A wide advertisement which will be shown on all devices. (700 x 100)

މާސް ކޮލަމް: އީދު ފެންކުޅި – ބަދަލުވަމުން އަންނަ އިޖުތިމާއީ ކުޅިވަރެއް

އީދު ކުޅިވަރު ކުލަ މަޖާ 1444-މެލޭޝިއާ-ދިވެހިން

އީދު ފެންކުޅިއަކީ ޒަމާނުއްސުރެ ފުވައްމުލަކު މީހުންގެ މެދުގައި އީދުގެ އުފަލުގައި ކުރަމުން އަންނަ ކަމެކެވެ. ނުވަތަ ދިވެހިންގެ ދުވަސްވީ އާދައެކެވެ.

މީގެ 40 ވަރަކަށް އަހަރު ކުރިން އަޅުގަނޑު ހަނދާން ހުންނަން ފެށިއިރު ވެސް އީދާއި ގުޅުވައިގެން ފުވައްމުލަކުގައި ފެންކުޅި ކުޅުން އޮވެއެވެ. އޭރު ފެން ޖަހައި އުޅުނީ “އޯޑި”، “ބާލިދީ”، “އުނދުޅި”، ތަށި ފަދަ އެއްޗެއްސަށް ފެންނަގައި، އެފެން އެހެން މީހުން ގަޔަށް އަޅައިގެން ނުވަތަ ގަޔަށް އުކައިގެން ނެވެ.

އެދުވަސްވަރު ފެންކުޅި ކުޅުމުގައި ބަޮޑަށް ތަފާތުކުރެވިފައި އޮތީ އެކި ދަރަޖައިގެ މީހުންގެ މެދުގައެވެ. އެގޮތުން ވެރިންނާއި އިސް މީހުންގެ ގަޔަށް ޖަހައި އުޅުނީ “މާފެން”، އަތަރު ނުވަތަ ސެންޓް އަޅަފައިވާ ފެން، ވާރޭފެން ފަދަ މީރުވަސް ދުވާފެން ނުވަތަ ސާފު ތާހިރު ފެނެވެ.

އެއް އީދެއްގައި، އަޅުގަނޑު ކުޑައިރު، ގޭގެ “ފެޅަފި ދޮރެ” ކައިރީގައި ހުއްޓާ ފެނުނީ ރަށުގެ ބޮޑު މަގުން (އޯކިޑު މަގު) ހިންގަވާފައި އަތޮޅު ވެރިޔާގެ އެހީތެރިޔާ (އޭރުގެ މަގާމު އެހާ ޔަގީންކޮށް ނޭގޭ)، ފާރޫގު އަހުމަދު ގެއަށް ވަޑައިގަންނަވަނިކޮށް ފަހަތުން އައި ޒުވާން ފުރައިގެ އަންހެނަކު ބިއްލޫރި ތައްޓެއްގައި ހުރި ފެން އަތޮޅުވެރިޔާގެ އެހީތެރިޔާގެ ބޮލަށް އަޅާލިތަނެވެ. ކުއްލިއަކަށް އަތޮޅުވެރިޔާގެ އެހީތެރިޔާ ފަހަތަށް ބަލާލިއިރު އެހިސާބުގެ ޒުވާން އަންހެން ކުއްޖައްކު އެނބުރި ހިގައިގަތީއެވެ. އަތޮޅުވެރިޔާގެ އެހީތެރިޔާ ހިނިތުންވެލާފައި އެނބުރި ގެއާއި ދިމާލަށް ވަޑައިގަތީއެވެ.

އީދު ކުޅިވަރު ކުލަ މަޖާ 1444-މެލޭޝިއާ-ދިވެހިން

ފެންކުޅީގެ ގޮތުގައި ތަފާތު ދަރަޖައިގެ މީހުންނާއި މެދު އޭރު ގެންގުޅުނު އާދަކާދައިގެ ތަފާތުކަން އަޅުގަނޑަށް އެނގުނީ އެ ހާދިސާއިންނެވެ. އެ އަންހެން ކުއްޖާ އެނބުރި އައިސް އޭނާގެ ގްރޫޕްގެ ފިލާތިބި އެހެން އަންނުންނާއި އެކު ދެއްކި ވާހަކަ އަޅުގަނޑަށް އިވުނެވެ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ ބޮލަށް އެ އަންހެންކުއްޖާ އެޅީ ހުވަނދުމާ ފެންތައްޓެއް ކަމަށް އެމީހުންގެ ވާހަކަތަކުން އެނގުނެވެ. އަދި އިސްމީހުންގެ ގަޔަށް ޖެހުމަށް، ފެނަށް އަތަރު އަޅައި މީރުވަސް ޖައްސާ ވާހަކަ އާއި ވާރޭ ފެން ބޭންކުރާ ކަންވެސް އެނގުނެވެ. އޭރު ވާރޭފެނަކީ އެދުވަސްވަރު  ރައްކާކޮށްގެން ޚާއްސަކޮށް ބޯން ބޭނުން ކުރި ތަދު ފެނެކެވެ.

ނަމަވެސް އާއްމު މީހުންގެ ގަޔަށް ޖަހަމުން އައީ އާދައިގެ ވަޅުފެނެވެ.

އެއިގެ އެތައް އަހަރެއް ފަހުން އަޅުގަނޑުގެ އުމުރުން ޓީނޭޖު އަދި ވިހީގެ ކުރީކޮޅުގެ ދުވަސްވަރު ފެންޖެހުމަށް ބަދަލުތަކެއް އައިކަން ފާހަގަ ކުރެވެއެވެ. އެގޮތުން ފެން ޖެހުމުގައި ގެންގުޅެމުން އައި އެކި ދަރަޖައިގެ މީހުންގެ ގަޔަށް ތަފާތު ފެން ޖެހުން ބަދަލުވަމުން ދިޔައެވެ. ކޮންމެ އީދަކު ވެސް ފެންޖެހުން ކުރިޔަށް ދިޔައިރު އިތުރުވި ކަމަށް ފާހަގަވި އެއްކަމަކީ މީހުން ނުވަތަ ޒުވާނުން ގުރޫޕް ހަދާފައި ގޮސް އެހެން މީހުން، ދެ ޖިންސު ވެސް ހިމެނޭގޮތަށް، ގޮވައިގެން ގޮސް ވަޅަށް ލުން ނުވަތަ މޫދަށް ލުމެވެ. އީދު ފެންކުޅީގައި ރުހިގެން ފެންޖެހެން ނުދާ ކުދިން ގަދަކަމުން ވެސް ނަގާ ހިއްލާލައިގެން ގޮސް ވެސް ފެންޖަހައެވެ. ނުވަތަ ފެންވަޅަށް ލައެވެ. ގިނަ ފަހަރާ އެކަން ފެނި ތަޖުރިބާކުރެވިފައި ވަނީ ގަދަކަމުން ނަމަވެސް ގެންގޮސް މޫދަށް ނުވަތަ ވަޅަށް ލާތަނެވެ.

ދަޑިމަގު އީދު ކުޅިވަރު 1444

މީގެ އިތުރުން ފަހުން ފެން ޖަހަން ގެންގުޅުނީ ތަންކޮޅެއް ބޮޑެތި ކަންވާރުތަކެކެވެ. އެގޮތުން ބާލިދީ އާއި “ތަށިގަނޑު” ތަކުގައި ފެންޖަހައި އުޅުނެވެ. އަމާޒަކަށްވެފައި އޮތީ ޖަހާ ފެނުން އެމީހާ (ފެން ޖެހޭ މީހާ) އެއްކޮށް ތެއްމާލުމެވެ. ނުވަތަ އެއްކޮށް ތެމޭ ވަރަށް އެއްފަހަރާ ފެންޖެހުމެވެ. އެއީ ބައިސިކަލުގެ ޒަމާން ވެސް މެއެވެ. ގޭގެ ފުޅަފި ދޮރުން (ގޭޓް) އެތެރޭގައި ފޮރުވާފައި ބޮޑު ފެން އެއްޗެއް ބަހައްޓާއިގެން ފާރައަށް ތިބެ މަގުން ހިނގާފައި އާއި ބައިސިކަލުގައި ވެސް ހުރަސްކުރާ ކޮންމެ މީހެއްގެ ގަޔަށް ވެސް ފެން ބާލިދީ އެއް އަމާޒުކޮށްލާނެއެވެ. އެއް ފަހަރުން އަމާޒު ނުވެއްޖެއިޔާ ދެވަނަ ފަހަރު ފަހަތުން ދުވެފައި ގޮސް ގެން ވެސް ފެންޖަހައި އުޅުނެވެ.

އަޅުގަނޑުގެ ވެސް ޅަޒުވާން ދުވަސްވަރު ގުރޫޕް ހަދައިގެން އީދު ފެންކުޅި ވަރަށް ބޮޑަށް ކުޅެ އުޅުނީމެވެ. އެތަކެއް ފަހަރަކު އެކިޒާތުގެ ފެން، އެހެން މީހުންނެކޭ އެއްފަދައިން އަޅުގަނޑުގެ ގަޔަށް ވެސް އަމާޒުވެފައި ވެއެވެ. އަދި އަޅުގަނޑު ވެސް އެތައް ބަޔެއްގެ ގަޔަށް ފެން ޖެހީމުއެވެ. ރުހުމާއި ނުރުހުމުގައި ކަމަށް ވެސް ވެދާނެއެވެ. އީދު ކުޅިވަރުގެ ތެރެއިން ޒުވާން އެތައް އަންހެން ކުދިންނާއި ފިރިހެން ކުދިނެއް ވަޅަށް ލީމެވެ. އަދި މޫދަށް ވެސް ލީމެވެ. އެއިން އެއްވެސް ފަހަރަކު އީދު ކުޅިވަރުގެ މަޖާކުރުން ނޫން އެހެން އެއްވެސް ނިޔަތެއް ހިތުގައެއް ނެތެވެ.

ހިސާބުގަނޑުގެ ގޭގެ އެތެރޭގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ފެންކުޅިން ފިލާން ވަދެތިއްބައި ގަދަކަމުން ބޭރަށް ނެރެގެން ގަޔަށް ފެން ބާލިދީ އޮއްސައި ތެންމުމާއި އެގޭގެ ވަޅަށް އެކުދިން އެޅުން (ވަޅަށްއެޅުން ނުވަތަ ވަޅަށް ލުން)ވެސް ހިމެނެއެވެ. އެއީ އެކުދިންގެ މައިންބަފައިން ގެ ކުރިމަތީގައެވެ. ބައެއް ފަހަރު ފިލާތިބޭ ކުދިންގެ މައިބަފައިން، އެކުދިން ތިބޭތަން ބުނެދީގެންނާއި ފިލަންވެގެން ކޮޓަރިއަށް ވަދެ ތަޅުލައިގެން ތިބޭ ކުދިންގެ ބެލެނިވެރިން ތަޅުގދަނޑި ދީގެން ވެސް (އެކަން ކުރުމަށް ހިތްވަރު ދީގެން) އެމީހުން ނަގައިގެން ގޮސް ވަޅަށާއި މޫދަށް ލާފައި ވާނެއެވެ. ނަމަވެސް މަދު ފަހަރެއްގައި ބައެއް މީހުންނަށް މިކަމުގައި ބެލެނިވެރިންގެ ނުރުހުމާއި ކުރިމަތިލާން ޖެހިފައި ވެސް ވެއެވެ. އެކަމަކު ވެސް އެއިން އެއްވެސް ފަހަރަކު އެކަމާއި މައްސަލަޖެހި ކަންބޮޑުވުމެއް ތަޖުރިބާ ކުރެވިފައެއް ނުވެއެވެ.

ގެއެއްގެ ގިފިލި ވަޅަށް ނުވަތަ ބޭރު ފެންބޯވަޅަށް ކުއްޖަކު ލައިފިނަމަ ޖެހިގެން އަންނަ ދުވަހު އަހަރެމެން ގުރޫޕުން އެވަޅެއްގެ ވަޅުދިޔަ ހިއްކައިދީ ސާފުކޮށްދެމެވެ. އެއީ އޭރު ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.

މިކަންތައްތައް ލިމިޓް ކުރެވިފައި (ހައްދު ކަނޑައެޅިފައި) ވަނީ އެއުޅޭ ހިސާބެއްގެ މީހުންނާއި ކުދިންނާއި ހަމަޔަށެވެ. ދުރު ހިސާބުތަކުން ނުވަތަ އެހެން އަވަށްތަކުން އަންނަ މީހުންގެ ގަޔަށް އޮންނީ ހަމައެކަނި ފެން ޖެހުމެވެ. ގިނަ ފަހަރާ އީދު ފެންކުޅީގައި އިސްކޮށް އުޅެނީ އެދުވަސްވަރެއްގެ އެހިސާބެއްގެ ޅަޒުވާނުންވެ.

ކުރީގައި މަދުން ނަމަވެސް ބައިސިލަކުގައި ދަނިކޮށް ފެންޖެހުމުން ބައިސިލަކުގައި ދާމީހާ ބައިސިކަލާއި އެއްކޮށް މަގަށް ވެއްޓިފައި ވެސް ވެއެވެ. އެގޮތަށް ވެއްޓޭ ހާލަތްތަކުގައި ބައެއް ފަހަރު ކުދި އަނިޔާތައް ވެސް ލިބެއެވެ. އެވަގުތު ކޮންމެވެސް ވަރެއްގެ ހިތް ނުތަނަވަސް ކަމެއް ކުރިމަތިވި ނަމަވެސް އެއީ މާބޮޑު ކަމަކަށް ވެގެން މައްސަލަޖެހިގެނެއް ނޫޅެއެވެ.

އީދު ކޫލިވަރު- ފެންޖެހުން – އަވަސް

އެ ދުވަސްވަރުގައި ވެސް ފިލާ ތިބެ ނުރުހުންވާ މީހުން ގަޔަށް “މަސްތެޔޮ” – މިޔަރު މެއިން ހާނާފައި ހުންނަ ތެޔޮ (ވަރަށް ނުބައި ވަސްދުވާ ތެލެއް)، ޖެހުމާއި ޗަކަސް ފެން ނުވަތަ ހަޑިފެން ޖަހައި އުޅުނެވެ. ގިނަ ފަހަރާ އެފަދަ ފެން ޖަހަނީ ރޭގަނޑު ނޫނީ ފިލާ ތިބެގެން ފެންޖަހާ މީހަކު ނޭގޭ ގޮތަށެވެ. އެފަދަ ހާލަަތްތަކުގައި ކިތަންމެ ނުރުހުމެއް އޮތަސް ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. އެއީ އެފަދަ ފެން ޖެހީ ކާކު، ކޮންބައެއް ކަން ނޭގޭތީއެވެ.

އެއިގެ ފަހުން އައީ “ޖޫސްޕެޓީ ކޮތަޅުގައި” ފެންޖެހުމެވެ. އެއް އަތުން ދުރަށް އެއްލާލެވޭ ވަރަށް ފެންއަޅައި އައްސާފައިވާ ފެންކޮތަޅު އެއްލައިގެން ފެންޖެހުމެއެވެ. އެއާއެކު މާގިނަ ދުވަހެއް ނުވެ އެކި ވައްތަރުގެ ކުލަ، ބޮޑަށް ކާކުލަ (ކާތަކެތީގައި ކުލަޖައްސަން ބޭނުންކުރާ ކުލަ) ފެނަށް ގިރައިގެން ކޮތަޅަށް އަޅައިގެން ފެންޖަހަން ފެށިއެވެ. އެއިގެ ބޭނުމެއްކަމަށް ބޮޑަށް ބެލެވިފައި އޮތީ އީދުގައި ފެން ޖަހާފައިވާކަން ފަސޭހައިން އެނގޭގޮތް ވުމެވެ. ބައެއް ހާލަތްތަކުގައި ހެދުމުން އެކުލަ ނުފިލާތީ ފެން ޖެހޭ މީހުންގެ ކަންބޮޑުވުން އިތުރު ވާން ފެށިއެވެ.

މިހާރު ބޮޑަށް ފެނިގެން މިދަނީ ކުލަ ފެން ޖެހުމެވެ. ނުވަތަ ކުލަ ޖެހުމެވެ. އެގޮތުން ކުލަފެން ޖެހުމަށް ބޭނުންކުރާ އާލާތްތައް ވެސް މިވަނީ ބަދަލުވެފައެވެ. އަދިވެސް ޖޫސްޕެޓީ ކޮތަޅާއި ބާޒާރު ކޮތަޅުގައި ފެން ޖަހައި އުޅެއެވެ. ނަމަވެސް މިހާރު އީދަށް ފެން ޖެހުމަށް ގިނަ ޒުވާނުން ބޭނުންވަނީ ފެންބަޑިއެވެ. ކޮންމެ އީދަކާއި އެކު ފިހާރަތަކުގައި ހުންނަ ފެންބަޑިތައް ވިކި ހުސްވެއެވެ. ކުލަ ފެނުގެ އިތުރުން މިހާރު ފުށްކުލަ (ޕައުޑާ ކުލަ) ވެސް ޖަހައި އުޅެއެވެ. އައު ހެދުމުގައި ރީތިވެގެން ހިނގާފައި ދާމީހުންނާއި ސައިކަލުގައި ބުރުޖަހާލަން ދާމީހުން ގަޔަށް ވެސް ކުލަ ފެން އަމާޒުވެއެވެ. ނަމަވެސް ކާރުގައި ދާމީހުން ހުއްޓުވާފައި ފެންޖާހާކަން އަދި އެނގިފައެއް ނުވެއެވެ. ފަހަރުގައި މުސްތަގުބަލުގައި އެކަންވެސް ފެނިދާނެއެވެ.

އީދު ކުޅިވަރު ކުލަ މަޖާ 1444-މެލޭޝިއާ-ދިވެހިން

ނަމަވެސް މިއަހަރު އީދުގެ ކުލަފެން ޖެހުން އަޅުގަނޑު ފާހަގަ ކުރީ އެކަމަށް ބޭނުންވެގެން ތިބި އެހެން މީހުންނާއި އެކު މެލޭޝިއާގެ ދަމަންސާރާގެ “ތަމަން ރިމްބާ ކިއާރާ” ޕާކަށް ގޮސް އެތަނުގައެވެ. ހަރަކާތް އިންތިޒާމުކުރި ފަރާތުން މެލޭޝިއާގައި އުޅޭ ހުރިހާ ދިވެހިންނަށް ބައިވެރިވުމަށް އާއްމުކޮށް ހުޅުވާލިއެވެ. ކުލަ އާއި ފެން ޖެހުމުގައި ބައިވެރިވީ މުޅިންވެސް އެކަމަށް ބޭނުންވެގެން ގޮސްތިބި މީހުންނެވެ. ކުލައާއި ފެން ޖެހީ އެކަކު އަނެކަކުގެ ގަޔަށެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. އަންހެނުންނާއި ފިރިހެނުންވެ. އެ ޕާކްގައި އަޅުގަނޑުމެން ނޫން ވެސް ބައިވަރު މީހުން އުޅުނެވެ. ނަމަވެސް އަޅުގަނޑުމެން ފެންޖަހައި އުޅުނީ އަޅުގަނޑުމެން އަޅުގަނޑުމެންގެ މެދުގައި އެހެން ބަޔަކަށް އުނދަގޫނުވާ ގޮތަށެވެ.

އީދު ފެންކުޅި ބަދަލުވަމުން އައިގޮތް އަޅުގަޑަށް ފެނި ތަޖުރިބާކުރި ގޮތް މި ހިއްސާ ކޮށްލީ މިދުވަސްވަރު މި ކުޅިވަރަށް އައިސްފައިވާ ބަދަލު ހާމަކޮށްދިނުމުގެ ގޮތުންވެ.

ކޮންމެ ކުޅިވަރަކީ އޭގައި ގެއްލުންތަކާއި ފައިދާތަކެއް ވެސް އެކުލެވޭ ކަންކަމެވެ. އެކަމަކާއި ގުޅިގެން އެކްސިޑެންޓްތަކާއި ގެއްލުން ތަކާއި ކުރިމަތިވާނޭ ކަންކަމެވެ. ހިރާސްތައް އެކުލެވޭ މިފަދަ އިޖުތިމާއީ ފޯރީގެ ކަންކަމުގައި އަބަދުވެސް އޮންނަނީ ވަރަށް ނުސާފު އިމެކެވެ. އިމެއް ކަނޑައެޅިއަސް އެއިމަށް އަމަލުކުރޭތޯ ބެލުމަކީ އެހާ ފަސޭހަ ކަމަކަށް ވެސް ނުވާނެއެވެ.

މިފަދަ އިޖުތިމާއީ ކަމެއްގެ ތެރެއިން ހިތާމަވެރި ކަމެއް ދިމާވާއިރަށް އެކަމެއް އެއްކޮށް ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ވެސް ނުދެކެމެވެ. އަދި އެ ދެރަކަމެއްގެ ޒިންމާ ވެރިންގެ ބޮލުގައި އެޅުވުމަކީ އެންމެ ޒިންމާދާރު ގޮތްކަމުގައި ވެސް ނުދެކެމެވެ.

އެގޮތަށް ކަންކަން ހުއްޓުވާނަމަ އިޖުތިމާއީ ގޮތުން ކުރާނެ އެއްވެސްކަމެއް ހުއްދަވެފައި އޮންނާނެ ބާއޭ ވެސް ހިތައް އަރައެވެ؟ ފުޓުބޯޅަ ކުޅެނިކޮށް ފައި ބިންދައިގެން ދެއެވެ. ވޮލީބޯޅަ ކުޅެނިކޮށް އަތް ބިންދައިގެން ވެސް ދެއެވެ. ދުވަނިކޮށް ފަޔަށް ތަދުވެއެވެ. ކުޅިވަރުގެ ކަންކަމުން މިފަދަ އެތައް ކަމަކާއި ކުރިމަތިވެއެވެ. އަދި އާއްމު ދިރިއުޅުމުގެ ކަންކަން ވެސް ހުރީ ހަމަ މިބީދައިން ކަމުގައި ދެކެމެވެ. ގަބޫލުކުރެވެނީ ދެރައެއް ކުރިމަތިވިޔަސް އެއީ ގަސްދުގައި އަނެއް މީހާއަށް ގެއްލުމެއް ދިނުމުގެ ގޮތުން ކުރާ ކަމެއް ނޫންކަމެވެ. ކުޅިވަރުގެ ތެރެއިން ދިމާވާ ހާލަތެއް ކަމެވެ. އަޅުގަނޑުމެން ވިސްނަންވީ އެފަދަ ނުރައްކާތައް އެކުލެވޭ ހާލަތަކަށް ނުގޮސް ވޭތޯއެވެ. ދެރަ ހާދިސާއެއް ދިމާވާއިރަށް އެކަމެއް، ފެންކުޅި މަނާކުރުމަށް ގޮވާލުމަކީ އަދި އެންމެ ރަނގަޅު ގޮތްކަމުގައި ނުދެކެމެވެ.

ދަޑިމަގު އީދު ކުޅިވަރު 1443

ފެންކުޅި ކުޅުމުގައި ވެސް މާހައުލަށް އައިސްފައިވާ ބަދަލާއެކު މުޖުތަމިއުގައި މިހާރުވެސް، ކުރިން ނެތް އިތުރު އިންތަކެއް ކަނޑައެޅިފައިވާކަން މިހާރުގެ ފެންކުޅި އާއި ކުރީގައި ހިއްސާ މިކުރި ފެންކުޅީގެ ދުވަސްތަކާއި އަޅާ ކިޔާލުމުން ސާފުވާނެއެވެ. މިހާރު ގޭގޭގެ ތެރެއަށް ވަދެ މީހުން ގެންގޮސް ވަޅަށް އަޅައެއް ނަހަދައެވެ. އަދި މޫދަށް ލައިވެސް ހަދާތަނެއް ނުފެނެއެވެ. ކުރީގައި އިއްޒަތްތެރިންގެ ގަޔަށް މާފެން ޖެހިއަސް މިހާރު އެންމެންގެ ގަޔަށްވެސް މިޖަހަނީ ކުލަފެނެވެ. ކުރީގައި ބައިސިކަލުގައި ދާމީހާއަށް ފެންބާލިދީ އަމާޒުވިގޮތަށް މިހާރު ސައިކަލުގައި ދާ މީހާއަށް އަމާޒުވަނީ ފެންބަޑިން ނުވަތަ ކޮތަޅުން ކުލަފެނެވެ.

މި ކަންކަމުން ކުރިމަތިވެދާނެ ދެރަ ހާލަތްތައް މުޖުތަމިއަށް ގަބޫލު ކުރެވުމުން އެކަންކަން ވެސް ބަދަލުވެގެން ދާނެ ކަމަށް ދެކެމެވެ. ގަދަ ބާރުން ގަވާއިދުތައް ހަދައިގެން ކަންކަން ބަދަލުކުރުމަށް ވުރެ ރަނގަޅީ މުޖުތަމިއަށް އެކަން ވިސްނިގެން އެކަން ބަދަލުކުރުން ކަމުގައި ދެކެމެވެ.

މިހާރު މިއީ ވަރަށް ބޮޑަށް ބަދަލުވެފައިވާ މާހައުލެއް އޮތް ދުވަސްވަރެކެވެ. އެއާއެކު އީދު ކުޅިވަރުގައި ކުރީގައި އޮތް ނުސާފު އިން އިތުރަށް ހާމަކޮށް ސާފުވާން ޖެހޭކަމަށް ވެސް ދެކެމެވެ. އެކަން ކަނޑައަޅާނީ ރައްޔިތުންހެއްޔެވެ؟ ނުވަތަ ސިޓީ ކައުންސިލުން ހެއްޔެވެ؟

+1
1
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !