ކޮވިޑް ރޯގާ އާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުން އަމަލުކުރަމުން އައިއުސޫލުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. މިބަދަލުތަކުގެ ތެރޭގައި ގޭގެއަށް ގޮސް ސާމްޕަލް ނަގައިދިނުމުގެ މަސައްކަތް ހުއްޓާލުމާއި ކޮވިޑް ރޯގާއަށް ޕޮޒިޓިވްވާ މީހުން ކަރަންޓީނުން ދޫކުރުމުގެ އުސޫލަށްވެސް ބަދަލުތަކެއް ވަނީ އައިސްފައެވެ. މިބަދަލުތައް ގެނެސްފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން 1 ފެބްރުއަރީ 2022 ވަނަ ދުވަހު ނެރުނު އިއުލާނާއި ގުޅުގެން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކޮވިޑް ރޯގާ އާއި ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުން އަމަލުކުރަމުންދާ އުސޫލަށް މިގެނެވުނު ބަދަލާއިއެކު މިހާރު ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލް ނެގުމާއި، ރިލީޒް ސާމްޕަލް ނެގުމާއި، ރެންޑަމް ސާމްޕަލް ނެގުމާއި އެކްޓިވް ސަވައިލެންސް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 އިން ފެށިގެން 18:00 އާއި ހަމައަށް ހޮސްޕިޓަލްގެ ކުރީގެ އިމާރާތުގައެވެ.
އަދި، ޕޮޒިޓިވްވާ މީހުން ކަރަންޓީނުން ދޫކޮށްލުމަށް ހަމަޖެހިފައިވަނީ ސާމަޕަލް ނެގި ދުވަހުން ފެށިގެން 8 ވަނައަށްވާ ދުވަހު ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމައެވެ.
ކޮވިޑް ރޯގާގެ އަލާމާތް ހުންނަ ފަރާތްތައް ކަރަންޓީން ނިމޭނީ ބަލީގެ އެއްވެސް އަލާމާތެއް ނެތި 24 ގަޑިއިރު ހަމަވުމުންނެވެ.
ނެގެޓިވް ނަތީޖާ ބޭނުންވާ އޮފީސްތަކާއި ސްކޫލްތަކުގެ ވަޒީފާއަށް ނުކުތުމުގެ ކުރިން އެންޓިޖެން ޓެސްޓު ހެދުމަށް 7930188 އަށް ގުޅައި ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ޚިޔާލުތައް