A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބޯގަންވިލާ 15

ވަހަކަ: ބޯގަންވިލާ

(ފަނަރަވަނަ ބައި)

ސާރާގެ މަންމަ މިޙާލުގައި އިނދެ މި ގޮތަށް ރޯތަން ފެނުމުން އެ ތުއްތު ތުއްތު ސިކުނޑިއަށް މާބޮޑުއެއްޗެއް ނަގައި ނުގަނެވުނަސް ނަފުސާނީގޮތުން ސާރާއަށް އަސަރު ކުރުން ގާތެވެ. އެ މަންޒަރުން މިތިބަ ބޮޑެތި މީހުންނަށް ކުރާ އަސަރު މިހިރީ ވިއްޔާއެވެ.

ފަރުހާން އެނބުރި އެ ކޮޓަރިއަށްވަނީ ޝަރުފާ ނިކުމެ ޝަރުފާ ދަނީކަމަށާ އެއްވެސް ކަމެއް ބޭނުންވެއްޖިއްޔާ ގުޅުމަށް ބުނެފައި ދާން ހިނގައިގަތުމުންނެވެ.

ލައިލާގެ ޢާއިލާގެ އިތުރު ބަޔަކު މާލޭގައި ނެތުމުން މަންމައާ ވާހަކަ ދެއްކުމަށްފަހު ފަރުހާން ޑިއުޓީ ބަހައިލިއެވެ. ޝަރުފާއާއި ވެސް ވާހަކަ ދައްކާފައެވެ. ރޭގަނޑު ޝަރުފާ ދިއުމުން ހެނދުނު މަންމަ ސާރާ ގޮވައިގެން އަންނަން ދެން ހޮސްޕިޓަލުގައި ފަރުހާން އިންނަގޮތަށް ނިންމީ ލައިލާވެސް އެގޮތަށް އެދުމުންނެވެ. އެ ގޮތަށް ހެދުމުން ދުވާލުގެ ވަރަށް ބޮޑު ބައެއްގައި ސާރާ އުޅޭނީ ލައިލާ ގާތުގައެވެ.

ޖެހިގެން އައި ދުވަހެވެ. އެރޭ ޑިއުޓީ ނިންމާފައި ދިއުމުގެ ކުރިން ސާރާ ގޮވައިގެން މަންމަ އައުމުން ފަރުހާން ވަނީ ފާޚާނާއަކަށެވެ. އޭރު ލައިލާއަށް އޮތީ ނިދިފައެވެ. ފާޚާނާއިން ފަރުހާންއަށް  ނިކުމެވުނު އިރު ވާރޭ ކަނި ޖަހައެވެ. އެހެންކަމުން ފަރުހާން ނިކުތީ ކޮޓަރީގެ ބޭރަށް ބެލްކަންޏަށެވެ. އެތާ ހުންނައިރު ކޮޓަރީގައި ދެކެވޭ ވާހަކަތައް އަޑު އިވެއެވެ. ފަރުހާން ނިކުތްއިރު ސައިފޮދެއް ދޭން ވެގެން މަންމަ ލައިލާއަށް ގޮވަނީއެވެ.

ގެނައި ބިސްގަނޑުން އެތިކޮޅަކާ ކުޑަ ކިރުފޮދެއް ލައިލާއަށް ދެވޭތޯ މަންމަ އުޅޭއަޑު ފަރުހާންއަށް އިވެއެވެ. ސާރާ ވެސް އޭނަގެ މަންމަ ގާތު އަވަހަށް ގަދަވާނީ ގިނައިން ކެއީމައޭ މަންމާ ޕްލީޒް ކުޑަ ކުޑަ އެތިކޮޅެއް ކާލާށޭ ކިޔާ އާދޭސް ކުރާއަޑުން ފަރުހާންގެ ހިތް ރޮއްވަމުން ދިޔައެވެ.

ޚަދީޖާ ދޭން ބޭނުންވި ވަރަށް ނުކެވުނަސް ކޮށްމެވެސް މިންވަރަކަށް ލައިލާއަށް ބިސްގަނޑުކޮޅު ވެސް ކެވުނެވެ. އެހެންކަމުން ގެންގުޅުނު ތަށިތައް ދޮވެލާފައި ކަބަޑުތެރެއަށް ލާން ޚަދީޖާ އުޅުނު އިރު ސާރާ އުޅުނީ ޓެބް ނަގައިގެން ކާޓޫނެއް ބެލުމުގައެވެ.

އޭރު ސާރާގެ ޙަރަކާތްތަކަށް ކަރުނަވީ ދެލޮލުން ބަލަހައްޓައިގެން ލައިލާ އިނެވެ. ޚަދީޖާވެސް ލައިލާއަށް ރަނގަޅަށް ބަލައިލިއެވެ. އަދިހަމަ ކުއްލިއަކަށް ލައިލާ ބަލިވެ އިން ހަނދާން ވެއްޖެއެވެ.

“އަނެއްކާ………..  ލައިލާ އަދިވެސް ބަނޑު ބޮޑުތަ ! ބަނޑުބޮޑުނަމަ މިހާރު ބަނޑުން އެނގެންވާނެ!” ޚަދީޖާގެ ހިތަށް އައި އެއްޗަކުން ބޭނުންވީ ލައިލާ ގާތު އަހައިގެން އެކަން ސާފުކުރާށެވެ!

“ލައިލާ ބަނޑުބޮޑުދޯ!” ޚަދީޖާ ކުރި ސުވާލަކުން ލައިލާ ދިޔައީ ސިއްސައިގެންނެވެ.   ޚަދީޖާ ކުރި ސުވާލު ފަރުހާންގެ ކަންފަތަށް ފޯރީ ހޮނުގުގުރިއެއް ފަދައިންނެވެ. އެހެންކަމުން ލިބުނު ޙައިރާންކަމުގައި ކަންފަތް އިތުރަށް ސަމާލުކުރީ ދެން އިވޭ އަޑަކަށެވެ.

“މިހާރު ބޮޑެއް ނޫން! ދަރިފުޅު އެބޯޓް ވެއްޖެ!” ޖަވާބެއް ނުދީ އިނުމަށްފަހު އިސްޖަހައިލަމުން ލައިލާ އެހެން ބުނީ ރޮވިފައިވާ އަޑަކުންނެވެ.

“އެބޯޓް ވީތަ ނޫނީ ……..!” ޚަދީޖާގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ލައިލާ ރޮއެގަންނަމުން ހުއްޓާލާށޭ ބުނާފަދަ ގޮތަކަށް އަތް ހިއްލާލުމުންނެވެ.

“މަންމާ! ………  އަހަރެން މީ ކިހާ ގޯސްމީހެއްކަން އެންމެ ފުރަތަމަ ގަބޫލުކުރަނީ އަހަރެން!  އެއީ އަހަރެންގެ މާޒީ! އަހަރެން މިހާރު މިވަނީ އެތައް ފަހަރަކު ތައުބާވެ ކުރިން އުޅުނު އުޅުން ދޫކޮށްލާފައި………! އަހަރެންގެ ދަރިފުޅު އަހަރެންގެ ހަށިގަނޑާ ވަކިވެގެން ދިޔައީ މި ބުނި ފަދައިން އަހަރެން ތައުބާވިތާ އެތައް ދުވަހެއް ފަހުން! ……….. މަންމާ! އަހަރެން ކިތަންމެ ގޯހަސް އަހަރެންގެ ބަނޑުގައި ގަރުބަ ގަނެފައިވާ އަހަރެންގެ އަމިއްލަ ލެއިން އުފެދުނު އަހަރެންގެ ދަރިއަކު މަރާލާހާ އަހަންނަކީ ގޯސް މީހެއް ނޫން! އެވެސް، އަދި މި ބަލި ޙާލަތުވެސް އަހަންނާ ދޭތެރޭ މިންވަރު ކުރެއްވި ފަރާތް ހުރިހާ ކަމަކަށް ހެކިވެ ވޮޑިގެންވާނެ! އެކަނލާގެއީ އެންމެ މޮޅަށް ހުރިހާކަމެއް ވެސް ދެކެ ދެނެ ވޮޑިގެންވާ ފަރާތް! އަހަރެންގެ ފުރާނަ ގެންދެވުމުގެ ކުރިން އެ ތުއްތު ފުރާނަ ގެންދެވީ!”

ލައިލާ ވަރަށް ހިތްވަރުން އެ ހާމަކުރީ ހަގީގަތެވެ. އެ ހަގީގަތް އެނގެން އެންމެ ބޭނުންވާ ދެފަރާތަށް ޙަގީގަތް ސާފުވީއެވެ. ރޮމުން ރޮމުން ގޮސް ގިސްލެވެން ފެށުމުން ޚަދިޖާ ލައިލާ ގާތަށް ޖެހިލާ އެނދުގައި އިށީނދެ ޚަދީޖާގެ ގަޔަށް ލައިލާ ލައްކޮށްލިއެވެ. އަދި ބުރަކަށީގައި ފިރުމަމުން އެހެން އެހުނީތީ މަޢާފަށް އެދުނެވެ. އަދި ދަރިފުޅުގެ ތައުބާ އެކަނލާގެ ގަބޫލުކުރައްވާނެއޭ ބުނުމުން ލައިލާގެ ހިތަށް ހަމަ ޖެހުން ލިބިގެން ދިޔައެވެ.

“މަންމާ! އަހަރެން ކަމަކު ކިޔަން ބޭނުން!” ލައިލާ ޚަދީޖާއާ ސުވާލުކުރީ އެނދުގައި އޮށޯންނަމުންނެވެ.

“ބުނޭ! މަންމައަށް ކޮށްދެވޭވަރުގެ ކަމެއް ވެއްޖިއްޔާ ދަރިފުޅަށް ކޮށްދޭނަން!” ޚަދީޖާގެ އޯގާތެރި އަޑުއިވުމުން ލައިލާ އެދުނީ ފަރުހާން މީހަކާ އިންނަން އުޅޭކަން އެނގޭކަމަށާ އެހެންކަމުން އެފަރާތާ ފޯނުން ބައްދަލުކޮށްދިނުމަށެވެ.

ޚަދީޖާ އިރުކޮޅަކު ބަހެއް ނުބުނެ ވިސްނާލަން ހުއްޓެވެ!

“މަންމާ ޕްލީޒް! އަހަރެން ބޭނުން އަހަރެންގެ ސާރާއަށް ހެޔޮކޮށް ހިތުމަށް އޭނައަށް ވަސިއްޔަތް ކުރަން! އަހަންނަށް ޔަގީން ފަރުހާން ހިތުން ރުހުމުން އިންނާނީ ރަނގަޅު ކުއްޖަކާކަން! ” ލައިލާގެ ވާހަކާގައިވަނީ އާދޭހެވެ. އެއީ އޭނަގެ ހިތުގެ އަޑިން ބުނި ވާހަކަ ތަކެކެވެ.

“ލައިލާ ދަރިފުޅާ! ތިކަން ކޮށްދެވޭނީ ފަރުހާންއަށް! ޔަގީނުންވެސް ފަރުހާން އިންނަން އުޅެނީ ރަނގަޅު ކުއްޖަކާ! މަންމައަށް ޔަގީންކަން އެބައޮތް އޭނާ ސާރާއަށް މައެއްގެ ލޯބި ދޭނެކަން!”

ޚަދީޖާގެ ވާހަކަ އަޑު އިވުމުން ހިތުގައި ރިހުމެއް އުފެދުނަސް ލައިލާ ވީ އުފަލެވެ. ލައިލާ އަކީ ހިނދުކޮޅެއްގެ މެހްމާނެއްކަން ހަނދާންވެ ލޯ މަރައިލެވުނެވެ.

ލައިލާއާއި މަންމައާދެމެދު ދެކެވުނު ވާހަކަތައް އަޑު އިވުމުން ފަރުހާން ދެރަވި ނަމަވެސް ފަހު ވަގުތު ލައިލާ ރަނގަޅު މަގަށް ރުޖޫޢަ ވީތީ ހެއްދެވި ފަރާތަށް ޝުކުރުވެރި ވެވުނެވެ. އަދި ފަރުހާންއަށް ސިއްރުވެފައި އޮތް ބޮޑު ސިއްރެއް ހާމަވުމުން ލިބުނު ޙައިރާންކަން ވެސް ކުޑައެއް ނުވިއެވެ.

ހުރިތަނުން ކޮޓަރީގެ ތެރެއަށް ފަރުހާން ވަންއިރު ލައިލާ އޮތީ އަނެއްކާވެސް ލޯމެރިފައެވެ. މާގިނަ ވާހަކަ ދެއްކުނީމައި ވަރުބަލިވީކަމަށް ވެސް ވެދާނެއެވެ. އެހެންކަމުން ހަވީރު އަންނާނެކަމަށް މަންމަ ގާތު ބުނީވެސް އިޝާރާތުންނެވެ. ސާރާ ގެނެސް މެޔާލާ ބޮނޑިކޮށްލާފައި ކޮލަށް ދޮނެއް ދިނުމަށްފަހު ފަރުހާން ދިޔާއީ ނިދާލުމަށް ގެއަށެވެ.

މާލެ އާދެވުނުފަހުން ލަމްޔާއަށް ގުޅާ ވާހަކަ ދައްކާލަން ފަރުހާންއަށް ލިބޭ ވަގުތުކޮޅު ވެސް މަދެވެ. ލައިލާ ގާތު ހޮސްޕިޓަލުގައި ހޭދަ ކުރާ ވަގުތުތަކަކީ ލަމްޔާއަށް ފަރުހާން ގުޅައިގެން ވާހަކަ ދައްކަން ބޭނުން ވަގުތެއް ނޫނެވެ. އެއީ ފަހަރެއްގައިވެސް އެކަމުން ލައިލާއަށް އަސަރެއް ކުރަން ފަރުހާން ބޭނުން ނުވާތީއެވެ. އެހެންނަމަވެސް ލައިލާ ނިދިފައި އޮންނަ ބައެއް ވަގުތު ތަކުގައި ލަމްޔާއާ ދެމީހުން ވައިބަރއިން ވާހަކަ ދައްކައެވެ. އެ ވެސް މަދު ވަގުތު ކޮޅަކަށެވެ. އެހެންނެކޭ ކިޔާފައި އެއްފަހަރުވެސް ލަމްޔާ ޝަކުވާއެއް ނުކުރެއެވެ.

ގެއަށް ދެވުމާއެކު ފެންވަރާލައިގެން އޮށޯތީ ނިދާލުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ލަމްޔާ މަތިން މާބޮޑަށް ހަނދާންވާނެ ފެށިއެވެ. ގުޅާލަން ބޭނުންވިއެވެ. އެމޫނު ވަރަށް ގާތުން ދެކޭ ހިތްވާންފެށިއެވެ. ލަމްޔާގެ އުނގުގައި ބޯއަޅާލައިގެން އޮށޯވެލާހިތްވާން ފެށިއެވެ.

ފަރުހާންއަށް ވިސްނައިލެވުނެވެ. އަހަރެންގެ ހިތަށް މިވަނީ ކީއްހެއްޔެވެ! އަނެއްކާ ލަމް އަހަންނަށް ގެއްލެން އުޅެނީބާ! ނޫނީ ބަލިވެ އުޅެނީބާ! ބަލިވެ އުޅުނަސް ހާލަތުގެ ގޮތުން އަހަރެން ކައިރީ  ނުބުނެވެސް ހުރެދާނެ!

ފޯނުނަގައިގެން ލަމްޔާއަށް ގުޅިތަނުން ދެ ރިންގަކާއެކު ލަމްޔާ ފޯނަށް ޖަވާބުދިނެވެ. ހީވީ ގަޑިކިޔައިގެން ފޯނުގެ އިންތިޒާރުގައި އޮތްހެންނެވެ.

“މި ފޯނުގެ އިންތިޒާރުގައިތަ ތިއޮތީ!” ހެމުން ހެމުން ފަރުހާންއަށް އަހައިލެވުނެވެ.

“ތެދަށް ބުނަންތަ!” ލަމްޔާއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް އިވުނީ ފަރުހާން ހޫމް އަޅުވައިލިއަޑެވެ.

“ރޭއްސުރެ ފަރުހާން މަތިން މާބޮޑަށް ހަނދާންވަނީ! ނޭނގެ ކީއްވެކަމެއް! ފާޑަކަށް އުނދަގޫވެފަ މިހުންނަނީ! ރޭވެސް އެހެން ބުނަން ބޭނުންވި! އެކަމު ……..”

ފަރުހާންގެ ހާލުވެސް އެހެންނޭ ބުނަން ބޭނުމެވެ. އެކަމަކު ލަމްޔާ މާބޮޑަށް ފިކުރު ބޮޑުވެދާނެތީ އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެވެ. ކުޑަކޮށް ވާހަކަ ދައްކާލުމުން ދެމީހުންގެ ހިތަށްވެސް ހަމަ ޖެހުން ލިބުނެވެ. ޚިޔާލުތަކާ ފިކުރުތައް ފިލާ ދިޔައެވެ. ކޮންމެ މީހަކުވެސް އުފާވެރިކަން ލިބިގަތީ ދެމީހުންގެ ދެމެދު އޮތް ސާފުލޯބި އަނެކަކަށް ހާމަކޮށްދީގެންނެވެ.

ފޯނުބޭއްވުމުގެ ކުރިން ލައިލާއާ ލަމްޔާ ވާހަކަ ދައްކަން މިރޭ ހޮސްޕިޓަލަށް ގޮސް ގުޅައިދޭނެ ކަމަށާ ލައިލާ އެކަމަށް ވަރަށް އެދޭ ވާހަކަ ފަރުހާން ބުނުމުން ލަމްޔާ ޖެހިލުންވިއެވެ. އެއްބަސް ނުވާންވެސް އުޅުނެވެ. އެކަމަކު ލައިލާ ލަމްޔާއާ ވާހަކަ ދައްކަން ބޭނުންވާ ސަބަބު ބުނުމުން ހިތާ ދެކޮޅަށް ނަމަވެސް އެއްބަސްވިއެވެ.

ކޮންމެ ދުވަހެއްގެ ހަވީރު ފަހެއްޖަހާލާކަންހާއިރު ޝަރުފާ އާދެއެވެ. އެ އައިއްސަ ރޭގަނޑު ނުވައެއް ދިހައެއް ޖަހަންދެންވެސް ބައެއް ރޭރޭ މަޑުކުރެއެވެ. އެހެންނަމަވެސް މިއަދު ޝަރުފާއަށް އާދެވެން ނެތްވާހަކަ ގުޅާފަ ފަރުހާން ގާތު ބުނުމުން އެ ގަޑިއަށްވެސް އައީ ފަރުހާންއެވެ. މަންމަ އެކަމާ ސުވާލުކުރުމުން ފަރުހާން އަންނަން ޖެހުނު ސަބަބު ކިޔައިދިނެވެ.

އޭރު ލައިލާއަށް އޮތީ ނިދިފައެވެ. މިއަދު ލައިލާ ފެންނަނީވެސް ތަންކޮޅެއް ވަރުބަލިކޮށެވެ. ހުންވެސް ގަދަހެން ހީވެއެވެ.

“ދަރިފުޅާ! ލައިލާގެ ބޮޑުބޭބެއަށް އެންގިންތަ!” ލައިލާގެ ހާލާމެދު ފިކުރުބޮޑުވެފައިވާ ޚަދީޖާ އޮޅުން ފިލުވަން ބޭނުން ކިތަންމެ ކަމެއް އަދިވެސް އެބައޮތެވެ.

ފަރުހާން ނޫނެކޭ ބުނެ ބޯ ޖަހައިލީއެވެ. ފަރުހާންގެ އިޝާރާތުން އަނެއްކާވެސް ޚަދީޖާ ކަންބޮޑުވެއްޖެއެވެ.

“މަންމައަށް ހީވަނީ ލައިލާ ބޭނުން ނުވިއަސް ޙަގީގަތުގައި ލައިލާގެ ކަންކަން ބަލަހައްޓަން ތިބި ބަޔަކީ އެމީހުން. އެހެންވިމާ ލައިލާ ނޭންގިއަސް ދަރިފުޅު އެމީހުންނަށް ލައިލާގެ ބަލީގެ ވާހަކައާ ހާލަތު ބުނެދޭން ޖެހޭނެހެން މަންމައަށް ހީވަނީ! ……….. ފަހަރެއްގައި ވަގުތު ފާއިތު ވެދާނެ!” ކުރެހިފައިވާ އަޑަކުން ވިސްނައިދޭފަދަ ގޮތަކަށް މަންމަ ދެއްކި ވާހަކަ ފަރުހާންއަށް ގަބޫލުކުރެވުނެވެ.

ޚަދީޖާއާ ދިމާއަށް ފަރުހާން ބަލަން ފެށުމުން ޚަދީޖާ ލަފާ ދިނީ މިއަދު ލައިލާގެ ބޮޑުބޭބެއަށް ގުޅުމަށެވެ. އަދި ފަރުހާން އެކަމަށް އެއްބަސް ކުރުވިއެވެ.

މަންމަ އަދި އިރުކޮޅަކަށް މަޑުކޮށްލާނީއޭ ބުނުމުން ފަރުހާން ބެލްކަންޏަށް ނިކުތީ ސާރާއާއެކު އެ ވަގުތުކޮޅެއް ހޭދަ ކުރުމަށް ސާރާ ގޮވާއިގެންނެވެ.

       ( ނުނިމޭ )

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • މުނީ

    ވަރަށް ރީތި. ޢަނެއް ބަޔަށް އިންތިޒާރު ކުރަން

  • ޭއެވާރެޔާ

    ޢެހާ އަވަހައް ނުނިމްމާތި ވ ވެސް ރީތި👍