A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކަށް ދިމާވެފައިވާ ދޮންވެލީގެ މަސައްލައަށް އަވަސް ހައްލެއް ލިބިގެންދާނެ – ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދ

ފުވައްމުލަކަށް ދިމާވެފައިވާ ދޮންވެލީގެ މައްސަލަ ވަރަށް އަވަހަށް ހައްލު ވެގެންދާނެ ކަމުގެ އުއްމީދު ފުވައްމުލަކު ކައުންސިލުން އާކޮށްދީފިއެވެ. ފުވައްމުލަކަށް ދިމާވެފައިވާ ދޮންވެލީގެ މައްސަލަ ހައްލުކުރުމަށް ފުވައްމުލަކު ކައުންސިލުން ކޮށްފައިވާ މަސައްކަތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވުނު ބައްދަލުވުމުގައި މި ޔަގީންކަން ދެއްވާފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލު އިދާރާގެ ޑިރެކްޓާ އަހުމަދު މުހައްމަދާއި ޑެޕިއުޓީ މޭޔަރު ލިރާރެވެ.

ފުވައްމުލަކަށް ދޮންވެލީގެ މައްސަލަ ދިމާވެފައިވަނީ ގދ. ތިނަދޫ ކައުންސިލުން އެރަށުން ނެގޭ ދޮންވެލި އެރަށްނޫން އެހެން ރަށަކަށް ސަޕުލައި ކުރުން މަނާ ކުރުމާއި ގުޅިގެނެވެ. ފުވައްމުލަކު ރައްޔިތުންގެ ބޭނުމަށް ގެނެވޭ ދޮންވެލީގެ ބޮޑު ބަޔަކީ ގދ ތިނަދޫގެ ދޮންވެލި ސަޕުލަޔަރެއްގެ އަތުން ފުވައްމުލަކު ދޮންވެލި ސަޕުލަޔަރުން ގަތުމަށްފަހު ސަޕުލައިކުރެވޭ ދޮންވެއްޔެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެބޭފުޅުން ކުރެއްވި މަސައްކަތާއި އަދި މިހާތަނަށް ލިބިފައިވާ ކުރިއެރުންތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން، ގދ، ތިނަދޫ ކައުންސިލާއިއެކު ކުރެެވުނު މަޝްވަރާ ބައްދަލުވުމުން އަލުން ފުވައްމުލަކަށް ދޮންވެލި ސަޕުލައި ކުރުމުގެ ހުއްދަދިނުމަށް ނިންމި ކަމަށާއި އަދި ގދ ގެ އެހެން ކައުންސިލުތަކާއި އެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުން އެރަށްތަކުންވެސް ފުވައްމުލަކަށް ދޮންވެލި ސަޕުލައި ކުރުމުގެ ހުއްދަދިނުމަށް އެއްބަސްވެލެއްވި ކަމަށާއި އެބޭފުޅުން ދެކިލައްވަނީ އެއީ ފުވައްމުލަކުގެ ނުވަވަނަ އަވަށް ކަމަށްވެސް ފުވައްމުލަކު ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ. ނަމަވެސް ތިނަދޫ ފިޔައި އެހެން އެއްވެސް ރަށަކުން ފުވައްމުލަކުގެ ބޭނުމަށް ބޭނުންވާ މިންވަރަށް ސަޕުލައި ކުރުމުގެ ގާބިލުކަމެއް ނެތްކަން ވެސް ލިރާރު ފާހަގަކުރެއްވިއެވެ. ފުވައްމުލަކަށް ގާތްގަޑަކަށް 80 ހާސް ބަސްތާ ދޮންވެލި މަހަކަށް ބޭނުންވެއެވެ.

ގދ ގެ ކައުންސިލު ތަކުގެ އިތުރުން ގއ އަތޮޅު ކައުންސިލާއި ގއ.ވިލިގިލި ކައުންސިލާއި ބައްދަލުކުރެއްވިކަން ވެސް ލިރާރު ފާހަގަކުރެއްވިއެވެ. އަދި ކުރިން ފުވައްމުލަކަށް ދޫކޮށްފައިވާ ގއ. މެރަދޫ ފަޅުން ވެލި ނެގުމާއި ގުޅޭގޮތުންވެސް ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ކުރެވުނު ކަންވެސް ލިރާރު ފާހަގަކުރެއްވިއެވެ. އެގޮތުން މިފަޅުން ފުވައްމުލައް ފިޔައި އެހެން އެއްވެސް ފަރާތަކަށް ދޮންވެލި ދޫނުކުރުމަށް ނިންމުމަށާއި ޕަންޕު ބޭނުންކޮށްގެން ވެލި ނެގުމާއި ގުޅޭގޮތުން އީޕީއޭ އާއި މަޝްވަރާ ކުރެވުނުކަން ވެސް ފާހަގަކުރެއްވިއެވެ.

މިމަޝްވަރާތަކުގައި އީޕީއޭއިން އެކަމަށް ހުއްދަދިނުމަށް ތައްޔާރުވަމުންދާ ކަމަށާއި އަދި ކޮންމެ ހަތަރު އަހަރަކުން އީއައިއޭ ހެދުމަށްވެސް މަޝްވަރާ ކުރެވުނުކަން ވެސް ލިރާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފުވައްމުލަކަށް ދޮންވެލި ސަޕުލައި ކުރުމަށް 2014 ވަނަ އަހަރު ދިވެހި ސަރުކާރުން ގއ. މެރަދޫ ދޫކުރެއްވި ނަމަވެސް ފުވައްމުލަކު ވެލި ސަޕުލަޔަރުން އެފަޅު ބޭނުންކޮށްފައެއްނުވެއެވެ. ސަބަބަކީ އެފަޅުން ފީނައިގެން ވެލި ނެގުމަށް ހޭދަވާ ވަގުތާއި އަގު ބޮޑެވެގެން ދާނެތީވެއެވެ. ނަމަވެސް ޕަންޕު ހަރުކޮށްގެން ނަގަން ފަށައިފިނަމަ އެއަށްވުރެ އަގު ހެޔޮކޮށް ލިބިދާނެކަމަށް ބެލެވެއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުގެ މިދަތުރުގައި ފުވައްމުލަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރައްވާ ވީޖޭޑީ ކުންފުންޏާއި ދޮންވެލި ސަޕުލައި ކުރާ ފަރާތްތައް ބައިވެރިވިއެވެ. އެފަރާތްތަކުން ފާހަގަކުރައްވާ ގޮތުގައި ދޮންވެލީގެ އަގު ބޮޑުވެއްޖެނަމަ އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ އަގު ބޮޑެވެގެންދާނެއެވެ. އެހެންކަމުން މިކަމުގެ ސަބަބުން ކޮންސްޓްރަކުޝަން އިންޑަސްޓްރީއަށް ބޮޑު އަސަރެއްކުރާނެއެވެ.

މިދަތުރުގައި ތިނަދޫ ކައުންސިލުން ފުވައްމުލަކަށް ބޭނުންވާ ދޮންވެލި ސަޕުލައިކުރުމުގެ ހުއްދަދޭން ނިންމެވިޔަސް ތިނަދޫގެ ދޮންވެލި ނަގާ ފަރާތްތަކުން ދޮންވެލި ވިއްކާ އަގު ބޮޑުވާނެކަން ފާހަގަކުރައްވާފައިވާކަން ފުވައްމުލަކުގެ ދޮންވެލި ސަޕުލަޔަރުން ފާހަގަކުރެއްވިއެވެ. ނަމަވެސް އުއްމީދު ކުރައްވަނީ ޕަންޕު ބޭނުންކޮށްގެން ދޮންވެލި ނެގުމުގެ ހުއްދަ ލިބުމާއިއެކު އެއަގު ކުޑަކުރެވިދާނެ ކަމަށް އުއްމީދު ކުރައްވާކަންވެސް އެފަރާތުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހިލަވެލި ހެޔޮ އަގުގައި ފުވައްމުލަކަށް ސަޕުލައިކޮށް ދިނުމާއި ގުޅޭގޮތުން އެސްޓީއޯއާއި މަޝްވަރާ ކުރެވެމުންދާކަންވެސް ޑެޕިއުޓީ މޭޔަރު ފާހަގަކުރެއްވިއެވެ.

ފުވައްމުލަކަށް ބޭނުންވާ ވެލި ހެޔޮއަގުގައި ފޯރުކޮށްދިނުމަށް އިންސެންޓިވުއެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމުގެ އުފާވެރި ޚަބަރުވެސް ޑެޕިއުޓީ މޭޔަރު ދެއްވިއެވެ. އަދި ދެމެހެއްޓެވި ގޮތަކަށް ދޮންވެލި ސަޕުލައިކުރުމަށްޓަކައި މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމާއި ގުޅޭ މަޝްވަރާވެސް ކުރިއަށްދާ ކަމަށް ލިރާރު ވިދާޅުވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !