ކޮރޯނާ ވައިރަސްގެ އާވޭރިއަންޓާއިއެކު ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ރޯގާ ފުވައްމުލަކުގައިވެސް ހަލުވިކަމާއިއެކު ފެތުރެމުންދާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރި ކޮވިޑް 19ގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން، މިދިޔަ ހަފުތާގެ 17 ވަނަ ދުވަހުން ފެށިގެން ކޮވިޑް ރޯގާ އަށް ޕޮޒިޓިވް ވާ 7 ދުވަހުގެ އެވްރެޖް ނިސްބަތް 3.76 ގައި ހުރި ނަމަވެސް އެއަދަދު ވަނީ 28.51 އިންސައްތައަށް މައްޗަށް ޖެހިލާފައެވެ. އެއީ ގާތްގަޑަކަށް ކޮވިޑް ރޯގާ އަށް ޓެސްޓްކުރާ ނިސްބަތުގެ ކޮންމެ 4 މީހަކުން އެކަކަށްވުރެ މަތީ އަދަދެކެވެ.
ކޮވިޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެރޯގާ ޖެހިފައިވާ 203 މީހުން ފުވައްމުލަކުގައި ތިބި ކަމަށް އިއްޔެ އަޕްޑޭޓް ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ތަފާސް ހިސާބުތައް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުގެ ވެބްސައިޓްގައި ހާމަކޮށްފައިވެއެވެ.
ކޮވިޑް ރޯގާ އާއި ގުޅިގެން ފުވައްމުލަކުގައި މިވަގުތު އަޅާފައިވާ ފިޔަވަޅުތަކަކީ ހަމައެކަނި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ފިހާރަ، ސައިހޮޓާ ރެސްޓާރަންޓްފަދަ ތަންތަނުން ހުޅުވައި ޚިދުމަތް ދިނުމެވެ.
ފުވައްމުލަކު ސިޓީގައި ކޮވިޑް ހަލުއިކަމާއިއެކު ފެތުރުނަމަވެސް ރައްކާޓެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ މާސްކް އެޅައިގެން އުޅުންވެސް މަދުކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ހަލުވިކަމާއިއެކު ކޮވިޑް ރޯގާ ފެތުރުނަމަވެސް، މިރޯގާގައި މިދުނިޔެދޫކުރާ މީހުންގެ ނިސްބަތް ދަށްކަން ފާހަގަކުރެއެވެ. އެގޮތުން، މިހާތަނަށް މިރޯގާ 120168 މީހުންނަށް ޖެހިގެން ނިޔާވެފައިވަނީ އެންމެ 270 މީހުންނެވެ. މިއީ ބައިނަލް އަގްވާމީ ނިސްބަތުންވެސް ދަށް ރޭޓެކެވެ. އަދި މިރޯގާގައި ގިނައިން ނިޔާވެފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކުގައި ފަރުވާކުރަމުންދާ މީހުންނެވެ. މިވަގުތު ރާއްޖޭގައި މިރޯގާ ޖެހިފައިވާ 15721 މީހުން ތިބިއިރު އިއްޔެ އެކަނިވެސް މިރޯގާއަށް 2707 މީހުން ޕޮޒިޓީވްވެފައިވެއެވެ.
ކޮރޯނާ ރޯގާގެ ބަލިމަޑުކަމާއި ދުނިޔެ ކުރިމަތިލާފައިވަނީ 2019 ވަނަ އަހަރު ނިމެންދަނިކޮށެވެ. ފާއިތުވީ 2 އަހަރަށްވުރެ ގިނަ ދުވަހަށް މިރޯގާގެ ބަލިމަޑުކަން ދެމިގެން ދިއުމާއި ގުޅިގެން ބައިނަލްއަގްވާމީ އިގްތިސާދީ ބަލިމަޑުކަމަކާއި ކުރިމަތިވެފައެވެ.
ޚިޔާލުތައް