15 ޑިސެމްބަރ 2019 ( އާދީއްތަ )

މިފަހަރުގެ އަޟުހާ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން އޮންނާނީ ޒުވާނުންގެ މަރުކަޒުގައި

ބޮޑު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ ޒުވާނުންގެ މަރުކަޒުގައި

މި އަހަރު (2019) ފުވައްމުލަކުގައި ބޮޑު ޖަމާޢަތުގައި އަޟުޙާ އީދު ނަމާދު ކުރުން ހަމަޖެހިފައި ވަނީ ކުރިއެކޭ އެއްގޮތަށް ފުވައްމުލައް ޒުވާނުންގެ މަރުކަޒުގެ ސްޕޯރޓްސް ޕާކުގައެވެ.

ބޮޑު އީދު ނަމާދު ކުރުން އޮންނާނީ 11 އޯގަސްޓް، ވާ އާދިއްތަ ދުވަހުގެ ހެނދުނު 7:30 އެވެ. ހުކުރުު ނަމާދާއި ތަފާތުކޮށް، ޢީދު ނަމާދުގައި، ނަމާދު ކުރުން އޮންނަނީ ޚުތުބާގެ ކުރީގައެވެ. ވުމާއެކު ޢީދު ނަމާދަށް ލަސްވެއްޖެނަމަ ނަމާދު ނުލިބޭނެއެވެ.

އީދު ނަމާދަށްފަހު އީދު ސަލާމް ކުރުމާއި ހަދިޔާ ބަދަލުކުރުން ރޭވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޢީދު ނަމާދުގައި ބޮޑު ޖަމާޢަތުގައި ބައިވެރިވުމަށް ޢާއިލާގެ އެންމެހާއި ބޭފުޅުންނާއިއެކު ވަޑައިގަތުމަށް މިކަން އިންތިޒާމް ކުރާ ފަރާތްތަކުން އެދިލައްވައެވެ.

އީދު ނަމާދަކީ ގިނަބަޔަކު އެއްތަނެއްގައި ބައްދަލުވެ ހައްޖާއި ގުޅިގެން އީދުގެ އުފާވެރިކަން ހާސިލުކުރުމަށް މަގުފަހިކޮށްދޭ ހަރަކާތަކަށް ވީހިނދު ޢީދުނަމާދަށް ފަހުގައި އެކަކު އަނެކަކާއި ސަލާންކޮށް ރަޙުމަތްތެރިކަން އާލާކޮށް ހަދިޔާ ބަދަލުކުރުމަކީ އީދުގެ ފައިދާ ފުރިހަމަވެގެންދާނޭ ކަމެކެވެ.

ފުވައްމުލައް ސިޓީގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ތަން ފެންނަނީ އަމިއްލަ ޖަމާއަތެއް ކަމުގައިވާ ގާޑިއަން އެސޯސިއޭޝަނެވެ.

ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ޙަދީޘް ތަކުގެ އަލީގައި ޢީދު ނަމާދު ކުރުން ސުންނަތް ވެގެން ވަނީ މައިދާނެއްގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ހަތަރު ޚަލީފާ އިން ކުރެ އެއްވެސް ބޭފުޅަކު އުޒުރެއް އޮވެގެން މެނުވީ ޢީދު ނަމާދު މިސްކިތުގައި ނުކުރައްވާ ކަމަށެވެ. އިމާމް ޝާފިޢީ ފިޔަވާ އަނެއް ތިން މަޛްހަބުގެ އިމާމުންގެ ރައުޔަކީ ވެސް މިއީ އެވެ.

އިމާމް ޝާފިޢީގެ ރައުޔަކީ ރަށުގައި ހުރި މިސްކިތަކީ އެންމެންނަށް ނަމާދު ކުރުމަށް ފުދޭވަރުގެ މިސްކިތެއް ކަމުގައި ވަނީނަމަ ޢީދު ނަމާދު މިސްކިތުގައި ކުރުމެވެ. މިއާއި އެކުވެސް މައިދާނަށް ނިކުމެ ޢީދު ނަމާދު ކުރުމަކީ މައްސަލަ އެއް އޮތް ކަމަކަށް އިމާމް ޝާފިޢީ ވެސް ވިދާޅުވެފައެއް ނުވެއެވެ. އިމާމް ޝާފިޢީ ވިދާޅުވެފައި ވަނީ ރަށުގައި ހުރި މިސްކިތަކީ އެންމެނަށް ފުދޭވަރުގެ މިސްކިތަކަށް ނުވަނީނަމަ މިސްކިތުގައި ޢީދު ނަމާދު ކުރުމަކީ މަކްރޫހަ ކަމެއް ކަމުގައެވެ.



ކިޔުންތެރިންގެ ޚިޔާލު


  1. ހާމިދު 11 އޯގަސްޓް 2019 16:08

    ވިއްސާރަވުމުގެ ސަބަބުން ބޮދު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ކެންސަލްކޮށްފި.