(އަށްވަނަ ބައި)
ފަރުހާންގެ އެއްވެސް ޖަވާބެއް ނުލިބުމުން ލަމްޔާ އިސްއުފުލައި ބަލައިލިއެވެ. ފަރުހާންއަށް އަނެއްކާވެސް ފެނުނީ ކަރުނުން ފުރިފައިވާ ލަމްޔާގެ ދެ ލޮލެވެ. އެ ކަރުނަވީ ދެލޯ ވެގެންދިޔައީ ފަރުހާންގެ ކޮންމެ ވިންދަކާ ކުޅެލި އެއްޗަކަށެވެ. ލުއި ލުއި ހިނިތުންވުމަކާއެކު ފަރުހާން މަޑުމަޑުން ބޯޖަހައިލިއެވެ. ވަރަށް ހިތްވަރުންނެވެ.
ނިދުމުގެ ކުރިން އާދައިގެ މަތިން ލަމްޔާ ބޭނުންވީ ބެލްކަންޏަށް ނިކުމެ ބޯގަންވިލާ ގަސްތައް ކައިރީ އިރުކޮޅަކު އިނދެ ލުމަށެވެ. އެއީ ލަމްޔާ ވަރަށް ގިނަ ފަހަރު ކަންކުރާ ގޮތެވެ. މިރޭ ނިކުމެލާހިތް މާބޮޑަށްވީ ގޯސްވެފައިވާ ޠޮބީޢަތަށް ރޭގަނޑުގެ ފިނި ރޯޅިން ކޮށްމެވެސް ވަރެއްގެ ލުޔެއް ވެސް ލިބިދާނެތީއެވެ.
މާފޮޅިފައި ހުރި ގަސްތަކަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ލަމްޔާ ގޭތެރެއަށް ވަންނަން ހިނގައިގަތްތަނުން ކަޅި ހުއްޓައިލެވުނީ ފަރުހާން ނިކުމެ ހުންނަ އެގޭގެ ބެލްކަންޏަށެވެ. އޭރު ފަރުހާން ލަމްޔާގެ ކޮންމެ ޙަރަކާތަކަށް ބަލަހައްޓައިގެން ހުރިތަން ފެނުމުން ރަކިގޮތަކަށް ހީނލެވުނެވެ. މާތަކުގައި އަތްލާ ވަސްބަލާ ހެދި ތަނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން އިރުކޮޅަކު ތިއްބެވެ. ދެމީހުންގެ ދެމެދެ ހަމަ ހިމޭން ބަސްމޮށުންތެރިކަން ހިނދުކޮޅަކަށް ދެމިގެން ދިޔައެވެ. ކޮންމެ މީހަކަށް ވެސް އިޙުސާސް ކުރެވުނީ އެ ހޭދަ ކުރެވުނީ ހިތަށް އުފާލިބުނު ވަގުތުކޮޅެއްކަމެވެ.
ނިދަން އޮށޯތުމުގެ ކުރިން ފެންވަރާލުމަކީ ލަމްޔާގެ އާދައެކެވެ. އެއާދައިގެމަތިން ފެންވަރައިގެން ނިކުމެ ރީތިވާ މޭޒުދޮށުގައި ހުއްޓުނީ އާ ފުރެމުންނެވެ. އެވަގުތު އެނދުމަތީ އޮތް ފޯނު ރިންގު ވާއަޑު އިވިއްޖެއެވެ. ބަލައިލުމުގެ ކުރިން ވެސް ފަރުހާންގެ ކޯލަކަށް އެކޯލު ވުން އެދެވުނެވެ. އިންސާނުންނަކީ ހާދަ އެދުން ބޮޑުބައެކެވެ. ފަރުހާންއަކީ އެއްވެސް ކަމަކާ ނުލާ މިހާތަނަށް ވެސް ލަމްޔާއަށް ގުޅި މީހެއްނޫނެވެ. ދެން މިރޭ ވަކި ފަރުހާންގެ ކޯލަކަށް ހިތް މި އެދުނީ ކީއްވެހެއްޔެވެ! ކޮންމެ ގޮތެއްވިޔަސް ތަގުދީރު ހިތުގެ އަޑުއެހި ފަހަރެކެވެ. ލަމްޔާއަށް އެ ކޯލުގެ ވެރިފަރާތް އެނގުމުން މުޅިދުނިޔެއަށް ވެސް ސިއްރުން ހީނލެވުނެވެ.
”ހަލޯ! ”
ކެނޑިކެނޑިގެން އައި ލަމްޔާގެ އަޑު ފަރުހާންއަށް އިވުނީ ހިތަށް ފިނިކަން ގެނެސްދެމުންނެވެ.
”އަހަރެމެންނަށް ވާހަކަ ދައްކައިލެވިދާނެތަ!”
ފަރުހާންގެ ވާހަކަ ދެއްކުމުގައި ހުންނަ މަޑުމައިތިރި ، އޯގާތެރިކަމަކީ ލަމްޔާއަށް ވަރަށް ރުހެވޭ ސިފައެކެވެ.
”ދިހަވަރަކަށް މިނިޓް ފަހުން …….! ” ލަމްޔާގެ ޖަވާބު އިވުމުން ފަރުހާންގެ ހިތް އުފަލުން ނަށާލިއެވެ.
ލަމްޔާ ބުނި ވަގުތަށްވުރެ އިރުކޮޅެއް ފާއިތުވެ ދިޔަ ފަހުން ފަރުހާން ގުޅިއެވެ. އޭރު ބުނި ވަގުތަށްވުރެ އަވަހަށް ނިމިގެން ލަމްޔާ ހުރީ އެ ކޯލުގެ އިންތިޒާރުގައެވެ. ފުރަތަމަ ދެމީހުންވެސް ވާހަކަ ދެއްކީ ދުނިޔޭގެ ބައެއް ކަންކަމާ ބެހޭގޮތުންނެވެ. އައިނީއާ ސާރާގެ ވާހަކަ ދެކެވެން ފެށުމުން ފަރުހާން އެއްޗެއް ނުބުނެ އިރުކޮޅަކު ހުރުމަށްފަހު ލަމްޔާއާ ކުރި ސުވާލުން ލަމްޔާ ދިޔައީ ސިއްސައިގެންނެވެ.
”ކޮބާތާ އައިނީގެ ބައްޕަ! ……. ލަމްޔާ ބޭނުމިއްޔާ ……. އަހަރެން އެދެން މި ސުވާލުގެ ޖަވާބު! ….. ސަބަބަކީ އަހަންނަށް މި ވާހަކަ ދެކެވެނީ މީހެއްގެ އަނތްބަކާ ނޫންކަމެއް ވެސް ނޭނގޭތީ! …. ހީކުރަން ގޯސް ގޮތަކަށް ނުވިސްނާނެކަމަށް!”
އިރުކޮޅެއް ވަންދެން އިވުނީ ހަމައެކަނި ލަމްޔާގެ ނޭވާގެ އަޑެވެ. އެއަށްފަހު ހަށިގަނޑުގައި ހުރި ހުރިހާ ހަކަތައެއް އެއްކުރުމަށްފަހު އޭނަގެ ދިރިއުޅުމުގެ ކަޅާ ހުދުގެ ސަފުޙާތައް އަދި ރީތި ކުލަތަކަކުން ކުލަ ޖެހުނު ސަފުޙާތައް ވެސް ފަރުހާންއަށް ކިޔައިދޭން ތައްޔާރުވިއެވެ.
”އުންމީދުކުރަން ތިއީ އަހަންނަށް އިތުބާރު ކުރެވިދާނެ މީހެއްކަމަށް!” މޮޅިވެރިއަޑަކުން ލަމްޔާ ބުނި ޖުމުލައަށް ފަރުހާން ޖަވާބު ދިނީ މާކުރިން ތައްޔާރުވެގެން ހުރި މީހަކު ފަދައިންނެވެ.
”ޔަގީނުންވެސް ލަމްގެ އެއްވެސް ވާހަކައެއް އަހަންނަށް ކިޔައިދީގެން ފަހުން ދެރަވާކަށް ނުޖެހޭނެ!” ފަރުހާން ލަމްޔާއަށް ޔަގީންކަން ދިނީ އޭގެ އިންތިހާއަށެވެ.
”އައިނީގެ ބައްޕައަކީ…….. ހުޒާމް. އެއީ އަހަރެންގެ……….. ފިރިމީހާ!” ލަމްޔާގެ އަޑު އިވުމުން ފަރުހާންގެ މޭގައި ރިހުމެއް އުފެދިގެން އައެވެ.
” ނަމަވެސް އެއީ މީގެ އަހަރުތަކެއް ކުރިން…….. އެއީ މާޒީ!” ލަމްޔާ ދެން ބުނެލި ޖުމުލައިން ފަރުހާންއަށް ހަށިފުރާ ފަސޭހަ ނޭވާއެއް ލެވުނު ފަދައެވެ.
”އެ ދުވަސްތައް އެއީ އަހަރެންގެ ހަޔާތަށް އައި ފޮނި ހިތި ދުވަސްތަކެއް. މިއަދު އަހަންނަކީ ސިންގަލް މަންމައެއް. އެކަނިވެރިއެއް. އާއިލާގައި އަހަރެންގެ ދަރިފުޅު ފިޔަވައި ދެން ހުރީ އަހަރެންގެ ބައްޕަ އެކަނި. އަހަރެންގެ ވަރަށް ޅައުމުރުގައި މަންމަ އަހަންނާ ބައްޕަ ދޫކޮށް މި ދުނިޔެއާ ވަކިވީ! …….. ފަރުހާން! އަހަރެންކިހާ އެކަނިވެރި. …. ކިހާ އެކަނިވެރި. ދުނިޔެ އަހަންނާ މެދު ރަޙުމެއް ނުކުރި ……. ނަމަވެސް އަހަރެން ގެ ޝަކުވާއެއް ނެތް.! … އެއްވެސް ޝަކުވާއެއް ނެތް! މިންވަރުފުޅުގައި ހުރިގޮތް! …….”
ލަމްޔާގެ ވާހަކަ މެދުކެނޑި ދެން އިވުނީ މަޑުމަޑުން ގިސްލާއަޑެވެ. ހަވީރު ދިމާވި ކަންތައްތަކާ އެކު އަދި މި ވަގުތު މި ދެކެވުނު ވާހަކައިގެ ސަބަބުން ލަމްޔާ ހުރީ ވަރަށް ޖަޒުބާތީވެފައެވެ. މީހާ ހުރީ ބަލިކަށިވެފައެވެ. ހިތްވަރު އެލިފައެވެ.
ލަމްޔާގެ ވާހަކައިން އަސަރުކޮށްފައިވާ ފަރުހާންއަށް އިތުރަށް އަސަރު ކުރީ ލަމްޔާ ރޮނީކަން އެނގުނީމައެވެ. ލަމްޔާ ދެއްކި ވާހަކަ ތަކަކީ ތެދުކަން ހަވީރު ދިމާވި ލަމްޔާގެ ރަޙުމަތްތެރިޔާގެ ވާހަކަތަކާ ގުޅުވައިލުމުން ފަރުހާންއަށް ޔަގީން ކުރެވިއްޖެއެވެ. އެހެންކަމުން ފަރުހާން ބޭނުންވީ މިވަގުތު ލަމްޔާ ހަމައަކަށް އެޅޭނެ ގޮތަކީ ކޮބައިތޯ ބެލުމެވެ. ލަމްޔާ ކައިރީ ހުރެވުނުނަމަ މެއާލާ ބޮނޑިކޮށްލެވުނީހެވެ. މޫނުގައި ބޮސް ދެވުނީހެވެ. ބޮލުގައި ފިރުމަމުން ހިތްވަރު ދެވުނީހެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ފަރުހާންއަކަށް ނުކުރެވޭނެއެވެ. މިއީ އެއްވެސް ރަސްމީ ގުޅުމެއް އޮތްބައެއް ނޫނެވެ. އިހަކަށްދުވަހު ދިމާވި ދެ ބީރައްޓެހިންނެވެ. ލަމްޔާގެ ދިރިއުޅުމުގެ ކަންކަން އަހާ އޮޅުން ފިލުވުމުގެ އެއްވެސް ޙައިސިއްޔަތެއް ފަރުހާންއަށް އެބައޮތްހެއްޔެވެ!
