A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުން ސަރުކާރަށް ކޮންކަހަލަ ރިޕޯޓެއް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ފުވައްމުލަކު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ސަމާލުކަން ދެއްވަމުން ގެންދަވާ ހެއްޔެވެ؟ އެކި ދައިރާތަކުން ބަދަލުތައް ފެންނަން ފަށައިފި ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ހޯދަން މި އަލިއަޅުވާލަނީ ސަރުކާރުގެ 1 އަހަރު ދުވަސްތެރޭގައި ކުރަންފެށި އަދި ހަވާލުކުރެވުނު ފުވައްމުލަކާއި ގުޅުންހުރި ކަންކަމަށެވެ.

ތައުލީމީ ދާއިރާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހެނދުނުގެ  ނާސްތާ ދިނުމުގެ ޕްރޮގްރާމް ފުވައްމުލަކު ހުރިހާ ސްކޫލެއްގައިވެސް މިހާރު ކުރިއަށް އެބަދެއެވެ. މިއީ ދަރިވަރުންނަށް ވަރަށް ފައިދާހުރި ޕްރޮގްރާމެއްކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.

މަތީ ތައުލީމަށް ކިޔަވާ ކުދިންނަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމް ވަނީ މިއަހަރު ފެށިފައެވެ. ގައުމީ ޔުނިވާރސިޓީގެ ޑިގްރީ ކޯސްތައް ހިލޭ ކިޔެވޭއިރު އަމިއްލަ ކޮލެޖުތަކުގެ ކޯސްފީގެ ބޮޑުބައި ސަރުކާރުން ކަވަރުކޮށްދެއެވެ. އަދި މީގެ އިތުރުން ސަރުކާރުން ވަނީ މަތީ ތައުލީމުގެ ލޯން ތަކުގެ އިންޓަރެސްޓް %1 އަށް ކުޑަކޮށްފައެވެ.

ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ފުވައްމުލަކު އެމްޖޭއެސް ސްކޫލުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މަލްޓިޕާރޕޯސް ހޯލް އިމާރާތުގެ މަސައްކަތް މިއަހަރު ބަޔަކާއި ވަނީ ހަވާލުކޮށްފައެވެ. ހަތް މިލިއަން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ، މި ސްކޫލުގެ ހޯލަކީ ޒަމާނީ ފެންވަރަށް އިމާރާތްކުރެވޭ 2 ބުރީގެ އިމާރާތެކެވެ.

ފުވައްމުލަކު މަގު ހެދުން

ފުވައްމުލައް ރިންގްރޯޑު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާއި މިއަހަރު މާރޗް މަހު 27ވަނަ ދުވަހު ހަވާލުކޮށް އަމަލީ މަސައްކަތް އޭޕްރީލްމަހުގެ 17ވަނަ ދުވަހުން ފެށިގެން ގޮސް މިހާރު ވަނީ ތާރު އެޅުން ނިމުމަކާއި ހަމައަށް ގޮސްފައެވެ. ފުވައްމުލައް ސިޓީ ރިންގްރޯޑު ތަރައްޤީކުރުމުގެ އިތުރުން އެ ސިޓީގެ އެތެރޭގެ މަގުތައް ހިމެނޭހެން 16 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.

މަގު ހެދުމުގެ މި މަޝްރޫޢުގެ ދަށުން 24300 ސްކޮއަރ މީޓަރުގެ ސަރަހައްދެއް ތާރުއަޅާގެން ހެދުމަށް ހަމަޖެހިފައިވާއިރު، ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް އިންސްޓޯލްކުރުމަށް ވަނީ ނިންމާފައެވެ. އަދި 123 ލެޑް ލައިޓް ހަރުކޮށް، ރޯޑް މާކިންގްތަކާއި، ސްޕީޑް ބްރޭކަރުތައްވެސް ހަރުކުރެވިގެންދާނެެއެވެ.

