(ތޭރަވަނަ ބައި)
“ހޮޑުލިޔަސް، ….. ބަލިވިޔަސް ގައިގަ ކިތަންމެ ވޭނެއް އެޅިޔަސް، …… އަދި ……. ވިހޭ ވަގުތު ވެސް އެއް ފަސްގަނޑެއްގަ ހުރި އެ ދަރިފުޅުގެ ތި ބައްޕަ …… ތި ހުޒާމްގެ އެއްވެސް އެހީތެރިކަމެއް އަޅާލުމެއް ނުލިބި ތަދާ ވޭނާ ކެކުޅުމާ އަނިޔާއާ ، އެކަނި ވެރިކަމުގައި ދުވަސްތައް ގުނި ތި ބުނި ދަރިފުޅުގެ މަންމަ ……..!” ލަމްޔާ ނޭވާއެއްލީ ވެސް ބުނަން ބޭނުންވެ ބުނަން ނުކެރި އެތައް އަހަރެއް ފާއިތުވި އެތައް ވާހަކަ އެއްގެ ތެރެއިން މަދު ލަފުޒުތަކެއް ބުނަމަށް ފަހުގައެވެ.
މި ބުނެވުނީ މަދު ލަފުޒުތަކެއް ނަމަވެސް ލަމްޔާގެ ހައްޓަށް ، ހިތަށް ، ސިކުނޑިއަށް އެތައް ޓަނެއްގެ ބަރުދަން ލުއިވި ވާހަކަ ތަކެއްކަން އެނގުނީ ހިތަށް ލިބުނު ހަމަ ޖެހުމަކުންނެވެ.
ކިޔަމަންތެރިކަމާ މަޑުމައިތިރިކަމާ ލަދުވެތިކަން ނޫން އެހެން އެއްޗެއް ލަމްޔާގެ ފަރާތުން ފެނިފައިނުވާ ހުޒާމް ހުރީ އަނގަ ހުޅުވުނު ގޮތަށް ލައްޕާލަން ނޭނގިއެވެ. ލަމްޔާއަށް އައިސްފައިވާ ބޮޑު ބަދަލު ގަބޫލުކުރަން ނުކުޅެދިފައެވެ.
ލަމްޔާގެ ވާހަކަތައް ނިމުނިއިރު ލަމްޔާ ހުރީ ފަރުހާން ކައިރިއަށް އައިސް ފަރުހާންގެ އަތުގައި ހިފަހައްޓައިގެންނެވެ. އެވަގުތަކީ ބޭރުގައި އަޑުގަދަވެގެން ކޮޓަރިން ބޭރަށް ރަޝީދު ވެސް ބޯދިއްކޮށްލި ވަގުތެވެ. ކޮޓަރީގެ ދޮރުމަތީ ވިސްނާލަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު އެމީހުން ތިބި ތަނާދިމާއަށް އައި ރަޝީދު ، ހުޒާމަށް ފެނުނީ ވެސް ވަރަށް ކައިރިއަށް އައި ފަހުންނެވެ.
“ބައްޕާ! …. ކީއްވެ ލަމްޔާއަށް ވިސްނައި ނުދިނީ! އައިނީ ކިހާ ނިކަމެތިވާނެ! … ލަމްޔާ އިންނަންވާނީ ދަރިފުޅުގެ ބައްޕަޔާނު!”
ހުޒާމް ވާހަކަ ދެއްކީ މީގެ ކުރިން ދުވަހަކުވެސް ނުދައްކާފަދަ މައިތިރި ރާގަކަށް އަދި އާދޭހުގެ އަސަރު އެކުލެވިފައިވާ އަޑަކުންނެވެ.
ހުޒާމްގެ ވާހަކާގައި ހުރި އާދޭހަކުން ރަޝީދަށް ވެސް އަސަރު ކުރިއެވެ. އެހެންނަމަވެސް ވަކި ޖަވާބެއް ނުދީ އިސްދަށަށް ޖަހާލެވުނީއެވެ. ކޮންމެ ގޮތެއްވިޔަސް އައިނީ ބޭނުންވާނީ އައިނީގެ ބައްޕައެވެ. އެކަން ރަޝީދު ވެސް ގަބޫލުކުރެއެވެ.
“އަހަރެން މިހިރީ ލަމްޔާއާ އިންނަން. ދެން ދުވަހަކުވެސް ލަމްޔާއަށް ދެރައެއް ނުދޭނަން. އަހަރެން މީ ކުރީގެ ހުޒާމެއް ނޫން!”
ހުޒާމްގެ ވާހަކަތައް އަޑުއިވުމުން މި ފަހަރު ފަރުހާން ބަލައިލީ މާޔޫސީ ގޮތަކަށް ލަމްޔާގެ މޫނަށެވެ. ލަމްޔާ ހުރި ގޮތަށް ހުރީއެވެ. އެހެންކަމުން ފަރުހާން ހިފަހައްޓައިގެން ހުރި ލަމްޔާގެ އަތުގެ އިނގިލިތަކަށް މަޑުމަޑުން ފިތާލިއެވެ.
އެކަކުވެސް އެއްވެސް އެއްޗެއް ނުބުނެ ދިޔަ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އިސްނެގީ ރަޝީދެވެ. ލަމްޔާ ބޭނުންގޮތެއް އިޚުތިޔާރު ކުރުމުގެ ބާރު ލަމްޔާއަށް އޮތްކަމަށް ބުނަމުންނެވެ. ރަޝީދު ބުނަން ބޭނުންވި ވާހަކަ ބުނުމަށްފަހު އެނބުރި ގޮސް ވަނީ ކޮޓަރިއަށެވެ.
“މިހާރު މިދެވުނީ ޖަވާބު. އަހަރެން ނުބުންޏަސް މި ފެންނަ މަންޒަރު މިއީ އަހަރެން އެދޭ ގޮތް . ބޭނުންވާ މީހާ! … މިއަށްވުރެ ރަނގަޅުއެހެން ޗޮއިސްއެއް ނެތްކަމަށް އަހަރެން ގަބޫލުކުރަނީ! … ހިއެއް ނުވޭ މި ޗޮއިސްއަށްފަހު ފަހުން އަހަރެން ރިގްރެޓް ވާން ޖެހޭނެ ހެންނެއް! އުންމީދަކީ އެއީ!”
ރަޝީދު ގޮސް ކޮޓަރިއަށް ވަންނަން ދެން ބަލަހައްޓައިގެން ހުރި ލަމްޔާ އިތުރަށް ފަރުހާންއާ ގާތްވެލުމަށްފަހު ފަރުހާންގެ ގައިގާ ލެނގިލަމުން ޖަވާބުދިނެވެ.
“ކަލޭ! …” އައި ރުޅިން ހުޒާމްގެ އަނގާގައި ހުރި ދަތްކޮޅު ވެސް ލުހިގެން ނުދިޔައީ ކިރިޔާއެވެ. އަދި ފަރުހާންއާ ދިމާއަށް ހިނގައިގަންނަމުން ހިއްލާލި އިނގިލި ތިރިކުރަން ޖެހުނީ ފަރުހާން އެއަށް ރައްދު ދިނުމުންނެވެ.
“އުހުނ! ކަލޭގެ ލައިލާގެ ކުރީގެ ފިރިމީހާ! …” ހުޒާމް ދިއްކުރި އިނގިލި ހަމަ އެ ގޮތަށް ދިއްކޮށްލައިގެން ހުރެ ފަރުހާން ވެސް މަލާމާތުގެ ރާގަކަށް ރައްދު ދިނެވެ.
“އައިނީގެ ބައްޕައަށް ޖަވާބު ލިބިއްޖެކަމަށް ހީކުރަން …. ދެން މިގެއިން ދިޔުން އެދެން!” ކިތަންމެ ފޮރުވަން ބޭނުންވިޔަސް ލަމްޔާގެ އަޑުގައި ހުރީ މޮޅިވެރިކަމެވެ. އިސްޖަހާލައިގެން ހުރުމަށްފަހު ނިކުމެގެން ދިޔަ ހުޒާމްގެ ހަރަކާތްތަކަށް ބަލަން ހުރި ލަމްޔާގެ ލޮލުން ވެއްޓެން ދިޔަ ކަރުނަ ތިކި ފަރުހާން ފޮހެދިނީ ބޮލުން ނޫނެކޭ ބުނަމުންނެވެ.
އެރޭވެސް ފަރުހާންއާ ލަމްޔާ ވާހަކަ ދެއްކީ އާދައިގެ މަތިން ފޯނުންނެވެ. ފަރުހާން ބުނީ ކައިވެނީގެ ކުރިން މާގިނައިން ބައްދަލު ކުރުން ރަނގަޅު ނޫންކަމަށެވެ. ފަރުހާންގެ ޙައްގަކަށް ލަމްޔާ ވާން މާގިނަ ދުވަހެއް ނެތުމާއެކު ކުރިއަށް އޮތް ފަސްވަރަކަށް ދުވަސް ކެތްތެރިކަމެއްނެތި ގުނާލާނީ ކަމަށެވެ. ފޮނިވާނީ ކެތްތެރިކަމުގެ މެވާކަމަށޭ ފަރުހާން ބުނީ ވައި އަޑުން ލަމްޔާ އަށް ދޯދެމުންނެވެ.
ގާތްގަނޑަކަށް އެގާރަ ޖަހަން ގާތްވި ފަހުން ފޯނު ކުރުކޮށްލުމަށްފަހު ފަރުހާން ކޮޓަރިއަށް ވަންނަން ހިނގައިގަތް ވަގުތު ދޮންތަ ކޮޓަރިން ނިކުންނަނީއެވެ. ދޮންތަގެ މޫނު ފެނުމުން ފަރުހާންއަށް ހުއްޓުން އެރިއެވެ. ބަލީތޯ އަހައިލީ ދޮންތައަކީ އަބަދުވެސް ބަލިކޮށް އުޅޭ މީހަކަށްވާތީއެވެ. ނޫނެކޭ ބުނަމުން ފަރުހާންގެ ދޮންތަ އެހީ ފަރުހާން ނިދާ ގަޑިއެކެވެ. މިވަންނަނީ ނިދަން ކަމަށާ ދޮންތަ ވަކިކަމެއް ބޭނުންތޯ ފަރުހާން އަހައިލިއެވެ. ނޫނެކޭ ބުނަމުން ފަރުހާންގެ ދޮންތަ ވެސް ވަނީ ކޮޓަރިއަށެވެ.
ލަމްޔާގެ ޚިޔާލުގައި ނިދަން އޮށޯތް ފަރުހާންއަށް ނިދީގެ ފޮނިމީރު ޢާލަމަކަށް ދަތުރުކުރާކަށް މާގިނަ މަސައްކަތެއް ކުރާކަށް ނުޖެހުނެވެ.
އާދައިގެ މަތިން ފަތިސްނަމާދުން އައިސް ވެސް ފަރުހާން ކުޑަކޮށް ނިދާލައެވެ. އެހެންނަމަވެސް ފަރުހާނަކަށް މިއަދަކު ނުނިދުނެވެ. ފާޑެއްގެ ބުނަން ނޭނގޭ އުދަނގުލެއް ވަނީއެވެ. ދެއަތަށް ފުރޮޅި ފުރޮޅި އޮވެ އޮވެ ފޫހިވެގެން ލަމްޔާއަށް ގުޅައިލިއެވެ. އެގަޑީގައި ފޯނު ނުނަގާނެކަން އެނގޭ އިރުވެސްއެވެ. އެއީ ލަމްޔާ ސްކޫލަށްދާން ތައްޔާރުވާގަޑިކަން އެނގޭ އިރުވެސްއެވެ.
އެންމެ ފަހުން ހަތެއް ޖެހުމުން ކޮޓަރިން ބޭރަށް ނިކުތީ ކޮފީއެއް ބޯލުމުގެ ބޭނުމުގައެވެ. އެ ގަޑިއަކީ ދޮންތަ ފައިނާ ސްކޫލަށް ގެންދާ ގަޑިއެވެ. އެހެންކަމުން ކޮފީއެއް ހަދާލައިގެން އައިސް ބެލްކަނީގައި އިށީނދެ އެތިފޮދަކުން އެތިފޮދަކުން ކޮފީގެ މީރު ރަހަ ލިބިގަންނަމުން ދިޔައެވެ.
