A wide advertisement which will be shown on all devices. (700 x 100)

ކޯލިޝަން ސަރުކާރުގެ ކެބިނެޓާއެކު ޕާޓީތަކުގެ ވަތު ބަތާނަ

އިހަށް ދުވަހުގެ ރޭ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓް އިއުލާން ވެގެން ދިޔައިރު، ސިޔާސީ ޕާޓީ ތަކުގެ ވަތު ބަތާނައިން ކޮންމެ ވެސް މިންވަރެއް ހާމަވެގެން ހިގައްޖެއެވެ. ވެރިކަމަށް އައުމަށް ނުވަތަ އޮތް ވެރިކަމުން ސަލާމަތްވުމަށް އުފެއްދި ކޯލިޝަނުގައި 4 ޕާޓީއެއް ހިމެނުނު އިރު ކޮންމެ ޕާޓީއެއްގެ ވެސް ވަތު ބަތާނައިން ބައެއް ހާމަވިކަމަށް ބެލެވެއެވެ.

އެގޮތުން ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑުު ޕާޓީ އެމްޑީޕީގެ ވަތު ބަތާނައި ހާމަވި މިންވަރު ބޮޑު ކަމަށް ބެލެވެއެވެ.

އެމްޑީޕީ: ސަރުކާރުން އެމްޑީޕީއަށް ކަނޑައަޅާފައިވާ %40 އަށް ވާ 8 ކެބިނެޓް މަގާމު ބެހިގެން ދިޔަ ގޮތުން އެމްޑީޕީގެ އެތެރޭގައި އުފެދުނު މައްސަލަތައް ހާމަވިއެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ވީ އެމްޑީޕީގެ ގާނޫނީ ބާރުވެރިންނަށް އެންގުމެއް ނެތި އެޕާޓީގެ ސްލޮޓްތަކަށް މީހުން ހަމަޖެހިގެން ދިޔަ ގޮތުންނެވެ. އެގޮތުން އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ގޮވާލަމުން ގޮސްފައި ވަނީ އެއްވެސް ލީޑަރަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕްރެޝަރު ނުކޮށް ކެބިނެޓް އައްޔަން ކުރުމަށް ފުރުސަތު ދިނުމަށެވެ.

ނަމަވެސް އޭގެ މާނައަކީ އެމްޑީޕީގެ ސްލޮޓްތަކަށް އެމްރާއުއެމްގެ މީހުން ލުމެއް ނޫނެވެ. ކެބިނެޓް އިއުލާން ވުމާއެކު އެނގިގެން ދިޔައީ އެމްޑީޕީގެ ކަމާއި ގުޅޭ ކޮމެޓީތަކުގައި އެސްލޮޓްތަކަށް ލާނެ ކެބިނެޓް މިނިސްޓަރުންގެ ނަމާއި މެދު ވާހަކަ ދެކެވިފައި ނުވާ ކަމެވެ. އަދި އެއީ ކޮންކޮން ނަންތަކެއް ކަން ވެސް ނޭގޭ ކަމެވެ. ގިނަ ސްލޮޓްތަކަށް ހަމަޖެހިގެން ދިޔައީ ޕާޓީގެ ގިނަ ބަޔަކު އުއްމީދުކުރި ނަންތަކެއް ނޫނެވެ.

ޕާޓީގެ ޗެއަރޕާސަން އަށް އަދި ރައީސާއި ނާއިބު ރައީސަށް އެންމެ ފަހު ވަގުތާއި ހަމަޔަށް އެނގިފައި ނުވާކަމަށް ވެއެވެ. ޑިމޮކްރެޓިކް އުސޫލުން އެކަމަކާއި ގުޅޭ ޕާޓީގެ ކޮމެޓީތަކުގައި މަޝްވަރާ ކުރެވިފައެއް ނުވާކަމަށް ވެއެވެ. ޕާޓީގެ ނަމުގައި ޕާޓީތެރޭގައި ހިމެނޭ ވަކި ބައެއްގެ ބާރުން އެމީހުން ބޭނުންވާ ގޮތަށް ނިންމާލި ކަމެއްކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ސްލޮޓްތަކަށް ލާން އެޕާޓީގެ ކޮމެޓީތަކުގައި މަޝްވަރާ ކުރެވުނު ނަމަ، ޕާޓީގެ ގިނަ ބަޔެއްގެ ކަންބޮޑުވުން މިސަރުކާރުގެ ކެބިނެޓަށް ނުއޮތީހެވެ.

އެޑިއުކޭޝަން މިނިސްޓްރީއަކީ އެމްޑީޕީއަށް ކޯލިޝަން ސަރުކާރެއްގައި އެންމެ މިނިސްޓްރީއެއް ލިބުނަސް ލިބެން ޖެހޭ މިނިސްޓްރީ ކަމަށް އެޕާޓީގެ ރައީސް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވި ކަމަށް ވިދާޅުވިއެވެ. އަދި އެޕާޓީގެ ކަމާ ގުޅޭ ކޮމެޓީއަށް ނޭނގި އެޑިއުކޭޝަން އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް މިނިސްޓަރުން ކަނޑައެޅިގެން ދިއުމުން ޕާޓީތެރޭގެ ޑިމޮކްރެޓިކް އަސާސްތަކާއި މެދު ސުވާލު އުފައްދާނެ ޖާގަ ލިބިގެން ދިޔައެވެ.

އެކަން ހާމަވީ އެދެމިނިސްޓްރީ އަށް މީހުން އައްޔަން ވެގެން ދިޔައިރު އެއީ ކޮން ޕާޓީއަކަށް ލިބުނު ސްލޮޓެއްތޯ އުފެދުނު ސުވާލު ތަކުންނެވެ. ޚާއްސަކޮށް އެޑިއުކޭޝަން މިނިސްޓްރީއެވެ. ކެބިނެޓަށް ދެ ދުވަސް ވެގެން ދިޔައިރު އެމްޑީޕީގެ އެޑިއުކޭޝަން ކޮމެޓީއަށް އެނގިގެންދިޔައީ އެޑިއުކޭޝަން މިނިސްޓްރީއަށް ބޭފުޅަކު ކަނޑައެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އެމްޑީޕީގެ ބޭފުޅެއް ނޫން ކަމަށް ވާއިރު އެބޭފުޅާ ކަނޑައެޅިގެން ދިޔަގޮތާއި މެދު ތަފާތު ވާހަކަަތައް ދެކެވެއެވެ.

އެމްޑީޕީއަށް ކަނޑައެޅުނު ޔޫތު މިނިސްޓރީގެ ސްލޮޓަށް ވެސް ބޭފުޅާކު ހަމަޖެހިގެން ދިޔަގޮތާއި މެދު އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ވެސް ސުވާލު އުފެދިގެން ދިޔައެވެ.

ސިޔާސީ ކަމެއްގައި ވިސްނަންޖެހޭ ގޮތްގޮތަށް ވިސްނުން ނުގެންގުޅުއްވުމުން އެމްޑީޕީއަށް އެންމެ ބޮޑު ތާއިދެއް ލިބޭ އައްޑޫގެ މީހުންގެ ކަންބޮޑުވުން ޕާޓީއަސް ލޮޅުން އަރައިގެން ދާނެކަމަށް ބެލެވެއެވެ. އެއާއެކު ރައިސް އިބުރާހިމް މުހައްމަދު ސޯލިހަށް އައްޑޫގެ ކައުންސިލަރުންނާއި މަޖުލިސްމެންބަރުންނާއި އެކު ކުއްލި ބައްދަލުވުމަކަށް ދާން ޖެހުމުންވެސް ޕާޓީގެ ވަތު ވަތާނަށް ބާރު ބޮޑުވާ ކަން ހާމަަވެއެވެ. އަދި އިއްޔެ ކެބިނެޓަށް އިތުރު ބޭފުޅަކު އައްޔަން ކުރުން އައީ ކޮން ގޮތަކަށް ތޯ ވިސްނާމުން ގޮތް ކިޔަމުން ދެއެވެ. ޕާޓީގެ ސްލޮތްތައް ހަމަކުރަން ދެވިގެން ދިޔަ ޖާގައެއް ތޯ ވިސްނާލުން ރަނގަޅެވެ.

ޖުމްހޫރީ ޕާޓީ: އެޕާޓީގެ ތެރޭފައި ވެސް އޮންނަ ކަމަށް ބުނެވޭ ދެ ފެކްޝަން، ކެބިނެޓާއިއެކު ސާފުވެގެން ހިގައްޖެ ކަމަށް ބުނެވެއެވެ. ޖޭޕީއަށް ފަހުން ގުޅުނު ‘ބައިގަނޑު’ ޕާޓީގައި ވަކި ހިއްޕާލި ކަމަށްބުނެ އެޕާޓީގެ އެކްޓިވިސްޓަކު ޝުއޫރު ފާޅުކުރިއެވެ. އެގޮތުން އޭނާ ފާހަގަ ކުރީ ޑރ. މައުސޫމުމެން މަލީޙު ޖަމާލުމެން ފަދަ ޓްވަރިޒަމް ދާއިރާގެ ގާބިލު މީހުން ތިއްބައި ‘އަޑުގަދަ’ މީހާ އެމަގާމަށް ހަމަޖެހިގެން ދިޔަ ގޮތް އޭނާ ފާހަގަ ކުރިއެވެ. އަދި ސަރުކާރުގެ އިސް މަގާމެއް ބޭނުން ނޫން ކަމަށް ބުނަމުން އައި ލީޑަރުގެ އަނބިކަބަލުންނަށް މަސަލަހަތު ފުށުއަރާ މިނިސްޓްރީއެއް ހަމަޖެހިގެން ދިއުމަކީ މުޅި ކެބިނެޓާއި މެދުވެސް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވި އެއްކަން ކަމަށް އޭނާ ވެސް އެއްބަސްވިއެވެ.

