ބާރަވަނަ ބައި
ކޮލެޖުގެ ގަޑިތައް ފެށެން އިރުކޮޅެއް އޮތުމުން ޙަމްދާން ބޭނުންވީ ތޫބާގެ މެސެޖަށް ޖަވާބު ލިޔުމަށެވެ. އެހެންކަމުން ލިޔާނެ އެއްޗަކާ ބެހޭގޮތުން ވިސްނަން އިރުކޮޅެއް ނެގުމަށްފަހު ލިޔެލިއެވެ.
“އަހަރެމެންނަށް މީޓް ކުރެވިދާނެތަ!”
އާދޭ މިއަދު ހޮސްޕިޓަލުގެ ކެންޓީނަށް! އަހަރެން ބްރޭކް ނަގާނަން އެގާރައިން!”
ތޫބާގެ ޖަވާބު ލިބުނީ ހީވެން ނުކުރާހާ އަވަހަށެވެ.
“ހިއެއް ނުވޭ ތި ގަޑީގައި ދެވޭނެ ހެންނެއް! މީޓިން އެއް އެބައޮތް ތިގަޑީގައި!”
ޙަމްދާންގެ ޖަވާބު އައި ގޮތުން ތޫބާ މާޔޫސް ވިއެވެ. އެހެންކަމުން އިތުރަށް އިޝާރާތެއް ނުކޮށް ފޯނު ބޭއްވީއެވެ.
ކަނޑައެޅިފައިވާ ގަޑިއަށް ވުރެ ކުރިން މީޓިން ނިމުމުން ޙަމްދާން ބޭނުންވީ ތޫބާ އާ ދިމާވޭތޯ އަވަސްވެގަތުމެވެ. އެހެންނަމަވެސް އިޝާރާތެއް ކޮށްނުލައެވެ.
ކެންޓީނުގެތެރޭގައި އެތައް ބައިވަރު ބަޔަކު ޖޯޑު ޖޯޑަށް ނުވަތަ ގުރޫޕު ގުރޫޕަށް މޭޒުތައް ވަށާލައިގެން އިށީނދެ ތިއްބެވެ. ވަށައިގެން ހިންގައިލި ޙަމްދާންގެ ނަޒަރު ތަންކޮޅެއް އެއްފަރާތެއްގައި އިން ތޫބާގެ މޫނަށް ހުއްޓައިލެވުނެވެ. އެހެންނަމަވެސް ދެރަކަމަކީ އިތުރު ބަޔަކު އެ މޭޒުގައި ތޫބާއާއެކު ތިބިކަމެވެ. ޙަމްދާން ގޮސް އިށީނީ ތޫބާއަށް ފުރަގަސް ވާގޮތަށް ހުރި ގޮނޑިއެއްގައެވެ.
ތޫބާ އިނީ އިރު އިރުކޮޅާ ކެންޓީނަށް ވަންނަ ދޮރަށް ބަލަ ބަލައެވެ. ހިތް ބުނަނީ ޙަމްދާން އަންނާނެ ކަމަށެވެ. ޙަމްދާން ވަންވަގުތު ތޫބާގެ ލޮލުގައި އަޅާ ނުގަތީ އެކުގައި އިންއިޝާރާ އާއި އޭނަގެ އެކުވެރި ހާރިސްގެ މަޖާ ވާހަކަ ތަކުގެ ސަބަބުންނެވެ.
އެހެން ފިރިހެނަކާ އެކު ތޫބާ މާ މަޖާވެލާފައި ވާހަކަ ދައްކާތަން ފެނުމުން ޙަމްދާންގެ ހިތަށް އުދަނގޫ ގޮތްތަކެއްވެ އެ މަންޒަރު ބަލަން އިންނަން ހިތް ހަމައެއް ނުޖެހުނެވެ. އެހެން ކަމުން ފޯނު ނަގައިގެން ތޫބާއަށް މެސެޖެއް ލިޔެ ފޮނުވައިލިއެވެ.
“ކަނާތްފަރާތުގައި ތިހިރަ ގޮނޑީގައި އިނުމުގެ އުފާ އަހަންނަށް ލިބޭނެ ނަމަ….!”
ފޯނަށް އައި ވައިބަރ މެސެޖުގެ އަޑު ކިތަންމެ މަޑަސް އެ އަޑު ތޫބާއަށް އިވުނެވެ. މަޑު މަޑުން ފޯނު ނަގާ މެސެޖަށް ބަލައިލިއެވެ. އެ ވަގުތު ވަށައިގެން ތިބި މީހުންގެ ތެރެއިން އެކަނި އިށީނދެގެން އިން ހަމަ އެކަނި މީހާއާ ދިމާއަށް ތޫބާގެ ނަޒަރު ހުއްޓައިލިއެވެ.
އެވާނީ ޙަމްދާންއަށް ހެއްޔެވެ! އެންމެ ފަހުން އަހަންނާ ބައްދަލުވި އިރަށް ވުރެ ކުޑަކޮށް ފަލަ ވެލައިފިއެވެ. އެހެންނަމަވެސް އަދި ވެސް އެއީ ރީތި ހިތްގައިމު ހަށިގަނޑެއްގެ ވެރިއެކެވެ. ހިތަށް އައި އެއްޗަކުން ތޫބާއަށް ހީނލެވުނެވެ.
“އާދޭ މިތަނަށް! އެއް ގޮނޑި އެބަހުއްޓޭ ހުހަށް!”
ތޫބާގެ މެސެޖު ކިޔާލަމުން ޙަމްދާން އެނބުރުނެވެ. އެވަގުތު ތޫބާ އިނީ ޙަމްދާންއަށް ބަލަހައްޓައިގެން ކަމުން ދެމީހުންގެ ނަޒަރު ފަޅި ސިކުންތަކަށް ބައްދަލު ވިޔެވެ. ތޫބާގެ އެ ތޫނު ނަޒަރުން މީގެ ކުރިން ޙަމްދާންއަށް ނުކުރާ ކިތަންމެ އަސަރަކުން ހިތަށް އެނގުން ވެލައިފިއެވެ. އެކަކު އަނެކަކު ނުފެނި އެތައް އަހަރެއް ވުމަށްފަހު ފެނުނު ވަގުތު ކޮންމެ މީހަކަށް ވެސް އަމިއްލަ ކަމުގެ އިޙުސާސްވެ ހިތް އުފަލުން ފުރިގެން އައެވެ. އިޚުތިޔާރުން ބޭރުން ތޫބާއަށް ހިނިތުން ވެ ލެވުނެވެ. ޖަވާބުގައި ޙަމްދާންއަށް ވެސް ހީނލެވުނެވެ. އެހެންނަމަވެސް އިންތަނުން ތެދުވެގެން އަންނަ ޚިޔާލެއް ޙަމްދާންގެ ނެތެވެ. ތޫބާ ދެވަނަ މެސެޖު ކުރީ ޙަމްދާން ނާންނާނެކަން އެނގުނު ހިސާބުންނެވެ.
” ވަރަށް އުފާވާނެ އަހަރެމެންނާ ޖޮއިން ކޮށްފިއްޔާ!”
ތޫބާގެ މެސެޖު ކިޔާލަމުން ފޯނު ހިފައިގެން ޙަމްދާން ތެދުވެގެން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. ބޭނުންވީ ތޫބާ ޙަމްދާންއަށް އެދޭ ވަރެއް ބަލާލުމަށެވެ.
“ޙަމްދާން!” ނުދައްނަ އަޑެކެވެ. އެކަމަކު ގޮވައިލި އިރަކު އެ އަޑުގައި ބީރައްޓެހިކަމެއް ނެތެވެ. ޙަމްދާން އެނބުރި ފަސް ބަލައިލިއެވެ. ޙަމްދާންއަށް ފެނުނީ ތޫބާ އިން މޭޒުގައި ތޫބާއާއި ޖެހިގެން އިން އަންހެންކުއްޖާ ޙަމްދާންއަށް ބަލަން އިންތަނެވެ. ހިތްގައިމު ރީތި މޫނެކެވެ. ބޮޑު ދެލޮލެކެވެ. ޙަމްދާންއަށް ބަލައިލެވުނީ ތޫބާއަށެވެ. އޭރު ތޫބާ އިނީ އިސްދަށަށް ޖަހާލައގެން ފޯނަށް ބަލަހައްޓައި ގެންނެވެ. ދެވަނަ ސިކުންތުގައި އަނެއްކާ ވެސް ޙަމްދާންގެ ނަޒަރު އެ ނުދަންނަ އަންހެން ކުޖާއަށް ބަދަލުކޮށްލިއެވެ. އަދި ކޮނޑަށް ޙަރަކާތެއް ގެންނަމުން ސުވާލު އުފެއްދިއެވެ. ޙަމްދާންގެ ޙަރަކާތް ވިސްނުނީކަންނޭނގެއެވެ. އެ އަންހެންކުއްޖާ އިޝާރާތް ކުރީ އެ މޭޒުގައި ހުހަށް ހުރި ގޮނޑިއާ ދިމާއަށެވެ. ލޮލުންނެވެ.
ވިސްނާލަން ޙަމްދާން ނެގި މަދު ސިކުންތުކޮޅުތެރޭ ވެސް ޙަމްދާންއަށް ބެލުނީ ތޫބާގެ އިޝާރާތަކަށެވެ. އެކަމަކު ތޫބާ ހަމަ އިން ގޮތަށް އިނީއެވެ. އިސް އުފުލާ ނުލައެވެ. މޫނުމަތިން ފެނުނީ ލާނެއް ހިނިތުން ވުމެކެވެ. ނިކުންނަން ޚިޔާލުކޮށްގެން އައި ޙަމްދާންގެ މިސްރާބު ބަދަލުކޮށްލީ ވަކި ވިސްނުމެއް އައިސްގެނެއް ނޫނެވެ. ބާރަށް ހިނގާފައި އައިސް އިށީނީ އެ ނުދަންނަ ކުއްޖާ އިޝާރާތް ކުރި ގޮނޑިއަށެވެ.
“ހައި! މީ އިޝާރާ!” އެ ކުއްޖާ އަމިއްލައިން ތަޢާރަފު ވީ މޭމަތީ އަތް ޖައްސާލާ ހިނިތުންވަމުންނެވެ.
“އަހަރެންގެ ދަޢުވަތަކަށް އައީމަ އަހަރެން ތާ މިކަން ކުރަން ޖެހޭނީ!”
ހަމަ އެ މަޑުމައިތިރި އަޑުން އެހެންނަމަވެސް ލާނެއްކަން އަޑަށް ގެންނަމުން އެކުއްޖާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“މިއީ ޙާރިސް، ދެން މިއިނީ ތޫ!” ފަހަރަކު މީހަކު ތަޢާރަފު ކޮށްދީ ނިމުމުން ޙަމްދާން ޙާރިސްއާ ސަލާމް ކުރީ އަތާއަތް ޖޯޑުކޮށްގެންނެވެ.
“އަހަރެން ކިޔަންވީ ތޫ ތަ ނޫނީ ތޫބާ ތަ!”
ޙަމްދާން ސުވާލު ކުރީ އިޝާރާއާއެވެ. ބަލަން އިނީ ތޫބާއަށެވެ.
“ތޫބާ!”
ތޫބާގެ އަޑު އިވުމުގެ ކުރިން ވެސް އިޝާރާ އިނީ ޙަމްދާންއަށް ތޫބާގެ ނަން އެނގުނު ގޮތަކާމެދު ޙައިރާން ވެފައެވެ.
“ދެމީހުން ވެސް ދަންނަން ދޯ ކުރިން ވެސް!”
އިޝާރާ އެތަނުން ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހުއްޓަމުން ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް އެކަކު ވެސް އެއަކަށް ޖަވާބެއް ނުދެއެވެ. ޙަމްދާނއަށްއަށް އިޝާރާ ގޮވީ ތޫބާ މެސެޖުކޮށްގެން ކަން އެކަކަށްވެސް ނޭނގުނެވެ.
އެ ހިސާބުން ވާހަކަ ދެއްކީ މުޅިން ވެސް ޙަމްދާންއާ ހާރިސް އެވެ. އެ ދުވަހުގެ ބައްދަލު ވުން ނިމިގެން ދިޔައީ އެ ކަހަލަ ގޮތަކަށެވެ. ތޫބާ ވެސް އަދި ޙަމްދާން ވެސް ވަކި ވާހަކަ އެއް ނުދައްކައެވެ. އެހެންނަމަވެސް ތެދުވެ ނިކުންނަން ހިނގައިގަތުމުގެ ކުރިން ހަށިގަނޑު ތެދު ކޮށްލާ ތޫބާއާ ދިމާއަށް މާނަވީ ގޮތަކަށް ބަލައިލިއެވެ. އޭގެ ކުރިން ވެސް ދެމީހުންއެކަކު އަނެކަކަށް ކަތި ނަޒަރުން ބަލަމުން ދިޔައެވެ. އެކަމަކު ދެންތިބި ދެމީހުންނަށް އެކަން ރޭކާ ނުލީއެވެ.
ހެނދުނު ޑިއުޓީއަށް ދިޔަ ތޫބާގެ ޑިއުޓީ ނިމޭނެ ގަޑި ޙަމްދާންއަށް އެނގެއެވެ. އެހެންކަމުން ހަވީރު އަތަށް އެޅުމުން ތޫބާގެ ފޯނަށް ގުޅާލަން ޙަމްދާން ނިންމިއެވެ. ދައްކާނެ ވާހަކަ ފުރަތަމަ ސިކުނޑީގައި ތަރުތީބު ކޮށްލިއެވެ.
ތޫބާ ފޯނު ނެގީ ދެފަހަރަކު ގުޅިފަހުންނެވެ.
“އަހަންނާ އަނގައިން ނުބުނެ ހުރެވެސް ތިހާ އަރާމުކޮށް ނިދޭތަ!”
ސަމާސާ ރާގަކަށް ޙަމްދާން ޝަކުވާ ކުރުމުން ތޫބާގެ ހިތްހަމަ ނުޖެހުމަށް ލުޔެއް ލިބުނެވެ.
“އަހަރެން މީ ދަންނަ މީހަކަށް ވަނީ އެހެންމީހުންނާ ވަކިން ހުންނައިރުތަ! …… އެނގޭތަ! އަހަރެން ހާދަ ފޮންޏެއް ކަނޑާފަ ހުއްޓައޭ ގޮސް ދަންނަކަމަށް ވެސް ނަހަދާ އެތާ އިނދެފަ ތެދުވެގެން ދިޔައީ!”
ތޫބާގެ އަޑުގައިވަނީ ކޮންމެވެސް ކަމަކާ ހިތުގައި ޖެހިފައިވާ ކަހަލަ ރާގެކެވެ.
“އަހަންނަށް ވުރެ ބޮޑަށް ތޫބާ އެނގޭނެ އެހެންމީހަކު މިހާރު ނުހުންނާނެ! …… އެމީހުން ގާތު މިހެން ބުނެބަލަ އަހަރެން ބުންޏޭ!”
އަދިވެސް އެ ސަމާސާ ރާގެވެ.
“ކިހާވަރަކަށް ޙަމްދާންއަށް އަހަރެން އެނގެނީ! ތީ އަހަންނަށް ނޭނގި އޮތްކަމެއް!”
“ތޫއަށް ހުރިހާ ކަމެއް އެނގޭކަށް ނުޖެހެޔޭ! ބައެއް މީހުން ސިއްރުން ވެސް ކަންކަން ކުރޭނު!”
މިފަހަރު ޙަމްދާން ސީރިއަސް ވެލިއެވެ.
“އަރަތެއް ހެން ވާހަކަ ނުދައްކަބަލަ ޙަމްދާން!”
ތޫބާ ޝަކުވާ ކުރިއެވެ.
“މިއީ އަރަތެއް ނޫނޭ، ތޫ!”
“އެހެންތަ! އެހެންވިއްޔާ ބުނެބަލަ، ކޯއްޗެއް ކިހާ ވަރަކަށް އަހަންނާ ބެހޭގޮތުން ތި އެނގެނީ!”
“ހެ ހެ ބުނަންވީ؟”
ޙަމްދާންގެ ހީނލުމުގެ އަޑުން އެކަނި ވެސް ތޫބާގެ އެންމެ ހިމަ ނާރަށް އަސަރުކުރުވައިފިއެވެ.
“ބުނާނަން، ޔަގީނުން ވެސް ބުނާނަން! އެކަމަކު މިހާރަކު ނޫން! ޖަސްޓް ވެއިޓް!”
ޙަމްދާން ފޯނު ކުރުކޮށްލިއެވެ.
މަޑު މަޑުން ޙަމްދާންއާ ތޫބާގެ ދެމެދު ރޮނގެއް ދެމި އެ ރޮނގު ކުލަ ވަމުން ފޭދެމުން ދިޔައެވެ. އެހެންނަމަވެސް ތަޤުދީރު ކުރަހައިލާނީ ކިހާވަރެއްގެ ރޮނގެއްކަން އަދި އެރޮނގުގެ ބާރު ހުރީ ކިހާވަރަކަށް ކަން އެނގޭނެ އެކަކު ވެސް ނުހުންނާނެއެވެ.
ތޫބާގެ ބައްޕަ މާލެ އައީ އަންގާ ވެސް ނުލައެވެ. ތޫބާ އުޅޭ ގޭގެ ނަން ބައްޕައަށް އެނގުނު ގޮތަކާ ބެހޭ ގޮތުން ވެސް ތޫބާ ފުރަތަމަ ޙައިރާންވި އެވެ.
ތޫބާގެ ބައްޕަ، މުހިންމު ވާހަކައަކާ ބެހޭގޮތުން މަޝްވަރާކޮށްލަން ކޮންމެހެން ޖެހޭ ވާހަކަ ބުނީވެސް އެގެއަށް އަންނަމުން ކާރަށް އަރާ އިނދެއެވެ. ބައްޕަ ދައްކަން މި އުޅެނީ ކިހާވަރެއްގެ ކޮންކަހަލަ ވާހަކައެއްކަން ތޫބާއަށް އިނީ ވިސްނާގަންނަން ވެސް ނޭނގިފައެވެ.
ބައްޕަ ގެއަށް އަންނަން ވާއިރަށް ބައްޕައަށް ސައި ހެދޭތޯ ތޫބާ ތެޅިގަތެވެ. ހެދިކާ ގަނެގެން ބޭރުން އައިސް ތޫބާ ގެއަށް ވަންއިރު ބައްޕަ އެމީހުން އުޅޭ ބައިގާ އިނެވެ.
“އަހަނ! ބައްޕާ! ހާދަ އަވަސް ދަތުރެއް! އަންގާވެސް ނުލާ! ކިހިނެތްވީ! ”
ދުވަސްކޮޅެއް ފަހުން ބައްޕަ ފެނުމުން ތޫބާ ހުރީ އުފާވެފައެވެ.
“ވަރަށް މުހިންމުކަމެއް ނިންމާލަން ބައްޕަ ބޭނުންވޭ ! ވީ އެންމެ އަވަހަކަށް!”
ތޫބާގެ ބައްޕަ ވެސް ހުރީ އުފާވެފައެވެ.
“މުހިންމު ކަމެއް ވިއްޔާ ނުނިންމާ ލަސްކުރާނެ ކަމެއް ނެތްތާ!”
ތޫބާވެސް އޭނަގެ ބައްޕައާ އެއްބަސްވެލިއެވެ. އެހެންނަމަވެސް ބައްޕަ މާ މުހިންމު ކަމަކަށްވެގެން މި އުޅެނީ ކޮންކަމެއްބާއޭ ތޫބާގެ ހިތަށް އެރީ މާފަހުންނެވެ. އެ ހިސާބުން ތޫބާގެ މެއަށް ފިނިވެލިއެވެ. ހަށިގަނޑުގައި ފާޑެއްގެ ހޫނެއް އުފެދިގެން އައެވެ.
“ބައްޕާ ހިނގަ ސައިބޯން އުޅެމާ!”
ތަށިތައް މޭޒުމަތީ އަތުރަމުން ތޫބާ ބުންޏެވެ.
“ނޫނޭ! ސައިބޯނީ ބޭރުން! ދަރިފުޅު ތައްޔާރުވެބަލަ! ބޭރަށްދާން!”
ތޫބާ ބަލައިލީ ބައްޕައަށެވެ. އެ ބެލުމުގައި ޙައިރާންކަން އެކުލެވިފައި ވިއެވެ. ތޫބާއަށް ފެނުނީ ބައްޕަގެ މޫނުމަތިން ސީރިއަސްކަމެވެ. އެހެންވިޔަސް ތޫބާ ބޭނުންވީ ބޭރަށް ދާންވީ ސަބަބެއް އެނގުމެވެ.
“ބައްޕާ! މިހިރީ ……”
“ވާހަކަ މާގިނަ ކުރަން ނަހަދާ! މިއީ ބައްޕަގެ ފަހަރު! އަވަހަށް ތައްޔާރުވޭ!”
ތޫބާގެ ބައްޕަ ތޫބާގެ ވާހަކަ ހުއްޓުވިއެވެ. އަދި ބައްޕަ އެދޭގޮތް ހާމަ ކުރިއެވެ. ތޫބާގެ މޭ ނެގިނެގިފައި ޖެހެން ފަށައިފިއެވެ. ކޮންމެވެސް ސަބަބަކާހެދި ތޫބާ ބިރުގަނެއްޖެއެވެ. އެހެންވިޔަސް އިތުރަށް އެއްވެސް ސުވާލެއް ކުރާހާ ހިތްވަރެއް ތޫބާއަކަށް ނުލިބުނެވެ.
ތޫބާއާއި ތޫބާގެ ބައްޕަ ތިބި ކާރު މަޑުކުރީ ސީހައުސް ހުންނަ ޢިމާރާތުގެ ކައިރިއަށެވެ. ކާރުން ފޭބި ތޫބާގެ ބައްޕަ ދެން ގުޅީ ކޮންމެވެސް މީހަކަށެވެ. އެފޯނުން ބައްޕަ ވާހަކަ ދައްކަން ޖެހިލީ ތަންކޮޅެއް ދުރަށެވެ. ފޯނު ނިމިގެން ބައްޕަ އައިސް ތޫބާއަށް ބަލައިލިއެވެ.
“ހިނގާ ވަންނަން!”
ބައްޕަ ހުރީ ކުރީގައެވެ. ތޫބާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ތޫބާގެ ބައްޕަ ހިނގައިގަތީ އެތެރެއަށް ވަނުމަށެވެ. ބައްޕައަށް ކުރާ އިޙުތިރާމަކުން އަދި ގަންނަ ބިރަކުން އިތުރު ސުވާލެއް ވެސް ކުރާކަށް ތޫބާއަކަށް ދެން ނުކެރުނެވެ.
(ނުނިމޭ)
ޚިޔާލުތައް