އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ 13 އަހަރުން ދަށުގެ ސުކޫލް ކުދިންގެ ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗް ހާފިޒް އަހްމަދު ސުކޫލް (ހޭޒް)ގެ މައްޗަށް ކުރި ހޯދާ ޏ.އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގެ ފެށުން ރަނގަޅުކޮށްފިއެވެ.
އިއްޔެ ހަވީރު ފުވައްމުލަކު ސުޓޭޑިއަމްގައި ކުޅުނު މެޗްގައި އޭއީސީ މެޗް ކާމިޔާބުކުރީ 6-0 އިންނެވެ. އުމުރުގެ ގޮތުންނާއި ހަށިގަނޑުގެ ގޮތުން ބޮޑު އޭއީސީ އިއްޔެ މެޗް ކާމިޔާބުކުރީ ދެ ހެޓްރިކާއި އެކުއެވެ. މެޗްގެ ފުރަތަމަ ހާފްގައި ހޭޒްއިން އޭއީސީގެ ޓީމް ހިފަހައްޓާފައިވެއެވެ. އެހާފްގައި އޭއީސީއަށް ކާމިޔާބުކުރެވުނީ 1 ގޯލެވެ. ނަމަވެސް ދެވަނަ ހާފްގައި ފުލުފުލުގައި ހޭޒްގެ ގޯލަށް ނުރައްކާ ކޮށް ފަސް ގޯލް ޖަހާފައިވެއެވެ. ދެވަނަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ހޭޒްއަށް ޕެނަލްޓީއެއް ލިބި ޕެނަލްޓީ ބޭކަރުވެގެންދިޔައެވެ. އެޕެނަލްޓީ އޭއީސީގެ ކީޕަރ ދިފާއުކޮށްފައިވެއެވެ.
އޭއީސީގެ ލަނޑުތައްޖެހީ އިސްމާއިލް ސައީދާއި މުހައްމަދު ރުވާއިދު އަލީއެވެ. އެދެކުޅުންތެރިންވެސް ހެޓްރިކް ހަދާފައިވެއެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ އޭއީސީގެ އިސްމާއިލް ސައީދުއެވެ.
މިއަދުގެ މެޗްގައި ބައްދަލުކުރާނީ ޏ.އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) އާއި ފުވައްމުލަކު ސުކޫލް (އެފްއެސް) އެވެ.
ޚިޔާލުތައް