A wide advertisement which will be shown on all devices. (700 x 100)

ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް-ޓްރާންސްޕޯރޓް އޮތޯރިޓީ

ސަލާމަތަކަށް ލައިފްޖެކެޓް އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް. ފޮޓޯ: ޟިރާރު

ކަނޑުގައި ދުއްވާ އުޅަނދުފަހަރުގައި މީހުން އުފުލާއިރު އެމީހުން ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަނުގެ ޒިންމާއެއްކަމަށް ޓްރާންސްޕޯރޓް އޮތޯރިޓީން އާއްމުކޮށް އިއުލާންކޮށްފިއެވެ.

ޓްރާންސްޕޯރޓް އޮތޯރިޓީގެ މި އިއުލާން އައީ އިއްޔެ ހދ. ނޮޅިވަރަމްފަރުން ފުުރައިގެން ލޯންޗުގައި 10 މިނިޓުން ދެވޭ، ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް އެރަށު ނެރުން ވަންނަން އުޅެނިކޮށް ބަންޑުންޖަހާލައި 5 މީހުން ނިޔާވި ހިތާމަވެރި ހާދިސާއާއި ގުޅިގެންނެވެ. އެހާދިސާގައި ލޯނޗުގައި ދަތުރުކުރި އެއްވެސް މީހަކު ލައިފްޖެކެޓް އަޅާފައިނެތް ކަން ވަނީ ހާމަވެފައެވެ. އެހާދިސާގައި މަރުވެފައި ވަނީ އެއް އާއިލާއެއްގެ، މަންމަޔާއި ބައްޕަގެ އިތުރުން އެމީހުންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅާއި އެމީހުންގެ 3 އަހަރުގެ ކާފަދަރިއެއްގެ (އ) އިތުރުން އެހެން އަންހެން ޓީޗަރެކެވެ.

ޓްރާންސް ޕޯރޓްގެ އިއުލާނުގައި ވާގޮތުން އާދަޔާ ޚިލާފަށް ވައި ބާރުވެ ވިއްސާރަގަދަ ދުވަސްތަކުގައި ކަނޑު ދަތުރުކުރުމަކީ ނުރައްކާތެރި އަދި ހިތާމަވެރި ޙާލަތްތައް މެދުވެރިވެދާނެ ކަމެއް ކަމަކަށާއި، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، އެފަދަ ޙާލަތްތަކުގައި ދަތުރު ނުކުރުމަށް އިލްތިމާސް ކުރައްވާފައި ވެއެވެ. އަދި އެފަދަ ހާލަތްތަކުގައި މީހުން އުފުލާ އުޅަނދުފަހަރުގައި ދަތުރު ކުރާއިރު އެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ފަސިންޖަރުން ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށެއެވެ.

މި އިއުލާނުގައި އުޅަނދުފަހަރު އޮޕްރޭޓް ކުރާ ފަރާތްތަކާއި އުޅާނދުފަހަރުގެ ވެރިން، އަދި އުޅަނދުފަހަރުގެ ކެޕްޓަނުން ސަމާލުކަން ދިނުމުގެ ގޮތުން އެ އޮތޯރިޓީން ވަނީ ބައެއް ކަންކަން ފާހަގަކޮށްފައެވެ.

ލައިފް ޖެކެޓް – ކަނޑުމަތީގެ ދަތުރުތަކުގެ ސަލާމަތަށް މުހިންމު

އުޅަނދުގައި ދަތުރުފެށުމުގެ ކުރިން ޔަގީންކުރުން މުހިންމު ކަންތައްތައް:

  • އުޅަނދަށް ފަސިންޖަރުން އަރުވާފައި ވަނީ ހުއްދަ ކޮށްފައިވާ މިންވަރަށްކަން ޔަޤީންކުރުން،
  • ފަސިންޖަރުންނަށް ލައިފްޖެކެޓް އަޅާނެގޮތް ބުނެދީ ފަސިންޖަރުން ލައިފްޖެކެޓް އެޅުވުން،
  • ސަލާމަތީ ކަންކަން އުޅަނދުގައި ފުރިހަމަވެފައި ހުރިކަން ޔަގީންކުރުން
  • މުވާސަލާތީ އާލާތްތައް ދަތުރުކުރާ ހުރިހާ ވަގުތެއްގައި ބޭނުންކުރެވޭނެ ގޮތަށް ހުޅުވާފައި ހުރުން،
  • ދަތުރަށް ބޭނުންވާވަރަށް ތެލާއި، ހަކަތަ އަދި ފެންހުރިކަން ކަށަވަރުކުރުން،
  • ދަތުރު ސަލާމަތާއި ރައްކާތެރިކަމާއެކު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ ބެލުން
  • ފެސެންޖަރުން ތިބީ އެކަށިގެންވާ ރައްކާތެރިކަމާއި އެކުގައިކަން ކަށަވަރު ކުރުން
  • ދަތުރުގައި ބައިވެރިވާ މީހުނާއި ތަކެތީގެ ލިސްޓް (މެނިފެސްޓް) ބެލެހެއްޓުން

މޫސުމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށްފަހު މޫސުމަށް ބަލައިގެން ދަތުރަށް ފެށުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އުޅަދުން ދަތުރުކުރާ އާއްމުންވެސް ސަލާމަތީ ގޮތުން އަސާސީ ކަންތައްތައް ފުރިހަމަވެފައި ހުރިތޯ ބެލުން މުހިންމެއެވެ.

ކޮންމެ ދުވަހަކު ހެން ފުވައްމުލައް ސިޓީއިން އައްޑޫ ސިޓީއަށާއި ހުވަދޫއަށް ލޯންޗުފަހަރުގައި ދަތުރުކުރާއިރު މިކަންކަމަށް ސަމާލުކަން ދޭން ޖެހެއެވެ. ހަމަ އެގޮތަށް ބޯޓުތަކުގައި މާލެ ދަތުރުކުރާ ފަރާތްތަކުން ވެސް ސަލާމަތީ ކަންކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލު ވާން ޖެހެއެވެ.

ނަމަވެސް ބައެއް ފަހަރު ލޯންޗާއި ދޯނިފަހަރުގެ ފަޅުވެރިންނާއި ކެޕްޓަނުން ކަންބޮޑުވަނީ ލައިފްޖެކެޓް ފަދަތަކެތީގެ ވާހަކަ ފަސެންޖަރުން ދައްކާތީއާއި އެމީހުންގެ އަތުގައި ޖެހޭހިސާބުގައި އެފަދަ ތަކެތި ހުރެއްޖެނަމަ އެއެއްޗެހި އަވަހަށް ބާވެ ހަލާކުވެދާނެތީއެވެ. ސަލާމަތީ އެފަދަ ތަކެތީގެ މައުލޫމާތު ވެސް ދަތުރުކުރާ ގިނަމީހުންނަކަށް ފޯރުކޮށްދީފައެއް ނުހުރެއެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ބޮޑު ބައެއް ބިނާވެފައި އޮތީ ކަނޑުމަގުންނެވެ. އެހެނީ ރާއްޖޭގެ ސަރަހައްދުގެ ގާތްގަޑަކަށް %95 އަކީ ކަނޑު ކަމަށްވެ ރާއްޖޭގެ މީހުން ދިރިއުޅެނީ ވަކިވަކި ކުދި ރަށްތަކެއްގައި ކަަމަށް ވުމުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ގިނަފަހަރަށް ބޭނުންކުރަން ޖެހެނީ ކަނޑު ކަމަށް ވުމެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑު ގަދަ، ދުވަސްވަރަކަށް ވެފައި، އަދި މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމް.އެން.ޑީ.އެފުން ވެސް އިލްތިމާސްކޮށްފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !