A wide advertisement which will be shown on all devices. (700 x 100)

ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ހަމަދު

އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މުޅި ރާއްޖެއިން ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ ގޮޑި ކާމިޔާބުކުރެއްވި ހަމަދު އަބްދުﷲ އެވެ. މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު ހަމަދު ވަނީ 1738 ވޯޓު ހޯއްދަވާފައެވެ. އެއީ މިއަހަރު ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަވޯޓު ހޯއްދެވި ބާރަށު ކެންޑިޑޭޓް އިބްރާހިމް ޝުޖާއުއަށްވުރެ 706 ވޯޓު މަދު އަދަދެކެވެ. އަދި ދެވަަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ގަމު ދާއިރާގެ ކެންޑިޑޭޓް ޔޫސުފު ނަޝީދަށްވުރެ 110 ވޯޓު މަދު އަދަދެކެވެ. މިހާރު ހިގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ދޮންބެ އެމަގާމަށް ހޮވިފައިވަނީ އެއިންތިޚާބުގެ 5 ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ފަރާތުގެ ގޮތުގައެވެ. ދޮންބެ އެއިންތިޚާބުގައި 1775 ވޯޓު ހޯއްދެވިއެވެ. އެއީ ހަމަދު މިއިންތިޚާބުގައި ހޯއްދެވި 1738 ވޯޓާއި އަޅާބަލާއިރު 37 ވޯޓު ގިނަ އަދަދެކެވެ.

މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ބާރަށު ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް ޝުޖާއުއެވެ. އަދި ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ގަމު ދާއިރާއަށް ވާދަކުރެއްވި ޔޫސުފު ނަޝީދެވެ.

ހިގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މިހާރުގެ މެންބަރު އިބްރާހިމް ނާޒިލެވެ. ނާޒިލް 1931 ވޯޓު ހޯއްދެވިއިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމަށް ލިބިލެއްވީ 1829 ވޯޓެވެ. އެއިންތިޚާބުގައި ތިންވަނަ އަދި ހަތަރު ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ފޭދޫ ދާއިރާއަށް ކުރިމަތިލެއްވި މުހައްމަދު ނިހާދާއި ހިންނަވަރު ދާއިރާއަށް ކުރިމަތި ލެއްވި ޖީހާން މަހުމޫދެވެ. ނިހާދަށް 1781 ވޯޓު ލިބިލެއްވިއިރު ޖީހާނަށް ލިބިލެއްވީ 1779 ވޯޓެވެ. އެހަތަރު ކެންޑިޑޭޓުންނަކީވެސް އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި ހަތަރު ކެންޑިޑޭޓުންނެވެ. މިހަރަތު ކެންޑިޑޭޓުންގެ ތެރެއިން މިއިންތިޚާބު ކާމިޔާބުކުރެވުނީ ހަމައެކަނި އިބްރާހިމް ނާޒިލަށެވެ.

+1
2
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !