A wide advertisement which will be shown on all devices. (700 x 100)

ޓެކްސް އިތުރުކުރަންވާނީ ސިޔާސީ ޚަރަދުތައް ކަނޑާލުމަށްފަހު

އަޅުގަނޑު ދައްކަން މިއުޅެނީ ދިވެހިރާއްޖޭގެ ބައިތުލްމާލަށް ކެތްނުވެގެން ޓެކްސް ބޮޑުކުރުމަށް ނިންމި ވާހަކައެއްނޫނެވެ. މީގެ 800 ވަރަކަށް އަހަރު ކުރިން މުސްލިމުންގެ އުއްމަތަށް ދިމާވި އެންމެ ބިރުވެރި އެއްހާދިސާ ކަމުގައި ހިމެނޭ ތަތާރުން މުޅި އިސްލާމީ ޚިލާފަތް ފުޑުފުޑުކުރަމުން ގޮސް މިސްރަށް ހަމަލާދޭން އުޅޭތީވެ މިސްރުގެ މަމްލޫކު ރަސްގެފާނު ނިންމެވި ނިންމުމާއި ގުޅިގެން މިސްރުގެ އެންމެ އިސްފޑިޔާރު އަދި މަޝްހޫރި އިލްމުވެރިޔާ އަލް އިއްޒު އިބުނު އަބްދުއްސަލާމް (ބައެއް ފަހަރު އިއްޒުއްދީން އަބްދުއްސަލާމުގެ ނަމުންވެސް މުޚާތަބުކުރެވިފައިވާ) ގެ ނިންމެވުމުގެ ވާހަކައެވެ.

އޭރު މުސްލިމު އުއްމަތް ދެކެމުންދިޔައީ އޭގެކުރިން ދުވަހަކުވެސް ނުދެކޭފަދަ ހިތްދަތި ދުވަސްތަކެކެވެ. ތަތާރުން އައިސް ބަޣުދާދު ސުންނާފަތިކުރުމަށްފަހު ހަލަބާއި ދިމިޝްގް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔައެވެ. އިސްލާމީ އުއްމަތުގައި ފުރަތަމަ ފަހަރަށް ޚަލީފާއެއްނެތްކަން އިހުސާސްވާން ފެށިއެވެ.

ތަތާރުން ދިމިޝްގަށްފަހު އަމާޒުހިފާނީ މިސްރަށްކަން މިސްރުގެ ރަސްގެފާނު ފާތިހު ގުތޫޒަށް ކަށަވަރުވިއެވެ. އެހެންކަމުން، ތަތާރުންނަށްވުރެ ކުރިން ގުތޫޒު ހަގުރާމައަށް ތައްޔާރުވިއެވެ. މިސްރުގެ ބައިތުލްމާލުގައި ހަގުރާމައަށް އެކަށޭނެ ބަޖެޓެއްނެތެވެ. ހަގުރާމައަށް ބޭނުންވާ ހަގުރާމަވެރި ޒަމާނީ (އެޒަމާނުގެ) ހަތިޔާރާއި ނުލައި އެފަދަ ވަރުގަދަ ލަޝްކަރަކާއި ކުރިމަތިނުލެވޭނެކަން ގުތޫޒުއަށް ރަގަޅަށް އެގެއެވެ. އެހެންކަމުން، އެކަމަށް ބޭނުންވާ ފައިސާ ހޯދާނެގޮތަކާއިމެދު މަޝްވަރާކުރުމަށްފަހު ގުތޫޒު ނިންމެވީ ޓެކްސް އިތުރުކުރުމަށެވެ.

ގުތޫޒުގެ މިނިންމެވުމާއި ދެކޮޅު ހައްދަވައި އަލް އިއްޒު އަބްދުއްސަލާމް ވިދާޅުވީ ވަރުވާ ނެގުމުގެކުރިން ބައިތުލްމާލުން ޚަރަދު ކުރުމަށާއި އެވަރުން ނުފުދިއްޖެނަމަ ދައުލަތުންގެ ބޮޑުންގެ ހަރުމުދަލާއި ފައިސާއިން ޚަރަދުކުރުމަށް ފަހު ނޫނީ ޓެކްސް އިތުރުކޮށްގެން ނުވާނެ ކަމަށް ފަތުވާ ނެރުއްވިއެވެ.

އާދެ! ނަތީޖާއަކީ ކޮބައިތޯއެވެ. ޓެކްސް އިތުރުކުރަން ނުޖެހުމެވެ. ދައުލަތުގެ ޚަރަދުކުޑަކުރިއެވެ. އެހެންކަމުން، އާންމުންގެ އަތުން އިތުރު ޓެކްސްއެއް ނެގުމަކާއި ނުލާ އެހަގުރާމައަށް ތައްޔާރުވެވުނެވެ. ނަތީޖާވެސް ފޮންޏެވެ. ބަލިނުކުރެވޭނު ކަމަށް ބަޔަކު ގަބޫލުކުރި ތަތާރުންގެ ލަޝްކަރު ބޮޑު ބައްޔަކުން ބަލިކޮށް މުސްލިމުން ނަސްރާއި ކާމިޔާބު ހޯދިއެވެ. މިއީ އިސްލާމީ ތާރީޚުގައި ލިޔެވިފައިހުރި ވާހަކަތަކެވެ.

މިއަދު އަޅުގަނޑުމެންގެ ހާލަތު ހުރީ ކިހިނެތްތޯއެވެ. އަންނަ އަހަރު ޓެކްސްތައް ބޮޑުކުރުމަށް ނިންމާއިރު ދައުލަތުގެ ޚަރަދު އިތުރުކުރުމަށްވެސް ވަނީ ބަޖެޓްކޮށްފައެވެ. މިއަހަރު މިހާތަނަށް ކުރި ޚަރަދުވެސް ވަނީ އިތުރުވެފައެވެ. ސިޔާސީ އެއްވެސް މަގާމެއް މަދެއްނުކުރެއެވެ. ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ މަދެއްނުކުރެއެވެ. ނުވިތާކަށް ސަރުކާރު ކުންފުނިތަކުގެ ހޭދަވެސް ވަނީ ސިޔާސީ މަންފާތަކަށް އިތުރުކޮށްފައެވެ.

ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް ވަޑައިގަތުގެ ކުރިން ދެއްވި އިންޓަވިއުގައި ވިދާޅުވީ އޭރުގެ (ކުރީގެ ސަރުކާރުގެ) ސިޔާސީ މަގާމުތައް ގިނަކަމުގެ ވާހަކައާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެހާ ސިނަ ސިޔާސީ މަގާމުތައް ނުއުފައްދަވާނެކަމަށެވެ.

އެހެންކަމުން، ފާތިހު ގުތޫޒު ހެއްދެވި ގޮތަށް ސިޔާސީ ޚަރަދުތައް ކުޑަކުރައްވަން އަދިވެސް ނުވަނީތޯއެވެ. ރައްޔިތުންގެ ވެރިކަމެއްކަމަށްވާނީ ރައްޔިތުންގެ އަތުން ނަގާއަދަދު ނަގާ އަދަދު (ޓެކްސް) ބޮޑުކުރުމުގެ ކުރިން ސިޔާސީ ހޭދަކުޑަކަކުރެއްވިއްޔާއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !