(ސާދަވަނަ ބައި)
“މިއަދު އަހަންނަކީ މިދުނިޔެއަށް ވަގުތީ މެހްމާނެއް…….! އަހަންނަށް އޮތީ މަދު ވަގުތުކޮޅެއް …..! އެ ވެސް ވޭންދެނިވި…! ވެދާނެ އެއީ އަހަންނަށް ކުރެވުނު އެތައް ފާފައެއްގެ ސަޒާ މިދުނިޔެމަތީގައި ވެސް ……………! ޒައި ، އަހަންނަކީ ކެންސަރުގެ ބަލި މީހެއް! …. އަހަރެންގެ ގޮހޮރަށް ވަނީ ކެންސަރު ޖެހިފައި! އެނގުނު އިރުވެސް މިހިރީ ފަހު ސްޓޭޖްގައި ……………! އަދި މުޅި ހަށިގަނޑަށް ކެންސަރގެ މޫތައް ވަނީ ފެތުރިފައި …! އެހެންކަމުން އަހަރެން އެދެނީ އެންމެންގެ ހިތުގެ ޚާލިސް މަޢާފެއް. އޭރުން އަހަންނަށް ފަސޭހަކަމާއެކު އުމުރުގެ ބާކީ މިއޮތް މަދު ވަގުތުކޮޅު ފަސޭހަކަމާއެކު ހޭދަ ކުރެވިދާނެ! ޒައި، ފަރުހާންވަނީ އަހަރެންގެ ހުރިހާ ނަމްބަރެއް ބްލޮކުކޮށްފައި! އެހެންވީމާ ފަރުހާން ގާތު މިވާހަކަ ބުނެދީ! އަދި ބުނެދީ ……! އަހަންނަށް ފަރުހާނަށް ދެވުނު އެކިކަހަލަ އަނިޔާއާއި ހިތްދަތިކަމަށް މަޢާފު އެދޭވަރަށްވުރެން ވެސް ބޮޑު ކުށްވެރިއެއްކަމަށް އަހަރެން ގަބޫލު ކުރަމޭ! އެހެންނަމަވެސް އަހަރެންގެ ފުރާނައަށް، އަހަރެންގެ ހައްޓަށް މި ދުނިޔެމަތީގައި ލުޔެއް ލިބޭނީ ހަމަ އެކަނި ފަރުހާންގެ މަޢާފުންނޭ! ………… ޒައި މި ވާހަކަ ބުނެދީ! ފަރުހާންއަކީ ރަނގަޅު ފިރިއެއް. ވަފާތެރި ފިރިއެއް. އެހެންމީހުންނާމެދު އަޅާލާ އޯގާތެރި ފިރިއެއް! އަހަންނަށް ޔަގީން ޒައި ބުނީމަ ފަރުހާން އަހަންނަށް މަޢާފު ކުރާނެކަން …! ސޯ، ޕްލީޒު މި ވާހަކަ ބުނެދޭތި.
ތި ޢާއިލާގެ ފަރާތުން އަހަރެން އެދޭ ދެވަނަ އެދުމަކީ ……… އަހަރެންގެ ޢުމުރުން މިހާރު ފާއިތުވަމުން މިދާ ކޮންމެ ހިނދުކޮޅަކީ ކޮންމެ ސިކުންތަކީ ގެއްލިގެންދާ، އަދި ފަސްދީ ދާ ވަރަށް އަގުހުރި ވަގުތުކޮޅެއް. އެހެންކަމުން އަހަރެންގެ ޙަޔާތުގެ ބައްތި އަބަދަށް ނިވުމުގެ ކުރިން އަހަރެންގެ ދަރިފުޅާއެކު ކޮންމެވެސް ވަގުތުކޮޅެއް ހޭދަ ކޮށްލަން އަހަންނަށް ފުރުސަތު ދިނުން! މިކަން ކުރަން އަހަރެން ބޭނުންވަނީ އެންމެން ވާހަކަ ދައްކައިގެން ސުލްޙަވެރިކަމާއެކު. ސަބަބަކީ އަހަރެންގެ ދަރިފުޅުގެ ތިބިހާ ވެސް ބަޔަކީ ތިއީ ކަމަށްވާތީ! ފަރުހާންގެ ޢައިލާ އަހަރެންގެ ދަރިފުޅު މީހަކަށް ހަދާނެކަމުގެ ޔަގީންކަން އޮންނާތީ އަހަރެންގެ ހިތަށް ހަމަ ޖެހުންލިބޭ!
އުންމީދުކުރަނީ ތިޢާއިލާގެ މަޢާފު އަހަންނަށް ލިބުން . ޚާއްސަކޮށް އެމީހެއްގެ ރުހުމާ މަޢާފު ދުނިޔޭގައިވާ ހުރިހާއެއްޗަކާ ކަމަކަށްވުރެ ބޮޑަށް މިއަދު އަހަރެން ބޭނުން ފަރާތުގެ! …………….. އަދި މި ވޭން ހުރި އުދަނގޫ ދުވަސްތައް ގުނަމުން މިދަނީ އަހަރެންގެ ދަރިފުޅު އަހަރެންގެ ހަމަ ލޮލަށް ވީ އެންމެ އަވަހަކަށް ފެންނާނެ ކަމުގެ އުންމީދުގަ ………..!”
ލައިލާގެ މެސެޖް ކިޔައި ނިމުނު އިރު ލަމްޔާގެ ލޮލުން ވެސް ކަރުނަ އަންނަނީއެވެ. މޭގަނޑު ހީވަނީ މޭކަށިގަނޑު ފަޅާލާފައި ނިކުންނަން އުޅޭހެންނެވެ. ލައިލާގެ ޙާލަތު ، އުޅޭނެ ހިތްދަތި މަންޒަރު ލަމްޔާގެ ލޮލަށް ސިފަވަނީއެވެ.
ފަރުހާން ނިންމާނެ ގޮތަކާމެދު ލަމްޔާއަށް ވިސްނާލެވުނެވެ. އެއަށްފަހު އިސްއުފުލައިލާ ފަރުހާންއަށް ބަލާލެވުނެވެ. ފަރުހާން އިނީ ކުރިންވެސް އެ އިންގޮތަށެވެ. އެހެންނަމަވެސް ދެ ކަކޫމަތީ ދެއަތް ވިއްދައިގެން ދެއަތުން ބޮލުގައި ހިފަހައްޓައިލައިގެންނެވެ.
ލަމްޔާ އިރުކޮޅަކު ފަރުހާންއަށް ބަލަން އިނުމަށްފަހު ކައިރިވެލާ ފަރުހާން ގައިގާ މަޑުމަޑުން ބައްދައިލިއެވެ. ދެންވެސް ފަރުހާން އިނީއެވެ. އެހެންނަމަވެސް އެ ހިތަށް މާބޮޑަށް އުނދަގޫވެ ހިތްދަތިކަން ތަޙައްމަލުކުރަން ނުކުޅެދުނީކަންނޭނގެއެވެ. ކުއްލިއަކަށް ވަރަށް ބާރަށް ލަމްޔާ ގައިގާ ބައްދާގަތެވެ.
ފަރުހާންއަށް ހަމަހޭވެރިކަންވީ ފޯނުގެ ރިންގުގެ އަޑުންނެވެ. މަޑުމަޑުން ލަމްޔާ ދުރުކޮށްލާ ފޯނަށް ނަޒަރު ހުއްޓައިލިއިރު ގުޅަނީ ޒައިނާއެވެ. އެ ފޯނަށް މިވަގުތު ޖަވާބުދޭހާ ހިތްވަރެއް ފަރުހާންގެ ނެތެވެ. ލައިލާ ކޮންމެ ގޮތަކަށް ފަރުހާންއާ ދޭތެރޭ ކަންތައް ކުރިއަސް ސާރާގެ މަންމަ ސާރާ އެހާ ކުޑައިރު ސާރާއާ ވަކިވެގެން ދާކަށް ފަރުހާން ނޭނދެއެވެ. އެހެންނޫނަސް ކޮންމެ ގޮތެއްވިޔަސް ފަރުހާންގެ ޙަޔާތަށް އައި ފުރަތަމަ އަންހެނަކީ ލައިލާއެވެ. އަދި އެއީ ފަރުހާންގެ އަލަތު އަނބިމީހާއެވެ. މި ހުރިހާ ސަބަބަކަށްޓަކައި މިވަގުތު ފަރުހާންގެ ހިތުގައި ލައިލާއަށްޓަކައި ވަނީ ޙަމްދަރުދީއެވެ. ކުލުނެވެ. ދުލުގައި ވަނީ ހެޔޮ ދުޢާއެވެ.
“ދެން ކިހިނެތް ހަދާނީ! ….. ފަރުހާންގެ ފަރާތުން އަހަރެންވެސް އެދޭ ވަރަށްބޮޑު އެދުމެއް އެބައޮތް! ” ލަމްޔާގެ މަޑުމައިތިރި އޯގާތެރި އަޑު އިވުމުން ފަރުހާން ބަލައިލީ ލަމްޔާއަށެވެ! ކޮންކަމެއްހޭ އަހާފަދަ ގޮތަކަށެވެ!
“ކޮށްދޭނަންތަ!” ފަރުހާން ބަލައިލުމުން އަނެއްކާވެސް ލަމްޔާ ސުވާލުކުރީ ފަރުހާންގެ ޖަވާބަކަށެވެ! ލަމްޔާގެ އަޑުގައި މި ފަހަރުވަނީ އާދޭހެވެ!
“ބުނޭ! ލަމް އެދޭ ކޮންމެ ކަމެއްވެސް ކޮށްދޭނަން!” ފަރުހާން ޔަގީންކަން ދިނެވެ.
“ލައިލާ އެ އެދޭ ކަންތައް ލައިލާއަށް ކޮށްދީ! ޕްލީޒް ….”
“ލަމްމްމްމް………. ” ފަރުހާން އުޅުނީ އެކަމާ އިންކާރު ކުރަން ކަމެއް ނުވަތަ އެއްބަސްވާން ކަމެއް ވެސް ލަމްޔާއަކަށް ނޭނގެއެވެ.
“ޕްލީޒް ފަރުހާން! އެހެންނޫނީ ފަހުން ފަރުހާން ރިގްރެޓް ކުރަން ޖެހިދާނެ! ވަގުތު ވަރަށް ކުޑަ! ޑޮކްޓަރގެ ރިޕޯޓުތަކުން ތިހިރީ ލައިލާގެ ޙާލަތު އެނގެން … ވީއިރު ސާރާއަށްޓަކައި ނަމަވެސް ……. ”
ލަމްޔާގެ މޫނަށް ހިނިތުންވުން އައީ ފަރުހާން ބޯޖަހާލުމުންނެވެ.
“އަދި މަންމަ ގާތު ނުވެސް ބުނެވޭ! ބުނަން ނުކެރިގެން. މަންމަ ވަރަށް ދެރަވާނެ. ….. ދޮންތަ ވެސް ……. ހެނދުނު ސައި ވެސް ނުބޮއޭ! ……. މަންމަ އަހާ އަޑުއިވޭ ބަލީހެއްޔޭ ވެސް! ކޮންމެ ގޮތެއްވިޔަސް ލައިލާ ދެކެ އެމީހުން ވެސް ލޯބިވާނެތާ!” ފަރުހާންގެ އަޑު ކުރެހިގެންއައެވެ.
“ހިނގާ އަހަރެންވެސް ތިގެއަށް ދާނަން. ދޮންތަޔާ އެންމެން ތިބެގެން މަންމަގާތު ތި ވާހަކަ ދައްކާނީ .!… އޭރުން ގޮތެއް ނިންމަންވެސް ފަސޭހަވާނެނު! …..”
ލަމްޔާ ދިން މަޝްވަރާ ފަރުހާނަށް ވެސް ކަމުދިޔައެވެ. އެހެންކަމުން ދެމީހުން އެކުގައި ނިކުމެގެން ގޮސްވަނީ ފަރުހާންމެންގެ ގެއަށެވެ!
ޒައިނާއަށް ގޮވައިގެން ބޭރަށް ނެރެ މަންމައާ މިވާހަކަ ޝެއަރކުރަން އުޅޭ ވާހަކަ ފަރުހާން ބުނުމުން ޒައިނާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ.
އެހެންނަމަވެސް ކަމަކީ ކުރިމަތިލާންޖެހިފައިވާ ކަމަކަށްވުމުން ޚަދީޖާއަށް ގޮވައި ގެނެސްގެން އެ ވާހަކަ ދެއްކީ ޒައިނާއެވެ. ޒައިނާގެ ވާހަކަ ނުނިމެނީސް އިވެންފެށީ ޚަދީޖާ ރޯންފެށިއަޑެވެ. ލަމްޔާ ކައިރިއަށް ޖެހިލާ ޚަދީޖާއަށް ހިތްވަރުދޭން ފެށިއެވެ.
ހަވީރު ވެސް އެރޭ ވެސް ފަރުހާންގެ ގިނަ ވަގުތު ހޭދަކުރީ ލަމްޔާ ގާތު އެގޭގައެވެ. ހިނދުކޮޅަކަށް ވެސް ލަމްޔާއާ ވަކިވާން ފަރުހާން ބޭނުން ނުވާކަހަލައެވެ. އެކުގައި ވަގުތު ހޭދަ ކުރިއަސް ފަރުހާން ފެންނަނީ ޚިޔާލަކަށް ގެއްލިފައި ހުންނަތަނެވެ. ބަސްމަދުވެ ނެގިމަޑުވެފައި ހުންނަ ތަނެވެ. ލަމްޔާގެ ހިތުގައި ވަނީ މިކަންތައްތަކުން ބިރުވެރިކަން އުފެދިފައެވެ. ކޮންމެވެސް ބިރުވެރިކަމެއްގެ އިންޒާރުދޭފަދަ އިޙުސާސެކެވެ. ބުނަން ނޭނގޭ ނުތަނަވަސްކަމެއް ހިތަށްވަނީ ވެރިވެފައެވެ.
ސާރާ އާއި މަންމަ ގޮވައިގެން ހެނދުނު ފުލައިޓުން ފަރުހާން ފުރައިގެން މާލެ ދިޔައީ ލައިލާއާއެކު ރާއްޖެއިން ބޭރަށް ދާން ޖެހުނަސް ދެވޭ ގޮތަށެވެ. މި ދަތުރުގައި ލަމްޔާއާއި ދުރުގައި ހުންނަން ޖެހޭނީ ކިހާދުވަހަކުކަން ވެސް ނޭނގޭތީ ފަރުހާންގެ ކަންބޮޑުވުން ނުލާހިކު ބޮޑެވެ. ކިތަންމެ ދުވަހެއް ވިޔަސް މަންޒަރު ކޮންމެ ގޮތަކަށް ބަދަލުވިޔަސް ލަމްޔާއަށް ފަރުހާން ކުރާ އިތުބާރު ނުލާހިކު ބޮޑެވެ. މި ދަތުރު މި ގޮތަށް މި ކުރެވެނީ ވެސް ލަމްޔާ ދިން ހިތްވަރުންކަން އަބަދުވެސް ފަރުހާން ހަނދާނުގައި ބަހައްޓާނެއެވެ.
ކުއްލިއަކަށް މާގަދައަށް ހުން އަންނާތީ ލައިލާ ޑޮކުޓަރަށް ދެއްކީ ހުން ދިގުލާ ދާން ފެށުމުންނެވެ. ޑޮކުޓަރ ދިން އިރުޝާދުގެ ދަށުން ރާއްޖެއިން ބޭރަށް ލައިލާ ފުރައިގެން ދިޔައީ ރައްޓެއްސަކު ގޮވައިގެންނެވެ. ނަތީޖާ ލިބުނު ދުވަހު ލައިލާ އަނބުރާގަތެވެ. އޭރު ލައިލާގެ ބަނޑަށް ތިން މަހެވެ. ކެންސަރު ހުރީ އެންމެ ފަހު ސްޓޭޖުގައިކަމުން އިތުރު އެއްވެސް ފަރުވާއެއް ކުރާކަށް ލައިލާ ބޭނުމެއްނުވިއެވެ. އެހެންކަމުން ހިތްވަރުކޮށްފައި ފުރައިގެން އައީ ރާއްޖެއެވެ. ލައިލާގެ ޙާލަތު ކިޔައިދޭން އެންމެ ބޭނުންވި ފަރާތަކީ ފަރުހާންއެވެ. ފަރުހާން ވަނީ ލައިލާ ބޭނުން ކުރާ ހުރިހާ ނަމްބަރު ތަކެއް ބުލޮކް ކޮށްފައެވެ. އެހެންކަމުން ދެން ލައިލާގެ ހާލަތު ބަޔާންކޮށް ދިނީ ފަރުހާންގެ ދޮންތަ ގާތުގައެވެ.
ލައިލާ މާލެ އައިތާ ފަސްވަނައަށް ވީދުވަހު ވަރަށް ގަދައަށް ލޭ ފޭބުމަށްފަހު ދަރިފުޅު ބައިގެން ދިޔައީއެވެ. އެކަމާ ލައިލާ ވީ ދެރަ ބަލިވުމުން ވީދެރައަށްވުރެ ބޮޑެވެ. އެދުވަހު ލައިލާ ވަރަށް ރުޔެވެ. މައިންބަފައިންގެ ލޯބި ނުލިބި ޢާއިލީ ބައެއްގެ ތެރޭ ހުރެ ބޮޑުވިޔަސް ލިބެންޖެހޭ އަޅާލުމާ އޯގާތެރިކަމުން ގިނަފަހަރު ލައިލާ ވީ މަހުރޫމެވެ. ނަތީޖާއަކަށްވީ ރައްޓެހިންގެ ބަހަށް ހެއްލެވި ޒުވާންކަމުގެ ފައިދާ އޭގެ ނަހަމަ ގޮތުގައި ހިފެވުމެވެ.
ލައިލާ ކިޔެވުން ހުއްޓާލީ މާސްޓަރސްގެ ފަހު ސެމެސްޓަރގައެވެ. ލައިލާގެ ބޮޑުބޭބެ މަޖުބޫރުކޮށްގެން ފަރުހާންއާ ލައިލާގެ ކައިވެނި ކުރުވީ ބޮޑުބޭބެގެ ބޮލުން ލައިލާގެ ޒިންމާ ދޫކޮށްލަން ބޭނުންވާތީއެވެ. އެކަމާ ލައިލާ ވަރަށް ރުޅިއައެވެ. އެ ރުޅި ފިލުވާލެވުނީ ކުށެއްނެތް ފިރިމީހާއަށެވެ.
ޒައިނާއަށް މެސެޖުކުރި ދުވަހުގެ ރޭ މާބޮޑަށް ލައިލާ ހުންގަދަވެ ހާލު ދެރަވުމުން ލައިލާގެ އެކުވެރި ޝަރުފާ އައިސް ލައިލާ ގޮވައިގެން ޑޮކުޓަރަށް ދިޔައެވެ. ޑޮކުޓަރ ބޭނުންވީ ލައިލާއަށް ދެވޭނެ މާބޮޑު ފަރުވާއެއް ނެތަސް އެޑްމިޓްކުރާށެވެ.
މާލެ ފޭބުމަށްފަހު ފަރުހާން މަންމައާއި ސާރާ ގެންދިޔައީ ފަރުހާން އުޅޭ އެޕާޓްމެންޓަށެވެ. މަންމަގެ ފޯނުން ލައިލާގެ ނަމްބަރަށް ފަރުހާން ގުޅީވެސް އޭގެ ފަހުންނެވެ.
ލައިލާގެ ފޯން ރިންގުވުމުން ފޯނު ނެގީ ޝަރުފާއެވެ. އަދި ހަލޯއޭ ބުނުމަށްފަހު އެއީ ޝަރުފާ ކަމަށާ ލައިލާ އޮތީ ނިދިފައިކަމަށް ބުންޏެވެ. ފަރުހާންއަށް ލައިލާގެ ބަލީގެ އިތުރު ތަފުސީލް ކިޔައިދިނީ ޝަރުފާއެވެ.
ސާރާ އާއި މަންމަ ގޮވައިގެން ހޮސްޕިޓަލަށް ފަރުހާން ދިޔައީ ކޮންމެ ފަދަ ކަމަކާ ކުރިމަތިލާން ޖެހުނަސް އެކަމަކާ ކުރިމަތިލާން ތައްޔާރުވެގެންނެވެ.
ލައިލާ އޮތް ރޫމުގެ ދޮރު ހުޅުވައިލިއިރު ލައިލާ އިނީ ޖޫސްފޮދެއް ބޯން ތެދުވެއެވެ. އޭރުވެސް ޝަރުފާ ލައިލާ ގާތުގައި ހުއްޓެވެ. ހުޅުވުނު ދޮރާދިމާއަށް ބަލަހައްޓައިގެން އިން ލައިލާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެން ފެށި މަންޒަރުވީ އެތާ ތިބި އެންމެންގެ ހިތްވެސް ރޮއްވައިލި މަންޒަރަކަށެވެ. އެންމެ ފަހުން ކެނިއުލާ ގުޅާފައި ހުރިއަތާއެކު ދެއަތް ކުރިމައްޗަށް ދަމައިލީ ސާރާ ގާތު އަންނާށޭ ބުނެ ބޮލުން އިޝާރާތް ކުރަމުންނެވެ.
މަންމަ އޮތް ހާލު ފެނުމުން ކުޑަކުޑަ ސާރާ ހުރީ ޙައިރާންވެފައެވެ. އެއީ ދުވަހަކުވެސް ސާރާ ދެކެން އުންމީދު ކުރިމަންޒަރެއް ނޫންކަން އެ ކަންބޮޑުވެފައިވާ މޫނުމަތިން އެނގެއެވެ. އެހެންކަމުން ސާރާ ހުރީ ހުއްޓުން އަރާފައެވެ.
އެންމެފަހުން ފަރުހާން ސާރާ ގެންގޮސް ލައިލާ ގާތު އެނދުގައި ބައިންދައި ދިނެވެ. ލައިލާއަކަށް އޭނަގެ ޖަޒުބާތުތަކެއް ކޮންޓްރޯލެއް ނުކުރެވުނެވެ. ސާރާގައިގާ ބައްދައިގެން ރޯން ފެށުމުން އެތާ ނުހުރެވިގެން ފަރުހާން ނިކުތީ ބޭރަށެވެ. ސާރާގެ މަންމަ މިޙާލުގައި އިނދެ މި ގޮތަށް ރޯތަން ފެނުމުން އެ ތުއްތު ތުއްތު ސިކުނޑިއަށް މާބޮޑުއެއްޗެއް ނަގައި ނުގަނެވުނަސް ނަފުސާނީގޮތުން ސާރާއަށް އަސަރު ކުރުން ގާތެވެ. އެ މަންޒަރުން މިތިބަ ބޮޑެތި މީހުންނަށް ކުރާ އަސަރު މިހިރީ ވިއްޔާއެވެ.
ފަރުހާން އެނބުރި އެ ކޮޓަރިއަށްވަނީ ޝަރުފާ ނިކުމެ ޝަރުފާ ދަނީކަމަށާ އެއްވެސް ކަމެއް ބޭނުންވެއްޖިއްޔާ ގުޅުމަށް ބުނެފައި ދާން ހިނގައިގަތުމުންނެވެ.
( ނުނިމޭ )
ޚިޔާލުތައް