A wide advertisement which will be shown on all devices. (700 x 100)

ސިއްރުން މިހިތާ ކުޅެލީ… 9

ސިއްރުން މިހިތާ ކުޅެލީ... ޝާހީން މުޙައްމަދު

ނުވަ ވަނަ ބައި

ޝީލާގެ ހަނދާންތައް އައިސް ޙަމްދާން ވަށައިލި ހިނދު ޚިޔާލުގެ ސްކްރީނުން ފެނުނީ އެދެމީހުންގެ އެންމެ އުފާވެރި ދުވަސްކޮޅެވެ. އެހެންނަމަވެސް އެ ސްކްރީނުގެ ވާފަށް ދެމެމުން ގޮސް އެންމެ ފަހުން މަޑުކޮށްލީ ޝީލާ އެންމެފަހުން އެގޭގައި ހޭދަ ކުރި ދުވަހަށެވެ. ޝީލާއާ އެއްކޮޓަރިއެއްގައި ނިދި ރެއަށެވެ. އެންމެފަހުން ދެމީހުން ދޭތެރޭ ދެކެވުނު ވާހަކައަށެވެ. އަދި ދެން އެންމެ ފަހުން ޙަމްދާން ޝީލާއަށް ފޮނުވި މެސެޖް ތަކެވެ.

އެއީ އެ ދުވަހުގެ އިރު އޮއްސުނު ގަޑިއެވެ. ޝީލާގެ ފޯނުން ފެނުނު ސޫރަޖުއާ ޝީލާއާ ދެމީހުން ދައްކާފަ ހުރި ވާހަކަތަކުގެ ތަފުޞީލް ފެނުމުން ޙަމްދާންގެ ހިތް ހުއްޓުނު ފަދައެވެ. މީހާ ގަނޑުވެ ބުއްދި ފިލާ ދިޔައެވެ. ވަރަށް ކުރީއްސުރެ އެކުގައި އުޅުނު ރަޙުމަތްތެރިޔާ ރާފިއުއާ ވަކިވާން ޖެހުނު ސަބަބު ވެސް އެނގުނީ އެ ވަގުތުއެވެ. ސޫރަޖު ގާތު ޝިލާ ވާހަކަ ދައްކާފައި ހުރި ގޮތުން ރާފިއުއާ ބެހޭގޮތުން ޙަމްދާން ގާތު ޝީލާ ދެއްކި ވާހަކަ ތަކުގައި އެއްވެސް ޙަގީގަތެއް ނެތްކަން ފުރަތަމަ ފަހަރަށް އެނގުނެވެ. އޭރު ޝީލާ ބޭނުންވި ކަންކަން ޙާސިލު ކުރެވެންއޮތީ ރާފިޢުއާ ޙަމްދާން ދުރުކޮށްގެންނެވެ.

“އަހަންނަށް އެނގޭ ޙަމްދާން އަހަރެން ބޭނުން ގޮތަކަށް އަނބުރާލެވޭނެކަން. އަހަރެން ކޮންމެ ވާހަކައެއް ދެއްކިއަސް ޙަމްދާން ގަބޫލު ކުރާނެކަން. އޭގެ ބޭނުން އަހަރެން ހިފީ! ޙަގީގަތުގައި ސޫރަޖު ފިޔަވައި އަހަރެން އެންމެ ލޯބިވި ފަރާތަކީ ރާފިއު. ރާފިއު އެކަމަށް ނޫނެކޭ ބުނީ! އަހަރެން ބޭނުންވީ ރާފިއުއަށް އޭގެ ބަދަލު ދޭން. އެހެންނަމަވެސް އެ ބުނި ” ނޫނެކޭ ” އެއްވެސް އެއްޗަކަށް ނަހަދާ އަހަރެން ހިނިތުން ވެގެން އުޅުނީ ރާފިއުގެ ފަރާތުން ރަނގަޅަށް ބަދަލު ހިފަން ފަސޭހަ ވާނެތީ! އެކަން އަހަރެން ކުރީ ޙަމްދާން އަހަރެންގެ ޖާދޫގައި ޖައްސައިގެން. ……….. ރާފިއުއާ ޙަމްދާންގެ އޮތް އެކުވެރިކަން ނިމުމަކަށް ގެންނަން ޖެހުނު ސަބަބަކީ އަހަރެންކަން އެނގުނު ދުވަހު ރާފިއު ހުރީ ވަރަށް ދެރަވެފަ. ރާފިއު ދެރަވި ވަރުން އެ ދުވަހު އަހަރެން ވެސް އަސްލު ވަރަށް ދެރަވި! ”

ޝީލާ ލިޔެފައިވާ އެ ދިގު މެސެޖު ކިޔައި ނިމުނު އިރު ޙަމްދާން ހުރީ ވީދެރައިންނާ މޮޅިން އަދި އެއަށްވުރެ ބޮޑަށް ރުޅިން ކެކިކެކިއެވެ. އަންހެނުންގެ މަކަރުވެރިކަމާ ކެހިވެރިކަން އަމިއްލަ ލޮލުން ފެނި އަތުން ހިފުމުން އަންހެނަކަށް ދެން ދުވަހަކު ވެސް އިތުބާރު ނުކުރަން ޙަމްދާން ނިންމިއެވެ. ޝީލާ ވީ އަތުކުރީ ހަރުފަޔަކަށެވެ. އެހިސާބުން ޙަމްދާންގެ ލޮލަށް ދެން ނުފެނި ގެއިން ނިކުމެގެން ދާށޭ ޝީލާ ގާތު ބުނެ ލިޔުނު މެސެޖު، އާރޓިފިޝަލް ބީޗްގެ ގޮނޑިއެއްގައި އިނދެ ފޮނުވުނީތީ މިއަދާ ހަމައަށް ވެސް ޙަމްދާން ދެރައެއް ނުވެއެވެ.

ޝީލާގެ ފޯނުން ޝީލާއަށް އަހަރެން މުހިންމު ވަރު، އަހަންނަށް ވަރަށް ރަނގަޅަށް އެނގިއްޖެ! ޝީލާ ތިއީ ކިހާވަރެއްގެ އަމިއްލަ އެދުން ބޮޑު މީހެއްކަން ވެސް ހާމަވެއްޖެ! ޝީލާ ބޭނުންވަނީ ކޮން ކަމެއްކަމާ ޝީލާގެ މަޤުސަދަކީ ކޮބައިކަން ވެސް ވަރަށް ރަނގަޅަށް ކަށަވަރު ވެއްޖެ! އަހަރެންގެ ރަޙުމަތްތެރިޔާއާ އަހަރެން ދުރުވާން ޖެހުނު ސަބަބަކީ ޝީލާގެ ކެހިވެރި ރޭވުންކަން އެނގުނު ހިނދު އަހަރެންގެ ހިތް ޝީލާއަށްޓަކައި ފޫއްސާ ނަފުރަތުން ފޯވެއްޖެ! ޝީލާގެ ސިއްރު ކުރެވިފައިވާ މި ހުރިހާ ޙަގީގަތެއް އެނގުމުން ……. މި ހުރިހާ ކަމެއް ފަޅާއެރުމުން …. ދެން ޝީލާ އަހަރެންގެ ގޭގައި އެންމެ ސިކުންތަކު ވެސް މަޑު ކުރާކަށް އަހަރެން ނޭދެން. އަހަރެންގެ މައިން ބަފައިން ވެސް ނޭދޭނެ!

މިރޭ ދިހައެއް ޖެހުމުގެ ކުރިން ޝީލާ އަހަރެންގެ ގެއިން ނިކުމެގެން ޝީލާ ދާން ބޭނުންތާކަށް ދިއުން އެދެން. ޝީލާގެ އެކައުންޓްގައި ލާރި ނެތަސް އަހަރެންގެ އެކައުންޓުން ރޭ ޝީލާއަށް ޖަމާކޮށްދިން ލާރިން ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ޝީލާއަށް ދެވިދާނެ! ……………. ޝީލާއަށް އަހަރެންގެ ގެއިން ނުކުންނަން މިދެނީ ހަތަރު ގަޑި އިރުގެ މުހުލަތު! …… އެކަމަކު އަހަރެން އެއްކަމަކަށް ޝީލާގެ ކިބައިން އެދެން. ….. އެއީ މިހާރު ރައްޓެހިވެގެން ތިއުޅޭ މީހާއަށް އަހަންނަށް މި ޖެއްސި ހާލު ނުޖެއްސުން!”

ޝީލާ ދިޔަތަނަކާ އުޅޭ ގޮތަކާ ބެހޭ ގޮތުން މިހާތަނަށް ވެސް ޙަމްދާން އެއްވެސް މައުލޫމާތެއް ނުހޯދައެވެ. ޝީލާ އެގެއިން ދިޔަފަހުން ހަތަރުވަނައަށް ވީމަހު ޝީލާގެ މެސެޖެއް ޙަމްދާންއަށް ލިބުނެވެ. އެދިފައި އޮތީ ޝީލާ ވަރިކޮށްދިނުމަށެވެ. ޝީލާ އެދުނު ފަދައިން ޙަމްދާން އެކަން ޝީލާއަށް ކޮށްދިނެވެ. އޭރު އެކަން ނިންމަން ޙަމްދާން ހުރީ މާބޮޑަށް ވެސް ބޭނުންވެފައެވެ.

ޙަމްދާން ގާތުން ޝީލާ ވަރިވިތާ މާގިނަ ދުވަހެއް ނުވެ ސޫރަޖުއާ ޝީލާ ގެ ކައިވެނި ކުރެވުނު ވާހަކަ އެއް ދުވަހަކު އަހުމަދު ގުޅާފައި ބުންޏެވެ. އަދި އެދެމީހުން އޭރު މަސައްކަތް ކުރަމުން ދިޔައީ ސޫރަޖުގެ އަމިއްލަ ރަށުގެ ސްކޫލެއްގައި ކަމަށް ވެސް އަހުމަދު ބުންޏެވެ. ޙަމްދާން ގާތުން ވަރިވެގެން އެ ކުޑަ ކުޑަ ދަރިފުޅު ޙަމްދާން ބޮލަށް ޖަހާފައި ޝީލާ ދިއަޔަސް ޙަމްދާންގެ ހިތުގައި ޝީލާއާ މެދު ރޯކުރަން ޙަމްދާން ބޭނުންވި ނަފުރަތުގެ ހުޅު ރޮލެއް ނުކުރެވުނެވެ. އެކަން އެނގެނީ ޝީލާގެ ހަނދާންތައް މިއަދާ ހަމައަށް ވެސް ހަމްދާންގެ ހިތުގައި މަދު މަދުން ނަމަވެސް ވިކަމުންދާތީއެވެ.

ޙަމްދާންއަށް ނިދުނު އިރުބޮލުން ބޮޑު ބުރައެއް ނެއްޓި ހިތާމައިގެ ކަނޑަކަށް މީހާވަނީ ޣަރަޤުވެފައެވެ. ފަތިހު ޙަމްދާންއަށް ހޭލެވުނީ އަނެއްކާ ވެސް ބައްޕަ ގުޅާންފެށީމައެވެ. ފޯނުގެ ރިންގްގެ އަޑުން ޙަމްދާން ހޭލައްވައިލިއިރު މީހާއަށް ފާޑެއްގެ ބިރުވެރިކަމެއް އިޙުސާސްވަމުން ދިޔައެވެ.

“ދަރިފުޅާ! ޝީލާ ނިޔާވެއްޖެ! ދަރިފުޅަށް އެނގޭތަ!”

ޙަމްދާން ހަމަ ފޯނު ނެގުމާއެކު ބައްޕަގެ ކަންބޮޑުވެފައިވާ އަޑު ޙަމްދާންއަށް އިވުނެވެ.

“އެނގޭ! ބައްޕައަށް އެނގުނީ ކޮންއިރަކު! ކޮބާ މަންމަ!”

މަންމަ ވެސް ހުންނާނީ ވަރަށް ދެރަވެފައިކަން ޙަމްދާންއަށް އެނގެއެވެ.

“މަންމަ ހަމަ ރޮނީ! ހޫދު ގައިގަ އޮޅުލަ އޮޅުލާފަ އިނދެގެން ރޮނީ!”

ޙަމްދާންގެ ބައްޕަގެ އަޑު ކުރެހިގެން ކުރިއަކަށް ނުގެންދެވުނެވެ. ދެބަފައިން ކުރެ އެކަކު ވެސް އަނގައިން ނުބުނެވި އިރުކޮޅަކު ތިއްބެވެ. ދެން ޙަމްދާންގެ ބައްޕަ ބުނީ ފޯނު ބާއްވަނީ ކަމަށާ ފަހުން ގުޅާނެ ކަމަށެވެ.

ޙަމްދާން ފުރައިގެން މާލެ ދިޔައީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭރު ޙަމްދާން މަންމަ ވެސް ހުރީ ހަމައަކަށް އެޅިފައެވެ. އަދި ހަމްދާން ވެސް މެއެވެ. ވަގުތަކީ އެންމެ އެކަށޭނަ ފަރުވާއެވެ. އެހެންނަމަވެސް ހިތަށް ކުރި އަސަރުގެ ޒަޚަމްތައް ތާޒާކޮށްހުރުމުން ޙޫދު ހަމަ ފެންނައިރަށް ޙަމްދާންގެ ލޮލުން ކަރުނަ ނީރައިލިއެވެ. ދަރިފުޅު ގަޔާލާ ބޮނޑިކޮށްލަމުން ފަސްއަހަރުގެ އެ ދަރިފުޅު ނަގާ އުނގުގައި ބޭންދިއެވެ. އަދި އިޚުތިޔާރުން ބޭރުން ދަރިފުޅުގެ މޫނުގަޔާ ގައިގެ އެކި ތަންތާ ބޮސްދެވުނެވެ. ދުރުގައި މަންޒަރު ބަލަން ހުރި ޙަމްދާންގެ މަންމަގެ ދެލޯވެސް ތެމިގެން އައެވެ. ލޮލުން ފޭބި ކަރުނަ ތައް ސިއްރު ސިއްރުން ފޮހެލަމުން ދަރިފުޅު އާ ހަޔާތެއް ފެށުން އެދި އެތައް ހާސް ދުޢާއެއް ކުރެވުނެވެ.

“ދަރިފުޅާ ! ހޫދު ގޮވައިގެން އަންނަންވީނު ސައިބޯން! މަންމަ ހުންނާނެ ދަރިފުޅު އަންނަން ވާއިރަށް ވަރަށް މީރުކޮށް ހަވާދުލީ ބިސް ހަދާފަ!”

މަންމަގެ ވާހަކަ އަޑު އިވުމުން ޙަމްދާންއަށް ވެސް ހަމަބިމަށް އާދެވުނެވެ. ދަރިފުޅުގެ ހާލުގެ ވާހަކަ އެ ތުއްތު ތުއްތުއަޑުން ކިޔުއްވިއެވެ.

ދެބަފައިން ވާހަކަ ހުއްޓާލާފައި ސައިބޯން ހިނގައިގަތީ އަނެއްކާ ވެސް ޙަމްދާންގެ މަންމަ ގޮވައިލުމުންނެވެ. ސައިތަށިތައް ޙަމްދާންގެ މަންމަ މޭޒުމަތީ ބަހައްޓަމުން ދިޔައިރު ޙަމްދާންގެ ދަތުރާ ބެހޭ ގޮތުން ސުވާލުކުރަމުން ދިޔައެވެ. ޙަމްދާން ވެސް މަޑުމަޑުން ސައި ބޮމުން މަންމަގެ ބައެއް ސުވާލުތަކަށް ޖަވާބު ދެވޭތޯ ބަލަމުން ދިޔައެވެ.

” ކޮއްކޮ ދޭބަލަ އާމިނާ ދައްތަޔަށް ސައިބޯން ގޮވަން!”

ޙަމްދާން ބައްޕަގެ ރަޙުމަތެރި މުފީދުގެ ދަރިފުޅަށް ގޮވަން ޙަމްދާންގެ މަންމަ ހަވާލުކުރީ ހޫދުއާއެވެ. ހޫދުގެ މާމަ ބުނި އެއްޗެއް އަޑުއިވުމާއެކު ހޫދު ދުއްވައިގަތީ އެ ކޮޓަރިއާ ދިމާއަށެވެ.

“ކީކޭ އާމިނާ ދައްތަ ބުނީ!”

ހަމްދާންގެ މަންމަ ސުވާލު ކުރީ ހޫދުގެ ބޮލުގެ އިސްތަށިގަނޑާ ކުޅެމުންނެވެ.

“އާމިނާ ދައްތަ އެބަ އާދޭ!”

ހޫދުގެ ތުއްތުއަޑުން އެ ލަފުޒުތައް ކިޔައިލި ގޮތުން ޙަމްދާންގެ ހިތް ލޯބިން ފުރިގެންއައެވެ.

“އެ މުފީދުބެގެ ދަރިފުޅު އައި ފަހުން މި ސޮރު އެ މަންޖެއާ ވަރަށް ދޯޅު ވެއްޖެ!”

ޙަމްދާންގެ މަންމަ އެހެން ބުނުމުގެ ފަހަތުގައިވަނީ ޙަގީގަތުގައި އެހެން މަޤުސަދެކެވެ. އެހެންނަމަވެސް އިތުރު ކަމަކަށް ވިސްނޭ ވަރަށްވުރެ ޙަމްދާންގެ ސިކުނޑީގެ ހައިޖާން ބޮޑުކަމުން ޙަމްދާން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

“ދަރިފުޅު ނިމުނީތަ! ….. ހާދަ ކުޑަކޮށް!”

