މާލޭގައި އެކިގޮތްގޮތުން ތާށިވެ، ބަންދުވެފައި ތިބި މީހުން ރަށަސް ފޮނުވުމުގެ އުސޫލު އަލުން މުރާޖާކުރުމަށްފަހު ގެޒެޓް ކޮށްފިއެވެ. މިއުސޫލު ގެޒެތްކޯށްފައިވަނީ އިއްޔެ (5 މެއި 2020) ގައެވެ.
އާކުރެވުނު މިއުސުލުގައިވާ ގޮތުން ކެންޑެއިގައިވާ 3 ކެޓަގަރީގައި ހިމެނޭ ކަންކަމަށް އިސްކަންދޭގޮތް ތަރުތީބު ކުރާއިރު އެންމެ ފުރަތަމަ ބެލެވޭނީ 1 އޭޕްރިލް 2020 ނުވަތަ އޭގެ ފަހުން އެކިއެކި ބޭނުންތަކަށް މާލެ ގޮސްފައި އެނބުރި ރަށަށް ނާދެވި ތިބި ފަރާތްތަކަށް ކަމަށް ވެއެވެ.
މާލޭގައި ތާށިވެ ރަށަށް ދިއުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް ނުވަތަ ރަށު/ސީޓީ ކައުންސިލުގެ އިދާރާގައި މިހާތަނަށް ރިޕޯޓްކޮށްފައިނުވާ ފަރާތްތަކުން 1421 އަށް ނުވަތަ support.covid19@gender.gov.mv ނުވަތަ އެ ރަށެއްގެ ކައުންސިލަށް ރިޕޯޓުކުރަމުން ގެންދިއުމަށް އެދިފައިވެއެވެ. އެގޮތުން 1421 އަށް ގުޅުއްވޭނޭ ގަޑިތަކެއްގެ ގޮތުގައި ހެދުނު 10:00 އިން 17:30 އަށް އަދި ރޭގަނޑު 20:00އިން 23:00 ހަމަޖައްސާފައި ވެއެވެ.
ކުރިގައި ނެރުނު އުސުލުގައި އޮތީ އެލްޖީއޭގައި ރަޖިސްޓްރީ ވުމަށް ނުވަތަ 1412 އަށް ގުޅައިެގން ރަޖިސްޓްރީވުމަށެވެ. އެކަމާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުގައި ރަޖެިސްޓްރީވި ބައެއް ފަރާތްތަކަށް އޮޅުން އަރައި ސިޓީކައުން ސިލަށް ފާޑުކިޔުން އަމާޒުކުރިއެވެ. އެކަމާއި ގުޅިގެން އޭރު ސިޓީ ކައުންސިލްގައި ރަޖިސްޓްރީވި ފަރާތްތަކުގެ ލިސްޓް އެލްޖީއޭއަށް ފޮނުވާފައި ކަމަށް ސިޓީ ކައުންސިލުގެ އޮފިޝަލަކު ހާމަކޮށްފައި ވެއެވެ.
ރަށަށް ފޮނުވުމުގައި އިސްކަން ދިނުމަށް ހަމަޖެހިފައި އުސޫލު ވަނީ 3 ކެޓަގަރީއަކަށް ބަހާލާފައެވެ.
ކެޓަގަރީ 1: ގައި ހިމެނެނީ ސަރުކާރު ޚަރަދުގައި ބޭހަށް މާލެ ގޮސް ނާދެވިފައި ތިބި ފަރާތްތަކާއި، ކުޑަކުދިން (5 އަހަރުން ދަށް) ގޮވައިގެން ބޭހަށް މާލެ ގޮސް ތާށިވެފައިވާ ފަރާތްތަކާއި، ތާށިވެފައިވާ މުސްކުޅި ބަލިމީހުންނާއި އެމީހުން ބަލަހައްޓާ މީހުންނައި، ނުކުޅެދުންތެރިކަން ހުންނަ ބަލިމީހުންނާއި އެމީހުން ބަލަހައްޓާ މީހުންގެ އިތުރުން މާލޭގައި ތާށިވެފައިވާ ދައިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކެވެ.
ކެޓަގަރީ 2: ގައި ހިމެނެނީ އެނބުރި ރަށަށް އައުމަށް 20-15 އޭޕްރީލް 2020 އާއި ދެމެދުގެ ޓިކެޓްނަގާފައިވާ ފަރާތްތަކައި، ރާއްޖެއިން ބޭރުން ގެނެސް 14 ދުވަހުގެ ކަރަންޓީން ހަމަކޮށްފައި ރަށަށް ނުދެވި ތިބި ފަރާތްތަކާއި، ރިޒޯޓް ބަންދު ކުރުމުން ރަށް ދިއުމަށް މާލެ އައިސް ތާށިވެފައިވާ ފަރާތްތަކެވެ.
ކެޓަގަރީ 3: ގައި ހިމެނެނީ ޖަލުން މިނިވަންވެ ރަށަށް ނުދެވިފައިވާ ފަރާތްތަކާއި، ވަޒީފާގެއްލިފައި މާލޭގައި ތާށިވެފައިވާ ފަރާތްތަކާއި، ދަރިން ނުވަތަ މުސްކުޅި މައިންބަފައިން، ނުކުޅެދުންތެރިކަން ހުންނަ އާއިލީ މެމްބަރަކު ވަގުތީ ގޮތުން އެހެން ބައެއްގެ ބެލުމުގެ ދަށަށް ދުކޮށްލާފައިވާ މާލޭގައި ތާށިވެފައިވާ ފަރާތްތައް، މާލޭގައި ތާށިފވެފައިވާ އެކަނިވެރި އަންހެނުންނާއި މުސްކުޅިން، ކޮވިޑް-19 އާއި ގުޅިގެން އާއްމު ހާލަތު ދަށްވެ ރަށަށް ދިރިއުޅުން ބަދަލުކުރަން މަޖުބޫރީ ހާލަތެއްގައިވާ މީހުން، މާލޭގައި އާމްދަނީގެ ދޮރުބަންދުވެ އެހެން ރަށަކުން އާމްދަނީ ލިބޭނެ ފުރުސަތު އޮތް މީހުން، ނަފުސާނީ ބަލިތަކަށް ފަރުވާކުރުމަށް މާލެ އައިސް ތާށިވެފައިވާ މީހުން އަދި އަމިއްލަ ބޭނުންތަކުގައި މާލެ އައިސްފައިވާ އެހެނިހެން ފަރާތްތަކެވެ.
މާލެއިން ރަށަށް އަންނަ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނަށް ދާން ޖެހެއެވެ. އަދި އެގޮތުން ކަރަންޓީނު ކުރޭން ތަންތަން ސިޓީ ކައުންސިލުން ހަމަޖައްސަން ޖެހެއެވެ.
މުރާޖާކޮށްފައިވާ އުސުލުގައި ވާގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާވިސަސްއަށް ރިޕޯޓު ކޮށްފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައަޅާނީ އެ މިނިސްޓްރީންނެވެ. އަދި އެފަރާތްތައް ކަރަންޓީނު ކުރުމަށް ކަނޑައެޅިފައި ވަނީ ސަރުކާރުން އެކަމަށް ހަމަޖައްސާފައިވާ ފެސިލިޓީތަކުގައި ކަމަށް ވެއެވެ.
ކައުންސިލުތަކަށް ރިޕޯޓު ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން، މަތީގައި އެވާ ކަންކަމަށް ރިޢާޔަތްކޮށް ތަރުތީބުކޮށް ރަށަށް ފޮނުވާނެ ފަރާތްތަކުގެ ލިސްޓު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަމަށް ވެއެވެ. އެގޮތުްނ ރަށަށް ދާ ފަރާތްތައް ކަރަންޓީނު ކުރާނީ ކައުންސިލުތަކުން އެރަށެއްގައި ކަނޑައަޅާ، އަދި ކައުންސިލުގެ ބެލުމުގެ ދަށުން ބަލަހައްޓާ ތަނެއްގައެވެ.
އުސޫލުގެ އެންމެ ފަހު ޕޮއިންޓެއްގެ ގޮތުގައި ދިމާވާ ޚާއްސަ ހާލަތެއްގެ ސަބަބުން ކަނޑައެޅިފައިވާ ތަރުތީބަށް ބަދަލު ގެނައުމުގެ ބާރު މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އަށް ލިބިގެން ވަކަމަށް ވެއެވެ.
މާލޭގައި ތާށިވެފައިވާ މީހުން ރަށަށް ފޮނުވުމުގައި އިސްކަންދޭ ތަރުތީބު، 5 މެއި 2020
ކުރިންވެސް މިއުސޫލުގައި ހިމެނުނު، އެނބުރި ރަށަށް އައުމަށް ޓިކެޓް ނަގާފައިވާ މުއްދަތު (20-15 އޭޕްރީލް 2020) ބައެއް ރިޒޯޓް މުވައްޒަފުންނާއި އެހެން މީހުނަށް ދިމާނުވާ ކަމަށްބުނެ ކޮންބޮޑުވުން އުފުލާފައިވާ ބަޔަށް ބަދަަލެއް ގެނެސްފައެއް ނުވެއެވެ.
ނިމުނު އޭޕްްރީލް މަހު 23 ވަނަދުވަހުގެ ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީގެ މޭޔަރު ފަލާޙު ޝަރީފު ވިދާޅުވެފައިވާނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ކަރަންޓީން ކުރަންޖެހޭ ފަރާތްތައް ކަރަންޓީނު ކުރުމަށް 58 ކޮޓަރި ފުވައްމުލަކުގައި ތައްޔާރު ކުރެވިފައިވާކަމަށެވެ.
ޚިޔާލުތައް