ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވުނު އިނގިރޭސި ފުޓުބޯޅައިގެ ކޮމިއުނިޓީ ޝީލްޑް މެޗު 1-1 ން އެއްވަރުވެ، ޕެނަލްޓީގައި 5-4 ން ކުރި ހޯދައިގެން މެންޗެސްޓަރ ސިޓީ މިއަހަރުގެ ޝީލްޑް ކާމިޔާބުކޮށްފިއެވެ. ފާއިތުވި ސީޒަނުގެ ކޮމިއުނީޓީ ޝލްޑް ވެސް ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީއިންނެވެ. ވާދަވެރި ލިވަރޕޫލާއެކު ކުޅުނު މެޗުގައި ސިޓީން ލީޑް ނެގީ ފުރަތަމަ ހާފުގެ 12 ވަނަ މިނިޓުގައި ސެންތަރ ފޯވާޑަކަށް ކުޅެން ނިކުތް ސްޓާރލިންގެ ގޯލަކުންނެވެ.
ފުރަތމަ ހާފުގައި ގިނަ ހަމލާތަކެއް ސިޓީން އިދިކޮޅު ގޯލަށް ދިންނަމަ ވެސް ލީޑް ފުޅާ ކުރަން ލިބުނު ފުރުސަތު ގޯލަކަށް ހަދާނުލެވުނެވެ. އަދި ދެވަނަ ހާފުފެށިގެންނާއި އަދި އެއިގެ ފަހުން ރަހީމް ސްޓާރލިންއަށް މެޗުގައި ލީޑު އިތުރު ހުސް 2 ފުރުސަތެއް ލިބި ނާކާމިޔާބުވީއެވެ.
މުޅި މެޗުގައި ވެސް ލިވަރޕޫލުން ސަލާހުގެ ހަމަލާތައް ފާހަގަ ވެގެން ދިޔައިރު ފުރަތަމަ ހާފުގައި ފާރމީނޯގެ ހަމަލާއެއް ނުރައްކާވިއިރު، ދެވަނަ ހާފުގައި ސަލާހު ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގޯލު ދަނޑިއެވެ. ދެވަނަ ހާފުގައި ލިވަރޕޫލުގެ ކުޅުން ވަރުގަދަވެ އެމީހުންގެ ކޯނަރެއްގައި ވެންޑައިކް ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ގޮސް ގޯލުގެ ރޮނގުގެ އެތެރެފަޅީގައި ޖެހިފައި ނިކުތީއެވެ. ލިވަރޕޫލަށް މެޗު އެއްވަރު ކުރެވުނީ ފަހު ހާފުގެ ފަހު 15 މިނިޓަށް ވެފައިވަނިކޮށް ވެންޑައިކްގެ ޕާހަކުން މެޓިޕް ކާމިޔާބުކޮށްދިން ގޯލަކުންނެވެ.
ޑިބްރޭނާ ކެޕްޓަން ކުރި މިމެޗުގައި ސިޓީގެ ސާނޭ އަށް އަނިޔާވެގެން ފުރަތަމަ ހާފުގައި ވަނީ ބާލާފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ޖެސޫސް އެވެ. މިމެޗަކީ ސާނޭ ސިޓީއަށް ކުޅޭ ފަހު މެޗަށް ވެސް ވެދާނެއެވެ. އެއީ އޭނާގެ ގައުމު ޖަރުމަނުގެ ބެޔާނުން މިޔުނިކުން ސާނޭ ގެންނަން ވާހަކަ ދެކެވެމުން ދާތީއެވެ. މިމެޗުގައި ސިޓީގެ 1 ނަމަބަރު ފޯވަޑް އަގުއޭރޯ ނުކުޅެއެވެ. އަދި އުމުރުން ދުވަސްވީ ސިޓީގެ ދެވަނަ ގޯލްކީޕަރ ޗިލީގެ ބްރާވޯ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި ޕެނަލްޓީއެއް ސޭވްކޮށްދީ، ޓީމަށް ޓްރޮފީ ހާސިލުކޮށްދީފައެވެ.
މިމެޗަށް ނިކުތްއިރު ދެޓީމުގެ ވެސް ފުލްސްކޮޑުގައި ތަމްރީނުތަކަށް ފުރުސަތު ލިބިފައިވަނީ 2-3 ދުވަހެވެ.
ކޮމިއުނީޓީ ޝީލްޑް މެޗަކީ ނިމޭ ސީޒަނުގެ ލީގް ޗެމްޕިއަނުންނާއި އެފްއޭކަޕް ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ސީޒަން ފެށުމުގެ މެޗެކެވެ. ނަމަވެސް ފާއިތުވި ސީޒަނުގައި ސިޓީން 4 ތަށި ވެސް ހޯދާފައިވުމުން ލީގުގެ 2 ވަނަ ޓީމުގެ ގޮތުން މިމެޗުން ފުރުސަތު ލިބުނީ ލިވަރޕޫލަށެވެ. މިއީ 97 ވަނަ ކޮމިއުނީޓީ ޝީލް މެޗެވެ.
ޚިޔާލުތައް