“ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް” އިން އިންތިޒާމްކޮށްގެން ފުވައްމުލައް ސިޓީގައި ކުޑަކުދިންގެ ފުޓްބޯޅަ ފެސްޓިވަލެއް ފަށައިފިއެވެ.
ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގައި 15 ނޮވެމްބަރ 2018 އިން ފެށިގެން 17 ނޮވެމްބަރ 2018 އާއި ހަމަޔަށް ކުރިއަށް ގެންދާ ފެސްޓިވަލުގައި 7 އަހަރުން ދަށުގެ އުމުރުފުރާއާއި 7 އަހަރުން މަތީގެ އުމުރު ފުރައިން ޖުމްލަ 56 ކުދިން ބައިވެރި ވެފައި ވާއިރު، ފެސްޓިވަލުގައި ކުޅެނީ 6 ޓީމް ލީގު އުސޫލުން ވާދަ ކުރާގޮތަށެވެ. އަދި އެފްއޭއެމްގެ ގަވާއިދުގައިވާ ގޮތަށް 13 އަހަރުން ދަށުގެ އުމުރުފުރާ ކަމަށްވާތީ މުބާރާތް ނިމުމުން ހުރިހާ ކުދިންނަށް ވެސް މެޑެލް ލިބިގެންދާނެއެވެ.
މިކަލް ނޫހަށް މައުލޫމާތު ދެއްވަމުންން “ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް” އޮފިޝަލަކު ވިދާޅުވީ މި މުބާރާތަކީ އެ ޖަމްއިއްޔާގެ ފުޓްބޯޅަ އެކަޑަމީން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަން ހަމަޖެހިފައިވާ މުބާރާތެއް ކަމަށާއި މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ކުރިއަރުވާ ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިން ތަކެއް އެ ސިޓީއިން އުފެއްދުން ކަމަށެވެ. އޮފިޝަލް އިތުރަށް ވިދާޅުވީ މި މުބާރާތުގައި ކުޅޭ ކުދިންގެ ތެރެއިން 2 ކުދިން ނުވަތަ 5 ކުދިން ގައުމީ ޓީމުގައި ހިމެނޭ ލެވެލަށް ނުވަތަ ޔޫތް ޓީމް ތަކުގައި ހިމެނިގެދާ ފެންވަރަށް ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި ތަމްރީނު ކުރެވިގެން ދާނެކަމަށެވެ.
މި ކުދިން ތަމްރީނު ކުރެވެނީ ގައުމީ ފެންވަރަށް ކަމަށާއި ކުދިންނަށް ކޯޗުކޮށް އެއެފްސީ ކޮށްދެނީ “ސީ ލައިސަންސް” އޮންނަ އެފްއޭމް ގަބޫލުކުރާ ކޯޗެއް ކަމަށެވެ. އަދި ފެންވަރު ރަނގަޅު ކޯޗުންނާއި އެސިސްޓެންޓް ކޯޗުން އެކަޑަމީގައި ތިބޭ ކަމަށެވެ.
“ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް” ކުރިޔަށް ގެންދާ “އައްސަރިޔާ” ފެސްޓިވަލްގެ މެއިން ސްޕޮސަރ އަކީ ފުވައްމުލަކު އައްސަރިޔާ ފިހާރައެވެ. އެފަރާތުން މައުލޫމާތު ދިން ގޮތުގައި މި މުބާރާތް ފެށީ މިއަހަރު ކަމުގައި ވީ ނަމަވެސް ކުރިއަތް އޮތްތަނުގައި މިއަށް ވުރެ ބޮޑު މުބާރާތްތައް ބާއްވާނެ ކަމަށާއި އަންހެން ކުދިންގެ ފުޓްބޯޅަ ވެސް އަންނަ 2019 އަހަރު އެ އެކަޑަމީ އިން ފަށާނެ ކަމުގައެވެ.
މީގެ ކުރިން “ފުޓްބޯލް އެސޯސިއޭޝަން އޮފް ފުވައްމުލައް” އިން ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންނަށް ވަނީ ކޯޗުންް ގެ އެހީ ފޯރުކޮދީ އެކި މުބާރާތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެފަރާތުން ކުރިއަށް ގެންދާ ތަފާތު އެކި ކަންކަމުގައި ބެލެނިވެރިންގެ ހިއްސާ ފާހަގަކޮށް ވަނީ ޝުކުރު ދަންނަވާފައެވެ.
ޚިޔާލުތައް