ސިއްހީ ދާއިރާ

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 160 މީހުން ފުވައްމުލައް ސިޓީ ހޮސްޕިޓަލުން ފަރުވާ ހޯދާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން ފުވައްމުލައް ސިޓީ ހޮސްޕޓަލުގެ ފެންވަރު މަތިކޮށް ދެވޭ ހިދުމަތްތައް އިތުރުކުރުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

މިގޮތުން ފުވައްމުލައް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ގޮތުން ހޮސްޕިޓަލަށް 2 ބައެއް އިތުރު ކުރުމަށް މިއަހަރު ވަނީ މަސައްކަތް ފެށާފައެވެ. އެދެބައިގެ ތެރެއިން އެއްބައި ބޭނުން ކުރާނީ ފުވައްމުލަކު ހޮސްޕިޓަލުގެ ޑައިލިސިސް ސެންޓަރުގެ ޚިދުމަތް ދިނުމަށެވެ. ޑައިލިސިސް ސެންޓަރު ގާއިމުކުރާ އިމާރާތުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައެވެ. މިދެންނެވުނު 2 ބައި އިމާރާތްކޮށް ނިމުމުން ކުރީގެ ހޮސްޕިޓަލް އިމާރާތުގައި ހިންގާ ޑެންޓަލް ކެއަރ ޔުނިޓް މިހާރުގެ މައި ހޮސްޕިޓަލަށް ބަދަލު ކުރެވިގެންދާނެއެވެ. އަދި ރަނގަޅު ފެންވަރެއްގެ ނަމާދު ކޮޓަރިއެއްވެސް މިބަޔާއެކު ހޮސްޕިޓަލުގައި ހެދިގެންދާނެއެވެ.

ގެދޮރުވެރިކުރުމާއި ބޯހިޔާވަހިކަން

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ހުސްކޮށްޓައް ހުރި ފްލެޓުތައް ސަރުކާރުން ވަނީ ރައްޔިތުންނަށް އެތަނުގައި ދިރިއުޅެވޭވަރު ކޮށް ހައްގުވެރި ފަރާތްތަކާއި ހަވާލުކުރުމުގެ މަސައްކަތް ފަށައިފައެވެ. ފެނަކަ އާއި ހަވާލުކޮށްގެން ފެނާއި ނަރުދަމާ އަދި ކަރަންޓު ގުޅުމުގެ މަސައްކަތް ވަނީ ނިމުމަކާއި ހަމައަށް ގެންގޮސްފައެވެ. އަދި މި ހައުސިންގ ޔުނިޓުތައް ހުރި ސަރަޙައްދުގެ ލޭންޑްސްކޭޕް ޑިޒައިންކޮށް ތަރައްޤީކޮށް ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް މިއަހަރު ސަރުކާރުން ވަނީ ބަޔަކާއި ޙަވާލުކޮށްފައެވެ.

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭން ސަރުކާރުން ވަނީ 800 ހައުސިން ޔުނިޓް އަޅައިދިނުމަށް ނިންމާފައެވެ. މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ގޯތި ލިބި ގެ ނޭޅި ތިބި މީހުންނަށް ގޯތީގައި ގެ އެޅުމުގެ މަޝްރޫއެއް ހިނގުމުގެ އިތުރުން ހައުސިން ލޯނުގެ އެހީތެރިކަން ދޭން ވަނީ ނިންމައިފައެވެ. އެއާ އެއްގޮތަށް ހުސް ގޯތީގައި ގެ އެޅުމުގެ މަޝްރޫއަށް ކުރިމަތިލާން ކައުންސިލް މެދުވެރިކޮށް ސަރުކާރުން ވަނީ ހުޅުވާލައިފައެވެ.

ދަތުރުފަތުރު

 

ރައީސް ސޯލިހް ވައުދުވެފައިވާ ގޮތަށް އައިލެންޑް އޭވިއޭޝަނުން ވަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފައެވެ. މި ބަދަލާއިއެކު އެތެރޭގެ ދަތުރުތަކުގެ ޓިކެޓްގެ އަގު ވަނީ 25 ޕަސެންޓާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހެޔޮވެފައެވެ. މިބަދަލާއި އެކު ކުރިން އާއްމުކޮށް 3000 ރުފިޔާއަށް ލިބޭ ފުވައްމުލައް – މާލެ ދެކޮޅު ޓިކެޓު މިހާރު: 1،698ރ އާއި 2،598ރ ދެމެދުގެ އަގަކަށް ލިބެއެވެ.

ފުވައްމުލަކާއި ހުވަދޫ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށްޓަކައި ފުވައްމުލައް ސިޓީ އާއި ގދ. ފަރެސްމާތޮޑާއާ ދެމެދު ފެރީ އާއި ލޯންޗުގެ ހިދުމަތް މިއަހަރުތެރޭގައި ވަނީ ފެށާފައެވެ. އަދި މިއަހަރުގެ މާރޗް މަހުން ފެށިގެން އައްޑޫ ސިޓީ ހުޅުމީދޫއާއި ފުވައްމުލައް ސިޓީ އާއި ދެމެދު ފެރީ ލޯންޗުން ގުޅުވާލުމުގެ، ދަތުރުތައް ވަނީ ފަށައިފައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން މި ދެ އަތޮޅުގެ މެދުގައި ހިދުމަތް ދެނީ ފެރީ އާއި ލޯންޗުގައެވެ.

ކުޅިވަރު

ހޯދަޑު ފުޓުބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ މިއަހަރު ފަށައިފައެވެ. މިގޮތުން ދަނޑުގެ ފަސްގަނޑު ފަށަލަތައް ތަރުތީބުކޮށް، އެއްވަރުކޮށް ޓާރފް އަޅަން ބިންގަނޑު ތައްޔާރުކުރަން ވަނީ މަސައްކަތް ފަށާތާ 60 ދުވަސްތެރޭގައި ނިންމަން އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ. އަދި ސަރުކާރުން ވަނީ މި ދަނޑުގައި ފީފާ ގަބޫލުކުރާ ފެންވަރުގެ ޓާފް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައެވެ.

ކަރަންޓް

ކަރަންޓް މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިޔަށް ގެންދާ މަޝްރުއޫގެ ދަށުން އައު ޖެނެރޭޓަރެއް މިއަހަރު ވަނީ ފުވައްމުލަކަށް ގެންގޮެސްފައެވެ. އެއީ 1.2 މެގަވޮޓް ގެ ޖަނެރޭޓަރެކެވެ. މި ސަރުކާރުން ގެންދަނީ ފުވައްމުލަކުގައި އާ އިންޖީނުގެއެއް އެޅުމާއި، ކަރަންޓްގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އާ ކޭބަލް ތަކާއި ޓްރާންސްފޯމަރތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.

ވިޔަފާރި

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް، އެސްއެމްއީ ބޭންކް އުފައްދަވައި އެ ބެންކުގެ %5 ހިއްސާ ފުވައްމުލަކު ސިޓީ ކައުންސިލަށް ވަނީ ދީފައެވެ. މި ބެންކު މެދުވެރިކޮށް ގެސްޓް ހައުސް އެޅުމަށް ބޭނުންވާ ލޯނު އަދި ކުދި ވިޔަފާރި ފެށުމަށް ބޭނުންވާ ލޯނު ލިބިގެންދާނެއެވެ.

ވިޔަފާރީގެ ދާއިރާ ފުޅާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކުރުމަށްޓަކައި މި އަހަރުތެރޭގައި ފުވައްމުލައް ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުމަށް ސަރުކާރުން ނިންމައި އިކޮނޮމިކް މިނިސްޓްރީން މިހާރުވަނީ ފުވައްމުލަކުގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނެ ސަރަހައްދުތައް ކަނޑައަޅާފައެވެ. މި ހުއްދަ ދޫކުރަނީ ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހުގައެވެ.