ޝަކުވާ އެކުލެވިގެންވާ އަޑަކުން މަންމަ ބުނުމުން ޙަމްދާން އެނބުރި ބަލައިލިއެވެ.

“މަންމާ! އަޅުގަނޑު ބޭނުން ނިދާލަން! އެހެން ނޫނަސް ރަނގަޅަށް ސައިބޮވިއްޖެ!”

މަންމަގެ ބޭނުމަކީ ޙަމްދާން މަޑުކުރުވުންކަން ނޭނގި ހުރެ ޙަމްދާން ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލީ ހޫދުއަށް ވެސް ގޮވަމުންނެވެ.

ދެބަފައިން އެކުގައި އޮށޯތަސް ހޫދު ނިދާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ދަރިފުޅު ގައިގާ ބައްދާލައިގެން އޮވެ ޙަމްދާން ކިޔައިދެމުން ދިޔައީ ޢަންމުކޮށް ނިދާ ގަޑިތަކުގައި ޙަމްދާން ހޫދުއަށް ކިޔައިދޭ ބައެއް ވާހަކަތަކެވެ. ވާހަކައިގެ އަޑު އަހަން ހިމޭނުން އޮތް ހޫދު މަޑުމަޑުން ނިދެމުން ގޮސް ނިދުނީ ތިން ހަތަރު ވާހަކަ ޙަމްދާން ކިޔައިދިން ފަހުންނެވެ. ދަރިފުޅަށްޓަކައި ވަރުބަލިކަން ހަނދާން ނައްތާލާފައި ވަގުތު ދިން ޙަމްދާން ވެސް އެހިސާބުން ނިދީއެވެ.

ރޭގަނޑުގެ ކާގަޑީގެ ކުރިން މީޓިންގއެއް އޮތުމުން ފެންވަރާ ތާޒާވެލައިގެން ޙަމްދާން ނިކުތީ ބޭރަށެވެ. މަގުމައްޗަށް ނިކުމެ ސައިކަލަށް އަރައިގެން ދުއްވައިލިއިރު މަގުގެ އަނެއް ފަރާތުން އައިސް ޙަމްދާން ފަސްދީ ދިޔަ އަންހެންކުއްޖާއަކަށް ޙަމްދާން ރަނގަޅަކަށް ނުބަލައެވެ. އެ ތަސްވީރު، ކިރިޔާ ލޮލަށް ސިފަވެގެން އައީއެވެ. އެހެންނަމަވެސް އެސޫރަ ހިތުގެ ކޮންމެވެސް ހިސާބަކުން ތިލަވެ ޙަމްދާންގެ ސިކުނޑިއަށް ރަނގަޅަށް ފުރޭނިގެން ދިޔައިރު ތޫބާގެ ނަން ޙަމްދާންގެ އަނގައިން ބޭރުކޮށްލެވުނެވެ.

“ތޫބާ! …….. ތޫބާ މާލޭގައި އުޅެނީބާ!”

އެ ޚިޔާލު ހިތުގައި ހިނގާލުމުން ޙަމްދާން ސައިކަލް ވަށައިލީ ތޫބާއާ ދިމާވެތޯއެވެ. ކަންދިމާކުރިގޮތުން ޙަމްދާންއަށް ތޫބާ ފެނުނު ހިސާބަށް އައި އިރު ތޫބާގެ އެއްވެސް ހިލަމެއް ނެތެވެ. މާޔޫސް ކަމާއެކު ޙަމްދާން ސައިކަލު އަނބުރައިލީ އަނެއްކާ ވެސް އޮފީހާ ދިމާއަށެވެ.

އޮފީހުގައި އިންއިރު ފާއިތުވެ ދިޔަ އެތައް އަހަރެއްގެ ތެރޭ ހިތަށް ނުވާ ބުނަން ނޭނގޭ އުދަނގޫ ތަކެއް ވަމުން ދިޔައެވެ. މިއި ކީއްވެގެންވާ އުދަނގޫތަކެއް ކަމެއް ޙަމްދާންއަކަށް ނޭނގުނެވެ.

އެރޭ ގެއަށް އައިސް ނިދާން އޮށޯވެ އޮވެ އޮވެ ޙަމްދާންއަކަށް ނުނިދުނެވެ. ފޯނުގައި ތޫބާގެ ނަމްބަރ އޮތްތޯ ޗެކުކޮށްލިއެވެ. ނަމްބަރ އެބައޮތެވެ. މެސެޖް ކޮށްލުމަކީ ގޯހެއްހެއްޔެވެ!

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !