކުރަމްގެ މުޖާހިދުންގެ އަމީރު
10- ޚާލިދު މަންޞޫރު – ހަންގޫގެ މުޖާހިދުންގެ އަމީރެއް
11- އައްޝައިޚް މުފްތީ ޙަސަން – ޕިޝާވަރުގެ މުޖާހިދުންގެ އަމީރެއް

ޙާޒިރުވެތިބި ގިނަ ލީޑަރުންނަކީ ކުރިންވެސް ބައިޢަތު ދެއްވަވާފައިވާ މީހުންކަން ކުރީގެ ޕާކިސްތާނު ތާލިބާނުންގެ ސްޕޯކސް ޕާސަން ކަމަށްވާ ޝާހިދުﷲ ޝާހިދު އެ ވީޑިއޯގައި ފާހަގަކުރެއްވިއެވެ. އަދި މި ބައިޢަތަކީ އިޖްތިމާޢީގޮތުން ކަންކަން ހިންގުމަށްޓަކައި ދެވޭ ބައިޢަތެއްކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުގައި ޙާފިޒު ސަޢީދު ޚާންގެ އަޑުދަށުން އެންމެހާ ލީޑަރުންތައް އައިއެސްގެ ޚަލީފާ ބައުދާދީއަށް ބައިޢަތުދޭ މަންޒަރު ފެނިގެންދެއެވެ. މީގެ އިތުރުންވެސް، ޚަލީފާއަށް ބައިޢަތު ދެއްވި ނަމަވެސް، އެ މަޝްވަރާ ބައްދަލުވުމަށް ޙާޒިރު ނުވެވުނު އެތައް ބަޔަކު ތިބިކަމަށް ޝާހިދުﷲ ޝާހިދު މި ވީޑިއޯގައި ފާހަގަކުރެއެވެ.
މީގެ އިތުރުން، މަންޞޫރު ނަމަކަށްކިޔާ ޕާކިސްތާނު ސިފައިންގެ މީހެއްގެ ބޯ ބުރިކޮށްލާ މަންޒަރުވެސް އެ ވީޑިއޯއިން ފެނިގެންދެއެވެ.

އަފްޣާނިސްތާނުގައި އައިއެސް ގެ ނުފޫޒު ގަދަ ވަމުންދާ ކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުން މީގެ ދުވަސްކޮޅެއް ކުރިންވެސް ހާމަކޮށްފައި ވެއެވެ.

ޚުރާސާން ސަރަހައްދު ނިސްބަތް ވަނީ މިހާރުގެ އީރާނުގެ އިރުއުތުރާއި، ތުރުކުމެނިސްތާނުގެ ދެކުނާއި އަފްޣާނިސްތާނާއި ޕާކިސްތާން ހިމެނޭ ސަރަހައްދަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !