ފުވައްމުލައް ސީޓީއަށް އިތުރު ވެކްސިން ގެންނަން ޖެހޭ އަދި ވެކްސިން ޖެހުން ހަލުއި ކުރަން ޖެހޭ

ކޮވިޑް-19 ވެކްސިން ޖެހުން ފުވައްމުލައް ސިޓީ
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖެހުމުގެ ސްޕީޑު ހުރީ ވަރަށް ލަސްވެ ‘ފިނިހަކަ’ ދުވެއްޔެއްގައި ކަމަށް ދެކެމެވެ. މިކަން ހާމަވީ ފުވައްމުލަކު ހޮސްޕިޓަލުން އާއްމުކޮށްފައިވާ މައުލޫމާތު ތަކުންނެވެ. އެގޮތުން އެ ހޮސްޕިޓަލުން މިހާރު ކަނޑައަޅާފައި ވަނީ ދުވާލަކު 20 މީހުންނަށް ވެކްސިން ޖެހުމަށެވެ.

އިއްޔެގެ ނިޔަލަށް ފުވައްމުލައް ސިޓީގައި 283 މީހުންގެ ގަޔަށް ވެކްސިން ޖަހާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ވުމާއެކު ބާކީ މިހާރު ހުންނާނެ ކަމަށް ބެލެވެނީ 70 ވަރަކަށް ޑޯޒް ވެކްސިނެވެ. ނުވަތަ 7 ފުޅި، ކޮވިޝިލްޑެވެ. މިހާރު ކަނޑައަޅާފައިވާ ރޭޓުން، ދުވާލަކަށް 20 މީހުންނަށް ވެކްސިން ދޭނަމަ އަދި އިތުރު 4 ދުވަސް މިހާރު ހުރި މަދު ވެކްސިން ކޮޅު ޖަހަން ވެސް ހޭދަ ވާނެއެވެ. ފުވައްމުލައް ސިޓީއަށް ލިބިފައިވާ ވެކްސިން މަދުވުމާއި އެކު ފުވައްމުލައ ސިޓީގައި ވެކްސިން ޖަހަނީ 80 އަހަރުން މަތީގެ މީހުންނާއި އެންދުމަތިވެފައިވާ މީހުންނަށެވެ.

އައްޑޫ ސިޓީގައި އިއްޔެގެ ނިޔަލަށް 1647 މީހުންނަށް ކޮވިޑް-19 ވެކްސިން ދެވިފައިވާއިރު ހިތަދޫގައި އެކަނިވެސް 1306 މީހުންނަށް ވެކްސިން ދީފައި ވެއެވެ. މިއީވެސް ކޮވިޑް-19ގެ ކޮމިއުނިޓް ސްޕްރެޑް އޮތްތަނެކެވެ.

އަލުން ވެކްސިން ޖަހަން އިއްޔެ ފެށިއިރު، އިއްޔެ ޖަހާފައި ވަނީ 24 މީހުންނަށެވެ. މިއީ ނިސްބަތުން ވަރަށް މަދު މިންވަރެއް ކަމަށް ދެކެމެވެ. ވެކްސިން ޖެހުމަކީ އެހާ ބޮޑު ކަމެއްކަމަށް އާއްމު ގިނަބަޔަކު ގަބޫލެއް ނުކުރާނެއެވެ. މިވެކްސިން ޖެހުމުގައި އިތުރު ރަޖިސްޓްރޭޝަން މަރުހަލާއަކާއި އިންޖެކްޝަނުން ވެކްސިން ޖެހުމަށްފަހު މަޑުކުރަން ޖެހޭ 15 ވަރަކަށް މިނިޓް އޮތަސް މިއީ މާބޮޑަށް ވެސް ލަސް ސްޕީޑެއް ކަމަށް ދެކެމެވެ.

ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަކު، ވެކްސިން ޖެހުން ހަލުއި ސްޕީޑުގައި ކުރިޔަށް ގެންދެވޭނެކަން މާލެ ސިޓީ އާއި ކައިރީގައި އޮތް އައްޑޫ ސިޓީގެ ވެކްސިން ޖެހުމުގެ ސްޕީޑަށް ބަލާލުމުން އެނގެއެވެ. ދެން އޮތީ ފަންނީ މީހުން މަދުވުމުގެ މައްސަލައެވެ. މިދުވަސްވަރު ފުވައްމުލަކު ހޮސްޕިޓަލުގެ އޯޕީޑީ ހުއްޓާލެވިފައި ވުމުން ޑޮކްޓަރުންނާއި ކްލިނިކަލް އެސިސްޓެންޓްގެ މަސައްކަތް ކުޑަ ކުރެވިފައިވާނެ ކަމަށް ބެލެވެއެވެ. ދެން ތިބީ ވެކްސިން ޖަހައިދޭނެ ނަރުހުންނައި ހެލްތު ވޯކަރުންނެވެ. މިދުވަސްވަރު ޑިއުޓީ އަދާކުރާ ނަރުހުން ނޫން ނަރުހުންގެ މަސައްކަތް ވެސް ހޮސްޕިޓަލުގެ ތެރެއިން މަދުވާނެ ކަމަށް ބެލެވެއެވެ. އަދި ހެލްތުވޯކަރުންގެ މަސައްކަތް އެހެން މަސައްކަތްތައް ލުއިވާނެ ކަމަށް ދެކެމެވެ. އިތުރުވާ އިދާރީ މަސައްކަތަށް ވޮލަންޓިއަރުން ޓީޗަރުންގެ ތެރެއިންނާއި އާމުނެގ ތެރެއިން ލިބޭނެކަމަށް ދެކެމެވެ. ވުމާއެކު ވެކްސިން ޖެހުމުގެ މަސައްކަތް ހަލުއިކޮށް އަވަހަށް ނިންމާފައި އިތުރު ވެކްސިން ހޯދުމަށް ކުރާ މަސައްކަތް ބާރުކުރަން ވެއްޖެއެވެ.

ވެކްސިންގެ ބޯޑު ސްޓޮކެއް ރައްކާކުރާނެ ރެފްރީޖެރޭޓަރު ހޮސްޕިޓަލުގައި ނެތްނަމަ ފުވައްމުލަކު ކައުންސިލް މެދުވެރިކޮށް ހޯދިދާނެއެވެ. ނޫނީ ހެޔޮއެދޭ ފަރާތްތަކުން ވެސް ހޯދިދާނެއެވެ.

ފުވައްމުލަކުގެ ބޮޑު އާބާދީއަށް ލިބިފައި ވަނީ ކިތައް ޑޯޒް ވެކްސިން ކަމެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި ފުވައްމުލައް ސިޓީއަށް ލިބިފައިވަނީ 350 ޑޯޒްގެ ވެކްސިނެވެ. ވުމާއެކު އަލުން ވެކްސިން ލިބެންދެން މިހާރު ހުރި ވެކްސިން ޖެހުމުގެ މުއްދަތު ދިގުދަންމާލުމުގެ މާނައެއް ނެތެވެ!

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ރާއްޖެއަށް 100،000 ޑޯޒް ލިބިފައިވާއިރު މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށްރަށަށް އިތުރު ވެކްސިން އަވަހަށް ފޯރުކޮށް ދިނުން މުހިންމެވެ. ވެކްސިން ޖެހުމުގެ  ދުނިޔޭގެ 5 ވަނާގައި ދިވެހިރާއްޖެ އޮތަސް، ފުވައްމުލައް ސިޓީ އޮތީ ރާއްޖެއިން ފުލުގައެވެ. ވުމާއެކު އިތުރު ވެކްސިން ފުވައްމުލައް ސިޓީއަށް ހޯދަން ކުރާ މަސައްކަތް އިތުރުކުރަން ޖެހެއެވެ. އަދި ވެކްސިން ޖަހާ ސްޕީޑް މިހާރަށް ވުރެ ހަލުއި ކުރަން ވެސް ޖެހެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments