އިއްޔެ ފުވައްމުލައް ސިޓީއަށް ހޯމް ކަރަންޓީނަށް މީހުން އައުމާއި ގުޅިގެން ބައެއް ފަރާތްތަކުން މިކަމުގައި ކަންބޮޑުވުން އޮތްކަމަށް ދޭހަވާގޮތަށް އެކިގޮތްގޮތަށް ވާހަކަތައް ދައްކަމުން އާދެއެވެ. އެމީހުން އަމިއްލަ ރަށަށް އައުމަކީ ކަންބޮޑުވެ ބިރުގަންނަން ވީ ކަމެއް ނޫނެވެ.
ބައެއް މީހުން ޝައްކު އުފައްދާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓީވް ވި މީހުން ވެސް ރަށަށް ގެނެސްފައި ވެއެވެ. އެކަމަކު މިވާހަކަ ދައްކާ ގިނަ މީހުންނަށް އެމީހުން ކޮވިޑް-19 އަށް ކުރީ ކޮންކަހަލަ ޓެސްޓެެއް ކަން ވެސް އެގޭތޯ ސުވާލު އުފެއެވެ.
ހޯމް ކަރަންޓީނަށް ރަށަށް ފޮނުވާ އެންމެންނަކީ ވެސް އެންޓިބޮޑީ ޓެސްޓް ހަދައި ބެލިގެން، އެމީހުންގެ ގައިން ކޯވިޑް-19 ފެތުރުމުގެ ފުރުސަތު، އެހިސަބަށް ނެތްކަން ޔަގީން ކުރެވޭ ބައެކެވެ. އިންފެކްޝަސް ޑިޒީސްގެ ސްޕެޝަލިިސްޓަކަށް ނުވިޔަސް، ގަބޫލު ކުރެވެނީ އެމީހުންގެ ކިބައިން ބަލި ފެތުރުމުގެ ފުރުސަތު ގާތްގަޑަކަށް ނެތްކަމަށެވެ. އޮތަސް އޮންނާނީ ވަރަށް ހަނި ފުރުސަތެކެވެ.
އެހެނީ، އެމީހުން ރަށަށް އައުމުގެ އެއްދުވަސް ކުރިން ކޮވިޑު-19 ފެތުރުމުގެ ފުރުސަތު ނެތްކަން ގާތްގަޑަކަށް ޔަގީން ކުރެވިފައިވާ ބަޔަކަށް ވުމުންނެވެ. ހަނި ފުރުސަތެއް ވެސް މިކަމުގައި އޮތީ އެމީހުން ދަތުރު ކުރީ ކޮވިޑް-19 އޮތް ކޮމިއުނީޓިއަކުން ކަމަށްވެ، ކުރެވުނު ޓެސްޓުގެ ފަހުން އެމީހުން ބައްޔަށް ހުށަހެޅޭނެ ހާލަތެއްގެ ހަނިަ ފުރުސަތެއް އޮތީމައެވެ. އެފުރުސަތު ވެސް ކުޑަވެފައި ހަންޏެވެ.
ދެން އޮތީ އެކުގައި ގިނަ ބަޔަކު ދަތުރު ކުރުމުން، ނުވަތަ އެއާޕޯރޓް ފަދަ ތަނަކުން އެއިން މީހަކު ބައްޔަށް ހުށަހެޅި ފައިވުމެވެ. މިކަމުގައި ވެސް ފުރުސަތު ކުޑައީ އެތަންތަނަކީ ވެސް މިކަމަށް ޚާއްސަ ގޮތެއްގައި ސަމާލުކުރެވި ރައްކާތެރިކަމުގެ ވަރުދަދަ ފިޔަވަޅުތަކެއްް އެޅިފައިވާ ތަންތަނަށް ވުމެވެ. އެއްވެސް ކަމަކަށް %100 ޔަގީން ނުކުރެވޭ ފަދައިން އެމީހުންގެ ފަރާތުން ވެސް ބަލި ނުފެތުރޭނެ ކަމުގެ %100 ޔަގީންކަމެއް ނޯންނާނެއެވެ. ނަމަވެސް ޔަގީން ކުރެވޭ ކަމަކީ އެމީހުންގައިން ބަލި ފެތުރުމުގެ ފުރުސަތު ގާތްގަޑަކަށް %99 ނޯންނާނެ ކަމެވެ.
ހޯމް ކަރަންޓީނާއި ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ނެރުނު އުސޫލުގެ 2 ވަނަ މާއްދާ ގައިވަނީ “މާލެއިން ރަސަރަށަށް ގެންދެވޭ ފަރާތްތަކަކީ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނެތް ފަރާތްތަކެއް ކަމުގައި ވާން ވާނެ” ކަމަށެވެ. އެގޮތުން ހޯމް ކަރަންޓީނަށް އައި އެންމެ ވަނީ ކޮވިޑް-19 އަށް އެންޓިބޮޑި ތެސްޓެ ހަދައި ބަލީެގ އެއްވެސް އަލާމާތެއް ނެތްކަން ޔަގީން ކުރުމަށް ފަހުއެވެ.