”ލަމް ޕްލީޒު، ނުރޮއެ. ތިއީ ހިތްވަރުގަދަ މަންމައެއް. އެކަނިވެރިއެއްނޫން! އިރާދަ ކުރެއްވީތީ ލަމްއަށް މާއުފާވެރި ދުވަސްތަކެއް ދައްކަވާނެ!…… ޕްލީޒު،…. ހުއްޓާލާ!” ފަރުހާންގެ ހިތްވަރުދިނުމުގެ ބަސްތަކުން ލަމްޔާއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ހަމަ ޖެހުމެކެވެ. ހީވީ އެކުގައި އެތައްދުވަހަކު އުޅެފައިތިބި ބައެއްހެންނެވެ.
އެރޭގެ ފޯނުކޯލް ކުރުކޮށްލިއިރު ލަމްޔާގެ ދިރިއުޅުމުގެ ހިތްދަތި ދުވަސްތަކާ އުފާވެރި ދުވަސްތައް ފަރުހާންއާ ހިއްސާ ކުރެވުނަސް ފަރުހާންގެ ދިރިއުޅުމުގެ އެއްވެސް ވާހަކައެއް ލަމްޔާ ނާހައެވެ. އަހަން ބޭނުން ވެސް މެއެވެ. އެކަމަކު އަހާކަށް ނުކެރުނެވެ. ފަރުހާން ހީކޮށްފާނެ އެއްޗަކަށް ބަލާފައެވެ.
ދެމީހުންގެ ފޯނުކޯލެ އެރޭގެ ބާރަ ޖަހަންދެން ކުރިއަށް ދިއައެވެ. ފަހުން ފަރުހާން ސުވާލުކުރީ ލަމްޔާގެ ވަޒީފާއާ ކުރާ މަސައްކަތާ ބެހޭގޮތުންނެވެ. މުޅިންވެސް ލަމްޔާއަށް އޮތީ ފަރުހާންގެ ސުވާލުތަކަށް ޖަވާބު ދިނުމެވެ.
ރިހެމުންދިޔަ ލަމްޔާގެ ހިތުން އެތައް ޓަނެއްގެ ބަރުދަން ލުއިވެގެން ދިޔަ އެ ފޯނުކޯލަށް ފަހު ލަމްޔާ ހުންނަނީ ނޭނގޭ އުފާވެރި އިޙުސާސަކުން ބަނދެވިފައެވެ. އަބަދުވެސް ފަރުހާންގެ ކޯލަކަށް ނޫނީ މެސެޖަކަށް އިންތިޒާރު ކުރެވެއެވެ.
ލަމްޔާގެ ހިތްދަތި އެކަނިވެރި ދިރިއުޅުމުގެ އެތައް ވާހަކަތަކެއް ލަމްޔާ ކިޔައިދިން އިރު ފަރުހާންގެ ފަރާތުން ލަމްޔާ އެއްވެސް އެއްޗެއް ނާހައެވެ.
”ކީއްވެބާ! އަނެއްކާ މަންމަ އަހަރެންގެ ހުރިހާ ވާހަކައެއް ކިޔައިދިނީބާ!” ފަރުހާން ވިސްނީ އެންމެ ފަހުން ދޮންތަގެ ފަރާތުން ނުވަތަ މަންމަގެ ފަރާތުން ނަމަވެސް ލަމްޔާއަށް ސާރާގެ މަންމަގެ ކަންކަން އެނގުނީކަމަށެވެ.
ހެނދުނާ ހަވީރު ލަމްޔާ ގަސްތަކަށް ފެންދެއެވެ. އެކަން މިހާރު މާރަނގަޅަށް ވެސް ފަރުހާންއަށް އެނގެއެވެ. އެހެންކަމުން ލަމްޔާ ގަސްތަކަށް ފެންދޭން ނިކުތުމުގެ ކުރިން ފަރުހާން ހުންނަނީ ނިކުމެ އެރީތި އަންހެނާގެ ސޫރަ ދެކިލުމުގެ އިންތިޒާރުގައެވެ. ފާއިތުވި ދެ ދުވަހު އެދެމީހުން ކޯލެއް ނުކުރެއެވެ. މެސެޖެއް ވެސް ނުކުރެއެވެ. އެކަމަކު ކޮންމެ ދުވަހަކުވެސް ހެނދުނާ ހަވީރު އެކަކު އަނެކަކަށް ފެނިލެވެއެވެ. އެ ފެނިލާ ކޮންމެ ފަހަރަކު މަޑުމަޑު ލުއި ލުއި ހީނލުމެއް ހަދިޔާކުރެވެއެވެ. އިޚުތިޔާރުން ބޭރުން އެކަކު އަނެކަކަށް ބަލައިލެވެއެވެ. ސީދާ ނަޒަރުންނެވެ. އަދި ގިނަ ފަހަރު ވައްކަޅިންނެވެ.
