ރޭ ކުޅެވުނު ކަރަބާއޯ (އީއެފްއެލް) ކަޕްގެ ކުއާރޓަރ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު 1-1 ން އެއްވައްރު ވުމުން ޕެނަލްޓީގައި 3-1 ކުރި ހޯދައިގެން މެންޗެސްޓަރ ސިޓީ ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. މިއީ ކުރީއްސުރެ ކުޅެމުން އަންނަ އީއެފްއެލް ކަޕެވެ. މިފަހަރުގެ ނަން ސްޕޮންސަރ ގެ ނަމާއެކު ގެނެސްފައި ވަނީއެވެ. މިއީ ކޮންމެ އަހަރަކު ކުޅޭ ނޮކް އައުޓު މުބާރާތެކެވެ.
ރޭގެ މެޗުގައި ސިޓީން ވާދަކުރީ ލެސްޓަރ ސިޓީ އާއި ދެކޮޅަށެވެ. ކަކުލުހުޅުގެ އަނިޔާއެއްގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު މެންޗެސްޓަރ ސިޓީގެ މިޑްފިލްޑަރ ކެވިން ޑި ބްރޭނާ، ރޭގެ މެޗުގެ ފުރަތަމަ 11 ގައި ކުޅުނެވެ. އަދި ފޯވަޑް އަގުއޭރޯ، އުކުޅުވަޅުގެ އަނިޔާއަށް ފަހު ކުޅެން ނިކުތީ ރޭގެ މެޗުގެ ދެ ވަނަ ހާފުގައެވެ.
ރޭގެ މެޗުގެ ކުރީ ކޮޅުގައި ޑިބްރޭނާ ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ފަހު ހާފުގައި ލެސްޓަރ ސިޓީން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރީއެވެ. ރޭގެ މެޗުގައި ޑިބްރޭނާ ވަނީ މޮޅު ކުލޅުމެއް ދައްކައި މެޗުގެ މޮޅުކުޅުންތެރިއާގެ މަގާމު ވެސް ހޯދާފައެވެ.
ސިޓީގެ ހަމަލާތަކުގެ ތެރެއިން މާރޭޒް އާއި އަގުއޭރޯގެ ހަމަލާތަކެއް ލެސްޓަރ ގެ ގޯލަށް ނުރައްކާ ވިއެވެ. މެޗުގައި މޮޅުވާން ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ނުހިފުމުން މެޗު ނިމުނީ 1-1 ން އެއްވަރުވެގެން ނެވެ.
ކްއާރޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި މިޑްލްސްބަރޯ އަތުން 1-0ން ބާރޓަން މޮޅުވެ ސެމީ ފައިނަލުގެ ޖާގަ ވަނީ ހޯދާފައެވެ. ކްއާރޓަރ ފައިނަލުގެ 4 ވަނަ މެޗުގައި ޗެލްސީއާއި ބޯންމައުތު ވާދަކުރާނީ މިރެއެވެ.
މި މުބާރާތުގެ ކްއާރޓަރ ފައިނަލުގެ ފަހު މެޗުގައި މިރޭ އާސެނަލް އާއި ޓޮޓްނަމް ކުޅޭނެއެވެ. އަދި މި މެޗަށްފަހު މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލު ކުރާނެ ޓީމުތަކުގެ ގުރު ނެގުން އޮންނާނެއެވެ.
ޕްރިމިއަރ ލީގުގައި މުޅިއެކު ކުޅޭ 92 ޓީމުގެ މެދުގައި ކުޅޭ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މެންޗެސްޓަރ ސިޓީއެވެ.
ޚިޔާލުތައް