(ބާރަވަނަ ބައި)
ލަމްޔާގެ ހަށިގަނޑުގެ އެކި ވަނާތަކަށް އެކި ފަހަރު ބަލަން ގުޑިނުލައި ފަރުހާންއަށް އެތައް އިރަކު ހުރެވުނު ފަހުން މިކުރެވެނީ އަދި ރަނގަޅު ނޫންކަމެއް ކަމުގެ އިޙުސާސްވުމުން މަޑުމަޑުން ކަރުކެހިލައިފިއެވެ.
ލަމްޔާ މަޑުމަޑުން ބޯހިއްލައިލީ އަނެއްކާވެސް ހުޒާމް އައީ ކަމަށްހީކޮށް ވަރަށް ބިރުން ހުރެއެވެ. ފަރުހާން ފެނުމުން އެނދު ވަށާލާފައި ލަމްޔާއަށް ދުވެ އާދެވުނީ ލިބުނު އުފަލުގެ ބޮޑުކަމުންނެވެ. ފަރުހާން ވިސްނާ ވެސް ނުލާ ހުއްޓާ ލަމްޔާއައިސް ފަރުހާންގެ މެދުހަށީގައި ބައްދާގަތެވެ. އަދި އަޑުން އަޑުނަގާ ރޯން ފަށައިފިއެވެ.
“އަހަރެން ދޫކޮށްލާފަ ނުދާތި ޕްލީޒު! އަހަރެން މަރުވެދާނެ! ފަރުހާން ޕްލީޒް!………. އަހަރެން ….. އަހަރެން!” ލަމްޔާ ރޮމުން ތަކުރާރުކޮށް ބުނަމުން ދިޔައީ އެއްވާހަކައެކެވެ. ފަރުހާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ލަމްޔާ އެދައްކާ ވާހަކަ ވިސްނައެއް ނުގަނެވުނެވެ. އެ ގޮތަށް ލަމްޔާ ވާހަކަ ދައްކަން ޖެހޭ ސަބަބެއް ނޭގުނެވެ. ހުރެވުނީ ޙައިރާން ވެފައެވެ.
ލަމްޔާ ހަމަ ޖެހެން ވަގުތުކޮޅެއް ދިނުމަށްފަހު މަޑުމަޑުން ލަމްޔާ ދުރަށް ޖައްސައިލަމުން ފަރުހާން ސުވާލުކުރީ ވެގެން އުޅޭ ގޮތަކާ ބެހޭ ގޮތުންނެވެ. ހަމަހޭޖެހި މި ދެއްކުނީ ކޮން ވާހަކައެއްކަމާ ކުރެވުނީ ކީއްކަން އެނގުމުން ލަމްޔާއަށް މޫނުގައި ދެއަތް އެޅި ލަދުން ލޯ މަރާ ލެވުނެވެ.
ލަމްޔާއަށް ވީގޮތް ފެނުމުން ފަރުހާން މަޑުމަޑުން ލަމްޔާއާ ކައިރިވެލާ ލަމްޔާ ގެނެސް މޭގައި ލައްކޮށްލިއެވެ. އެ މޭގެ ތެރޭގައި ލަމްޔާ ބޮނޑިވެލީ އެ ކުރެވުނީ ހުއްދަކަމެއް ނޫންކަން އެނގޭއިރު ވެސް އެ ވަގުތު ހިތަށް ލުޔެއް ލިބިގަތުމުގެ ބޭނުމުގައެވެ. މަޑުމަޑުން ދެއަތް ދެ ފަރާތުން ގެންގޮސް ފަރުހާންގެ ހަށިގަނޑުގައި އިތުރަށް ބައްދައިލެވުނެވެ. ލިބުނު ހިތްހަމަ ޖެހުމުގައި ދެމީހުންނަށް ވެސް ލޯ މަރާލެވުނެވެ. ފަރުހާންގެ ދަތްދޮޅި ގެންގޮސް ލަމްޔާގެ ބޮލުގައި މަޑުމަޑުން ޖައްސައިލިއެވެ. އަދި އަތުގެ އިނގިލަތަކުން ލަމްޔާގެ ބުރަކާށިގައި ފިރުމަން ފެށިއެވެ.