ލަމްޔާ ގަސްތަކަށް ފެންދީ ނިމިގެން ހިންދެމިލާ ގޭތެރެއަށް ވަންނަން ފަހިކޮށްލަމުން ފަރުހާންއާ ދިމާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އެވަގުތު ފަރުހާން އަތުގެ އިނގިލިތައް ކަންފަތާ ކައިރިކޮށްލަމުން ފޯނު ކުރިއަސް އޯކޭހޭ އިޝާރާތުން އަހައިލިއެވެ. ލަމްޔާ ލަދުން މޯޅިވަމުން މަޑުމަޑުން ބޯޖަހާލިއެވެ. ލުއި ހިނިތުންވުމަކާއެކުގައެވެ.
އިރުކޮޅަކުން އިވުނީ ފޯނު ރިންގުވާއަޑެވެ. ފަރުހާންގެ ކޯލެކެވެ. ފޯނު ނެގުމުން ފަރުހާން އެހީ ހަވީރު ކުދިން ގޮވައިގެން ބީޗަށް ދެވިދާނެތޯއެވެ. ސާރާ ރޭއްސުރެ ބީޗަށް ދާން ކިޔާތީ އައިނީއާ ދެކުދިން ދިޔާމައި ދެކުދިންނަށް ވެސް އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރަން ފުރުސަތު ދެވެނީކަމަށް ފަރުހާން ބުނީ ޖެހިލުންވެ ހުރެއެވެ. ލަމްޔާ ބުނީ ފަހުން ޖަވާބެއް ދޭނެކަމަށެވެ.
ހެނދުނުގެ ސައި ތައްޔާރުކުރަން ހުރިއިރު ލަމްޔާގެ ހިތަށް އަރަމުންދިޔައީ މުޅިންވެސް ފަރުހާން ދައްކާފައި ހުރި ވާހަކަތަކެވެ. ބައެއްފަހަރު ހީނލާގޮތެވެ. އެ އަޑެވެ. ފަރުހާންގެ ފިރިހެންވަންތަ ހަށިގަނޑެވެ. އެ ނަޒަރެވެ. ބަލާލާ ގޮތެވެ. ހީނލާއިރު ތުންފަތަށް އަންނަބަދަލެވެ. މިހުރިހާ ޚިޔާލަކާއެކު ފަރުހާން ގާތުން ދެކިލުމުގެ އެދުން ހިތުގައި ހިނގަންފަށައިފިއެވެ. އަދި ފަރުހާން އެންމެ ގާތުން ފެންނާނީ އެގެއަށް ގޮސްގެން ކަމަށްވާތީ ލަމްޔާ ނިންމީ އެގެއަށް ދިއުމަށެވެ.
މެންދުރަށް ލަމްޔާ ކެއްކީ ނޫޑްލްސެވެ. މަތިޖެހި ތައްޓަކަށް ތިން މީހަކަށް ވާވަރަށް ނޫޑްލްސް އަޅައިގެން ލަމްޔާ ހިނގައިގަތް އިރު ހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. ނެގިނެގިފައި ޖެހެއެވެ. މިހިތް މިއީ ހާދަ ބަސްނާހާ ހިތެކެވެ. ފަރުހާން ނޫން މީހުންނާވެސް ދިމާވިއެވެ. މިހެނެއް ނޫޅެއެވެ. ލަމްޔާ ހިތަށް އައި އެއްޗަކުން ލާނެއް ހިނިތުންވުމެއް ތުންފަތްމަތީގައި ކުޅެލިއެވެ.
ގޭގެ މައިދޮރު ހުޅުވާލަން ގާތްވެލިއިރު ބޭރުން ބަޔަކު ވާހަކަ ދައްކާ އަޑުއިވުމުން ކުޑަކޮށް މަޑުކޮށްލިއެވެ. ދޮރު ހުޅުވާލާފައި ވަން ބައްޕައަށް ނަޒަރު ހުއްޓާލަމުން ކާން އިށީންނަން ބުނި އިރު ފަހަތުން ދެވަނަ މީހަކުވެސް ވަންނަނީއެވެ. ދައްކަން ފެށި ވާހަކަ ނުނިންމުނީ އެމީހާގެ ސޫރަ ކުރިމަތިން ދާދި ގާތުން ފެނުމުންނެވެ. ލަމްޔާއަށް ވީގޮތް ވަރަށް ރަނގަޅަށް ފަރުހާންއަށް ފެނުނެވެ. އެހެންކަމުން ކުޑަކޮށް ކައިރިވެލާފައި ލަމްޔާގެ މޫނާ ދިމާއަށް މޫނު ކައިރިކުރަމުން ”ލަމް” އޭ ބުނަމުން ކުރިއަށް ދިޔައެވެ. އޭރު ބައްޕަ ވާހަކަ ދައްކަމުން ގޮސް މޭޒުކައިރީ އިށީންނަނީއެވެ.
”ބައްޕައަށް އެނގޭ މިއަދު ދަރިފުޅު ކައްކަނީ ނޫޑްލްސްކަން، އެހެންވެ ފަރުހާންވެސް ގޮވައިގެން މިއައީ!”
ބައްޕަ ދައްކާ ވާހަކަ އަޑުއަހަމުން ދެތަށި މޭޒުމަތީ ބެހެއްޓުމަށްފަހު ލަމްޔާ އެނބުރުނުއިރު ބައްޕަ އަތް ދޮވެގެން އައިސް އަލުން އިށީންނަނީއެވެ. ފަރުހާން މަޑުކުރީ ލަމްޔާގެ ބައްޕަ ނިމެންދެނެވެ. ސިންކަށް ފުރަގަސްދީގެން އިށީން ބައްޕައަށް ބަލަމުން އަތްދޮންނަން ފެށި ފަރުހާން ކައިރީ ލަމްޔާ ހުއްޓުނީ ޖޫސް އަޅާ ތަށިތައް ހިފައިގެންނެވެ. އިސްކުރު ދޫކޮށްގެން ހުރި ފަރުހާންގެ ނަޒަރު ލަމްޔާގެ މޫނު ނޫންތާކަށް ނުހުއްޓެއެވެ. އެންމެ ފަހުން ލަމްޔާ އެ އިސްކުރު ބާރު ކުރަންދެން ވެސް ފަރުހާން ހުރީ އެ ގޮތަށެވެ.
މަޑުމަޑުން ލަސްލަހުން ކަމުންދިޔަ ފަރުހާންގެ މޫނު ފެންނަ ހިސާބުގައި ހުރި ލަމްޔާއަށް ފަރުހާން ނޫންތާކަށް ނުބެލެވެއެވެ. ބައެއް ފަހަރު ވައްކަޅިންނެވެ. އަނެއްބައި ފަހަރު ސިދާނަޒަރުން ލަދުރަކި ގޮތަކަށް ސިއްރުންނެވެ. ބައްޕަ ކުރިމަތީ އިނުމުން ފަރުހާން އިނީ ގިނައިން އިސް ޖަހާލައިގެންނެވެ. ބައްޕަ ދައްކާ ވާހަކަތަކަށް ބައެއްފަހަރު އާން ހޫން ކިޔައިލުން ފިޔަވައި އިތުރު ވާހަކައެއް ވެސް ނުދައްކައެވެ. އެހެންކަމުން ހިތް ނުފުރުނަސް ފަރުހާންއަށް ބަލަހައްޓައިގެން ހުރެލަން ލަމްޔާއަށް ކޮންމެވެސް ވަރަކަށް ވަގުތު ލިބުނެވެ.
( ނުނިމޭ )
ޚިޔާލުތައް
ވަރައް ރީތި އެހަާމެ އަސަރުގަދަ
ޥަރަށް ރީތި! ޢެހާ އަވަހަށް ލަމް އާޢި ފަރްހާން ނުގުޚުވާތި
ޥަރަށް ފުރިހަމަ
ޥ. ރީތި! ލަމްއާއި ފަރުހާން އެކަކުއަނެކަކަށް އެބަލާލާ އިޝްގީ ގޮތް ހީވަނީ ސިފަވާހެން. ޜީތި ސިފަކުރުމެއް.
މި ވަަހަކަަގައި ދެން ވާގޮތެއް ބަލަން ވ ބޭނުން. ވ ރީތި