މަސްވެރިކަން

އައިސް ނުލިބުމުގެ މައްސަލައަކީ މަސްވެރިންގެ ފަރާތުން ލިބެމުން އަންނަ ވަރަށްބޮޑު ޝަކުވާއެކެވެ. ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދިއުމުން މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިފްކޯއިން ފުވައްމުލައް ސިޓީގައި ބަހައްޓާފައިހުރި އައިސް ޕްލާންޓުން މަސްވެރިންނަށް އެޕްރީލް މަހުން ފެށިގެން އައިސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ފުވައްމުލައް ސިޓީގައި ހުރި އައިސް ޕްލާންޓުން އައިސް ވިއްކުމުގެ ނިޒާމް ހަމަޖެހި މިރަށުގެ މަސްވެރިންނަށް ބޭނުންވާ އައިސް ލިބުމުގެ މައްސަލަ ހައްލުވެގެންދާނެއެވެ. ފުވައްމުލަކު މި އައިސް ޕްލާންޓުން 24 ގަޑިއިރު ތެރޭގައި 25 ޓަނުގެ އައިސް އުފައްދާނެއެވެ.

ފަތުރުވެރިކަން

ފުވައްމުލައް ސިޓީ ތުނޑިއަށް ގިނަ ބަޔަކު ޖަމާވެފައި

ފުވައްމުލަކުގައި 1000 އެނދު މި 5 އަހަރު ތެރޭގައި ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒެވެ. ސަރުކާރުގެ ރަށު ފަތުރުވެރިކަން ސިޔާސަތުގެ ދަށުން މިއަހަރު ވަނީ ފަތުރުވެރިކަމަށްް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައިފައެވެ.  އެކަން ކުރިއަށް ގެންދާނެ ގޮތުގެ މަސައްކަތް ފުވައްމުލައް ސިޓީ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ.

ފުވައްމުލައް ސިޓީގެ ފަތުރުވެރިކަން އިސްތިހާރުކުރުމެގެ ގޮތުން މިޔަރުގެ ރަށް ނުވަތަ “ޝާރކް އައިލެންޑް” ގެ ގޮތުގައި ފަތުރުވެރިންގެ މެދުގައި ޕްރޮމޯޓްކުރަން ވަނީ ފެށިފައެވެ  މި ގޮތަށް ފުވައްމުލައް ސިޓީ މާކެޓް ކުރަން ފެށުނީ ފުވައްމުލައް ސިޓީގައި ރާއްޖޭގެ އީކުއޭޓަރ ހިސާބުގައި އެހެން އެއްވެސް ރަށަކުން ނުފެންނަ ވަރަށް ތަފާތު ވައްތަރުގެ މިޔަރު ފެންނާތީވެ ޑައިވިންކުރާ ފަތުރުވެރިންގެ މާރކެޓް ފުވައްމުލަކަށް ގެނައުމަށްޓަކައެވެ.

ތިމާވެށި

ފުވައްމުލަކަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުނި އަންދާ މެޝިނެއް ފުވައްމުލަކުގައި ބެހެއްޓުމަށް ސަރުކާރުން ވަނީ މިއަހަރުތެރޭގައި ބަޔަކާއި ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން އެ މެޝިން ފުވައްމުލަކަށް ގެންގޮސް ބަހައްޓާނެ ޝެޑު ހެދުމުގެ އިތުރުން އިންސްޓޯލް ކުރުމުގެ މަސައްކަތް 120 ދުވަސްތެރޭގައި މަސައްކަތް ހަވާލުކުރި ކުންފުނިން ނިންމަންޖެހޭނެއެވެ.

ފުވައްމުލައް ސިޓީގެ ބަންޑާރަ ކިޅީގައި ލޮޓަސް ގިނަވެ، އެތަނުގެ ގުދުރަތީ ވެށި ހަލާކުވެގެން ހިނގައިދާނެކަމުގެ ބިރު ބޮޑުވުމާއި ގުޅިގެން ކިޅީގައި ހުރި ލޮޓަސް ގަސްތައް ނަގައި މިއަހަރު ތެރޭގައި ވަނީ ކިޅި ސާފުކޮށްފައެވެ. ބަންޑާރަ ކިޅިއަކީ ރަށުގެ އެންމެ ބޮޑު ޤުދުރަތީ ފެންގަޑަށް ވެފައި، އެތަނުގައި ހެދިފައިވާ ލޮޓަސް ގަސްތަކުގެ ސަބަބުން ކިޅީގެ ސިފަ ގެއްލިދިއުމުގެ ކުރިން ލޮޓަސް ގަސްތައް ނަގައި ސާފު ކުރެވިގެން ދިއުމަކީ ބަންޑާރަ ކިޅި އޭގެ ގޮތުގައި ޤުދުރަތީ ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރެވިގެން ދިޔަ ވަރަށް މުހިންމުކަމެކެވެ.

