ފުވައްމުލަކު ސިޓީއިން ކޮވިޑް ޓެސްޓް ނެހެދީތީވެ ކަންބޮޑުވުން ފާޅުކޮށް އެކަންސާފުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ހުށަހަލުއްވައިފިއެވެ. ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރުގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހަށް އާދަމް ޝަރީފް އިއްޔެ ހުށަހެޅުއްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅައިގެން، ފުވައްމުލަކުގެ ސިޓީގައި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމު މިހާ ގިނަދުވަސްވެގެން ދިޔައިރުވެސް ހަމަޖެހިފައިނުވަނީ ކީއްވެގެންކަން ސާފުކުރުމަށާއި ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމު ފުވައްމުލަކުގައި ހަމަޖެހޭނެ ތާރީޚެއް ސާފުކޮށްދިނުމަށެވެ.
ފުވައްމުލަކު ސިޓީ އަކީވެސް ސަރުކާރުން ސިޓީއެއްގެ ދަރަޖަދީފައިވާ ސިޓީ އަކަށްވެފައިވީ ނަމަވެސް ފުވައްމުލަކު ރައްޔިތުން ޕީސީއާރު ޓެސްޓް ހަދަން ސާމްޕަލް ފޮނުވަން ޖެހެނީ އެހެން ސިޓިއަކަށްވުމުން އެސިޓީއިން ނަގާ ސާމްޕަލްގެ ނަތީޖާލިބެން ތިން ހަތަރު ދުވަހު މަޑުކުރަން ޖެހޭތީވެ އެކަމުގެ ކަންބޮޑުވުންވެސް އާދަމް ޝަރީފްކުރެއްވިއެވެ.
ފުވައްމުލަކު ސިޓީގައިވެސް މިވަގުތު ގިނަ އަދަދަކަށް ޓުއަރިސްޓުން ތިބުމާއިއެކު އެފަދަ އިންތިޒާމްތައް ހަމަޖެހިފައި ނެތުމުން އިގްތިސާދީ ގޮތުންނާއި މާލީ ގޮތުންވެސް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިވެއެވެ. ފުވައްމުލަކުން އާންމުގޮތެއްގައި ދުވާލަކު ނަތީޖާ ލިބެނީ 100 ސާމްޕަލް އާއި 200 ސާމްޕަލްއާއި ދޭތެރޭ އަދަދަކަށެވެ. ބައެއް ދުވަސްދުވަހު 100 ވެސް ހަމަނުވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރާ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް ސާމްޕަލްތަކުގެ ނަތީޖާ ލިބުން ލަސްވުމުގެ ޝަކުވާއަކީ ފުވައްމުލަކު ރައްޔިތުން ކުރިންވެސް ކޮށްފައިވާ ޝަކުވާއެކެވެ. އެކަމާއި ގުޅިގެން، ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ޕޮއިންޓް އޮފް ކެއާ މެޝިން ބަހައްޓައި ޓެސްޓްކުރަން ފަށަން މިދިޔަ ޖުލައިމަހު ތައްޔާރުވެފައިވާ ކަމަށްވެސް ފުވައްމުލަކު ހޮސްޕިޓަލުން ކުރިންވަނީ ބުނެފައެވެ. އެ ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓް ހެދޭ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ބެހެއްޓި އެ މެޝިން ބޭނުންކޮށްގެން ދުވާލަކަށް ހެދެނީ 80 މީހުންގެ ޓެސްޓެވެ. އެއީ ފުވައްމުލައް ސިޓީއިން ދުވާލެއްގެ މައްޗަށް ޓެސްޓްކުރާ ވަރަށް ވުރެން މާބޮޑުތަން ވެސް މަދު އަދަދެކެވެ.
ޚިޔާލުތައް