“ފަރުހާން” ދޮންތަގެ އަޑު އިވުމުން ފަރުހާން އެނބުރި ސިޓިން ރޫމާ ދިމާއަށް ނަޒަރު ބަދަލުކޮށްލިއެވެ. ފަރުހާންއަށް ދޮންތަގެ މޫނުމަތިން މިއަދުވެސް ފެނުނީ ރޭގައި ފެނުނުފަދަ ކުލަވަރެކެވެ.
“ދޮންތާ!” ކަމެއް ގޯސްވެއްޖެ ކަމުގެ އިޙުސާސް ފުރަތަމަ ފަހަރަށް ކުރެވުނެވެ. “ކިހިނެތްވީ!” ވަރަށް ބިރުންހުރެ ފަރުހާން ސުވާލުކުރިއެވެ. އޭރު ފަރުހާންގެ މޭ ނެގިނެގިފައި ޖެހެއެވެ.
“ދޮންތަ ބޭނުން އެއްޗެއް ދައްކާލަން!” ފަރުހާންގެ ދޮންތަގެ އަޑުގައިވަނީ ނުތަނަވަސްކަމެވެ.
ފަރުހާން ދޮންތައަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ފަރުހާންގެ އިޝާރާތް ވިސްނިގެން ފަރުހާންގެ ދޮންތަ ދިއްކޮށްލީ އަތުގައި އޮތް ފޯނެވެ.
“މި ވައިބަރ މެސެޖް ފަށައިގެން ގޮސް ނިމެންދެން ކިޔާލުން ދޮންތަ ވަރަށް އެދޭ!”
ޒައިނާ ދިއްކޮށްލި ފޯނަށް ބަލައިލުމުން ފެންނަން އޮތީ ލައިލާގެ މެސެޖެކެވެ. އެހެންކަމުން ފަރުހާން ފޯނުގައި އަތެއް ނުލިއެވެ.
“ދޮންތައަށްޓަކައި! ޕްލީޒް!”
ފަރުހާން ފޯނު އަތުލީ ދެނެވެ. އެކަމަކުވެސް ފޯނުގައި އޮތް މެސެޖް ކިޔަންފެށީ ދޮންތަ ގޮސް ކޮޓަރިއަށް ވަންނަން ދެން ބަލަހައްޓައިގެން އިނުމަށްފަހު ވެސް އިރުކޮޅެއް ވީފަހުންނެވެ.
ކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑުން ނިވައިވެ ހުރެގެން ޒައިނާ ބަލަމުންދިޔައީ ކޮއްކޮގެ ޙަރަކާތްތަކަށެވެ. ކޮއްކޮގެ ކުރިމަތީ ނުރޮއެ ހުރެވުނީ ޒައިނާގެ ވަރަށް ހިތްވަރުންނެވެ. ތެމެމުންދާ ލޮލުން ކޮއްކޮގެ ކަންބޮޑުވެފައިވާ މޫނު ޒައިނާއަށް ފެންނަނީ ފުސްކޮށެވެ. ބައެއް ފަހަރު ކޮއްކޮ ފޯނުން ނަޒަރު ވަކިކޮށްލާ ، ޙަރަކާތެއްނެތި ދުރަށް ބަލަހައްޓައިގެން އިންނައިރު ކޮއްކޮ އެ ވިސްނަނީ ކޮންކަމަކާކަން ގާތްގަނޑަކަށް ޒައިނާއަށް އަންދާޒާކުރެވެއެވެ. ކޮއްކޮގެ އުދާސްވެފައިވާ މޫނަށް ބަލަން ހުންނަން ޒައިނާއަށް އުދަގޫވެ ، އެންމެ ފަހުން ގޮސް އެނދުގައި އިށީނެވެ. އިރުކޮޅަކުން ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިނުމުން ދޮރުހުޅުވައިލި އިރު އެއީ ކޮއްކޮއެވެ. ކޮއްކޮ ހުރީ ފޯނު ދިއްކޮށްގެންނެވެ. ޒައިނާއަކަށް ވެސް ކޮއްކޮގެ މޫނަށް ބަލައިލާކަށް ނުކެރުނެވެ. ނުބެލިއަސް ކޮއްކޮ ހުރީ އިސްޖަހާލައިގެންކަން ޒައިނާއަށް އެނގެނެވެ.
ސްކޫލްނިންމާލާފައި ގެއަށް އައިސްވަދެ ފުރަތަމަވެސް ލަމްޔާ ގުޅީ ފަރުހާނަށެވެ. ފަރުހާން ފޯނު ނުނެގުމުން ދެން އުޅެގަތީ ބަދިގޭގެ ބައެއް މަސައްކަތަށެވެ. ފަރުހާންގެ މެސެޖް ލަމްޔާއަށް ލިބުނީ ބައްޕަ އައިސް ކާން އިށީނުމުން އައިނީއަށް ބަތްތަށި މޮޑެދޭން ހުއްޓައެވެ. އެހެންނަމަވެސް ފޯނަށް އައި ވައިބަރ މެސެޖް ހުޅުވައިގެން ބަލައިލީ ފަރުހާންގެ މެސެޖަކަށްވުމުންނެވެ.
ތިންބަފައިން ކައި ނިމުމުން ތަށިތައް ނަގާ ކަންތައް ކުރުމަށްފަހު ފަރުހާން އެދުނުފަދައިން ލަމްޔާ ދެން ގުޅީ ފަރުހާންނަށެވެ.
ލަމްޔާ ގުޅިތާ ވާނީ ދެތިން މިނިޓެވެ. ފަރުހާން އައިސް ސަލާމް ގޮވައިލިއިރު ލަމްޔާ ހުރީ ސިޓިންރޫމުގައެވެ.
“އަހަރެމެނަށް އިރުކޮޅަކަށް …….. ކޮޓަރީގައި ތިބެވިދާނެތަ!” ލަމްޔާއަށް ބަލައިލެވުނީ ފަރުހާންގެ ބޮލުންފެށިގެން ފަޔާހަމައަށެވެ! އެ ވަގުތު ފަރުހާން ހުރި ގޮތުން އެހެރީ ކަމަކާ ވަރަށް ހާސްވެ ކަންބޮޑުވެފައިކަން ލަމްޔާއަށް ވިސްނައި ގަނެވުނެވެ. މޫނުމަތި ވަނީ މިލާފައެވެ. ރޮއެފައި ހުރިހެންވެސް ހީވެއެވެ. ކޮންމެވެސް ބޮޑުކަމެއް ދިމާ ނުވާނަމަ ފަރުހާން މި ގޮތަކަށް ނުހުރީހެވެ. ލަމްޔާގެ މުޅިހަށިގަނޑުން ފިނި ދަލެއް ހިއްލާލައިފިއެވެ. ނޭނގޭ ބިރުވެރި އިޙުސާސަކުން މީހާ ތުރުތުރުލައިގެން ދިޔައެވެ.
“ފަރުހާން!” ލަމްޔާއަށް ހިފަހައްޓައިލެވުނީ ފަރުހާންގެ އަތުގައެވެ.
ލަމްޔާ ގޮވައިލުމުންވެސް ފަރުހާން ވަކި ޖަވާބެއް ނުދެއެވެ. ހިނަގއިގަތީ ކުރިއަށެވެ. ކޮޓަރީގެ ދޮރާހަމަވެފައި ކުޑަކޮށް މަޑުކޮށްލިއެވެ. ލަމްޔާގެ ހުއްދައަކަށް އެދޭފަދައިން ލަމްޔާއަށް ބަލައިލިއެވެ.
ކޮޓަރީގެ ދޮރު ހުޅުވައިދިނުމުން ފަރުހާން ގޮސް އިށީނީ ލަމްޔާގެ އެނދުގައެވެ. އިރުކޮޅެއްވަންދެން އިސްޖަހާލައިގެން އިން ފަރުހާންއަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެން ލަމްޔާ ހުއްޓެވެ. ލަމްޔާ ފަރުހާންގާތު އެނދުގައި އިށީނީ ލަމްޔާ އިށީންނަން ފަރުހާން އިޝާރާތް ކުރުމުންނެވެ. ދެން ދިޔައީ ދެމިގެންދިޔަ ހިމޭންކަމުގެ ސިކުންތުތަކެކެވެ.
އިރުކޮޅަކުން ފަރުހާން އަތުގައި އޮތް ފޯނު ހުޅުވާލާފައި ދިއްކޮށްލީ ލަމްޔާއަށެވެ! ލަމްޔާ ފަރުހާންގެ މޫނަށް ބަލައިލީ ކީއްވީތޯ އަހާލާފަދަ ސުވާލުގެ ނަޒަރަކުންނެވެ. ދެންވެސް ފަރުހާން އަނގައަކުން ނުބުނެއެވެ. އެހާ ހިތްވަރުނެތީކަމަށް ވެސް ވެދާނެއެވެ. ފޯނުގައި ފެންނަންއޮތް މެސެޖު ކިޔާލަން ފަރުހާން އެދުނީ ލޮލާ ބޮލުގެ އިޝާރާތުންނެވެ.
އެއީ ލައިލާ ޒައިނާއަށް ފޮނުވާފައިވާ މެސެޖެކެވެ. މެސެޖަކަށްވުރެ ބޮޑަށް އެއީ ދިގު ސިޓީއެކޭ ބުންޏަސް ރަނގަޅުވާނެއެވެ. އެހެންކަމުން ދެވަނަ ފަހަރަކު ވެސް ލަމްޔާ ބަލައިލީ ފަރުހާންގެ މޫނަށެވެ. ކުރިންވެސް އިންގޮތަށް އިސްދަށަށް ޖަހައިލައިގެން ފަރުހާން އިނެވެ. އެހެންކަމުން މެސެޖުގައި ހުރެގެން މިއުޅެނީ ކިހާ ސީރިއަސް ވާހަކަތަކެއްކަން ލަމްޔާއަށް ވިސްނައިގަނެވުނެވެ.
“ޒައި، ކިހިނެތް! އުންމީދުކުރަން އެންމެންގެ ހާލުވެސް ރަނގަޅުވާނެކަމަށް! ޚާއްސަކޮށް އަހަރެންގެ މޭގެ އެތިކޮޅުކަމަށްވާ ސާރާ! ……. ޒައި، އަހަރެން އެބަޖެހޭ ވަރަށް ބޮޑުކަމަކު އެދެން . އުންމީދުކުރަން ވިސްނާލާފައި ރަނގަޅު ގޮތަކަށް ނިންމާނެ ކަމަށް!
ފުރަތަމަ ކަމަކީ މަންމަ، ޒައި އަދި ޚާއްސަކޮށް ޒައިގެ ކޮއްކޮގެ މަޢާފު، އަހަންނަށް އެނގޭ އަހަންނަކީ ކިހާ ގޯސް މީހެއްކަން!…. އެންމެ ބޮޑަށް އެކަން އެނގޭނީ ވެސް އަހަންނަށް! ކިތަންމެ ގޯސްކޮށް ކަންތައް ކުރެވިފައި ހުއްޓަސް …….. ދުނިޔެއަކީ ވަރަށް އެހެންކަހަލަ ތަނެއް!…… ހީވެސް ނުކުރާކަހަލަ ކިތަންމެ ކަމަކަށް ޙާލަތު ބަދަލުވެގެން އަންނަނީ ހިނދުކޮޅަކުން!……. އެހެންނު!……. މި ފަދަ ޙާލަތަކަށް މިއަދު މިވަނީ އަހަރެންގެ ދިރިއުޅުން ވެސް ގޮސް!……..
މިއަދު އަހަންނަކީ މިދުނިޔެއަށް ވަގުތީ މެހްމާނެއް! ……. އަހަންނަށް އޮތީ މަދު ވަގުތުކޮޅެއް! ….. އެ ވެސް ވޭންދެނިވި!….. ވެދާނެ އެއީ އަހަންނަށް ކުރެވުނު އެތައް ފާފައެއްގެ ސަޒާ މި ދުނިޔެމަތީގައި ވެސް! …………… ޒައި، އަހަންނަކީ ކެންސަރު ބަލި މީހެއް!”
( ނުނިމޭ )
ޚިޔާލުތައް
ކިހިނެތް ހަދަންތަ ލިޔުންތެރިޔާ މި އުޅެނީ. ލަމްޔާ ހިތުގަ ނުޖައްސާތި
ވަރަށް ރީތި