26 ފެބުރުއަރީ 2020 ( ބުދަ )

banner

ފަސްއަހަރުފަހުން ނެރުނު ބަޣުދާދީގެ ވީޑިއޯގެ ހަގީގަތަކީ…!

އިރާގު ހަގުމައަށްފަހު އިރާގުކަރައާއި ޝާމްކަރައިން އުފަންވި އިސްލާމީ ޖަމާއަތް އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ލެވެންޓް / ޝާމް (އައިއެސް އައިއެލް/އެސް) އެސަރަހައްދުގައި ބާރުގަދަވެ އިސްލާމީ ދައުލަތުގެ ގޮތުގައި އަމިއްލަ އަށް އިއުލާންކޮށް އިބްރާހިމް އަވާދު އިބްރާހިމް އަލީ ކިޔާ މީހަކު އެއީ އެދައުލަތުގެ ވެރިއާ ކަަމަށް އިއުލާންކޮށް އެއީ އެދައުލަތުގެ ޚަލީފާކަމަށް ބުނަންފެށުމާއިއެކު އޭނާގެ ނަމަކީ އަބޫ ބަކުރު އަލް ބަޣުދާދީ ކަމަށް ކިޔަންފެށިއެވެ. މިބުނާ ބަޣުދާދީގެ ބޮލަށް އެމެރިކާއިން 25 މިލިއަން ޑޮލަރު ހުށަހެޅި ނަމަވެސް މީނާ ހޯދައިގެން ގެނައުން ނުވަތަ މަރާލުމަކީ މިހާތަނަށް އެއްވެސް މީހަކަށް ކުރެވުނު ކަމެއްނޫނެވެ. މިޖަމާއަތާއި ދެކޮޅަށް ހުޅަނގުގެ ބާރުތަކުން ބާރުގެ ބޭނުން މިހާތަނަށް ކޮށްފައިވަނީވެސް ވަރަށް ނުސީދާ ގޮތަކަށެވެ. މިޖަމާއަތް ސީރިއާގެ ބޮޑުބައެއް ހިފިނަމަވެސް ސީދާ މިޖަމާއަތާއި ދެކޮޅަށް ހަގުރާމަ ކުރުމުގެ ބަދަލުގައި ހަތިޔާރާއި އެހެނިހެން ވަސީލަތްތައްވެސް މިޖަމާއަތާއި ދެކޮޅަށް ބޭނުންކުރަން ފެށީ މިޖަމާއަތުގެ ބާރު އިސާހިތަކު ޝާމުކަރައަށް ފެތުރިގެން ހިގައިދާނެކަމުގެ ބިރުބޮޑުވުމާއި ހަމައިންނެވެ.

އެހިސާބުން މިޖަމާއަތުގެ ބާރުކުޑަވިއެވެ. އަދި މިޖަމާއަތް ވިއްސިވިހާލިވެ އެކިސަރަހައްދުތަކުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކާއިއެ ފަދަ ލާއިންސާނީ ހަމަލާތަކުގެ ޒިންމާ އުފުލާ ބަޔަކަށްވިއެވެ. މިޖަމާއަތުގެ ލީޑަރުގެ ވީޑިއޯ 2014 ވަނަ އަހަރު ނުކުތުމަށްފަހު އިތުރު ވީޑިއޯއެއް ނުފެނި ގިނަ ދުވަސްތަކެއް ވުމާއިއެކު ލީޑަރު ވަނީ މަރުވެފައިކަމާއި މެދުވެސް ޝައްކުކުރެވެން ފެށިއެވެ.

އެއަށްފަހު މީގެ ހައެއްކަ ދުވަސްކުރިން މިޖަމާއަތުގެ ލީޑަރުގެ އާވީޑިއޯއެއް ނުކުތެވެ. ސްރީލަންކާގައި ހިންގި ލާއިންސާނީ ބޮން ގޮއްވުމުގެ ހަމަލާއަށްފަހުގައެވެ. އެހަމަލާގެ ޒިންމާ އާރެއްބާރެއްނެތް އައިއެސް ނުވަތަ މިދެންނެވި ބައުދާދީގެ ޖަމާއަތުން އުފުލުމާއި ގުޅިގެނެވެ.
ހަގުރާމަވެރި ރައިފަލެއްގެ ކައިރީ އިށީގެލައިގެން ހުރެ ބަޣުދާދީކަމަށް ބުނާ މީހާ ދެއްކިވާހަކަތަކުގެ ތެރޭގައި ބަޣޫޒު ހަގުރާމަ ނިމުނު ވާހަކައާއި ސްރީލަންކާގެ ބޮންގޮއްވުމުގެ ހަމަލާއަށް ތާއީދު ކުރުމުގެ އިތުރުން އިޒްރޭލުގެ ބޮޑު ވަޒީރު އަލުން އިންތިޚާބުވުމާއި ސުދާނުގެ އުމަރު ބަޝީރުގެ ވެރިކަން ނިމުމާއި އަލްޖީރިއާގެ ރައީސްގެ އިސްތިއުފާގެ ވާހަކަވެސް ހިމެނެއެވެ. މިއާއިއެކު މިއީ ފަހުގެ ތާރީޚެއްގައި ހަދާފައިވާ ވީޑިއޯއެއްކަމަށް ބެލެވެއެވެ.

ބަޣުދާދީގެ މިއާ ވީޑިއޯ އާއި ގުޅިގެން ގިނަ ފާޑުކިއުންތަކެއް މިހާރުވަނީ އަމާޒުވާން ފަށާފައެވެ. އައިއެސްއަކީ ހުޅަނގުން އުފައްދައިގެން އުޅޭ ޖަމާއަތެއްކަމަށާއި ބަޣުދާދީއަކީ މޮސާޑު (އިޒްރޭލުގެ ޖާސޫސީ އިދާރާގެ) ކުރީގެ އޭޖެންޓެއް ކަމަށް ދައްކާ ވާހަކައަކީ ވެސް ބަލައިނުލާ ފަރުނުޖެއްސޭވަރުގެ ހެކިތަކެއްވާ ވާހަކަތަކެވެ. އޭގެ އިތުރުން، މިފަހަރުގެ ބަޣުދާދީގެ ވީޑިއޯއަކީ ޝައްކުގެ ނަޒަރަކުން ބެލޭފަދަ ވީޑިއޯއެކެވެ.
މިވީޑިއޯގެ ރިޒޮލިއުޝަން ދަށްކަމާއި މަންޒަރު ބަދަލުވާ މިންވަރު ގިނަކަމުން މިއީ ކަނޑަކަނޑައިގެން ހަދާފައިވާ ވީޑިއޯއެއްކަމަށް ވެދާނެ ކަމަށްވެސް ސީއެންއެންއިން ބުނެފައިވެއެވެ.

މިވީޑިއޯއަށް ފާޑުކިޔަމުން ސީއެންއެން ގެ އެނަލިސްޓު ފާހަގަކޮށްފައިވާ ގޮތުގައި މީގެ ފަސްއަހަރު ކުރިން 2014 ވަނަ އަހަރު ޖޫން މަހު މޫސަލްގެ މިސްކިތުގައި ބަޣުދާދީ ތަގުރީރު ދީފައިވާއިރު މިފަހަރު ބަޣުދާދީ ވަނީ ފަލަވެފައެވެ. އަދި ތުބުޅިވެސް ވަނީ ބަދަލުވެފައެވެ.
މިވީޑިއޯގައި ހަރުކަށި މިޒާޖުގެ ބަޣުދާދީ ކުރިއަށްވުރެ މަޑުމަތިރިކަންވެސް ސީއެންއެން އިން ފާހަގަކުރިއެވެ.

މިވީޑިއޯގައި ބަދަލުހިފުން އޮންނާނެކަމަށާއި އަދި އަންނަން ހުރިކަންތައްތައް ގިނަ ކަަމަށް ބުނެފައިވުމުން މިއީ ބިރުވެރި އިންޒާރެކެވެ. އަދި މިއީ ހުޅަނގުން އަނެއްކާވެސް ހަގުރާމައެއް މުސްލިމުންނާއި ދެކޮޅަށް ފެށުމަށްޓަކައި ތައްޔާރުކުރި ހަތިޔާރެއް ނޫންބާވައެވެ.

މުސްލިމުން ގައުމުތަކަށް ހުޅަނގުން ދެވޭ ހަމަލާތަކަށް ބަލާލާއިރު އެމެރިކާގެ ވެރިކަމާއި ވަރަށް ބޮޑަށްގުޅެއެވެ. ޚާއްސަކޮށް ރިޕަބްލިކަން ޕާޓީގެ ވެރިކަމާއިއެވެ. އެގޮތުން، އިރާގުން ކުވައިތަށް އެއުމާއި ގުޅިގެން 1990 އިން 1991 އަށް ކުރެވުނު ގަލްފު ހަގުރާމަ ފެށިފައިވަނީ އެމެރިކާގެ ވެރިކަމަށް ރިޕަބްލިކަން ޕާޓީގެ ޖޯޖް އެޗް ބުޝް ހަވާލުވުމަށްފަހު މާގިނަ ދުވަސްތަކެއް ނުވަނީހެވެ. އެއަށްފަހު ވޯ އޮން ޓެރަރިޒަމް ނަމުގައި އަފުޣާނިސްތާނަށް 2001 ވަނަ އަހަރު އަރާފައިވަނީ އަލްގައިދާ މުލުންލުހެލުމުގެ ނަމުގައެވެ. އެއީ އެމެރިކާގެ ވެރިކަމަށް އަލުން ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއް ހޮވުނުތަނާ މާގިނަދުވަހެއްނުވެއެވެ.

އިރާގަށް ދެވަނަ ފަހަރަށް 2003 ވަނަ އަހަރު ހަލާދީ ސައްދާމު ހުސޭންގެ ވެރިކަން ވައްޓާލާފައިވަނީ އިރާގުގައި “ވެޕަން އޮފް މާސް ޑިސްޓްރަކްޝަން” ހަތިޔާރު ހުރިކަމަށް ފޮޓޯއާއި ވީޑިއޯ ފެނިގެނެވެ. އެއީވެސް ރިޕަބްލިކަން ޕާޓީގެ ވެރިކަމުގައި ޖޯޖް ޑަބްލިއު ބުޝް ދެވަނަ ފަހަރަށް ހޮވުމާއި ގުޅިގެން ކުރިއަށް ގެންދިޔަ ހަގުރާމައެކެވެ.

އެއަށްފަހު، އަނެއްކާވެސް ރިޕަބްލިކަން ޕާޓީގެ ވެރިކަމަށް މިފެށުނީ 2017 ވަނައަހަރުގައެވެ. ހައްދުފަހަޅާފައިވާ ޑޮނާލްޑް ޓްރަމްޕް ވެރިކަމަށް އިސްވީވެސް މުސްލިމުންނާއި ދެކޮޅު އެތައް ވާހަކައެއް ދައްކާފައި ވަނިކޮށެވެ. އެހެންކަމުން، މިއީ ޓްރަންޕްގެ ވެރިކަމުގައި މުސްލިމުންނާއި ދެކޮޅަށް ހަގުރާމައެއް ކުރުމަށް ނުވަތަ މުސްލިމު ގައުމަކަށް އަރައިގަތުމަށް ވެވޭ ތައްޔާރީއަކަށް ވެދާނެއެވެ. ނުވަތަ ބަހަނާއަކަށް ވެދާނެއެވެ.ކިޔުންތެރިންގެ ޚިޔާލު


  1. އވަ 4 މެއި 2019 16:05

    ރަގަޅު ވާހަކަތަކެއް. އެއްފަރާތަކަށްް ބުރަަނުވެ މިފަދަ މައުލޫމާތު ގިނަގިނައިން ގެނެސް ދެއްވުން އެދެން