16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

ފުވައްމުލަކުގައި އެންމެ ފަހުން ބޭއްވި ވޮލީ މުބާރާތުގައި ފުނާޑު އަދި މާދަޑު ޓީމް ކުޅެނީ

ފްރީގައިޒް ވޮލީ ބޯޅަ މުބާރާތް: ފުރަތަމަ މެޗްގައި ހޯދަޑު އަދި މިސްކިތްމަގު މިއަދު ހަވީރު ބައްދަލުކުރާނެ

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން “ފްރީގައިޒް ވޮލީ ބޯޅަ މުބާރާތް” މިއަދު ހަވީރު ފެށޭނެއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި އެކު މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ހޯދަޑު ސްޕައިކަރސް އާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައެވެ. މިއީ ގުރޫޕް 1ގެ މެޗެކެވެ. މިމުބާރާތުގެ މެޗްތައް ކުރިއަށްދާނީ ރޭގަނޑު އަދި ހަވީރުއެވެ. މިރޭ ބައްދަލުކުރާނީ ގުރޫޕް 2ގެ އެކުވެރި ފުނާޑު އާއި ދަޑިމަގު ރަނިން އެވެ. މިމެޗް ފެށޭނީ މިރޭ 8:30 ގައެވެ.

މިމުބާރާތުގައި 6 ޓީމް ބައިވެރިވެފައިވެއެވެ. މުބާރާތް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމެއް ސެމީއަށްދާ ގޮތަށެވެ. އަދި ސެމީގައި 3 މެޗް ކުޅޭ ގޮތަށެވެ. އެގޮތުން ސެމީގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގުރޫޕް 1 ގެ އެއްވަނަ ޓީމާއި ގުރޫޕް 2 ގެ އެއްވަނަ ޓީމެވެ. މިމެޗް ކާމިޔާބުކުރާ ޓީމެއް ފައިނަލަށް ދާނެއެވެ. އަދި ސެމީގެ 2 ވަނަ މެޗްގައި ބައްދަލުކުރާނީ ގުރޫޕް 1 ގެ ދެވަނަ ޓީމާއި ގުރޫޕް 2 ގެ ދެވަނަ ޓީމެވެ. މިމެޗް ކާމިޔާބުކުރާ ޓީމް ދެން ކުޅެންޖެހޭނީ ފުރަތަމަ ސެމީއިން ބަލިވި ޓީމަކާއެކުއެވެ. މިމެޗް ކާމިޔާބުކުރާ ޓީމެއް ފައިނަލަށް ދާނެއެވެ.

މިއީ ފުވައްމުލަކުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. އެގޮތުން މިމުބާރާތަށްޓަކައި ރާއްޖޭން ބޭރުގެ ކުޅުންތެރިންނާއި ރާއްޖޭގެ ގައުމީ ޓީމްގެ ކުޅުންތެރިންވެސް ޓީމްތަކަށް ކުޅޭނެއެވެ. ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 30000 ރުފިޔާ އެވެ. މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ ފްރީގައިޒް ހޯލްޑިންގ އެވެ.

މިމުބާރާތުގެ ގަވާއިދު މައްސަލަތަކެއް ހުރިކަމަށް ބުނެ މިސްކިތްމަގު ޓީމުންވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އަދި ކޯޓުން އެމައްސަލަ ބަލައިގެންފައިވާ ކަމަށްވެސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވިދާޅުވެފައިވެއެވެ. ނަމަވެސް މިހާތަނަށް މައްސަލައާއި ގުޅިގެން އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ. 

banner

ކިޔުންތެރިންގެ ޚިޔާލު