A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބޯގަންވިލާ 11

ވަހަކަ: ބޯގަންވިލާ

(އެގާރަވަނަ ބައި)

ފަރުހާންއާ ގުޅުން ހުރި ކޮންމެ އެއްޗަކާ ކޮންމެ ކަމަކީވެސް ލަމްޔާގެ ހިތުގައި ލޯތްބާ ގަދަރާ ކުލުނު ޖެހިފައިވާ ކަންކަން ކަމަށްވާތީ އެގެއަށް ދާހިތް މާބޮޑަށް ވީކަންނޭނގެއެވެ. ފަހަރެއްގައި ފަރުހާންގެ ޚަބަރެއް ވެސް ވެދާނެތީއާ ވެސް އެކުގައެވެ.

ޚަދީޖާމެން އުޅޭ ފްލެޓްގެ ދޮރުހުޅުވަމުން ލަމްޔާ ސަލާމް ގޮވައިލިއެވެ. ސަލާމް ބަލައިގަތީ ފައިނާއެވެ. ފައިނާއަށް ލަމްޔާ ފެނުމުން” މާމާ! ލަމްދައްތަ!” އޭ ގޮވަމުން ގޮސްވަނީ ބަދިގެ ބަޔަށެވެ. ފައިނާގެ އަޑު އިވުމުން ސައިބޯން އިން ޚަދީޖާ ނިކުތީ ސައިތަށި ވެސް ހިފައިގެންނެވެ.

“އާދޭ އަވަހަށް ސައިބޯން!” ސަޔަށް ދައުވަތު ދެމުން އައިސް ލަމްޔާގެ އަތުގައި ޚަދީޖާ ހިފިއެވެ. ޚަދީޖާގެ އެ ޙަރަކާތުން ލަމްޔާއަށް ކުރެވުނީ މައިވަންތަކަމުގެ އިޙުސާސެވެ. ކުޑަކޮށް ހީނލަމުން ޚަދީޖާއާއެކު ލަމްޔާ ވެސް ކާބަޔަށްވަދެ ޚަދީޖާއިން ގޮނޑީގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އެކަމަކު ސައި ނުބޯނެ ވާހަކަ ބުނުމުން ޚަދީޖާ އެކަމާ ހިތްހަމަ ނުޖެހުނެވެ. ލަމްޔާ ބުނީ ސައި ބުއީ އިރުކޮޅެއްކުރިން ކަމަށާ އެހެން ދުވަހަކުން ސައިބޯން އަންނާނެ ކަމަށެވެ.

ލަމްޔާ ވާހަކަ ދައްކަން ފެށުމުން ޚަދީޖާއަށް ބަލައިލެވުނީ ލަމްޔާގެ މޫނަށެވެ. އެ އަޑުގައިވާ މަޑުމައިތިރިކަމާ މޮޅިވެރިކަން އިޙުސާސްވެ ފާހަގަ ކުރެވުމުންނެވެ.

“ލަމްޔާ ބަލީތަ! ހާދަ ހިކިއްޖެހެން ހީވެޔޭ! …. އެންމެ ފަހުން ތިގެއަށް ދިޔަ ދުވަހުވެސް ހީވި ބަލިވެ އުޅޭހެން! އެކަމަކު އަހާލަން ނުކެރުނީ!”

ލަމްޔާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން ޚަދީޖާ ވިސްނުންތެރިކަމާއެކު ސުވާލުކުރިއެވެ. ނަސީބަކުން ލަމްޔާއަށް އެ ސުވާލުގެ ޖަވާބު ނުދެވިގެން އުޅެނިކޮށް  ބޭރުން ސަލާމް ގޮވައިލިއަޑު އިވިއްޖެއެވެ. ޚަދީޖާ ނިކުމެފައި އައީ އެހެން އަންހެނަކާއެކުގައެވެ. ދެމީހުންގެ ދެމެދު އޮތް ގުޅުމަށް ވިސްނާލުމުން އެއީ ގާތް ދެ ރަޙުމަތްތެރިންކަން އެނގެއެވެ.

ލަމްޔާ ހަމަ ފެނުމާއެކު އެ އަންހެންމީހާގެ މޫނުމަތި އަލިވެގެން ދިޔައެވެ.

“ރަނގަޅު ގަޑިއެއްގަދޯ މިއާދެވުނީ ވެސް! ………  އަސްލު އަހަރެން މިއައީވެސް ޚަދީޖާއަށް މަރުހަބާ ކިޔުމަށޭ!” އުފާވެރިކަން އެކުލެވިފައިވާ އަޑަކުން އަންހެން މީހާ ވާހަކަ ދެއްކީ ލަމްޔާގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ.

ޚަދީޖާ އަށް ލިބުނު ޙައިރާންކަން އިންތިހާއަށް ދިޔައެވެ. ޚަދީޖާ ބަލައިލީ ލަމްޔާގެ މޫނަށެވެ.

“ވަރިހަމަނު ފަރުހާންއަށް ދެވަނަ ދަރިއަކު ލިބެން އުޅޭ ވާހަކަ ގުޅާލާފަ ބުންޏަސް. މިއަދުވެސް މި އެނގުނީ އަހަރެންގެ މަރިޔަމް ގެއަށްގޮސް ބުނީތީ! އެހެންނޫންނަމަ ޚަދީޖާ ނުއެއްބުނާނެ!”

ޙައިރާންވެފައި ތިބި ދެމީހުން އެ ޙައިރާން ކަމުގައި ބައިތިއްބާފަ ފާތުމާ ވާހަކަ ކުރިއަށް ގެންދަމުން ގޮސް ލަމްޔާގެ ބޮލުގައި ފިރުމައިލިއެވެ. ލަމްޔާއަށް ލިބުނު ހައިރާންކަން އިހުނަށްވުރެ ބޮޑެވެ.

“ކީކޭތަ  ފާތުމާ ތި ކިޔަނީ!” ޚަދީޖާ ހިތްހަމަ ނުޖެހި ހުރި އަޑަކުން ސުވާލުކުރުމުން ފާތުމަ އައިސް އިށީނީ ޚަދީޖާ ހުއްޓިހުރި ތަނާ ކައިރީގައި ހުރި ގޮނޑީގައެވެ.

“މި ކިޔަނީ! ……. އަހަރެންގެ މަރިޔަމް ރޭ ޑިއުޓީގައި ހުއްޓާ މި ކަނބުލޮ ޓެސްޓްކުރާ ކިޓެއް ގަންނަން ދިޔަ ވާހަކަ މަރިޔަމް ބުންޏޭ ގެއަސް ގޮސް! ….”

ލަމްޔާއަށް އިޝާރާތް ކުރަމުން ފާތުމާ މި ބުނި ވާހަކައިން ލަމްޔާއަށް ކޮޅަށް ތެދުވެވުނެވެ.

އަދި އަނގަމަތީއަތް އަޅާލެވުނީ ލިބުނު ކުއްލި ޙައިރާން ކަމުންނެވެ. ސަބަބަކީ ފާއިތުވި އެއް ހަފުތާ ތެރޭ ލަމްޔާ ގެއިން ނިކުތް ފުރަތަމަ ފަހަރަކީ ވެސް މިއީކަމަށްވާތީއެވެ.

“މަރިޔަމް ބުނި މި މަންޖެ ދިޔައީވެސް ޒައިނާގެ ދަރިފުޅު ފައިނާއާ އެއްކޮށޭ! ފައިނާ ބުންޏޯ މިއީ ސާރާގެ މަންމައޭ! އެވަރުވާއިރު ވެސް ޚަދީޖާ ތިއުޅެނީ މިއީ ނުވާކަމަކަށް ހަދަންތަ!” ހިތްހަމަ ނުޖެހުނު ރާގެއްގައި ފާތުމާ ބުންނެވެ.

ލަމްޔާއަށް ހިތްހަމަ ޖެހުމެއް ލިބުނީ އެހިސާބުންނެވެ. އަދި ވެގެން އުޅޭގޮތް ޚަދީޖާއަށް ވެސް ކޮންމެ ވެސް ވަރަކަށް ފަހުމުވެއްޖެއެވެ.

