ފުވައްމުލައް ސިޓީން މަސްތުވާތަކެއްޗާ ހަވާލުވި ދެމީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ. ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހުން ހައްޔަރުކޮށްފައި ވަނީ މި އޮކްޓޯބަރު 19 ވަނަ ދުވަހުއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ.
މި މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ 12 ޖާހާކަށްހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ. ފުވައްމުލަކާއި މާލެއާއި ދެމެދު ދަތުރުކުރާ ކަނޑު ބޯޓަކުން ފުވައްމުލަކަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މއުލޫމާތާއި ގުޅިގެން، އެ ބޯޓުން ގެނައި ފޮށިގަނޑާ ހަވާލުވި އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އެދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެފޮށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕްރޭޝަނެކެވެ.
މިމައްސަލަ ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ޚިޔާލުތައް