“ލަމް ދެރަނުވޭ! އަހަރެން ދުވަހަކުވެސް ލަމްއަކަށް އޮޅުވައެއް ނުލާނަން! އަދި ދެރައެއްވެސް ނުދޭނަން! ……..ތި ނޫނީ އަހަރެންގެ ހިތުގެ އަޑިން ލޯބިވި އެއްވެސް މީހަކު ނުހުންނާނެ! އަހަރެންވާނީ ލަމް އެދޭފަދަ ފިރިއަކަށް! އެ ޔަގީންކަން ދެން!”
ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ލަމްޔާގެ ދަތްދޮޅީގައި ހިފާ އުފުލާލުމަށްފަހު ދެން އެކުރެވުނީ ދެމީހުން ކުރެ އެކަކުވެސް އެވަގުތުކޮޅު ނިމުމުގެ ކުރިން ވެދާނެ ކަމަށް އުންމީދުކުރި ކަމެއް ނޫނެވެ.
” ފަރުހާން!” ލަމްޔާއަށް ނޭވާލެވުމުން މަޑުމަޑުން ފަރުހާންގެ ނަމުން ގޮވައިލެވުނެވެ.
“ސޮރީ ލަވް!” ކުށްވެރި އަޑަކުން ފަރުހާންއަށް ބުނެވުނެވެ. އަދި ލަމްޔާގެ އަތުގައި ހިފައިގެން ކޮޓަރިން ބޭރަށް ނިކުތީ އެފަދަ ކަމެއް ދެވަނަ ފަހަރު ތަކުރާރު ވިޔަދޭން ބޭނުން ނުވާތީއެވެ.
“އަހަރެން ބޭނުން ލަމްއަށް އަހަރެން އެހާ ކުއްލިއަކަށް ފުރައިގެންދާން ޖެހުނު ސަބަބު ކިޔައިދޭން!” ފަރުހާން ލަމްޔާ އޭނަގާތު ސޯފާގައި ބައިންދަމުން ލަމްޔާގެ އަތުގެ އިނގިލިތަކަށް ފިތާލަމުން ވާހަކަ ދެއްކުން ކުރިއަށް ގެންދިއައެވެ.
“އެރޭ އަހަރެމެން ވާހަކަ ދައްކަން ތިބުމަށްފަހު އަހަރެން ފޯނުބޭއްވީ ފޯނުގެ ބެޓެރި ހުސްވާތީއާއެކު ބޭރުން ބަޔަކު މާގަދައަށް ވާހަކަ ދައްކާ އަޑުވެސް އިވިގެން. ……..ބެލްކަނިން ސިޓިންރޫމަށް ވަންއިރު ފެނުނު މަންޒަރުން އަހަރެންގެ ފައިދަށުން ބިންގަނޑު ވެސް ދެމިގަތްހެން ހީވި! ……… ލައިލާ! ………ލައިލާ ފެނުމުން އަހަރެންގަތީ ފާޑެއްގެ ބިރެއް!…… ސަބަބަކީ ލައިލާ ކުރިންވެސް އައީ އަހަރެން އަތުން ސާރާ އަތުލާނެ ކަމުގެ ބިރުދައްކަމުން. ………ލައިލާއާ އަލުން ނުގުޅިއްޖެއްޔާ! ………… އަހަރެން ލައިލާ ދޫކޮށްލީ އަލުން އެ ހިތްދަތި މާޒީ ދުވަހަކު ވެސް އިޢާދަ ނުކުރަން ހުވާކުރުމަށްފަހު! ….. ލައްކަ ދުވަހު ބައްޕަގެ ޙައްގުގައި ލައިލާ އާއެކު އުޅެވޭތޯ ކަށިން ހިތްވަރު ނެރެގެން ބެލިން!”
ފަރުހާންގެ ވާހަކަ ހުއްޓައިލީ ފަރުހާންގެ އަތުތެރޭ އޮތް ލަމްޔާގެ އަތް ދަމައިގަތުމުންނެވެ.
“ބައްޕައަށްޓަކައޭ!…… ފަރުހާން ކުރީ ލަވް މެރީޖެއް ނޫންތަ!” ހައިރާންކަން އެކުލެވިފައިވާ ނަޒަރަކުން ލަމްޔާ ފަރުހާންގެ މޫނަށް ބަލަން އިނީ ޔަގީން ނުކުރެވިފައެވެ.
ހިތި ހިނިތުންވުމަކާއެކު ފަރުހާން ބޯޖަހައިލިއެވެ.
“އަހަރެން ކިޔަވަންހުރީ އޮސްޓްރޭލިޔާގަ!… ބައްޕަގެ އެންމެ ގާތް އެކުވެރިޔާގެ އާއިލާ ކައިރީ!….. އެއީ ލައިލާގެ ބޮޑުބޭބެގެ ޢާއިލާ ! އޭރު ލައިލާވެސް ހުރީ އެކޮޅުގަ……….. ލައިލާގެ މައިންބަފައިން ނިޔާވެފައިވާތީ ލައިލާގެ ބޮޑުބޭބެ ލައިލާގެ ހުރިހާކަމެއް ބެލެހެއްޓީ!….. ލައިލާއަކީ އެއްވެސް އިރެއްގައި ސީރިއަސް މީހެއް ނޫން! … އެހެންވީމާ ލައިލާގެ ބޮޑުބޭބެ ލައިލާއަށް ރަނގަޅު ފިރިއަކު ހޯދައިދޭން ބޭނުންކަމަށް ބުނެ ބައްޕަ ރުއްސުވީ!…… އޭރުވެސް އަހަރެން އެކަމާ ދެކޮޅުހެދިން!… އެއްވެސް އަންހެން ކުއްޖަކަށް ނުދެވި އޮތް އަހަރެންގެ މައުސޫމު ހިތަށް ލައިލާ ހާދަ އަނިޔާއެއް ކުރިއޭ! ………. މިހިތުގައިހާދަ ވޭނެއް އެޅިޔޭ ……!”
ހިތާ ދިމާލުން މޭގައި ފިރުމާލަމުން ފަރުހާން ވާހަކަ ދެއްކީ ރިހުން އެކުލެވިފައިވާ އަޑަކުންނެވެ.
ލަމްޔާއަށް ވެސް އެ އަޑުން އަސަރުކުރިއެވެ. ފަރުހާންގެ ހިތަކީ އޭނަގެ ހިތްފަދައިން ކަތިލެވިފައިވާ ކުށެއްނެތް ހިތެއްކަން އެނގުނު ހިނދު ފަރުހާންގެ ކޮޑުގައި ބޯއަޅައިލެވުނެވެ. އަދި މަޑުމަޑުން ލަމްޔާގެ ކަނާތުން ފަރުހާންގެ ބޮލުގެ އިސްތަށިގަނޑާ ކުޅެލަމުން ދެން ތި ފަދަ ހިތާމައެއް ކުރާކަށް ފަރުހާން ނުޖެހޭނެޔޭ ބުނީ ޔަގީން ކަމާއެކުގައެވެ.
ލައިލާގެ ފަރާތުން ލިބުނު ހިތްދަތިކަމާ ގެވެށި އަނިޔާއަކީ މިހާތަނަށް މަންމަ ފިޔަވައި އެއްވެސް ފަރާތަކާ ފަރުހާން ޙިއްސާކުރި ވާހަކަ ތަކެއް ނޫނެވެ. މަންމައަށް ވެސް އެނގޭނީ ކުޑަ މިންވަރެކެވެ. ސާރާގެ މަންމައަށް ލައިލާ ވާހިނދު ފަރުހާން ލައިލާއާ ބެހޭ ގޮތުން ދައްކަން ބޭނުން ނުވި ކިތަންމެ ވާހަކަ ތަކެއް ހުއްޓެވެ. ޚުދު ލަމްޔާ ގާތަކު ވެސް ފަރުހާން އެ ވާހަކަ ތަކެއް ނުދެއްކިއެވެ. އެ ޚިޔާލުގައި އިނދެފައި ކުއްލިއަކަށް ހަށިގަނޑު ތެދުކޮށްލުމަށްފަހު ފަރުހާން އޮށޯތީ ލައިގެ އުނގުގައި ބޯއަޅައިގެން ސޯފާގައެވެ. ފަރުހާން މި ކުރިކަމަކުން ހިރިލަންވެސް ލަމްޔާއަކަށް ނުކެރުނެވެ. ފަރުހާންގެ ހިތަށް ފިނިކަމާ ހަމަ ޖެހުން އަދި އުފާދޭން ލަމްޔާ ނުލާހިކު ބޭނުމެވެ. އެހެންނަމަވެސް އެދެމީހުންގެ ދޭތެރޭ އޮންނަން ޖެހޭ ދުރުމިން އަދި ކައިރި ކުރާކަށް ލަމްޔާ އަކަށް ނުކެރުނެވެ. އެހެންކަމުން އިންގޮތަށް ލަމްޔާ އިނީއެވެ.
ލަމްޔާގެ ފަރާތުން ރައްދުގައި އެއްވެސް ޙަރަކާތެއް ނުލިބޭކަން ފަރުހާންއަށް ރޭކާލީ ވެސް އިރުކޮޅަކު ނިދިޖެހިފައި ހޭލެވުނުފަހުންނެވެ. އޮވެވުނު ގޮތް ހިތަށް އައުމާއެކު ފުންމައިގެން ތެދުވެ ފަރުހާން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. ފަހަތުން ލަމްޔާ ވެސް ހިނގައިގަތެވެ.
ދޮރުން ބޭރަށް ނިކުތުމަށްފަހު އެއް އަތުން ދޮރުކަނީގައި އަނެއްއަތުން ދޮރުގެ ތަޅުގައި ހިފަހައްޓައިގެން ހުރި ލަމްޔާއަށް ފަރުހާން ބަލައިލީ ތަފާތު ނަޒަރަކުންނެވެ.
“ބޭނުމެއްނޫން ލަމްއާ ދުރުގައި އެންމެ ހިނދުކޮޅަކު ވެސް ދެން ހުންނާކަށް! އަހަރެމެންނަށް ގޯހެއް ހެދިދާނެތީ ބިރުގަނޭ! ………. މާދަމާ ރަންކިޔަން ފޮނުވާނަން!” ފަރުހާން ވާހަކަ ދެއްކީ ލަމްޔާގެ ލޮލަށް ބަލަހައްޓައިގެން ހުރެއެވެ.
“ބައްޕަ ! …….” ލަމްޔާއަށް ބުނެވުނީ އެހާ ވަރަށެވެ! ދެން ހުއްޓައިލީއެވެ.
“ލަމް ތިކަމާ ނުވިސްނާ ! އަހަރެން ހުރިހާ ކަމެއް ވެސް ހަމަ ޖައްސާނަން!”
ފަރުހާން ނިކުމެގެން ދިޔައީ ލަމްޔާއަށް އާ އުންމީދުތަކެއް ދީފައެވެ. މާ ބަގީޗާއެއްގައި އަލަށް ފަރިވެ ފޮޅޭ ފިޔާތޮށި ފިނިފެންމަލެއް ފަދައިން ލަމްޔާގެ މޫނު ވިދާ ބަބުޅައިގެން ދިޔައެވެ.
ފޯނުގެ ޑާޓާ އޮތީ އޮފް ކޮށްލާފައިކަމުން ހެނދުނު ތެދުވެ ޗާޖުން ފޯނު ނަގާ ޑާޓާ ޖައްސައިލިއެވެ. ފަރުހާންގެ ޚަބަރެއް ވެފައިއޮތްތޯ ވައިބަރ ޗެކުކޮށްލިއެވެ. ނަމާދަށްފަހު ބަދިގޭގެ ކަންކަން ނިންމާލީ ނިކަން އަތްމަތިއަވަސްކޮށެވެ. އޭރު އަދި ބައްޕަ ގެއަކަށް ނާދެއެވެ. ސްކޫލަށް ގޮސް އެހެންދުވަސް ދުވަހެކޭ އެއްފަދައިން ކުރަން ހުރިކަންތަކުގައި މާބިޒީވެގެން އުޅެވުނީމާ ފޯނުގެ މައްޗަކުން ހަނދާނެއް ވެސް ނެތެވެ.
ދިހައެއްވެސް ޖެހިފަހުން ލިބުނު ހުސްގަޑީގައި ކައިރީގައި ހުރި ސައިބޯތަނަށް ވަދެ ފޯނު ހުޅުވައިލިއެވެ. ފަރުހާން ދެފަހަރަކު ގުޅާފައި އޮތެވެ. ވައިބަރ ބެލުމުގެ ކުރިން ދެން އަވަސްވެގަތީ ފަރުހާންއަށް ގުޅުމަށެވެ.
ދެ ފަހަރަކު ރިންގުވިތަނާ ފަރުހާން ފޯނުނަގައިފިއެވެ. ”ރަންކިޔަން ފޮނުވަންވެގެން!” ލާނެތްކަން އެ އަޑުން ލަމްޔާއަށް ފާހަގަ ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ފަރުހާން ކިތަންމެ ލާނެތް ރާގަކަށް ބުންޏަސް ލަމްޔާ ލަދުގަތެވެ. މަޖަލެއްވެސް ނުވިއެވެ. ” ލަމްއަށް ފަސޭހަ ގަޑިއެއް ބުނޭ! އޭރުން އެމީހުން އެ ގަޑިއަކަށް ފޮނުވާނަން! ބައްޕަޔާ ވެސް ވާހަކަ ދައްކާ ހުރިހާކަމެއް ހަމަ ޖެހިފަ މިއޮތީ! ހަމަ ނުޖެހި މި އޮތީ ދެމީހުންގެ ހިތް އެދޭ އެދުން …….!” ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ލަމްޔާ ދިނީ ހަވީރުގެ ގަޑިއެކެވެ.
ފޯނު ކަނޑައިލިއިރު ލަމްޔާގެ މޫނުމަތިން ހާސްކަމާ ޖެހިލުންވުމާ އެކު އުފާވެރިކަން ވެސް ފާޅުވެއެވެ. އެތައް އަސަރެއް އެމޫނުމަތިން ފެންނާތީ އެތާ ތިބި ޓީޗަރުން ވެސް ތިބީ ޙައިރާންވެފައެވެ. ލަމްޔާ ދެއްކީ ސީރިއަސް ވާހަކަތަކެއްކަން އެންމެނަށް ވެސް އެނގެއެވެ. އެކަމަކު އެކަކުވެސް ސުވާލެއް ނުކުރެއެވެ. ލަމްޔާގެ މިޒާޖު އެނގޭތީއެވެ.
ހަވީރުގެ ވަގުތު ކުޑަތަން ވަމުން އައިއިރު ލަމްޔާގެ މޭގެ ތެރޭގައި އޮތް ހިތް އޮބި އޮންނަ ވަރެއް ނުވެއެވެ. ހީވަނީ މޭ ފަޅާލާފައި ނުނިކުމެވިގެން އުޅޭހެންނެވެ. ހާސްވަނީއެވެ. ބިރުގަންނަނީއެވެ. ހުޒާމްގެ އިތުރު ޚަބަރެއް ނުވާތީއެވެ. ހުޒާމް އެ ފަސްގަނޑުގައި އުޅޭކަން އެނގޭތީއެވެ. އެންމެ ނާޒުކު ދަނޑިވަޅުގައި ވެސް ގޯހެއް ހިނގާފާނެހެން ހީވަނީއެވެ.
ކިރިޔާ ވެސް ހިތަށް ހަމަ ޖެހުމެއް ލިބެނީ ބައްޕަ އުފާވެފައި ހުންނަވަރު ފެނުމުންނެވެ. ލަމްޔާގެ ފުރަތަމަ ކައިވެނި ކުރެވުނު ދުވަހުވެސް ބައްޕަގެ މޫނުމައްޗަކުން މި އުޖާލާކަމެއް މި ޝައުގެއް ލަމްޔާ ނުދެކެއެވެ.
ހެކިވެރިން އައުމުން އެ ކުދިން އެއައީއޭ ބުނަމުން ބައްޕަ ވަނީ އައިނީ އަތުގައި ހިފައިގެން ކޮޓަރިއަށެވެ.
ރަން ކިޔާ ނިމުމުން އެމީހުން ފަރުހާންއަށް ގުޅިއެވެ. ހަވާލުކުރި ޓާސްކު ނިމިއްޖެ ކަމަށާ އަވަހަށް ސައިދޭން އަންނާށޭ ކިޔާ ދިމާކުރަން ފެށުމުން ލަމްޔާ ބުނީ ސައިދޭނީ ލަމްޔާ ކަމަށެވެ. ލަމްޔާ އުޅުނީ ސައި ތައްޔާރު ކުރުމާއިގެންނެވެ. ރަން ކިޔުއްވަން އައި ކުދިން ތިބީ ސިޓިންގރޫމުގައެވެ.
ދޮރު ހުޅުވުނުކަމެއް ދޮރުން މީހަކުވަންކަމެއް ވެސް ލަމްޔާއަކަށް ނޭނގުނެވެ. ފަހަތުން މީހަކުއައިސް ލަމްޔާ ސިއްސުވާލީމައި ބަލައިލިއިރު ފަރުހާންއެވެ.
“ތެންކިޔޫ!” ޔާއަށް ދަމާލަމުން ފަރުހާން ޝުކުރު އަދާ ކުރީ ލަމްޔާ އޭނައާ އިންނަން ރަންކީތީއެވެ.