ފުވައްމުލަކަކީ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަން ޔުނެސްކޯ އަށް ހުށަހަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަހަރު ނިންމަވައިފައެވެ. މިކަމުގެެ ބޭނުމަކީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގެ މޮޑެލްގައި ތިމާވެށީގެ ގޮތުންނާއި އިގްތިސާދީ ގޮތުން ގިނަ ފައިދާތަކެއް އެކުލެވޭތީ އެކަމުގެ މަންފާ ފުވައްމުލަކަށް ހޯދައިދިނުމެވެ. ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށްޓަކައި އެންވަޔަރަންމެންޓް މިނިސްޓްރީން ވަނީ ރަށުގެ ރައްޔިތުންގެ ޚިޔާލު މިކަމަށް ހޯދައިފައެވެ. އަދި ފުވައްމުލަކު ސިޓީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްގައި ހިމެނުމަށް ބޭނުންވާ މާޢުލޫމާތުތައް އެއްކޮށް، އެކަމާގުޅޭ ޑްރާފްޓް ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު

ފުވައްމުލަކު ގިރާ ސަރަހައްދުގެ 2،650 މީޓަރުގެ ބޮޑު ސަރަހައްދެއް ހިމާޔަތް ކުރަން ޖެހެއެވެ. މިއީ ރާއްޖޭގެ ނިސްބަތުން ކުރަންޖެހޭ މިފަދަ އެންމެ ބޮޑު މަސައްކަތެވެެ. މިކަމުގައި މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީވެސް މި މަސައްކަތްކުރެވޭ ވަރުގެ ބަޔަކު ނުލިބުމެވެ. މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި ގޮތުގައި މި މަސައްކަތްކުރެވޭ ފެންވަރު ހުރީ މި ސަރަހައްދުގެވެސް މަދު ކުންފުންޏެއްގައެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވެ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ. އެގޮތުންެ މަސައްކަތް ކުރާނެ ބޭރުގެ ބަޔަކު ހޯދަން ވަނީ ބީލަމަށް ލައި މިވަގުތު އެކަން އޮތީ ޕްރީ ކޮލިފިކޭޝަން މަރުހަލާގައެވެ. އަދި މިވަގުތުވެސް އެންވަޔަރަންމެންޓް މިނިސްޓްރީން ދަނީ މިމަޝްރޫއުގެ ކޮންސަލްޓެންސީ އިވެލުއޭޝަން ހަދަމުންނެވެ.

މަތީގައި އެވަނީ މިސަރުކާރުގެ ފުރަތަމަ އަހަރުތެރޭގައި ފުވައްމުލަކުގައި ކުރަން ފެށި އަދި މަސައްކަތް ހަވާލުކުރެވިފައިވާ  ކަންކަމެވެ. ސަރުކާރެއްގެ ފުރަތަމަ އަހަރެއްގައި ފުވައްމުލަކަށް އެންމެ ގިނަ ކަންތައް ހަމަޖެއްސި ސަރުކާރަކީ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރެވެ. މިއަހަރު ހަވާލުކުރެވުނު ގިނަ ކަންކަމުގެ ފޮނި މީރު ރަހަ އަންނަ އަހަރު ތެރޭގައި ފުވައްމުލަކު ރައްޔިތުންނަށް ލިބިގެންދާނެއެވެ. ތައުލީމީ އަދި  ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތައް އަންނާނެއެވެ. އުމްރާނީ ކުލަތައް ފުވައްމުލަކުގެ މަލަމަތިން ފާޅުވާން ފަށާނެއެވެ. ރައްޔިތުންގެ އުއްމީދުތައް ހާސިލުވެ ހުވަފެންތަކުގެ ކުލަޖެހިގެން ދާތަން މިހާރުވެސް ދަނީ ފެންނަމުންނެވެ.

ލިޔުނީ :ހަސަން ޙައްސާމް

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !