އަނިޔާވެރިކަމަށް ހިތްވަރުދިން ކަމުގައި ތުހުމަތުގައި ފުވައްމުލަކު ހޯދަޑު އަވަށު ޒުވާނަކު މިއަދު ފުލުހުން ހައްޔަރުކޮށްފިއެވެ. ކޯޓުއަމުރެއްގެ ދަށުން މިއަދު ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ އަލީ ރަވާއު އެވެ.
ރަވާއު ހައްޔުރުކޮށްފައި ވަނީ ވީޑިއޯ ކްލިޕަކާއެކު މީހަކު މަރަން ފަސްނުޖެހޭނެ ކަމަށް ބުނެ ކުރި ޓްވީޓަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. މީޑިއާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ސޯޝަލް މީޑިއާގައި މީހުންނަށް މަރުގެ އިންޒާރުދީ، މުޖުތަމައުގައި ބިރުވެރިކަން އުފެދޭގޮތަށް އަނިޔާވެރިކަމަށް ހިއްވަރު ދެމުންދިޔަ މައްސަލައެއްގައި ފުލުހުން ވަނީ ރަވާއު ހައްޔަރުކޮށްފައެވެ.
އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ހައްޔަރުކުރީ ކާކުކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފަހުން އެޓްވިޓަރ އެކައުންޓްވެސް ޑިލީޓްކޮށްފައިވާ ކަމަށްވެއެވެ.
ދާދި ފަހުން ފުލުހުން އިލްތިމާސްކޮށްފައި ވަނީ، އެމްޑީއެންގެ ރިޕޯޓުގެ މައްސަލައާއި ގުޅިގެން ވަގުތުގެ ބޭނުންކޮށް މުޖްތަމައުގައި ރުޅިވެރިކަމާއި ނަފްރަތު ނުއުފެއްދުމަށް އެވެ. އަދި އެފަދަ އަމަލުތައް ކުރާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވާޅު އަޅާނެކަމަށް އާއްމުކޮށް ވަނީ އިއުލާންކޮށްފައެވެ.
ސޯޝަލް މީޑިއާގައި މީހުން ފުރާނައަށް ގެލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލި ކަމުގެ ތުހުމަތުގައި އާއިި ޓެރަރިސްޓު ޖަމާއަތްތަކުގެ ނިޝާންތަކާއި، ލިޔެ ކިޔުންތައް ޝޯޝަލް މީޑިއާގައި އާއްމުކުރުމާއި ގުޅިގެން މީގެ ކުރިން ވެސް ފުލުހުން ވަނީ 27 އހަރުގެ މީހަކު ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ކޮޓުން ވަނީ 15 ދުވަހަށް އިތުރުކޮށް ފައެވެ.
ބައެއް މީހުން ބުނާގޮތުން މިއީ ބަޔަކު އަޑީގައި ތިބެގެން ޒުވާން ކުދިން ލައްވާ ކުރުވާ ކަމެކެވެ. ސަރުކާރުން ފިޔަވަޅު ނާޅާނެ ކަމަށް ބުނެ ސަރުކާރާއި މެދު އާއްމުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި އިތުބާރު ގެއްލުވާލަން ސިޔާސީ ފަރާތްތަކުން ކުރާ ކަމެއް ކަމަށް ވެސް ބައެއް މީހުން ސިފަކުރެއެވެ.
އިސްލާހު ކުރެވުނު ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފައި ވާއިރު، ފުލުހުން ބުނެފައި ވަނީ މިފަދަ މައްސަލައް ތަހުގީގު ކޮށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. މީހަކަށް ގެއްލުމެއް ދޭން ގޮވާލުމަކީ ޓެރަރިޒަމްގެ ގާނުނޫނު ކުށެކެވެ. އަދި އެފަދަ ކަމަކަށް ހިތްވަރުދޭ ޕޯސްޓްތައް ޝެއަރ ކުރުމާއ، ޓެރަރިސްޓް ޖަމާއަތްތަކުގެ ލޯގޯއާއި ދިދަ އަދި ޝިއާރުތައް ބޭނުންކުރުމަކީ ވެސް ކުށްވެރިވާނެ ކަމެކެވެ. މިއީ މިއަދު އެންމެން ވެސް ހޭލުންތެރިވާން ޖޭހޭ ކަމެކެވެ.
އެމްޑީއެން ރިޕޯރޓާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީ އިންނާއި، އެޑިއުކޭޝަން މިނިސްޓރީ އިންނާއި ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ދިނާއި ދެކޮޅަށް ބާޔަން ނެރުނު ޖަމްއިއްޔާގެ ހަރަކާތްތައް ހުއްޓުވައި މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ކަމާއި ބެހޭ ސަރުކާރުގެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. އެފަދަ މައްސަލަތަކަކީ ބަލަންޖެހޭ އަދި ފިޔަވަޅު އަޅަންޖެހޭ މައްސަލަތަކެއް ކަމާއި މެދު ދެބަސްވާ ބަޔަކު ދިވެހި މުޖުތަމިއުގައި ނެތޭވެސް ބުނެވިދާނެއެވެ. އެފަދަަ ކަންކަމުގައި އަމަލުކުރަން ވީގޮތް ދީނީ އިލްމުވެރިން ވަނީ ނޫސް ކޮންފަރެންސެއް ބާއްވައި އާއްމުކޮށް ބުނެދީފައެވެ. މުޖުތަމައުގެ ހަމަޖެހުން ނަގާލާ ޝުއޫރުތައް ފާޅު ނުކުރުމަށް އެދިފައިވެއެވެ.
އެއީ އެއްވެސް ޙާލެއްގައި މުޖުތަިއުގެ ކޮންމެ މީހަކު ހުކުމް ނެރެ އެނުބައިކަން ކުރިބަޔަކު މަރަން ގޮވަައި، މުޖުތަމައުގެ ހަމަޖެހުން ނަގާލަން ވި ކަމެއް ނޫނެވެ. އަދި އެއީ ސިޔާސީކުރުން ޖެހޭ ކަމެއްވެސް ނޫންނެވެ.
ދީނީ ބައެއް އިލްމުވެރިންވެސް ބުނަމުން އަންނަނީ މައްސަލާގައި ފިޔަވަޅު އަޅާނީ ދައުލަތުން ކަމަށެވެ. އެއްވެސް މީހަކު އަނެއްމީހާ މަރަން ނުވަތަ އަންދާލަން ގޮވުމަކީ މައްސަލައެއްގެ ހައްލު ނޫން ކަމަށެވެ.
ޚިޔާލުތައް