ޖޭޕީގެ ތެރެއިން ކެބިނެޓްގެ ސްލޮޓްތަކަށް މީހުން ހަމަޖެހިގެން ދިޔަގޮތަކީ މުޅި ކޯލިޝަންގެ އަނެއް 3 ޕާޓްނަރުން ވެސް އެންމެ ކަންބޮޑުވި ކަން ކަމަށް ބެލެވެއެވެ.

ޖޭޕީގެ މަގާމުތަކަކީ ލީޑަރު ބުނާ ގޮތަށް ދާންޖެހޭ ކަންކަމަށް ބެލެވޭތީ އަދި އެގޮތަށް ފެންނާތީ އެޕާޓީގެ އެތެރޭގެ ވަތު ބަތާނައަކީ މާ އާރުލާ ބަތާނެއް ކަމަށް ގިނަ ބަޔަކު ބަލެއް ނުގަނެއެވެ. އެއީ ޑިމޮރެޓިކް އުސޫލަށްވުރެ ލީޑަރު އެދޭގޮތަށް ކަންކަން ނިމިގެންދާ ޕާޓީއެއް ކަަމަށް ބުނެ ނާއިބު ރައީސް، ފައިސަލުގެ ކެމްޕޭނުގައި ވެސް ގޮން ޖެހުންތަކަކާއި ކުރިމަތިވި ކަމަށް ބުނެވެއެވެ.

ދެން އޮތީ އެމްއާރުއެމް އެވެ. ސިޔާސީ ޕާޓީއެއް ނޫން ނަމަވެސް އެގްރޫޕު ކޯލިޝަން ބައްދަލުވުންތަކުގައި އިށީނީ ވަރަށް ބަލިކަށި ގޮތަކަށް ކަމަށް ވެއެވެ. ނަމަވެސް އެގްރޫޕުގެ ވިސްނުމަށް ނިސްބަތްވާ މީހުން ކެބިނެޓްގައި ގިނަ ކަމަށް ބެލެވެއެވެ. އެއީ އެގްރޫޕަށް ކަނޑައެޅުނު 4 ސްލޮޓްގެ އިތުރުން އެޕާޓީގެ ވިސްނުމުގެ މީހުން އެހެން ޕާޓީތަކުގެ ސްލޮޓްގައި ތިބުމެވެ.

އެގްރޫޕުގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުނު ކަނބަލަކަށް ވެސް ކެބިނެޓްގެ ޖާގަ ގެއްލިގެން ދިޔަގޮތާއި މެދު ތަފާތު ވާހަކަތައް ދެކެވެއެވެ. އެގްރޫޕްގެ ހަރަކާތުން ނުފެންނަ މޫނުތައް ކުއްލިއަކަށް ކެބިނެޓް ތެރެއިން އެޕާޓީގެ ސްލޮޓްތަކަށް އައްޔަން ވެގެން ދިޔަގޮތެވެ. ޕާޓީގެ ވަތު ބަތާނަ ހާމަވާލެއް ކުޑަނަމަ ވެސް ތުހުމަތުގެ އެތައް ވާހަކައެއް ދެކެވެއެވެ.

އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚު އިމްރާނު ފަހު ވަގުތު ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެވުމުން، ޝަރުތު ހަމަނުވާ ކަމަށް ކިޔަން ފެށި، ގާނޫނީ ބަހުސަކަށް ދާން ޖެހުނީ ކުރިން ކަންކަމާއި މެދު މަޝްވަރާ ނުކުރެވޭތީ ކަމަށް ބެލެވެއެވެ. އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަންވެގެން ދިޔައީ ވެސް ކުރިން ހީކުރެވިފައި ނުވާ ބޭފުޅޭކެވެ. އަދާލަތު ޕާޓީގެ ވަތު ބަތާނަ މީޑިއާއަށް ހާމަވާލެއް ވަރަށް ކުޑައެވެ. އެޕާޓީގެ މަދު މެންބަރުން ކޮޅު ތިބެނީ ހަމަ “ހަނު”ގައޭ ވެސް ބުނެ އުޅެއެވެ. އެހެން ޕާޓީތައް ގޮތަށް ޕާޓީގެ މައްސަލައް މީޑިއާ އާއި ހަމަޔަށް އެީިހުން ތިލައެއް ނުކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !