ސިއްރުން މިހިތާ ކުޅެލީ … 13

ސިއްރުން މިހިތާ ކުޅެލީ... ޝާހީން މުޙައްމަދު
Share on facebook
Share on twitter
Share on google

ތޭރަ ވަނަ ބައި

ފޯނު ނިމިގެން ބައްޕަ އައިސް ތޫބާއަށް ބަލައިލިއެވެ.

“ހިނގާ ވަންނަން!”

ބައްޕަ ހުރީ ކުރީގައެވެ. ތޫބާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ތޫބާގެ ބައްޕަ ހިނގައިގަތީ އެތެރެއަށް ވަނުމަށެވެ. ބައްޕައަށް ކުރާ އިޙުތިރާމަކުން އަދި ގަންނަ ބިރަކުން އިތުރު ސުވާލެއް ވެސް ކުރާކަށް ތޫބާއަކަށް ނުކެރުނެވެ.

ހަމައެކަނި ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެން ކުރިއަށް ދިޔަ ތޫބާ ބައްޕަ ގޮސް ހުއްޓުނު މޭޒުކައިރީ ގޮސް ހުއްޓިލިއެވެ. އެ ވަގުތު އެ މޭޒުގައި ބަޔަކު އިށީނދެގެން ތިބުމުން ވަށައިގެން ހޯދައި ބަލައިލިއެވެ. ފަހަރަކު މީހެއްގެ މޫނަށެވެ. ދަންނަ މީހަކަށް އެތާ އިނީ ހަމަ އެކަނި ހާރިސްއެވެ. އިޝާރާގެ ބެސްޓް ފްރެންޑެވެ. ހާރިސް ފެނުމުން ތޫބާ ކުޑަކޮށް ހީނލިއެވެ. ދެން ތިބި ބަޔަކު ނޭނގުނަސް އެމީހުނަށް ވެސް ހިނިތުންވުމަކުން މަރުހަބާ ކިޔެވެ.

“އައްސަލާމު ޢަލައިކުމް! ކިހިނެތްތޯ! މިއީ ތޫބާ! އަޅުގަނޑުގެ ދަރިފުޅު!”

ބައްޕަގެ ތަޢާރަފު ކުރިއަށް ދަނިކޮށް ފެނުނީ އެތާ އިން މެދު އުމުރުގެ އަންހެނަކު ތެދުވެގެން އައިސް ތޫބާ ގައިގާ ބައްދައިލި ތަނެވެ. ހަދާނެ ނަހަދާނެ ގޮތެއް ނޭނގި ގަބުވެފައި ތޫބާއަށް ހުރެވުނީއެވެ. އެ އަންހެންމީހާ ތޫބާގެ އަތުން ދޫނުކޮށް ތޫބާ ގޮވައިގެން ގޮސް އެ މީހާގެ ކައިރީ ޖެހިގެން ހުރި ގޮނޑީގައި ބޭންދިއެވެ. ގޮނޑީގައި އިށީންނަމުން ތޫބާ ނިތް އެރުވީ ޙާރިސް ބަލަން އިނުމުން ޙާރިސަށެވެ. ބަދަލުގައި ހާރިސް ހީނލިއެވެ. އެހެންނަމަވެސް ފެންނަ ފެނުމުގައި ހާރިސް އެއިނީ ކަންބޮޑުވެފައެވެ. މިވަނީ ކީއްހެއްޔެވެ! މީ ކޮންކަމެއްހެއްޔެވެ!

“ދަރިފުޅާ! މިތިބީ ޙާރިސްގެ މައިންބަފައިން! ހާރިސް ދަރިފުޅާ ކައިވެނި ކުރިޔަސް އެންމެ ރަނގަޅުކަމަށް ބައްޕަ ހާރިސްގެ މައިން ބަފައިން ގާތު ބުނެފިން!”

ބައްޕަގެ އަޑު ތޫބާއަށް އިވުނީ ދުރުން ޖެހި ހޮނު ގުގުރިއެއް ފަދައިންނެވެ. ބުނާނެ އެއްޗެއް ތޫބާގެ ދުލަށް އަންނާނީ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރި ނަމަތާއެވެ. ތޫބާ ހަމަ އިނީއެވެ. އެސްފިޔަ ވެސް ޖަހާލަން ހަނދާން ނެތިފައެވެ. ބައްޕަގެ މޫނަށް ބަލަހައްޓައިގެންނެވެ.

ކުއްލިއަކަށް އިން ގޮނޑިން ތޫބާ ތެދުވެއްޖެއެވެ. ތޫބާ ތެދުވުމުން އެންމެންގެ ލޯތައް ހުއްޓުނީ ތޫބާއަށެވެ.

“އެބައަންނަން ފާޚާނައަކަށް ގޮސްލާފަ!”

ތޫބާގެ އަޑު ނިކުތީ ވެސް ވަރަށް އުދަނގުލުންނެވެ. އެހާމެ މަޑުންނެވެ.

ކުރިޔަށް ހިނގާފައި ދިޔަ ތޫބާ ގޮސް ވަނީ ފާޚާނާއަށެވެ. ފާޚާނާގެ ދޮރު ލެއްޕުމަށްފަހު އިރުކޮޅަކު ވިސްނަން ހުއްޓެވެ. އެއަށްފަހު ނެގީ ފޯނެވެ. ގުޅާނީ ކާކަށްކަމެއް ތޫބާއަށް ކަށަވަރެއް ނޫނެވެ. ފިތާލެވުނީ ޙަމްދާންގެ ނަމްބަރަށެވެ. ދެތިން ފަހަރު ރިންގް ވީތަނުން ވިސްނުން ބަދަލު ވެގެން ފޯނު ކަނޑާލިއެވެ.

ހަދާނެ ނަހަދާނެ ގޮތެއް ނޭނގި ހުރިގޮތަށް ހުރުމަށްފަހު ފާޚާނާ ތަށިމަތީ އިށީނދެވިއްޖެއެވެ. އެ ވަގުތަކީ ޙަމްދާން ތޫބާގެ ފޯނަށް ގުޅި ވަގުތެވެ. ތެޅިގެންފައި ތޫބާއަށް ފޯނު ނެގިއްޖެއެވެ. ގަސްދަކުނޫނެވެ. ހާލަތުގެ ގޮތުންނެވެ.

“ހެލޯ! ތޫ ! ކީކޭ!”

ޙަމްދާން ގޮވައިލިޔަސް ތޫބާ އަކަށް ޖަވާބެއް ނުދެވުނެވެ. ޙަމްދާންގެ އަޑު އިވުމުން ތޫބާއަށް ކުރެވުނީ ތަފާތު އިޙުސާސެކެވެ. ޙަމްދާން އެއީ އަމިއްލަ މީހެއްކަމުގެ އިޙުސާސެވެ. މި ވަގުތު ތޫބާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވޭނީ ހަމައެކަނި ޙަމްދާންއަށް ކަމުގެ ޔަގީން ކަމެވެ. އެހީއަކަށް އެދެން ހުރީ ޙަމްދާން އެކަނި ކަމުގެ އިޙުސާސެވެ. އެންމެފަހުން ހިތަށް އަރާ ފޭބި އެތައް އެއްޗެއްގެ ސަބަބުން ތޫބާއަށް އަޑުން އަޑުނަގައި ރޮއެ ގަނެވިއްޖެއެވެ. ކުރެވުނުހާ ވެސް ކަމަކީ ތަކުރާރުކޮށް ޙަމްދާންގެ ނަމުން ގޮވުމެވެ.

“ތޫ! ކީއްތަ ވީ! ބުނެބަލަ ! ގޭގަތަ ތިހިރީ! ވާހަކަ ދައްކަބަލަ! ވެގެން އުޅޭގޮތެއް ނުރޮއެ ބުނެބަލަ!” ތަކުރާރުކޮށް ޙަމްދާން އެދެމުން ދިޔައީ ވެގެން އުޅޭ ގޮތެއް ބުނުމަށެވެ. އެންމެ ފަހުން ޙަމްދާންގެ ފޯނު ތޫބާ ކަނޑައިލީ ތޫބާގެ ބައްޕަ ދޮރުގައި ޓަކިޖަހަމުން ތޫބާއަށް ގޮވަން ފެށުމުންނެވެ. އެ އަޑު ވަރަށް ރީއްޗަށް ޙަމްދާންއަށް އިވުނު ވެސްމެއެވެ.

ހަދާނެ ނަހަދާނެ ގޮތް ހުސްވި ޙަމްދާން ކުރާނެ އިތުރުކަމެއް ވިސްނުމަށް ނައުމުން އެނދުގައި އިށީނެވެ. ފޯނުން ނޫން ގޮތަކަށް ތޫބާގެ ހާލު ބެލޭނެ ގޮތެއް ވެސް ނެތެވެ. އުޅޭ އެޑްރެހެއް އެނގެނީކީނޫނެވެ. އާއިލާ މީހެއް ގާތް ތިމާގެ މީހެއް ވެސް އެނގެނީކީނޫނެވެ. އިޝާރާ މަތިން ޙަމްދާން ހަނދާންވީ ކުއްލިއަކަށެވެ. އެހެންނަމަވެސް އިޝާރާގެ ވެސް ފޯނު ނަންބަރެއް ނެތެވެ.

“ތޫ އަޅޭ ! ވެގެން އުޅޭގޮތެއް ކުޑަކޮށް ނަމަވެސް ބުނެލިނަމަ!”

ފިކުރުގެ ކަނޑަކަށް ގެނބިގެން ޙަމްދާން އަށް އިދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. ދެންވެސް ނެގީ ފޯނެވެ. ތޫބާ އޮންލައިން ގައި އިނަސް ނެތަސް އަނެއްކާ ވެސް ޙަމްދާން ބޭނުންވީ ތޫބާގެ އެއްވެސް ޚަބަރެއް ވޭތޯ ބެލުމެވެ.

ފޯނު ހުޅުވައި ބަލާލިއިރު ތޫބާ އޮންލައިންއަކު ނެތެވެ. އެހެންނަމަވެސް ޙަމްދާން މެސެޖު ލިޔެ ފޮނުވައިލިއެވެ.

“ފޮނުވަބަލަ ތިގޭ އެޑްރެސް! އަހަރެން ބޭނުން ހަމަ މިވަގުތުވެސް ތޫއާ ބައްދަލުކުރަން!”

ޙަމްދާން ލިޔުނު މެސެޖު ތޫބާ ނުބަލައެވެ. ޑާޓާ ނުވެސް ޖައްސަނީކަންނޭނގެއެވެ.

ގެއަށް އައިސް ކޮޓަރިއަށް ވަންނަން ހިގައިގަތް ތޫބާ ހުއްޓުވީ ބައްޕަގެ ހަރުކަށިކަން އެކުލެވިގެންވާ އަޑެވެ.

“ތޫބާއަށް ހަމަ ރަނގަޅަށް ވެސް އެނގޭނެ ބައްޕަ މިގޮތަށް މިކަން ނިންމަން ޖެހުނީ ދަރިފުޅަށް ރަނގަޅަކަށް ކަން! ދަރިފުޅު އަމިއްލައަކަށް މީހަކު ހޯދާކަށް ނޫޅޭ! ތިހެން މީހާގެ ޒުވާން އުމުރު ފަސްދީ ދާއިރު ދަރިފުޅުގެ މަންމަ ދުނިޔޭގަ ހުރިނަމަ …..!”

މޭގައި އަތްޖައްސާލަމުން އަސަރާއެކު ތޫބާގެ ވާހަކަ ދެއްކިއެވެ.

“އެންމެ ކުޑަމިނުން ދަރިފުޅުގެ އަމިއްލަ ދަރިއަކު ވެސް ހުރީކީ ނޫން!”

ބައްޕަގެ ދެލޯ ތެމިގެން އައިތަން ތޫބާއަށް ރަނގަޅަށް ވެސް ފެނުނެވެ. ބައްޕަ އެދެއްކީ ރަނގަޅު ވާހަކަ ކަން ތޫބާ ވެސް ގަބޫލުކުރެއެވެ. ޝަކީލްއާ ތޫބާ އިނީވެސް އާއިލާގެ ނުގަބޫލުގައެވެ. އެހެން އެކަން ކުރެވިފައި ހުއްޓާ އެކައިވެނި ވެސް ނާކާމިޔާބުވެ މީހަކާ ނީނދެ ތޫބާ ހުހަށް ހުންނާތީ ބައްޕަ އެ ޝަކުވާކުރާތާ ކިތަންމެ އަހަރެކެވެ. އެހެންނަމަވެސް …….. ހިތް އެދެ ފަރާތެއް …….. ލޯބިވާ ފަރާތެއް ހުރެމެ، އެވާހަކަ ދައްކަން ނުކެރި ……. ތޫބާ ވިސްނައިލިއެވެ. އެފަރާތާ ބައްދަލުވިޔަސް އެ ފަރާތުގެ ވިސްނުމާ ފިކުރު ހުރި ގޮތެއް ނޭނގުނަސް އިންތިޒާރު ވެވެނީ އެ ފަރާތަށެވެ. ބައްޕަ ދެއްކިއަސް ލޯބި ނުވާ މީހަކާ އިނދެގެން އުޅޭނެ ގޮތެއް ތޫބާގެ ހިތަކަށް ނުވެސް ގެނެވެއެވެ. ޝަކީލް ކިތަންމެ ގޯހަސް ޝަކީލްއާ ވެސް ތޫބާ އިނީ ލޯބިވެގެންނެވެ. އެ ދިރިއުޅުން ކުރިއަށް ނުގެންދެވުން އެއީ އަދި މުޅިން ތަފާތުކަމެކެވެ.

“ދަރިފުޅު ވިސްނާލާ! ހިތަކުންނޫން! ސިކުނޑިން!”

ބައްޕަ ބުނި އެއްޗަކަށް ސިއްސައިގެން ގޮސް ޚިޔާލީ ދުނިޔެއިން ނިކުމެވުނު ތޫބާ އިސް ޖަހާލައިގެން ހުރެ ވަނީ ކޮޓަރިއަށެވެ. އޭރު އިޝާރާ ހުރީ ޑިއުޓީގައި ކަމުން ކޮޓަރި އޮތީ ވެސް ހުހަށެވެ.

ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު މަޑުމަޑުން ހިނގާލާފައި ގޮސް އެނދުގައި އިށީނދެވުމާއެކު ތޫބާއަށް އަނެއްކާ ވެސް ރޮއެގަނެވުނީއެވެ. އެހެން އޮތްވާ ތޫބާއަށް ނިދިއްޖެއެވެ.

ތޫބާއަށް ހޭލެވުނީ ކޮޓަރީގެ ތެރެއިން ބަޔަކު ވާހަކަ ދައްކާއަޑަށެވެ.

މެސެޖު ކޮށްކޮށް ތޫބާގެ ޚަބަރެއް ނުވުމުން ޙަމްދާން ކަންބޮޑުވެއްޖެއެވެ. އެތައް ފަހަރަކު ގުޅިއްޖެ ވެސް މެއެވެ. ކަންތައް ކުރަންވީ ގޮތަކާމެދު ވިސްނަން އިރުކޮޅަކު އޮތުމަށްފަހު ގަޑި ބަލައިލިއެވެ. އަދިވެސް ވަރަށް ވަގުތު އެބަ އޮތެވެ. އެހެންކަމުން ވަގުތު ދުއްވާލުމަށް ނިކުމެލީ ބޭރަށެވެ. އެކި މަގުތަކުގައި ދުއްވުމަށްފަހު ރައްޓެއްސަކާ ދިމާވުމުން އެރީ ކޮފީއަކަށެވެ.

ޙަމްދާން ނިންމައިގެން ހުރި ވަގުތަށް ހޮސްޕިޓަލުން ނިކުންނަ މީހުން ފެންނަ ގޮތަށް ސައިކަލު މަޑުކޮށްގެން މަގުގެ އެއްފަރާތުގައި މަޑުކޮށްލިއެވެ.

އިޝާރާ ދައްކައިލީ ވެސް ޙަމްދާން އެހެން އިންނަތާ ބައިގަނޑިއެއްހާ އިރު ފަހުންނެވެ. ސައިކަލް ޕާކު ކުރުމަށްފަހު ހިނގާލާފަ ގެއަށް ދިޔަ އިޝާރާގެ ފަހަތުން ޙަމްދާން ވެސް ކުރިއަށް ދިޔައެވެ. އެހެންމަވެސް އިޝާރާގެއަށް ވަނުމުގެ ކުރިން ޙަމްދާން އިޝާރާއަށް ގޮވައި ވާހަކަ ދެއްކިއެވެ. އަދި ތޫބާއާ ޙަމްދާންގެ އޮތީ ކިހާވަރެއްގެ ގުޅުމެއްކަން އެނގޭފަދަ މޭރުމަކުން ވެސް ބައެއް ވާހަކަތައް ޝެއަރ ކުރިއެވެ. އެ ވާހަކަތައް ދެއްކުނީތީ ފަހުން ހިތާމަ ކުރަން ނުވަތަ ބަދުނާމެއް ވާން ޖެހުނަސް މިހާރު ދެން ޙަމްދާންގެ މައްސަލައެއް ނެތެވެ. އެ ވާހަކަތައް އަޑު އިވުމުން އިޝާރާގެ މޫނަށް އެރި ކުލަވަރު ނުފެނުނީ އެއަށްވުރެ ބޮޑަށް ޙަމްދާން ފިކުރު ބޮޑުވެފައި ހުރުމުންނެވެ.

އިޝާރާމެން ދިރިއުޅޭ އެއްކޮޓަރީގެ އެ އެޕާޓްމެންޓަށް ވަންއިރަކު ވެސް ހަވީރު ހިނގި އެއްވެސް ކަމެއް އިޝާރާއަކަށް ރޭކާލާފައެއް ނެތެވެ. އެނގެނީ ޙާރިސްގެ އާއިލާ ތޫބާގެ ބައްޕައާ ބައްދަލުކުރިކަމެވެ. އެހެންކަމުން ވަރަށް ހަމަޖެހިގެން ގޮސް ކޮޓަރީގެ ދޮރުގައި ހިފައިލިއެވެ. ތަޅު ނުލާ ހުރުމުން ކޮޓަރިއަށް އިޝާރާތް ކުރަމުން ތޫ އެއޮތީ ނިދިފައޭ ބުނެފައި އިޝާރާ ގޮސް އިށީނީ ކޮފީއެއް ހަދައިގެން މޭޒުދޮށުގައެވެ. އެހެން އެކަން ކޮށްދޭން އިޝާރާ ބޭނުން ނުވިއަސް ޙަމްދާން އެދުނު ވަރުން މިވަރު ކޮށްދިނީއެވެ.

ޙަމްދާން މަޑުމަޑުން ހިނގަލާފައި ގޮސް ތޫބާ އޮތް އެނދާ ކައިރި ވެލިއިރު ތޫބާ ލޯ ހުޅުވައިލަނީއެވެ. ޙަމްދާން ފެނުމުން ތޫބާ ފުރަތަމަ ހީކުރީ އެއީ ފެންނަ ހުވަފެނެއްކަމަށެވެ. އެހެންކަމުން އަލުން އެ ރީތި އިންސާނާ ހުވަފެނުން ނަމަވެސް ދެކިލުމުގެ އެދުމުގައި އަލުން ލޯމަރައި ބާރުކޮށްލިއެވެ.

ތޫބާގެ މި ޙަރަކާތް ފެނުމުން ދެން ކަންކުރަންވީ ގޮތެއް ޙަމްދާންއަކަށް ނޭނގުނެވެ. އެނބުރި ދާންވީބާވައޭ ވެސް ހިތަށް އެރިއެވެ. ނޫނެކެވެ. މި ފުރުސަތު ގެއްލޭކަށް ޙަމްދާން ބޭނުމެއްނޫނެވެ. ދެން ހިތަށް އެރީ ތޫބާއަށް އެ ދިމާވި ކަމަކުން ޙަމްދާން ދެކެ ރުޅިއައީ ނޫންބާވައޭ އެވެ.

“އެކަމަކު އަހަރެން ދެކެ ކޮންކަމަކާ! …….”

ޙަމްދާންއަށް ވިސްނާލެވުނެވެ. އެކަމަކު ވެސް ވީ ގޮތެއް، ވެގެން އުޅޭގޮތެއް އަހާ އޮޅުން ފިލުވަން ވިޔަސް އަލުން ތޫބާއަށް ގޮވާކަށް ޙަމްދާންއަކަށް ނުކެރުނެވެ.

ތޫބާ ދެވަނަ ފަހަރު ލޯ ހުޅުވައިލީ ޙަމްދާން ހަމަ އެ ގޮތަށް އެނދުގެ މަގަތުގައި ހުއްޓި ހުއްޓައެވެ.

ދެވަނަ ފަހަރަކު ވެސް ތޫބާގެ ލޮލަށް ހަމަ ކުރިން ފެނުނު ގޮތަށް ޙަމްދާން ފެނުމުން ފުންމައިގެން ތެދުވެ އެނދުގެ މެދުގައި އިށީނދެވިއްޖެ އެވެ. އަދި އެ ފެންނަނީ ހުވަފެނެއް ނޫންކަން ކަށަވަރު ވުމުން ފުންމައިގެން ގޮސް ޙަމްދާންގެ ގައިގާ އޮޅުލައިގަތެވެ. އަދި އެއަށްވުރެ ބާރަށް ބައްދައިގަންނަމުން ރޮއެގަނެވިއްޖެއެވެ.

“ޙަމްދާން އަހަރެން މިކަމުން ސަލާމަތްކޮށްދީ! ޕްލީޒް! އަހަރެން ބޭނުމެއް ނޫން ޙާރިސް އަކާ އިންނާކަށް! ބައްޕައަށް ވިސްނައިދީ! …. އާދޭސްކުރަން! …. ޕްލީޒް!”

ތޫބާގެ ވާހަކަ ހުރި ގޮތުން ފުރަތަމަ ޙަމްދާން ހައިރާން ވިއެވެ. އެކަމަކު ތޫބާ ވާހަކަ ދައްކަމުން ދިޔަވަރަކަށް ވެގެން އުޅޭގޮތް ރޭކަލަމުން ސާފު ވަމުން ދިޔައެވެ.

“ވީގޮތް ރީތިކޮށް ސާފުވާނެހެން ކިޔައިދީބަލަ! އޭރުންތާ ދެން ކަންތައް ކުރެވެން އޮތްގޮތަކީ ކޮބައިތޯ ވެސް ވިސްނައިލާން އެނގޭނީ!”

ތޫބާގެ ބުރަކަށީގައި ފިރުމާލަމުން އެ ވަގުތުކޮޅު ގަރުނަކަށް ދެމިގެން ދިއުމަށް އެދެވުނަސް ޙަމްދާން ތޫބާ އެނދުގައި ބޭންދިއެވެ. ކުޑަ ކުއްޖަކު މަސަލަސް ކުރަން އުޅޭހެންނެވެ.

ޙަމްދާން އިޝާރާމެން ނިދާ ކޮޓަރިއަށް ވަންގޮތަށް ނުނިކުތުމުން އިޝާރާ ނެގީ ފޯނެވެ.

ތޫބާއާއި ހަމްދާންއާ ދެމެދު ދެކެވުނު ވާހަކަތަކަކަށްފަހު ހިތްހަމަ ޖެހިލައިގެން ޙަމްދާން ނިކުތީ ގެއަށް ދިއުމަށެވެ.

(ނުނިމޭ)

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments