A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ ނަރުދަމާއަށް ޖެހިފައިވާ މައްސަލަ ވަރަށް އަވަހައް ހައްލުކޮށް ދޭނަން – ފެނަކަ

ފުވައްމުލައް ސިޓީގެ ނަރުދަމާގެ މައްސަލައަށް މަޝަވަރާ ކުރުން 2019 އޮކްޓޯބަރ 28

ފުވައްމުލައް ސިޓީގައި ގާއިމުކުރެވިފައިވާ ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށް ދެއްވާނެ ކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވެފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފުވައްމުލަކުގެ ނަރުދަމާގެ ނިޒާމަށް ޖެހިގެން އުޅޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމާއި ގުޅުންހުރި ފަރާތްތައް އެކުވެގެން ފާއިތުވި އޮކްޓޯބަރު މަހުގެ ފަހުކޮޅު ވަނީ ނަރުދަމާގެ އިންސްޕެކްޝަނެއް ހަދާފައެވެ. މި އިންސްޕެކްޝަނުގައި ތިމާވެއްޓާއި ބެހޭ މިނިސްޓރީ އާއި، ޕްލޭނިން މިނިސްޓްރީ، މަސައްކަތުގެ ކޮންޓްރެކްޓަރ – ސިއެރާ، ފެނަކަ ކޯޕަރޭޝަން، އަދި ނަރުދަމާ ސިސްޓަމް ޑިޒައިނަރ ރިޔަން އާއި ސިސްޓަމްގެ ބައިތައް އުފެއްދި ކުންފުނީގެ ފަރާތުންނާއި ފުވައްމުލައް ސިޓީ ކައުންސިލުން ބައިވަރިވެފައި ވެއެވެ.

އިންސްޕެކްޝަން ޓީމުން ވަނީ ނަރުދަމާގެ ސިސްޓަމަށް ދިމާވާ މައްސަލަތައް ބެލުމަށް ރަށުގެ އެކި ހިސާބުތަކުގައިވާ ވެކިއުމް ޕަމްޕް ސްޓޭޝަންތައް ބަލާފައެވެ. އިންސްޕެކްޝަން ނިންމުމަށް ފަހު  މައްސަލަތަކާއި ގުޅޭގޮތުން ހުރިހާ ފަރާތެއް ބައިވެރިވެގެން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވަފައެވެ. މިމަޝްވަރާ ބައްދަލުވުމަށް ފަހު ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވަނީ “މި މައްސަލަ ވަރަށް އަވަހަށް ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވަނީ ދެއްވާފައި” ކަމަށެވެ.

ފުވައްމުލައް ސިޓީގެ ނަރުދަމާގެ މައްސަލައަށް މަޝަވަރާ ކުރުން 2019 އޮކްޓޯބަރ 28

ފުވައްމުލަކުގެ ނަރުދަމާ ނިޒާމަކީ ގިނަ ގޮތްގޮތުން ދިރާސާކުރެވި ރަށާއި އެންމެ އެކަށޭނަ ގޮތަށް ފަރުމާކުރެވިގެން ގާއިމުކުރެވިފައިވާ ހައިބްރިޑް ސިސްޓމެކެވެ. އެއީ ގްރެވިޓީއާއި ވެކިއުމް އަދި ޕަމްޕް ވެސް ބޭނުންކުރާ ގޮތަށް ހެދިފައިވާ ސިސްޓަމެކެވެ.

ގޭގެ ފާޚާނާ ޖަންކްޝަން ތަކުން މަގުގައި ހުންނަ ޖަންކްޝަނަށް ފެނާއި ނަޖިސް ގެންގޮސްދެނީ ގްރެވިޓީގައެވެ. ޣާޒީމަގުން އިރު-ދެކުނަށާއި(އޭ، ބީ) އަދި ހުޅަނގު-އުތުރު (ސީ ޑީ)ގެ މަގުތަކުގައި ހުރި ޖަންކްޝަންތަކުން ފެނާއި ނަޖިސް ދެ ތަނަކަށް ޖަމާކުރެ ވެނީ ވެކިއުމް ސިސްޓަމުންނެވެ. އަދި މި ދެ ކަލެކްޝަން ޕޮއިންޓަށް ޖަމާވާ ނަޖިހާއި ފެން މިސްކިމަގު ގައި ހުންނަ މައި ސްޓޭޝަނަށް ޖަމާކުރެވި ޓްރީޓް ކުރުމަށްފަހު ޕަމްޕް ސިސްޓަމް މެދުވެރިކޮށް ރަށުން ބޭރުކުރާގޮތަށެވެ.

ފުވައްމުލައް ސިޓީ ނަރުދަމާ ނިޒާމުގެ މައްސަލަޖެހިފައިވާ ވެކިއުމް ޕްރެޝަރ ޕަމްޕެއް

މައްސަލަ ޖެހިގެން އުޅޭކަމަށް ވަނީ މިސިސްޓަމުގައި ހިމެނޭ ވެކިއުމް ބަޔަށެވެ. އެއީ ފެން ނުވަންނަ ގޮތަށް (ވޯޓަރ ފްރޫފް) ‘އެއަރ ޓައިޓް’ ސިސްޓަމަކަށް ވާން ޖެހެއެވެ. ނަމަވެސް ވިއްސާރަވެ ވާރޭ ވެހުމުން މިސިސްޓަމްގައި މައްސަލަޖެހެނީއެވެ. ވޯޓަރޕްރޫފް ޖަންކްޝަންތަކަށް ފެންވަދެ ޕްރެޝަރ ޕަމްޕްތަކުގެ މަސައްކަތް ހުއްޓެނީއެވެ. އެއާއެކު މުޅި ސިސްޓަމް ފެއިލްވެ ރަށުގައި ފެންބޮޑުވުމާއި ނަޖިސް ލީކުވުމާއި ކުރިމަތިލާންޖެހެއެވެ.

ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ކުރިން ވިދާޅުވެފައި ވަނީ މިމައްސަލް ހައްލު ކުރެވޭނީ މުޅި ސިސްޓަމް ރަނގަޅަށް އިންސްޕެކްޓްކޮށް، ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްގެން ކަމަށެވެ. އެހެން ނޫނީ މިސިސްޓަމުގެ ބޭނުމެއް ނުހިފޭނެކަމަށެވެ.

ފުވައްމުލައް ސިޓީގެ ނަރުދަމާ އަށް ދިމާވެފައިވާ މައްސަލަތައް އިސްޕެކްޓް ކުރަނީ. ފޮޓޯ: ފވމ ސިޓީ ކައުންސިލް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !