16 އޮކްޓޯބަރ 2019 ( ބުދަ )

banner

ފުވައްމުލަކު ތުނޑީގައި މޫދަށް އެރި އުޅުނު ޒުވާނަކު މަރުވެއްޖެ

ފުވައްމުލަކު ތުނޑީގައި މޫދަށް އެރި އުޅުނު ޒުވާނަކު މަރުވެއްޖެއެވެ. ތުނޑީސަރަހައްދުގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައިވަނީ ގ.ފެންފިނިގެ އުމުރުން 27 އަހަރުގެ އަހުމަދު ނާއިލް ނަސީރު އެވެ.
މިކަލް ނޫހަށް މައުލޫމާތު ދެމުން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރ މުޙައްމަދު އިސްމާޢީލް ވިދާޅުވީ މި ޒުވާނާ ހޮސްޕިޓަލަށް ގެނެވުނީ 6:30 ހާއިރު ކަމަށާއި ހޮސްޕިޓަލަށް ގެނެވުނު އިރުވެސް މަރުވެފައިވާ ކަމަށެވެ.

ނާއިލް އިއްޔެ ތުނޑިއަށް ގޮސްފައިވަނީ ފުވައްމުލަކުގެ ރައްޓެހިންތަކަކާއި އެކުގައެވެ. އަދި އޭނާގެ ރައްޓެހިންވެސް އެގަޑީގައި މޫދަށް އެރިއުޅުނުކަމަށް އެސަރަހައްދުގައި ހުރި މީހަކު ބުންޏެވެ. “އެއްފަހަރަކު ނާއިލް މޫދަށް ފޭބުމަށްފަހު ސްނޯކަލިންގ ކުރަން އުޅުމަށްފަހު އެއްގަމަށް އެރި، އަދި އޭގެ އިރުކޮޅެއްފަހުން އަނެއްކާވެސް މޫދަށް ފޭބުމަށްފަހު މޫދުގައި ގިނަ އިރުތަކެއް ވާތީވެ، އޭނާގެ ރައްޓެހިން ގޮސްބެލިއިރު އޮތީ ހަބަރު ހުސްވެފައި، ދެން ވަގުތުން ގެންދިޔައީ ހޮސްޕިޓަލަށް” ތުނޑީގައި މޫދަށް އެރިއުޅުނު މީހަކު ބުންޏެވެ.

ނާއިލް ފުވައްމުލަކަށް އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި އެނާ އައިސްފައިވަނީ ޗުއްޓީދަތުރެއްގައި ކަމަށް މިކަލްނޫހަށް އެގިފައިވެއެވެ. ނާއިލް ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މިހާދިސާއާއި ގުޅިގެން ނާއިލްގެ އާއިލާގެ ބައެއް މީހުން ރޭގެ ވަގުތެއްގައި ފުވައްމުލަކަށް އައިސްފައިވެއެވެ.
ފުވައްމުލަކު ތުނޑިއަކީ ގިނަ ބަޔަކު މޫދަށް އެރިއުޅޭ ސަރަހައްދެކެވެ. އަދި އެތަނަކީ ވަރަށް ބާރުއޮޔާއި އެކު ބޮޑެތިރާޅު ތައް މުގުރާ ސަރަހައްދެއްކަމުގައިވިޔަސް މިއަދު އެސަރަގައްދުގައި ރާޅުބޮޑެއް ނޫންކަން ފާހަނގަކުރެވުނެވެ.


ކިޔުންތެރިންގެ ޚިޔާލު