“ފާތުމާ!……” އަކުރުތަކަށް ބާރުލަމުން ޚަދީޖާ ވާހަކަ ދެއްކިއެވެ. “ތިއީ ސާރާގެ މަންމައެއް ނޫނޭ! ތިއީ ލަމްޔާ! ސާރާގެ މަންމައަކީ ލައިލާ! .. އޭނަ ހެނދުނު ފުރައިގެން ހިނގައްޖެ! “ލައިލާގެ ކުއްލި ފުރައިގެން ދިއުން ގުޅިފައިވަނީ އެ ބުނި ކިޓާކަން މިހާރު ޚަދީޖާގެ ތަޖުރިބާކާރު އަދި ދުރު ވިސްނޭ ސިކުނޑިއަށް ނަގައިގަނެވުނެވެ.

ގޭގެ ދޮރު ހުޅުވާލުމާއެކު އެ އިވެންފެށި ފޯނުގެ ރިންގްގެ އަޑަކީ ލަމްޔާ އެންމެ އަހަން ބޭނުންވާ އަޑެވެ. ލަމްޔާގެ މޭ ބާރުބާރަށް ނެގި ނެގިފައި ޖެހެންފެށިއެވެ. އެ އިވޭ އަޑަކީ ޙަގީގީ އަޑަކަށްވުމަށް އެދި ދުޢާ ކުރެވުނެވެ. ލަމްޔާ ދެއަތް މައްޗަށް ނަގާ މޫނުގައި ފިރުމައިލިއެވެ.  ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ލަމްޔާ ގެއަށް ވަންތަން ފެނުމުން ގޮވައިލި އައިނީގެ އަޑު ލަމްޔާއަކަށް ނީވުނެވެ. ދުވެފައި ގޮސް ވަދެވުނީ ކޮޓަރިއަށެވެ. އެނދުގެ ފައިލާ ކޮޅުގައި އޮތް ފޯނާހަމައަށް ދެވުނުއިރު ކޯލް ކެނޑިއްޖެއެވެ . ހީކުރެވުނީ ރަނގަޅަށެވެ. އެއީ ހަމަ ފަރުހާންގެ ނަމްބަރެވެ. ލަމްޔާ ދެވަނަ ވިސްނުމަކަށްވެސް ނުގޮސް ނަމްބަރަށް ގުޅާލިއެވެ. ތުރުތުރުލާ އިނގިލިތަކަކުންނެވެ. އަވަސްވެފައިވާ ހިތަކާއެކުގައެވެ.

“ހަލޯ ލަމް! ލަމް!” ފަރުހާންގެ އަޑު އިވުމުން އެއަޑުގެ އަސަރު ތަރުޖަމާ ކުރަމުން ލަމްޔާއަށް ވެސް ދެފަހަރަކު ފަރުހާންގެ ނަމުން ގޮވައިލެވިއްޖެއެވެ.” އަދި ފްލައިޓްގަ! ގެއަށް ގޮއްސަ ގުޅާނަން! ކީޕް އިން ޓަޗް،  ލަވް!” ފަރުހާންގެ ކޮންމެ ޖުމުލައެއް، ކޮންމެ ލަފުޒެއް ލަމްޔާގެ ހިތުގެ އެންމެ ފުނަށް އަސަރު ފޯރުވައިފިއެވެ. އުފަލުންގޮސް އެނދުމައްޗަށް ވެއްޓި ގަނެވުނެވެ. އެނދު ހުރަހަށް އޮތް ލަމްޔާ ކޮޓަރީގެ ސީލިންގއާ ދިމާއަށް ބަލަހައްޓައިގެން  އޮތް އިރު ދެފައި ހަލުވާލަ ހަލުވާލާ އޮތެވެ . ދެއަތް މެއާ ދިމާއަށް ހުރަސްކޮށްލާފައި އޮތް އިރު މަޑުމަޑުން ލަވައެއްގެ ތަންކޮޅެއް ކިޔާލެވުނެވެ.

“މަންމާ! ……. ކާފަ އެބަ ގޮވާ!” ދޮރު ހުޅުވާލާފައި ކޮޓަރިއަށް ބޯދިއްކޮށްލި އައިނީގެ އަޑަށް ލަމްޔާއަށް ފުންމައިގެން ތެދު ވެވުނެވެ.

އޮށޯވެ އޮތުމުގެ ސަބަބުން ހެދުމުގައި ޖެހުނު ރޫތައް ފިލުވަމުން ލަމްޔާ ހިނގައިގަތީ ބޭރަށެވެ. އޭރު ރަޝީދު އައިސް ކާމޭޒުކައިރީ ހުއްޓެނީއެވެ.

ބައްޕައަށް ކާން ނުހަދާ ހުރިހަނދާންވުމުން ލަމްޔާ އަވަސްވެގަތީ ބައްޕައަށް ކާންދިނުމަށެވެ. ލަމްޔާގެ ޙަރަކާތްތަކަށް ބަލަން އިރުކޮޅަކު ހުރުމަށްފަހު ރަޝީދު ވާހަކަ ދައްކަން ފެށިއެވެ.

“ދަރިފުޅާ! ޚަދީޖާމެންގޭގައި މިހާރު އެއުޅެނީ އެގޭ ފަރުހާންގެ އަންހެނުންތަ!” ބައްޕަ ކުރި ސުވާލުން ލަމްޔާ ދިޔައީ ސިއްސައިގެންނެވެ. އިސްދަށަށް ޖަހާލައިގެން ހުރި ލަމްޔާ އެ ވިސްނަނީ ބައްޕައަށް ދޭނެ ޖަވާބަކާމެދުގައެވެ.

“ބައްޕާ! އެއީ ސާރާގެ މަންމަ! އޭނަ ފުރައިގެންދިޔަ ވާހަކަ ޚަދީޖާއްތަ ބުނި!” ބައްޕައާ ހަތަރުކަޅިހަމަ ކުރަން ނުކެރި ވަރަށް ލަދުން ހުރެ ލަމްޔާ ވާހަކަ ދެއްކިއެވެ.

“ބައްޕައަކަށް ހިއެއްނުވޭ ފަރުހާން ދެން އެނބުރި އަންނާނެހެންނެއް! އަދި ތިދެކުދިންގެ ތި އޮތް ގުޅުން ކުރިއަށް ގެންދެވޭނެހެން!”

އެއްޗެކޭ ނުބުނެ އިރުކޮޅަކު އިނުމަށްފަހު ބައްޕަ ބުނި އެއްޗަކުން ލަމްޔާއަށް އިސް އުފުލައި ބަލާލެވުނެވެ. ހިތާމައާ މޮޅި ބައްޕަގެ އަޑުގައި އެކުލެވިފައި ވެއެވެ. ހަމަ އެކަނި ބައްޕަ ލަމްޔާއާ މެދު ވިސްނާވަރު ހިތަށް އެރުމުން ވެސް ލަމްޔާގެ ހިތް ފަޅައިގެން ދާވަރުވިއެވެ. ބައްޕަގެ ކުރިމަތީހުރި ގޮނޑީގައި ލަމްޔާއަށް އިށީނދެވުނީ ބޭއިޚުތިޔާރުގައެވެ. އިރުކޮޅެއް ކުރިން ފަރުހާން ބުނި ވާހަކައަށްވުރެ ބޮޑަށް ލަމްޔާއަށް ގަބޫލުކުރެވުނީ ބައްޕަ ބުނި ވާހަކައެވެ. ސަބަބަކީ ލަމްޔާއާ މެދު މާޒީގައި ކަންހިނގާފައި އޮތްގޮތުންނެވެ.

“ބައްޕަ ނުކާނަން!…..  ދަރިފުޅު ކާތި!” ބައްޕަ ގޮނޑިން ތެދުވިއަޑާއެކު ދެން އިވުނީ ބައްޕަ ހިނގާފައި ދިޔައަޑެވެ. ލަމްޔާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަން ފެށީ އެހެން އިންދައެވެ.

ތަޅުނުލާ ހުރި ދޮރުން ސިޓިންގރޫމަށް ވަދެގެންއައި މީހާ ގޮސް ލަމްޔާގާތު ހުއްޓި ހުރެ މަޑުމަޑުން ލަމްޔާއަށް ގޮވައިލި އަޑެއް ލަމްޔާއަކަށް ނީވުނެވެ. ލަމްޔާ އިނީ ރަނގަޅަށް ވެސް ނިދިފައެވެ. އެހެންނަމަވެސް ބިރުވެރި ހުވަފެނަކުން ހޭލެވޭހެން ލަމްޔާއަށް ހޭލެވި މަޑުމަޑުން ބޯ ހިއްލާލެވުނެވެ. އަރިމަތީ ހުއްޓިހުރި މީހާ ލަމްޔާއަށް ފެނުމުން ފުންމައިގެން ތެދުވެވުނީ ސިކުންތުކޮޅެއް ފަހުންނެވެ .

ކައިރީގައި ހުރި ހުޒާމް ފެނުމުން ލަމްޔާއަށް ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރެވުނެވެ. ގަބޫލު ނުކުރެވިފައެވެ. މަޑުމަޑުން ހުރިތަނުން ފަހަތަށް ޖެހެވެން ފެށުނީ ބޭއިޚުތިޔާރުގައެވެ. ބިރުންނެވެ. އައިނީގެ ހަނދާންވީ ވެސް އިރުކޮޅެއް ފަހުންނެވެ. އެ ވަގުތު ވިސްނުނީ އެންމެ ނުބައިކޮށެވެ. ހުޒާމް އެއައީ އައިނީ ގެންދިއުމަށެވެ. ލަމްޔާގެ ހިތަށް މި ޚިޔާލު އައުމުން ދުއްވައިގަނެވުނީ އައިނީ ނިދާފައި އޮތް ކޮޓަރިއާ ދިމާއަށެވެ. ފަހަތުން އައި ހުޒާމް ލަމްޔާއަށް ކޮޓަރީގެ ދޮރު ލެއްޕުމުގެ ކުރިން ދޮރުން އެތެރެއަށް ދެމިގަތެވެ. ލަމްޔާ މޮޔައަކުފަދައިން ދުވެގޮސް އައިނީގައިގާ ބައްދާގަތެވެ.

“ނުގެންދާތި އަހަރެންގެ ދަރިފުޅު” ނުގެންދާތި!” ބާރަށް ރޮމުން ލަމްޔާ އަޑުގެ ކޮޅަށް އާދޭސް ކުރަމުން ދިޔައިރު ހުޒާމް ހުރީ ވާނުވާ ނޭނގިފައެވެ.

ލަމްޔާ ރޯއަޑު ފާޚާނާގައި ހުރި ރަޝީދުއަށް އިވުމުން އައީ ދުވެފައެވެ. އެތައްފަހަރަކު ދަރިފުޅުގެ ހިތަށް ލިބިފައިވާ އަނިޔާގެ ސަބަބުން ބުއްދި ގޯސްވީކަމަށް ވެސް ހީކުރެވުނެވެ.

ދުވެފައި ކަހަލަ ގޮތަކަށް ގޮސް ލަމްޔާގެ ކޮޓަރިއަށްވަން ރަޝީދަށް ހުޒާމް ފެނުމުން ލިބުނީ ކުއްލި ޙައިރާން ކަމެކެވެ.

ކޮޓަރީގެ ދޮރުން އެތެރެއަށްވަން ރަޝީދު ފެނުމުން ހުޒާމްއަށް ވެސް ލިބުނީ ސިހުމެކެވެ. “ބައްޕާ!” މަޑުމަޑުން ހުޒާމްއަށް ކިޔައިލެވުނެވެ.

“ތި ބުނެވުނީ ރަނގަޅަކަށެއް ނޫން! އަހަންނަކީ ރަޝީދު!” ހުޒާމް ފެނުމުން އައި ގަދަ ރުޅިއަށް ބައްޕާއޭ ގޮވާލުން އައި ރުޅި އިތުރުވެގެން ދިއުމުން ރަޝީދުއަށް ވާހަކަ ދެއްކުނީ ކުރިން ނުދައްކާ ގޮތަކަށެވެ.

“ލަދެއް ނުގަނޭތަ މި ކޮޓަރިއަށް ތިހެން އައިސް ވަދެގަންނަން! މިގެއަށް ހުޒާމް ވަންނަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ!” ރުޅި މައިތިރިކުރަމުން އެހެންނަމަވެސް ހަރުކަށިކަމާއެކު  ވާހަކަ ދެއްކޭތޯ ރަޝީދު ބެލިއެވެ.

“ނިކުމޭ!” އަތުގެ އިނގިލިން ކޮޓަރީގެ ދޮރާދިމާއަށް އިޝާރާތް ކުރަމުން ރަޝީދު އަމުރުކުރީ ހުޒާމަށެވެ.

އެއްފަހަރު ލަމްޔާއަށް އަނެއްފަހަރު ލަމްޔާގެ އަތުތެރޭ އޮތް އައިނީއަށް ބަލައިލަމުން ހުޒާމް ހިނގައިގަތީ ބޭރަށް ނިކުންނާށެވެ! މިވަގުތަށް އޮތް އެންމެ މަސްލަޙަތު ހުރި ގޮތަކީ އެއީކަމަށް ފެންނާތީއެވެ.

ހުޒާމް ނިކުމެގެން ދިޔަ ދޮރަށް ބަލަހައްޓައިގެން ހުރި ރަޝީދު ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު އައިސް އިށީނީ ލަމްޔާ ގާތު އެނދުގައެވެ.

”ދަރިފުޅާ! ހިތްވަރުކުރޭ! އޭނަ އެއައީ އައިނީ އަތުލަންކަމަކަށް ނުވާނެ! ބައްޕަގެ ހިތް ބުނަނީ އެހެން އެއްޗެއް! ދަރިފުޅު ހަމަ ޖެހޭ! އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ! ބައްޕަ މިހިރީނު! ހަމަ ޖެހިލައިގެން ނިދާލާ!”

ގިސްލެވުމުގެ ސަބަބުން ލަމްޔާގެ ތުނި ހަށިގަނޑަށް އަންނަ ލޮޅުމަށް ބަލަހައްޓައިގެން ، ހިތް ފަޅައިގެންދާފަދަ ގޮތަކަށް ރަޝީދުއަށް އިނދެވުނެވެ. އަމިއްލަ ދަރިފުޅުގެ ނަސީބާމެދު ވިސްނާލުމުން އެ ދަރިފުޅަށް ދެރަގޮތެއް ނުވުމަށް ހިތާ ހިތުން ދުޢާ ކުރަމުން ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ!

ނިދަން ދިޔުމުގެ ކުރިން ސިޓިންރޫމުގެ ދޮރުގައި ތަޅުލަންކަމަށް ހީކޮށް ކައިރިވިއިރު މީހެއްގެ ހިލަން ވާހެން ހީވުމުން ހުޒާމް ކަމަށްހީކޮށް އަވަހަށް އުޅެގަނެވުނީ ތަޅުލުމަށެވެ. އެހެންނަމަވެސް ޓަކިޖަހާލަމުން ލަމްޔާގެ ނަމުން ގޮވައިލުމުން އެއީ ފަރުހާންކަން އެނގިއްޖެއެވެ.

“ލަމް ނިދީތަ!” ލަދުރަކި އަންހެން ކުއްޖެއްހެން ރަޝީދު ހުޅުވައިލި ދޮރުން ބޯދިއްކޮށްލަމުން ފަރުހާން އަހައިލިއެވެ. ކުޑަކޮށް ވިސްނައިލުމަށްފަހު ލަމްޔާގެ ހިތަށް މިވަގުތު އެންމެ ހަމަ ޖެހުން ލިބޭނެމަގަކީ ފަރުހާންކަމަށް ވިސްނުމުން ރަޝީދު ބޭނުންވީ މި ދެކުދިންނަށް ފުރުސަތު ދިނުމަށެވެ. ހީކުރެވުނުގޮތާ ޚިލާފަށް ފަރުހާން ފެނުމުން ރަޝީދުގެ ހިތް ވެސް އުފަލުން ނަށައިލިއެވެ.

ލަމްޔާ ހޭލާ އެބައުޅޭކަމަށް  ބުނަމުން ފަރުހާން ވަންނަން ތަންދެއްކުމުން ފަރުހާން އެތެރެއަށް ވަނދެއްޖެއެވެ. ލަމްޔާވީ ކޮޓަރީގައޭ ގޮވާބަލާށޭ ބުނަމުން ރަޝީދު ގޮސްވަނީ އޭނަގެ އަމިއްލަ ކޮޓަރިއަށެވެ. ލަމްޔާގެ ކޮޓަރީގެ ދޮރުމަތީ ހަދާނެ ގޮތަކާމެދު ވިސްނަން އިރުކޮޅަކު ހުރުމަށްފަހު ރަޝީދު ދޮރުލެއްޕިއަޑު އިވުމުން ފަރުހާން ގަސްދުކުރީ ލަމްޔާއަށް ސަރޕްރައިޒެއް ދިނުމަށެވެ. މަޑުކުރަން ބުނީމާ ހޭލާ އުޅޭނެކަން އެނގޭތީއެވެ.

ބައްޕަ ދިޔުމުންވެސް އެނދުން ތެދުވާހިތް ނުވެފައި ، މާދަމާ ދެން ކަންތައްވާނެ ގޮތަކާމެދު ވިސްނަން އުޑުތިލަމަތިން އޮށޯވެ ލަމްޔާއަށް އޮވެވުނީއެވެ. އެނބުރެމުންދިޔަ ފަންކާއަށް ބަލަހައްޓައިގެންނެވެ. ލަމްޔާގެ ނަޒަރު ފަންކާއަށް ހުއްޓާލެފިފައި ހުއްޓަސް ސިކުނޑިވަނީ އޮޅުން ބޮޅުންވެ ވާނުވާ އެނގޭ ވަރަށްވުރެ ހާލަތު ގޯސްވެފައެވެ. ސިކުނޑީގައި އެނބުރެމުންދިޔައީ އިރުކޮޅެއްކުރިން ހިނގައިދިޔަ ހާދިސާއެވެ.

ފަރުހާން ދޮރު ހުޅުވައިލުމުން ފެނުނީ ލަމްޔާގެ ހޭވިފައިވާ ބޮލުގެ އިސްތަށިގަނޑެވެ. މި ނޫނީ ދުވަހަކުވެސް ފަރުހާން ލަމްޔާ ބުރުގާ ނާޅާ ހުއްޓަކާ ނުދެކެއެވެ. ތަރުތީބެއްނެތި ހާވާލެވިފައިވާ އިސްތަށިގަނޑުއޮތީ އައްސާފައި ނަމަވެސް މުޅި މޫނަށާ ކަނދުރާމަތީގައި ވެސް އޮތީ އެ ފަންފަން ދިގު އިސްތަށިގަނޑުން ބައެކެވެ. ލަމްޔާއަކީ ރީތި ކުއްޖެކެވެ. ތިންއަހަރުގެ ދަރިއަކު ހުއްޓަސް ނުބުނައްޏަކާ ލަމްޔާއެއީ މަންމައެކޭ އެކަކު ވެސް ނުބުނާނެއެވެ. ލަމްޔާގެ ހަށިގަނޑުގެ އެކި ވަނާތަކަށް އެކި ފަހަރު ބަލަން ގުޑިނުލައި ފަރުހާންއަށް އެތައް އިރަކު ހުރެވުނު ފަހުން މިކުރެވެނީ އަދި ރަނގަޅު ނޫންކަމެއްކަމުގެ އިޙުސާސްވުމުން މަޑުމަޑުން ކަރުކެހިލައިފިއެވެ.

       ( ނުނިމޭ )

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !