އެޑިޓަރުގެ ނޯޓު: މިކަލް ނޫހުގައި އަލުން ވާހަކަ ސީރީސް އެއް ފަށަން މިވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ ހަފުތާއަކު ހޮނިހިރު އަދި ބުދަ ދުވަހު ވާހަކަ ސީރީސްގެ ދަށުން ބައެއް ހުށަހަޅަމުން ގެންދެވޭނެއެވެ. ކިޔުންތެރިންގެ ތަރުހީބަށްބަލައި ދާއިމީ ގޮތެއްގައި ވާހަކަ ހިމެނުމަށް މިކަލް ނޫހުން ވިސްނަމުން އަންނަކަން ހާމަކުރަމެވެ. މިކަމުގައި ކިޔުންތެރިން ޚިޔާލު ކޮމެންޓްގެ ގޮތުގައި ފޮނުވައި ދެއްވުން އެދެމެވެ.
(ހަތްވަނަ ބައި)
ކުރީރޭ ގުޅިއިރު ލަމްޔާ ރޮނީކަން ހަނދާންވެ ފިރިމީހާ ލަމްޔާއަށް ގޯހީ ކީއްވެބާވައޭ ހިތާ ހިތާ ސުވާލުކުރެވުނެވެ. ފަރުހާންއަށް އިދެވުނީ މާބޮޑަށްވެސް އެ ޚިޔާލުގެ ތެރެއަށް ގެއްލިފައެވެ. އެ ހަނދާންވުމުން ލަމްޔާއަށްޓަކައި އެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.
”ހެލޯ!”
އިސްޖަހާލައިގެން އިރުކޮޅަކު ހުރުމަށްފަހު އިސް އުފުލައިލި އިރުވެސް ފަރުހާން ބަލަހައްޓައިގެން އިންތަން ފެނުމުން ލާމަށް ދަމާލަމުން ލަމްޔާ ފަރުހާން އަށް ގޮވައިލިއެވެ. ގެއަށް ވަނުމުގެ ކުރިން ސާރާ ކޮބައިތޯ އަހާލަން ވެސް ބޭނުން ވެގެންނެވެ. ދެންވެސް ލަމްޔާއަށް ފެނުނީ ކަޅި ޖަހާނުލައި ލަމްޔާއަށް ބަލަހައްޓައިގެން ފަރުހާން އިންތަނެވެ.
ލަމްޔާގެ އަޑުން ފަރުހާން ދިޔައީ ސިއްސައިގެންނެވެ.
” ހައި ” ފަރުހާންގެ ޖަވާބުއައީ ކުށެއް ކުރެވުމުން ވަގު ފަޅާއެރުމުން ކުރެވޭ އިހުސާސާއެކުގައެވެ.
”ކޮބާތަ ސާރާ!” ލަމްޔާ އެހީ ސާރާގެ ވާހަކައެވެ.
”އާނނނނ! ތިހެންވެގެންނޭ މިގެއަށް މިއައީ ވެސް. މަންމަ ބުނެގެން…. ސާރާ ހުރީ ރެޑީގަ!”
އަވަސް އަވަހަށް ފަރުހާން ޖަވާބުދިނީ އެގޭ ކުރިމަތީ އިން ސަބަބު ބުނެދިނުމަށެވެ!
”އެހެންތަ! ޚަދީޖާއްތަ ގާތު ބުނެދީ އަހަރެން ދެތިން މިނިޓުން އެބަ ނިކުމެޔޭ! ސާރާ ގޮވައިގެން އަންނާށޭ!”
ލަމްޔާ ޕްލޭން ކޮށްފައި ވަނީ ހިނގާލާފަ ދާގޮތަށެވެ.
”މަންމަ ވަރަށް ބިޒީ ދުވަހެއް! އެހެންވެ އަހަރެން ސާރާ ގޮވައިގެން ދަނީ!…… ސައިކަލުގަ ދޯ ދާންވީ!” ފަރުހާން ދާވާހަކަ ބުނުމުން ލަމްޔާގެ ދެލޯ ބޮޑުވެ ހަދާނެ ގޮތް ހުސްވި ކަހަލައެވެ.
”އަނެއްކާ ތިގޭ ސައިކަލް ސްޓާޓް ކުރެވޭ ދުވަހެއްތަ!” ސަމާސާ ރާގަކަށް ފަރުހާން އެހެން އަހާލުމުން ލަމްޔާ ކަންބޮޑުވެފައި ހުއްޓާވެސް ހެވިއްޖެއެވެ. އެކަމަކުވެސް ހަދާނެ ގޮތަކާމެދު ލަމްޔާ ވިސްނައިލިއެވެ.
އެތައްބަޔަކު ގޮސްއުޅޭ އަތިރިމައްޗަކަށް ފިރިހެނަކާއެކު ދާން އެއްބަސްވުންވީ ލަމްޔާއަށް ވަރަށް އުނދަގޫ ކަމަކަށެވެ. އައިނީ ހުރީ ތައްޔާރަށެވެ. ބައްޕައާއެކު ވެސް ދެން އައިނީ ފޮނުވޭނެ ގޮތެއް ނޯންނާނެއެވެ.
”ލަމް!” ފަރުހާންގެ އަޑުއިވުމުން ލަމްޔާ ދެލޯ ބޮޑުކޮށްގެން ފަރުހާންއަށް ބަލަން ފަށައިފިއެވެ. ލަމްޔާގެ ބެލުމަށް ފަރުވާލެއް ނެތި ފަރުހާން ބުނީ ލަމްޔާ ވިސްނަނީ ކޮންކަމަކާކަން އެނގޭކަމަށާ އޭނައަކީ ގޯސް މީހެއް ނޫންކަން އެންމެނަށް ވެސް އެނގޭނެ ކަމަށެވެ. ލަމްޔާ ބޭނުމިއްޔާ ސާރާ ގޮވައިގެން އެކަނި ހިނގައިދާނެ ކަމަށާ އެކަމާ ހިތްބުރަ ނޫން ކަމަށެވެ. ފަރުހާން ބުނިއެއްޗަކުން ލަމްޔާއަށް ވަރަށް އުނދަގޫވިއެވެ. އެ ހުރި ގޮތަށް އިރުކޮޅަކު ހުރުމަށްފަހު ލަމްޔާގެ ޖަވާބެއް ނުލިބުމުން ފަރުހާން ހިނގައިގަތީ ގެއާ ދިމާއަށެވެ.
”ފަރުހާން!” ލަމްޔާ ގޮވައިލި އަޑު ފަރުހާންއަށް އިވުނީ މެންދަމެއްގެ ހަމަ ހިމޭންކަމުގެ ތެރެއިން މާދުރުން އައި މިޔުޒިކެއްގެ އަޑު ފަދައިންނެވެ. މަޑުކުރިނަމަވެސް ފަރުހާން އެނބުރި ފަހަތަކަށް ނުބަލައެވެ.
”އެބައަންނަން އައިނީ ގޮވައިގެން! އަހަރެމެންނަށް އެކުގައި ދެވިދާނެ! ނަސީބަކުން ސައިކު ވެސް ސްޓާޓް ކުރެވޭ!” ލަމްޔާގެ އަޑުގައިވަނީ ޔަގީންކަމާ ސަމާސާއެވެ.
ރަށުގެ ތުނޑިއަކީ މުޅިރަށުގެ އެންމެން ވެސް ފޫހި ފިލުވާ ހަދާލަން އައިސް ގޮސްވާ ތަނެކެވެ. މިނިވަން ދުވަހާ ދިމާކޮށް ލިބުނު ކުރު ޗުއްޓީގައި އެރަށަށް ވަރަށް ގިނަބަޔަކު އައިސް އެބަ އުޅެއެވެ. އެކަން އެނގެނީ ތުނޑީގެ ވެލިގަނޑުގައި އިށީނދެ ތިބި ޢާއިލާ ތަކާ ޒުވާން ޖޯޑުތަކުގެ ގިނަކަމުންނެވެ.
ފަރުހާން އާއި ލަމްޔާ ސައިކަލް އެއްފަރާތެއްގައި ޕާކު ކުރުމަށްފަހު ހޭޅިފަށުން ހިނގަމުން ދިޔައީ އެމީހުންގެ ކުދިންގެ އިނގިލީގައި ހިފަހައްޓައިގެން ތިބެއެވެ. ތަންކޮޅެއް މީހުން މަދު ހިސާބެއްގައި ކުދިން ގޮވައިގެން ގޮސް އިށީނދެ ހަމަ ޖެހިލުމުން ސާރާއާއި އައިނީ އެކުދިންގެ ކުޅޭ ސާމާން ނަގައިގެން ވެއްޔާ ކުޅުމާ އުޅެގަތެވެ.
ދެމީހުންވެސް އިށީނީ ދެމީހުންގެ ކުދިންގެ ފުރަގަހަށް ވާގޮތަށް ކުދިންގެ ފަހަތުގައެވެ. އެހެން ތިބޭއިރު ލަމްޔާއަށް ވަރަށް ރީތިކޮށް ފަރުހާންގެ މޫނު ފެނެއެވެ.
ހެޔޮވަރު ވަރަކަށް ފަޅާފައިވާ ތުބުޅިއެކެވެ. ބޮލުގައި އޮތް ފަން އިސްތަށިގަނޑު ބޮލެވެ. ރަނގަޅަށް ބަލާލައިފިނަމަ ތުބުޅިއާއި އިސްތަށިގަނޑު ފަރުވާތެރިކަމާއެކު ގެންގުޅޭކަން އެނގޭނެއެވެ. ބުމަ ގަދައެވެ. ލޮލުގެ ކަޅިރަވާގައި ގައިމުވެސް އަނދުންކަހަލަ އެއްޗެއް ހާކާފަކާ ނެތެވެ. އެކަމަކުވެސް ކަޅިރަވަ ރީއްޗެވެ. މޫނުގެ ބައްޓަން ވަރަށް ހިތްގައިމެވެ. ބާމަތި ފުޅާނަމަވެސް މީހާގެ ހަށިގަނޑަކީ ކަސްރަތީ ހަށިގަނޑެކެވެ.
”މިކަހަލަ ރީތި ފިރިހެނުން ކިތަންމެ އަންހެން ކުދިންނެއް ލޯބިވެރިންގެ ގޮތުގައި ގެންގުޅޭނެއެވެ. ހުޒާމް ފަދައިންނެވެ.” އެވަގުތު ލަމްޔާގެ ޚިޔާލަށް އައީ އަނެއްކާ ވެސް ހުޒާމްއެވެ. ހުޒާމަކީ ވެސް އެތައް އަންހެންކުދިންނެއް ޤުރުބާންވާން ތައްޔާރަށްތިބި ފިރިހެނެކެވެ. ބުރުސޫރައިގެ ރީތިކަމުންނެވެ.
ހުޒާމްގެ ސިފަ ލަމްޔާގެ ހިތުގެ ކަނެއްގައި ކޮއްޓާލުމުން ވީ ފޫހިން މޫނު ހުތުރުކޮށްލެވުނެވެ. އަދި ރާޅެއްގެ ހިލަން ނުވާތީ ހުދު ފޮނުކޮޅެއްހާ މިންވަރުވެސް ފެންނަން ނެތް ނޫކުލައިގެ މާކަނޑަށް ނަޒަރު ހުއްޓައިލިއެވެ. އެ ޚިޔާލާ ދުރުވުމަށެވެ.
ލަމްޔާގެ ޙަރަކާތްތައް ނުފެންނަކަމަށް ހަދައިގެން އިން ފަރުހާންއަށް ލަމްޔާ މޫނު އަނބުރާލިތަން ފެނުމުން ހީނލެވުނެވެ. ހަމުގެ ކުލަޔާ ގުޅޭ ޝޯލްއެއް އަޅައިގެން އިން ލަމްޔާގެ މޫނު ހަވީރުގެ މިހިތްގައިމުކަމާ ވަރަށް ގުޅެއެވެ. ލަމްޔާގެ މަތީތުންފަތުގެ މަތީގައި އިންރީތި ރީތި ކަޅުތިލައަށް ފަރުހާންއަށް ބަލަން އެ ވަގުތު އިދެވުނީ ޙައިރާން ވެފައެވެ. އެ ކުޑަ ކުޑަ ސިފައިންވެސް ލަމްޔާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެގެން އެބަދެޔޭ ފަރުހާންގެ ހިތަށް އެރިއެވެ.
ފަރުހާން އިނީ ލަމްޔާއަށް ބަލަހައްޓައިގެން ކަމުގެ އިޙުސާސް ވުމުން އެ ދިމާއަށް މޫނު އަނބުރާލި ވަގުތު ލަމްޔާގެ ލޮލުގައި އަޅައިގަތީ އެމީހުން ތިބި ހިސާބާ ވަރަށް ކައިރިން ހިނގާފައި އަންނަ އައްޒައެވެ. އައްޒައަކީ އެއްކޮށް ސްކޫލަށް ދިޔަ މީހެއްގެ އިތުރުން ވޮލީކުޅުމުގެ ތެރޭގައި ވެސް އެކުގައި އުޅެވުނުމީހެކެވެ. އަނގަ ގަދަކަމާ ވާހަކަ ހަދާލާލެއް ފުރިހަމަ ކަމުން ބައެއްފަހަރު އައްޒަދެކެ ރުޅި އާދެވިފައި ވެސް އެބަހުއްޓެވެ. ފަރުހާންއާ އެކު އިނދެވުނު މިވަގުތު އައްޒައަކީ އެންމެ ބައްދަލުކުރަން ލަމްޔާ ބޭނުން ނުވާ މީހާއެވެ. ކިތަންމެ ވަރަކަށް ނުފެންނަ ކަމަށް ހެދިގެން އިނަސް އައްޒައަށް ލަމްޔާ ފެނި އުފަލުން ހަޅެއްލަވައިގަތެވެ.
”ހެއި ! ލަމް ! ހުޒާމްއާ ދެމީހުން؟…. ރަށަށް ބަދަލުވިފަހުން އެއްވެސް ޚަބަރެއް ވެސް ނުވެ!… ކިހިނެއް ތި އުޅެނީ… ދެމީހުން މިހާރު ދެން އެއްގަލަކަށް އެރީތަ! ”އާދައިގެ ވަރަށްވުރެ ބާރަށް ވާހަކަ ދައްކަމުން އައިސް އައްޒަ ހުއްޓުނީ ފަރުހާންގެ ފުރަގަހުންނެވެ. ލަމްޔާ އިނީ ފަރުހާންގެ މޫނަށް އެއްފަހަރު އައްޒަގެ މޫނަށް އެއްފަހަރު ނަޒަރު ހިންގާލަހިންގާލައެވެ. އައްޒަގެ ފަރާތުން މި އިވުނު ވާހަކަތަކާމެދު ފަރުހާން ހީކުރާނެ އެއްޗަކާމެދު ވިސްނާލުމުން އަރުތެރެ ބެދި ވާހަކަ ދައްކަން އުނދަގޫވެފައެވެ.
”އައްޒަ ކޮންއިރަކު މިކޮޅަށް އައީ!’ ‘އެންމެ ފަހުން އައްޒަގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ މުޅިން ތަފާތު ވާހަކައެއް ލަމްޔާ ދެއްކުމުން އެއަކަށް އައްޒަގެ މާބޮޑު ސަމާލުކަމެއް ނުލިބުނެވެ. އަދި ”ހޭއި ހުޒާމް” އޭ ބުނެ ފަރުހާންގެ ކޮނޑުގައި ޖަހާލިއެވެ.
ފަރުހާން އެނބުރިލާފައި އައްޒައަށް ނިކަން ރީތި ހިނިތުންވުމަކުން މަރުހަބާކިޔާ މަންޒަރު ބަލަން ލަމްޔާއަށް އިނދެވުނީ ގަނޑުވެފެއެވެ.
ހުޒާމްކަމަށް ހީކޮށް މި ތެޅުނުހާ އަނގަޔާމެދު އައްޒަ ކަންބޮޑުވިކަން މޫނުމަތިން ފާހަގަވިއެވެ.
”ސޮރީ އިނގޭ! އަހަރެން ހީކުރީ ހުޒާމް އޭރު މުބާރާތް ތެރޭ އެހާވަރުން އުޅެފައި ލަމްއާ ކަމަށޭ އިނީ! ކިހިނެތް ލަނޑެއް ދޭނެކަން އެނގޭނީ! ރަށުތެރޭ އެ ހުރިހާ އަޑެއް އެރުވީ މަލައްވާ ވިއްޔާ!” އައްޒަގެ އަޑުގައި ކަނބޮޑުވުން އެކުލެވިފައިވާކަން އެނގުނެވެ. އެހެންނަމަވެސް ދެންވެސް ބުނެވުނީ އެންމެ ނުބުނަންވާ ވާހަކައެވެ.
”އައްޒަ، ޕްލީޒް! ހުއްޓާލަފާނަންތަ! އަހަރެމެން އެކަނި ވުމުން ތި ވާހަކަ ދައްކަމާ!” ލަމްޔާގެ އަޑު ކުރެހި ވާހަކަ ދައްކަން އުނދަގޫވިއެވެ.
ލަމްޔާގެ ހާލަތު ފެނުމުން އައްޒަ ވެސް އަސްލުގައި ވަރަށް ކަންބޮޑުވިއެވެ. އެހެންކަމުން ދެކެވުނު ވާހަކަ ހިތަށް އެރުމުން ދެން އެންމެ ރަނގަޅުވާނީ އެތަނުން ދިޔުންކަމަށް ނިންމާ އަހަރެން ގުޅާނަމޭ ބުނަމުން އައްޒަ ހިނގައިގަތީ ދުރަށެވެ.
އައްޒަ ހިނގާފައި ދާ ދިމާއަށް ބަލަހައްޓައިގެން ގުޑިލަން ވެސް އަދި އިތުރު ޙަރަކާތެއް ކޮށްލަން ވެސް ނުކެރި އެތައް އިރަކު ލަމްޔާ އިނެވެ. ދެލޯ ފުރިގެން އޮހިގަންނަން ތައްޔާރުވި ކަރުނަތައް ފޮހެލާނެހާ ހިތްވަރެއްވެސް ލަމްޔާގެ ނެތެވެ. ފަރުހާން އޭނައާ މެދު ހީކުރާނެ އެއްޗަކާދޭތެރޭ ހިތަށް އެރުމުން އެހާ ލަދު ވެސް ގަތެވެ.
”ލަމް ހިނގާބަލަ ކޮތަޅުތަކުގައި ހުރީ ކޯއްޗެއްތޯ ބަލަން!”
ލަމްޔާ އިންގޮތް ފެނި ހިތަށް ހަމްދަރުދީވަން ފަރުހާން އެއްވެސް ކަމެއް ނުވާކަމަށް ހަދާ ފިހާރައިން ގެނައި އެއްޗެހި އަޅާފައި ހުރި ކޮތަޅުތަކަށް އިޝާރާތް ކުރިއެވެ.
ކުދިވެރިންނަށް ގެނައި ޗިޕްސް ކަހަލަ އެއްޗެހި ކެއުމުގައި ދެކުދިން މަޖާވެގެން އުޅުނުއިރު ވެސް ލަމްޔާ އިނީ ނެގި މަޑުވެފައެވެ. މާގިނަ ވާހަކައެއް ނުދައްކައެވެ. ލަމްޔާ އިނީ ފަރުހާންގެ މޫނަށް ބަލަން ވެސް ނުކެރިފައިކަން ފަރުހާންއަށް އެނގުނެވެ. ފަރުހާން އެކަމާ ވަރަށް ކަންބޮޑުވިއެވެ. އައިނީ ، ސާރާއަށްވުރެ ބޮޑަށް ފަރުހާންއާ ގާތްވެގެން އުޅުނުކަން ވެސް ލަމްޔާއަކަށް ރޭކައެއްނުލިއެވެ. އެކަން ލަމްޔާއަށް ފާހަގަ ކުރެވުނު ނަމަ އައިނީ ދުރުކުރީސްކަންނޭނގެއޭ ފަރުހާން ހިތަށް އެރިއެވެ.
ދޮންވެލިގަނޑުމަތީ އިށީނދެ ތިބި މީހުން މަދުވަމުން ދިޔައިރު ދުވަހުގެ ވާޖިބު އަދާކުރަމުން ހުޅަނގުފަރާތަށް ގޮސް އޮބާލަން ތައްޔާރުވާ އިރުގެ ސަބަބުން އުދަރެސްމަތި ގިރިޓީވަމުން ދިޔައީ ތަފާތު ކުލަތަކުންނެވެ. ރަންގު ކުލަޔާ އޮރެންޖު ކުލަޔާ އަޅި ކުލައެވެ. މަޑު ނޫކުލައެކެވެ. ސާފު ހުދުކުލައެވެ. ގުދުރަތުގެ މިމަންޒަރު ކިތަންމެ ހިތްގައިމުނަމަވެސް އަދި ލަމްޔާ އަކީ ގުދުރަތީ މަންޒަރުތަކަށް ކިތަންމެ ލޯބިކުރާ ފަރާތަކަށް ވިޔަސް މިއަދު މިމަންޒަރުން ލަމްޔާގެ ހިތަށް ލިބުނު ހަމަ ޖެހުމެއްނެތެވެ. ލަމްޔާގެ ސިކުނޑީގައި ހިނގަމުންދާ ހައިޖާން މާބޮޑީއެވެ. ފުންކޮށް ޒަޚަމް ވެފައިވާ އެ ކުށެއްނެތް ހިތުގައި ލާފައިވާ ޒަޚަމްތަކުން ކުރަމަގާލިތަކެއް ނެއްޓިއްޖެއެވެ.
”ގެއަށްދަމާ! އިރުއޮއްސެނީނު !” ވަށައިގެން އޮތް ހަމަ ހިމޭން މާޙައުލަށް ނަޒަރު ހިންގައިލަމުން ފަރުހާން ބުނި އެއްޗަކަށް ޖަވާބުނުދީ ލަމްޔާވެސް ފަރުހާންއާ އެކުއެކީ ތެދުވެއްޖެއެވެ. އެއްގަމާ ވީފަރާތަށް ނަޒަރު ހިންގަމުންނެވެ.
”އައިނީ! ހިނގާ ދާން! ދެކުދިންގެ ކުޅޭއެއްޗެހި އަވަހަށް ބޭގަށްލާ!” ހެދުމުގައި ހުރި ވެލި ފޮޅަމުން ލަމްޔާ ކުދިންނާ އެކު ކުޅޭއެއްޗެހި ދަބަހަށް ލުމުގައި އުޅުނެވެ. އަދި މަޑުމަޑުން ހިންދެމިލާ ތެދުވެ ފަރުހާންގެ މޫނަށް ބަލައިލިއެވެ.
”ބޭނުން ވާހަކައެއް ބުނަން!”
ފަރުހާންގެ މޫނުން ނަޒަރު ތިރިކޮށްލަމުން ލަމްޔާ ބުންޏެވެ. ބުނިއެއްޗެއް ކިތަންމެ މަޑުން ބުނިނަމަވެސް ފަރުހާންއަށް އެ އަޑު އިވުނެވެ.
“ލަމް ބޭނުން ކޮންމެ އެއްޗެއްވެސް އަހަރެން ގާތު ބުނެވޭނެ! އަހަރެން އަޑުއަހާނަން!”
ލަމްޔާއާ ބެހޭ ގޮތުން އިވުނު ވާހަކަ ތަކުން ފަރުހާންގެ ހިތުގައި އެތައްބައިވަރު ސުވާލެއް ވަނީ އުފެދިފައެވެ.
ފަރުހާންގެ އޯގާތެރިއަޑުން ލަމްޔާއަށް ނުލާހިކު އަސަރުކުރިއެވެ. އެހެންކަމުން ވަރަށް ހިތްވަރުކޮށްފައި ބުންޏެވެ.
“އަހަންނަކީ އެހާ ގޯސްމީހެއް ނޫން!”
ފަރުހާންއަކަށް އެއަށް ދޭނެ އެއްވެސް ޖަވާބެއް ނޭނގުނެވެ. ތުރު ތުރެއް ހުރި އަޑަކުން ލަމްޔާ ބުނި ވާހަކައަށް ބޭނުންވަނީ ލަމްޔާގެ ހިތަށް ހަމަ ޖެހުން ލިބޭކަހަލަ ޖަވާބެއް ދިނުމަށެވެ. އެ ފަދަ ޖަވާބަކީ ކޮބާކަމެއް ފަރުހާންއަކަށް ނޭނގެއެވެ. ބޭނުންވަނީ ލަމްޔާ ބުނި ވާހަކަ ގަބޫލުކުރާކަން އަމަލުން ދައްކާށެވެ. ލަމްޔާގެ މަޑު އަތްތިލާގައި ހިފާލާފަ ލޮލުގެ އިޝާރާތުން ތިކަން ގަބޫލުކުރާމޭ ބުނެލާށެވެ. ބުރަކަށީގައި ފިރުމާލާފައި ދެރަނުވާށޭ ވެސް ބުނެލާށެވެ. އެކަމަކު ފަރުހާން ހިތް އެދުނު އެއްވެސް ގޮތަކަށް ފަރުހާންއަކަށް ޖަވާބެއް ނުދެވުނެވެ. ލަމްޔާގެ މޮޅިވެރި މޫނަށް ބލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ.
ފަރުހާންގެ އެއްވެސް ޖަވާބެއް ނުލިބުމުން ލަމްޔާ އިސްއުފުލައި ބަލައިލިއެވެ. ފަރުހާންއަށް އަނެއްކާ ވެސް ފެނުނީ ކަރުނުން ފުރިފައިވާ ލަމްޔާގެ ދެ ލޮލެވެ.
( ނުނިމޭ )
ޚިޔާލުތައް
މިވަރެއްނެއް
ވަރަށް ރީތި
ޥަރަށް ރީތި!ދެންފަހަރަކު މިއަށްވުރެ ތަންކޮޅެއް ދިގުކޮށްލީމަ ހަމަ ހަބޭސް
ވާހަކަ އެއް ބަޔަށްވވުރެ އަނެއްބައި ރީތި..