A wide advertisement which will be shown on all devices. (700 x 100)

މި ޖުލައި މަހު 13 ގައި ފުވައްމުލަކުގައި ބަހުގެ ޚިދުމަތް ފަށަނީ

މިއަދު އަތޮޅު ކައުންސިލްގައި އެމްޕީއެލްގެ ވެރިންނާއެކު އަތޮޅު ކައުންސިލުން ބޭއްވި ބައްދަލުވުން. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

މި ޖުލައި މަހު 13ގައި ފުވައްމުލަކުގައި ރަސްމީކޮށް ބަހުގެ ޚިދުމަތް ފަށަން އެމްޕީއެލްއާއި ފުވައްމުލަކު އަތޮޅު ކައުންސިލާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއަދު މެންދުރު އަތޮޅު ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ރައީސް ފަލާޙު ޝަރީފާިއ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖުނައިދު ބައިވެރިވެ ވަޑައިގަތެވެ.

މިއަދުގެ ބައްދަލުވުމުގައި ފުވައްމުލަކުގައި އާއްމު ބަސް ދަތުރުތައް (ޕަބްލިކް ޓްރާންސްޕޯޓް) ކުރިޔަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާ ކުރެވުނެވެ. މިކަލް ނޫހާއި ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ފަލާޙު ޝަރީފު ވިދާޅުވީ އަލުން ބަސް ދަތުރުތައް ފަށާއިރު ސްކޫލް ބަހުގެ ގޮތުގައި ފަށައިގަނެވިއްޖެ ނަމަ ދަތުރުތައް މާކާމިޔާބު ވާނެކަމަށް ކުރީގެ ތަޖުރިބާ ތަކުން ދައްކާ ކަމަށެވެ.

ކުރިން އެމްވީކޭއިން ޕަބްލިކް ޓްރާންސްޕޯރޓުގެ ގޮތުގައި ބަސް ދަތުރުތައް ފަށައިގެން ކާމިޔާބު ނުވުމުން އެބަސްތައް ސްކޫލް ބަހުގެ ގޮތުގައި ބަދަލުކޮށްލުމުން އެކަށީގެންވާ ވަރަށް މީހުން ބަހަށް އެރިކަމަށް ވިދާޅުވިއެވެ. ވުމާއެކު މިފަހަރުވެސް އަޅުގަނޑުމެން އެދުނީ ފުރަތަމަ ބަސް ދަތުރުތައް ސްކޫލު ކުދިންނަށް ޚާއްސަކޮށްގެން ފެށުމަށް ކަމަށެވެ. ފަހުން ފްލެޓްތަކަށް މީހުން ވަންނަ ހިސާބުން އާއްމު ބަސްތައް ވެސް މީގެ ތެރެއަށް ވަދެގެން ކާމިޔާބު ކުރެވިދާނެކަމަށް ބެލެވޭ ކަމަށް ފަލާހު މައުލުމާތު ހިއްސާކުރިއެވެ.

އާބާދީގެ ގޮތުން 10 ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ 5 ކިލޯ މީޓަރަށްވުރެ ދިގު ފުވައްމުލަކަށް 2 ބަސް ބޭނުން ކޮށްގެން، ސްކޫލު ކުދިންނަށް ވެސް އެކަށީގެންވާ ވަރަށް ބަހުގެ ޚިދުމަތް ނުދެވޭނެ ކަމަށް ބެލެވޭތީ އިތުރު ބަހެއް ހިމެނުމަށް އެދިފައި ވާނެކަމަށް ފަލާޙު ވިދާޅުވިއެވެ. އަދި އެކަން ބައްލަވާނެ ކަމަށް ޖުނެއިދު ވިދާޅުވެފައި ވަކަމަށް ފަލާހު މައުލޫމާތު ދެއްވިއެވެ.

ފުރަތަމަ ބަސް ދަތުރުތަކަށް ހަމަޖެހިފައި އޮތީ ކުރިންވެސް ރައްޔިތުންނާއި ކައުންސިލްތަކާއެކު މަޝްވަރާ ކުރެވިގެން ހަމަޖެހިަފއި އޮތް ރޫޓެވެ. އެއީ ބޮޑަށް ސްކޫލްތަކަށް އަމާޒުކުރެވި، ޚާއްސަކޮށް ރަށުގެ އެކި ހިސާބުތަކުން އޭއީސީއަށް ދެވެގޮތަށް ހަމަޖެހުނު ރޫޓެކެވެ.

ނަމަވެސް ފުލެޓަތަކަށް މީހުންވަންނަ ހިސާބުން އާއްމު ބަހުގެ ޚިދުމަތާއެކު ބަހުގެ ރޫޓުތައް ފުޅާކުރެވި، ފްލެޓް ސަރހައްދުތަކަށް އަދި ގިނބަޔަކު ދާ ރަށުގެ ތުނޑިއަށް ބަސްދަތުރު ބާއްވަގޮތަށް ވާހަކަ ދެކެވުނު ކަމަށް ވިދާޅުވިއެވެ.

ކުރިން އެމްވީކޭގެ ބަސް ދަތުރުތައް އާއްމުން ބަލައި ނުގަތް ސަބަބުކަމަށް ފުވައްމުލަކުގެ ބައެއް މީހުން ބުނެފައިވަނީ އެބަސްތައް ދުއްވަމުން ދިޔަ ރޫޓު އާއްމުން ބޭނުންވާ ގޮތާއި ދިމާނުވާތީ ކަމަށެވެ.

ފުވައްމުލަކާއި އައްޑުއާއި ދެމެފު ފެރީގެ ޚިދުމަތްވެސް ދެމުން އަންނަނީ އެމްޕީއެލް އިންނެވެ. ފުވައްމުލަކާއި އައްޑުއާއި ދަތުރު ފަތުރުން ގުޅިފައިވިޔަސް ހުވަދުއަތޮޅާއި ގުޅޭނެ އިންތިޒާމެއް އަދި ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް ހުވަދު އަތޮޅުގެ ދެކުނުބުރީ މީހުންނަކީ ފުވައްމުލަކާއި ގާތްގުޅުމެއް ބާއްވަމުން އަންނަ ބައެކެވެ. ފުވައްމުލަކާއި ހުވަދު އަތޮޅުގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ އެދޭތެރޭގައި ފެރީގެ ޚިދުމަތް ލިބޭނެ ދުވަހަކަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !