18 އޮކްޓޯބަރ 2019 ( ހުކުރު )

banner

ޖޫން މަހު އެންމެ ބޮޑު ސާވިސްޗާޖެއް ދީފައިވަނީ ވެލާ އިން

މިދިޔަ ޖޫންމަހު ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެޑުންނެވެ. ރާއްޖޭގެ ރިސޯޓުތަކުގެ ސާވިސް ޗާޖުގެ ގޮތުގައި ދެވޭ އަދަދު ހާމަކުރަމުންދާ މޯލްޑިވްސް ސާވިސް ޗާޖް ވެބުސައިޓުގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވީ ހަތަރު މަސް ތެރޭ އެވުރެޖް ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއްދީފައވާ ރަންދެލި ފަހަތަށް ޖައްސާލުމަށްފަހު ފާއިތުވީ ދެމަސްދުވަހުވެސް ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް މުވައްޒަފުންނަށް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް އިންނެވެ. ވެލާ ޕްރައިވެޓް އައިލެންޑް އިން މިދިޔަ ޖޫން މަހު ސާވިސް ޗާޖުގެ ގޮތުގައި 740 ޑޮލަރު ދީފައިވާއިރު މެއީ މަހު ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 1509 ޑޮލަރެވެ.

ޖޫންމަހު ދެވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވެލިގަނޑު އައިލެންޑް ރިސޯޓުންނެވެ. ވެލިގަނޑުން ސާވިސް ޗާޖުގެ ގޮތުގައި 620 ޑޮލަރު ދީފައިވާ އިރު ހުރަވަޅި އައިލެންޑް ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 605 ޑޮލަރެވެ. ޖޫން މަހު ސާވިސް ޗާޖަށް ލިބުނު އަދަދު އޭގެ ކުރީ މަހާއި އަޅާ ބަލާއިރު ބޮޑުތަން ކުޑަވެފައިވާކަން ފާހަގަކުރެވުނެވެ.

ފާއިތުވީ ހަތަރު މަހުގެ އެވުރެޖް ސާވިސް ޗާޖަށް ބަލާއިރު އެންމެ ބޮޑު އަދަދެއް ދީފައިވަނީ ރަންދެލިންނެވެ. ރަންދެލިން ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް 2199 ޑޮލަރު މަހަކަށް ދީފައިވާ އިރު ވެލާ އިން 1926 ޑޮލަރު އެވުރެޖްކޮށް ދީފައިވެއެވެ.

ފުވައްމުލަކު ގިނަ ޒުވާނުންތަކެއް ރިސޯޓު ދާއިރާގައި ވަޒީފާ އަދާކުރަމުންދާއިރު ރިސޯޓުތަކުގެ ސާވިސް ޗާޖަކީ ގިނަ ބަޔަކު ބަރޯސާވާ އެލަވަންސެކެވެ. ސާވިސް ޗާޖަކީ މުވައްޒަފުންގެ މެދުގައި ބެހަންޖެހޭ ޗާޖަކަށް ވީނަމަވެސް އެއަދަދު ގާނޫނާއި އެއްގޮތަށް ބައެއް ރިސޯޓުތަކުން ބަހަމުން ނުދާކަމުގެ ތުހުމަތު ބައެއް ފަރާތްތަކުން ކުރެއެވެ.



ކިޔުންތެރިންގެ ޚިޔާލު