20 ޖުލައި 2019 ( ހޮނިހިރު )

ނާއިބު ރައީސް ފައިސަލް ނަސީމު މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަނީ

ނާއިބު ރައީސް މާދަމާ ފުވައްމުލަކަށް ވަޑައިގަންނަ ވަނީ

ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު މާދަމާ ފުވައްމުލައް ސިޓީއަށް ވަޑައިގަންނވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. އަދ ި ނާއިބު ރައީސް އޮންރަބުލް ފައިސަލް ނަސީމަށް މަރުހަބާ ދެންނެވުމަށް މާދަމާ ރޭ 8:20 އަށް ފުވައްމުލައް އެއަރ ޕޯރޓަށް ވަޑައިގެން ދެއްވުމަށް ސިޓީ ކައުންސިލުން ވަނީ ދައުވަތު ހުޅުވާލާފައެވެ.

މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނާއިބު ރައީސްގެ މިދަތުރު ފުޅުގައި ފުވައްމުލަކު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ދޭ ސެންޓަރެއް ހުޅުވައި ޚިދުތައް ތައާރަފުކޮށް ދެއްވާނެއެވެ.

ތޭރަހާސް މީހުންގެ އާބާދީ ހިމެނޭ ފުވައްމުލަކުގައި ދަތުގެ ޑޮކްޓަރަކު ފާއިތުވި އަހަރެއް ހާދުވަހު ހުރިކަމުގައި ވިޔަސް ދަތުގެ ފަރުވާ ދެވޭނެ ގޮތެއް އޮތީ ނުވެފައެވެ. ކުރިން ޑެންޓަލް ސެންޓަރަށް ގެނައި ތަކެތި ބޭނުން ނުކުރެވި ހަލާކުވެފައި ވާ ކަމަށް ވެއެވެ.

ދަތުގެ ފަރުވާދޭ ސެންޓަރު މިހާރު ޚިދުމަތަށް ފުރިހަމަ ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ނާއިބުރައީސް މިޚިދުމަތް އިފްތިތާޙުކޮށް ދެއްވުމާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް މިކަމުގައި ލިބިގެން ދާނެއެވެ.

ނާއިބު ރައީސްގެ މިދަތުރުފުޅުގައި ފުވައްމުލަކުގެ މަގު ހެދުން ވެސް ފެށޭނެ ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް މަގުހެދުން ފެށުމުގެ ކަންކަން އިންތިޒާމު ވަމުން އަންނަ ގޮތަށް ބަލާއިރު މިދަތުރުފުޅުގައި އެކަން ވާނެކަމަކަށް ނުބެލެވެއެވެ.

އެހެނީ މަގުހެދުމުގެ މައްސަލާގައި ސިޓީ ކައުންސިލާއި ދައުލަތުގެ ކަމާއިގުޅޭ އެހެން އިދާރާތަކުން މީޑިއާއަށް ހާމަކުރައްވާފައިވާ ވާހަކަ ތަކުގައި ތައާރަޒުވުން ތަކެއް ވެސް ހިމެނޭތީއެވެ. އަދި މަގުގެ ޑިޒައިނަށް ރައްޔިތުންގެ ޚަިޔާލު ނުހޯދާ ކަމަށް ސިޓީ ކައުންސިލުން ބުނާއިރު ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ ބައްދަލުވުމެއް ކައުންސިލް ލެވެގައި ވެސް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

ނާއިބު ރައީސްގެ މިދަތުރުފުޅުގައި މަގުހެދުމުގެ މަސައްކަތް ކުރާ އެމްޓީސީސީގެ ފަރާތުން ބައިވެރިވާކަން މިކަލް ނޫހަށް އެނގިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ޚިޔާލު