މި ނުތަނަވަސްކަމުގެ އެއް ސަބަބުކަމަށް ބެލެވެނީ ގިނަބަޔަކަށް އެންޓިބޮޑީ ޓެސްޓިންގެ މައުލޫމާތު ސާފުވެފައި ނެތުން ކަމަށް ދެކެމެވެ. ވުމާއެކު އެންޓީބޮޑީ ޓެސްޓިން އާއި ގުޅޭގޮތުން މައުލޫމާތުކޮޅެއް ހިއްސާކޮށްލަން ގަސްދު ކުރުމަވެ.
ކޮވިޑް-19އަށް ކުރެވެނީ ދެ ބާވަތެއްގެ ޓެސްޓެކެވެ. އެއީ ޕިސީއާރު (ޕޮލިމަރޭސް ޗެއިން ރިއެކްޝަން) ޓެސްޓާއި އެންޓިބޮޑީ ޓެސްޓެވެ. އެންޓިބޮޑީ ޓެސްޓަކީ ލޭ ނަގައިގެން ހަދާ ނިސްބަތުން ފަސޭހަ ޓެސްޓެކެވެ. ހަށިގަނޑަގުއިވާ ލޭގައި އެކުލެވޭ ވައިޓް ބްލަޑް ސެލްގެ ދެބައެއްް ކަމަށްވާ ބީ-ސެލްއާއި ޓީ-ސެލް އިން ދިފާއީ ނިޒާމުގެ މުހިންމު ބައެއް އަދާކުރެއެވެ. މި ދެބައި އެކުވެގެން ހަށިގަނޑުުގައި އެންޓިބޮޑީއަށް ބޭނުންޖެހޭ ހިނދެއްގައި އުފައްދައި ދެއެވެ. ވައިރަސްއެއް ނުވަތަ ބެކްޓީރިއާއެއް ނުވަތަ އެހެން ވެސް ޖަރާސީމެއް ހަށިގަނޑަށް ވަދެއްޖެނަމަ އެޖަރާސީމަކާއި ދެކޮޅަށް މަސައްކަތަށް އެންޓިބޮޑީ ހަށިގަނޑުން އުފައްދުމަކީ ގުދުރަތީ ދިފާއީ ނިޒާމެވެ.
ހަށިގަނޑުގައި އެތައްބާވަތެއްގެ އެންޓިބޮޑީ އެއް އުފައްދައެވެ. އެގޮތުން އުފައްދާ އެންމެ މުހިންމު ދެބާވަތަކީ އައިޖީޖީީ (IgG) އާއި އައިޖީއެމް އެންޓި ބޮޑީއެވެ. ހަށިގަނޑަށް ވައިރަސް އެއް ފަދަ އެއްޗެއް ވަންނަ ވަގުތުން ފެށިގެން އައިޖީޖީ (IgM) އުފައްދަން ފަށައެވެ. އަދި ހަށިގަނޑުގައި ގިނަ ދުވަސްވަންދެން ބަލީގެ ދިފާއުގައި ހުންނަނީ އައިޖީއެމް (IgM) އެވެ.
އެންޓިބޮޑީ ޓެސްޓް ގިނަ ސިރޮލޮޖީ ޓެސްޓް ހަދަން ނަގާ ގޮތަށް ލޭ ގެ ސާމްޕަލް ނަގައިގެންނެވެ.
އެންޓިބޮޑީ ޓެެސްޓުގެ ނަތީޖާތައް އަންނަ ގޮތަށް ބަލާލާއިރު ތަފާތު 3 ގޮތަކަށް ޕޮޒިޓިވް ކަމަށް ދައްކަފާނެއެވެ. ކޮންމެ ޕޮޒިޓިވް އަކީި ބަލީގައި އުޅޭ މީހެއް ނޫނެވެ. 1 ގައި ބުނާ ސީ އަކި ކޮންޓްރޯލް ލައިނެވެ. އެރޮނގުގެ ކުލަ ބަދަލުނުވާނަމަ (އަޅި ކުލާގައި ހުރެއްޖެނަމަ) ސާމްޕަލް ގައި ނުވަތަ ޓެެސްޓުގައި އެހެން ވެސް މައްސަލައެއް ހުރީއެވެ. މިހާރު އެހުރިގޮތުން ސާމްޕަލް ގައި މައްސަލައެއް ނެތެވެ. މާނައަކީ ބަލިނެތް މީހެކެވެ. އަދި ކުރިން ބައްޔަށް ހުށަހެޅިފައިވާ މީހެއް ނޫނެވެ. ނުވަތަ ބަލީގެ ނެގަޓިވް މީހެކެވެ. 2. ގައި އައިޖީއެމް ޕޮޒިޓިވް ވުމުން އެނގެނީ މިނާއަށް ދާދި ފަހުން ބަލި ޖެހި އަދިވެސް މީނާ ގައިގައި ބަލި އެބަހުރި ކަމެވެ. 3 ގައި އައިޖީޖީ އަށް ޕޮޒިޓިވް ވެފައި ވުމުން އަންގައިދެނީ ކުރީގައި ބަލި ޖެހި މިހާރު ބަލިން ރަނގަޅުވެފައިވާ ކަމެވެ. އެހެން ގޮތަކަށް ބުނަނީނަމަ އޭނާގެ ގައިގައި އެންޓިބޮޑީ އުފެދި ބަލިން ދިފާއުވުމުގެ ނިޒާމެއް އުފެދިފައިވާ ކަމެއެވެ. 4 ގައި އައިޖީއެމް އަދި އައިޖީޖީ އަށް ޕޮޒިޓިވް ވެފައި ވުމުން އަންގައިދެނީ އޭނާ މިހާރު އުޅެނީ ކޮވިޑް-19ގެ ބަލީގައިކަމެވެ.
ދިރާސާތަކުން އެނގެނީ މިބަލި ޖެހި 14 ވަރަކަށް ދުވަސް ވަންދެން ހަށިގަނޑުގައި އެންޓިބޮޑީ ނުއުފައްދާކަމެވެ. އަދި ބަލީގައި ހުންއަންނަން ފެށުމުން އެންޓިބޮޑީ އުފައްދާ މިންވަރު އުތުރުވާކަމަށްެވެއެވެ. އަދި 4 ހަފުތާވުމުން އެންޓީބޮޑި އުފެއްދުން ހުއްޓާލާކަަމަށެވެ.
މިއީ ޝައްކާއި ވަހުމު އުފައްދަން އޮތް ކަމެއްނޫނެވެ. މާލޭގައި ރަށަށް ނުދެވި 3 މަހެއްހާ ދުވަހު މާލޭގައި ތާށިވެ ދަތިހާގައި އުޅެފައި އަމިއްލަ ރަށަށް އައުމަށް ލިބޭ ފުރުސަތެއްގައި ރަށަށް އައުމުގައި އެއްވެސް ހުރަހެއް އޮވެގެނެއް ނުވާނެއެވެ. އެއީވެސް އެކަމާއި ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހެކޭ އެއްހަމައަކުން ފުވައްމުލަކުގެ ހިއްސާ އެއްވަރަކަށް އޮތް މީހުންނެވެ. ފުވައްމުލަކުގެ ކޮންމެ މީހަކަށް ރަށަށް އައުމުގެ ނުވަތަ ރަށުގައި ހުރުމުގެ ހައްގު އެހެން މީހުނެކޭ އެއްގޮތަށް ލިބިގެން ވެއެވެ.
ބަލިމަޑުކަމެއްގައި ހިފެހެއްޓުންތަކާއި ދޫތަކަކީ ކަމުގެ މާހިރުންގެ މައްޗައް އެކުލެވޭ ޓީމަކުން ކަނޑައަޅާ ކަންކަމެވެ. ބަލީގެ ހާލަތާއި ރައްކާތެރިަކމުގެ ފިޔަވަޅުތައް އާއްމު މީހާއަށްވުރެ އެތައް ގޮތަކުން ފުޅާކޮށް ފުންކޮށް އެމީހުން ވިސްނާނެކަން ގަބޫލުކުރަން ޖެހެއެވެ. އެމީހުންނަށް އިތުބާރު ނުކުރެވޭ ކަމަށްވާނަމަ މިފަދަ ކަންކަމުގައި އިތުބާރުކުރެވޭނީ ކާކަށް ކޮން ގޮތަކުން ބާއެވެ؟
ކަރަންޓީނަށް ރަށަށް މީހުން އަންނާތީ ކަންބޮޑުވާމީހުން ކަރަންޓީނު ކުރެވޭ މީހުނެކޭ އެއްގޮތަށް އެމީހުންގެ ގޭގައި ތިބުމުން އެ ކންބޮޑުވުން ނިމުމަކަށް އައީއެވެ.
ދެން އޮތީ ކަރަންޓީނަށް އަންނަ މީހުން ކަރަންޓީނުގެ އުސޫލާއި އެއްގޮތަށް އުޅެންވެސް ޖެހޭނެއެވެ. ނުއުޅޭ ފަރާތްތައް ކަމާއި ބެހޭ ފަރާތަށް ރިޕޯރޓު ކުރައްވާށެވެ. ހައްލުކުރުމަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބު ވެސް ލިބެން ޖެހޭނެއެވެ.
ހަމަ އަހާލާހިތްވަނީ ހޯމް ކަރަންޓީނަށް މީހުން ގެނައުމާއި ދެކޮޅަށް ވާހަކަ ދައްކަނީ އެބުނާ ބަންބުކޭލު ކަރުގަނޑުން ދުޅަބައްޔަށް ބޭސްކުރަން ޖެހޭ ފާޑުގެ މީހުން ހެއްޔެވެ؟
ޚިޔާލުތައް