“މަވެސް ޖެހޭނެ ނު އެމީހުން ކުރި މަސައްކަތުގެ އަގުދޭން!” ލަމްޔާ އިޝާރާތް ކުރީ ސަޔަށެވެ. ދެމީހުންނަށް މި ދެއްކުނީ ތަފާތު ދެވާހަކަކަން އެނގުނީމާ އެއްފަހަރާ ދެމީހުންނަށް ހީނގަނެވިއްޖެއެވެ.
ހުޅުވާލާފައި ހުރި ދޮރުން އެތެރެއަށް ވަންނަން ނެގި ފުރަތަމަ ފިޔަވަޅާއެކު ހުޒާމްގެ ލޮލުގައި އަޅައިގަތީ ކާބައިގެ މޭޒުކައިރީ ހުއްޓިހުރި ފަރުހާންއާ ލަމްޔާއެވެ. ދެމީހުންގެ އުފާވެރި މޫނުތަކެވެ. އެ ދެމެދުގައި އޮތީ އާދައިގެ ގުޅުމެއް ނޫންކަން އެދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި ގޮތުން ހުޒާމަށް ކަށަވަރު ކުރެވުނެވެ. ވަށައިގެން ނަޒަރު ހިންގާލުމުން ހެކިވެރިން ރަން ކިޔުއްވަން ގެނައި ފޯމު ލޮލުގައި އަޅައިގަތެވެ. ހުޒާމްގެ ލޭ ކެކިގަތީ އަމަށަކު ވަރަކަށް ނޫނެވެ.
“ކަލޭ މިތަނަށް ވެސް!….” ބާރަކަށް އައި ހުޒާމް ފަރުހާންގެ މޭގައި އަތްއަޅައި ކޮއްޕާލުމުން ޙައިރާންކަން ލިބިފައި ހުރި ފަރުހާން ނުވެއްޓި ސަލާމަތްވީ ލަމްޔާ އެއްލި އަތުގައި ހިފެހެއްޓިގެންނެވެ.
“އަހަރެން ތިކަން ވިޔަކަ ނުދޭނަން! ލަމްޔާ އެއީ އަހަރެންގެ ދަރިފުޅުގެ މަންމަ! ލަމްޔާ އެއީ! …….” ރުޅިއައިސްގެން ފަޅައިގެންދާން ކައިރިވެފައިވާ ހުޒާމްގެ ވާހަކަ ހުއްޓުނީ ލަމްޔާ ހިތްލާލި އަތް ފެނިފައެވެ.
“އެއީ ތެދެކޭ! އަހަރެން މިއީ ހުޒާމްގެ ދަރިފުޅުގެ މަންމައޭ! އަދި އަހަރެން މިއީ އެ ދަރިފުޅަށް ބަލިވެ އިނީއްސުރެ ވިހެއުމާ ހަމައަށް އަދި ވިހެއުމަށްފަހު ނުވަމަސް ދުވަސް ވަންދެން ވެސް އެކަނި މާއެކަނި ……. ހޮޑުލިޔަސް، ….. ބަލިވިޔަސް ގައިގަ ކިތަންމެ ވޭނެއް އެޅިޔަސް،…… އަދި ……. ވިހޭ ވަގުތު ވެސް އެއް ފަސްގަނޑެއްގަ ހުރި އެ ދަރިފުޅުގެ ތި ބައްޕަ …… ތި ހުޒާމްގެ އެއްވެސް އެހީތެރިކަމެއް އަޅާލުމެއް ނުލިބި ތަދާ ވޭނާ ކެކުޅުމާ އަނިޔާއާ އެކަނި ވެރިކަމުގައި ދުވަސްތައް ގުނި ތި ބުނި ދަރިފުޅުގެ މަންމަ …!” ލަމްޔާ ނޭވާއެއްލީ ވެސް ބުނަން ބޭނުންވެ ބުނަން ނުކެރި އެތައް އަހަރެއް ފާއިތުވި އެތައް ވާހަކަ އެއްގެ ތެރެއިން މަދު ލަފުޒުތަކެއް ބުނަމަށް ފަހުގައެވެ.
( ނުނިމޭ )
ޚިޔާލުތައް
ވާުއު ބެނަމޭ ވ ވ ފުރިހަމަ އިބަާރާއް ކެރުން ވަރަހަ ފުރިހަމަ
ސާބަހޭ ލިޔުންތެރިޔާ.