(ސޯޅަވަނަ ބައި)
ފަރުހާންގެ މަންމަ އަދި އިރުކޮޅަކަށް މަޑުކޮށްލާނީއޭ ބުނުމުން ފަރުހާން ބެލްކަންޏަށް ނިކުތީ ސާރާއާއެކު އެ ވަގުތުކޮޅެއް ހޭދަ ކޮށްލަން ބޭނުންވާތީ ސާރާ ގޮވާއިގެންނެވެ.
އިރުކޮޅެއްފަހުން މަންމަ ދާންވެގެން ސާރާ ބަލާ ބެލްކަންޏަށް ނުކުތުމުން ތިންމައިން އެއްކޮށް ވަނީ ކޮޓަރިއަށެވެ. މަންމައާއި ސާރާ ދިއުމުން ފަރުހާން ފެށީ ލަމްޔާ އާއި ވާހަކަ ދައްކާށެވެ. ވައިބަރއިން އެ ދެމީހުން ވާހަކަ ދައްކަން ތިބި އިރު ފަރުހާންގެ މޫނަށް އަރާފައިބަމުންދިޔަ ކުލަތައް އޭގެ އިރުކޮޅެއް ކުރިން ހޭލި ލައިލާ އޮތީ ބަލާށެވެ. ފަރުހާންގެ މޫނުމަތިން މިހާ އުޖާލާކަމަކާ އުފާވެރިކަމެއް ލައިލާ ދުވަހަކު ވެސް ދެކެފައެއް ނުވެއެވެ. ފޯނަށް ބަލަހައްޓައިގެން އިނދެ ބައެއް ފަހަރު ފަރުހާން ހީނލާގޮތް ލައިލާގެ ހިތުގެ އެންމެ ހިމަ ނާރާ ކުޅެލާހެން ހީވާން ފެށުމުން މަޑުމަޑުން މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.
ލައިލާގެ ހިލަމެއް ވީހެން ހީވުމުން ފަރުހާން ކުޑަކޮށް ބޯހިއްލާލާ އެދިމާއަށް ބަލައިލިއެވެ. ފަރުހާންއަށް ފެނުނީ ލައިލާގެ ލޮލުން ފޭބި ކަރުނަ މަޑުމަޑުން ލައިލާ ފޮހެލިތަނެވެ. އެ ވަގުތު ފަރުހާންގެ ހިތް ހަމްދަރުދީއިން ފުރިގެން އައެވެ. ލައިލާ ބަލިމީހެއްގެ ކުރިމަތީ މި ގޮތަށް އުފާވެ ހިނިތުންވެގެން ހުރުން އެއީ ރަނގަޅުކަމެއް ނޫންކަން ފުރަތަމަ ފަހަރަށް އިޙުސާސް ކުރެވުނެވެ. ލައިލާގެ ފަރާތުން މި ފެނުނު މޮޅިވެރިކަމުގެ ސަބަބުން ފަރުހާންގެ މެއަށް ބާރުވެ އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.
ލައިލާ އާއި ފަރުހާން ތިބި ކޮޓަރިއަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ. ކޮންމެ މީހަކަށްވެސް އިވެނީ ބައެއް ފަހަރު ތަންކޮޅެއް ބާރަށް ލެވޭ އެމީހެއްގެ ނޭވާގެ އަޑެވެ. މިގޮތަށް ދެމިގެންދިޔަ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ފަރުހާން ލައިލާއަށް ގޮވައިލިއެވެ. މަޑުމަޑުންނެވެ. ފަރުހާން އެ ގޮތަށް ލައިލާއަށް ގޮވައި އެލީ އަލަށް ކަމަށް ލައިލާއަށް އިހުސާސްވިއެވެ. އަދި އެ ގޮވައިލުމުގައި ވަނީ އަމިއްލަ ކަމެވެ. ލޯތްބެވެ. އަޅާލުމެވެ. ލައިލާގެ ހިތް އުފަލުން ފުރުނެވެ. ހިނދުކޮޅަކަށް އަމިއްލަ ބަލީގެ މަތިން ހަނދާން ނެތުނެވެ. ގައިގާ އަޅަމުންދިޔަ ވޭން ހިނދުކޮޅަކަށް ލުއިވިކަމުގެ ވެސް އިހުސާސް ވެސް ކުރެވުނެވެ.
ލައިލާ ލަސްލަހުން މަޑުމަޑުން މަގަތަށް އެނބުރިލިއެވެ. އަދި އިރުކޮޅެއް ވަންދެން ފަރުހާންއަށް ބަލަން އޮތެވެ. ދެމީހުން ވެސް އެކަކު އަނެކަކަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ. ކޮންމެ މީހެއްގެ ދުލުގައި ވެސް ވަނީ ބުނަން ބޭނުން އެކަމަކު އެ ދުލުން އެ ވާހަކަ ބޭރު ނުކުރެވި ހުރި ވާހަކަ ތަކެކެވެ.
އެންމެ ފަހުން ލައިލާ ދެލޯ މަރައިލިއެވެ.
“އަހަރެން ބޭނުން ކަމަކު އެދެން!” ލައިލާގެ އަޑުން ފަރުހާން ސިހިގެން ދިޔައެވެ. އެހެންނަމަވެސް މި ޙާލަތުގައި ލައިލާ އެދޭނީ ވަރަށް އާދައިގެ ކުޑަކަމަކަށޭ ހިތަށް އެރުމުން ހަމަ ޖެހިލެވުނެވެ.
“ބުނޭ!” ފަރުހާން ގެ އަޑު އިވުމުން އަނެއްކާވެސް ލައިލާ ލޯ ހުޅުވައިލިއެވެ. އެހެންނަމަވެސް ބަލަން އޮތީ އެ ކޮޓަރީގެ ސީލިންގއަށެވެ.
“ފަރުހާން އިންނަން ތި އުޅޭ ކުއްޖާއަށް ގުޅައިދީބަލަ! އަހަރެން ބޭނުން ވަރަށް މުހިންމު ވާހަކަތަކެއް އޭނައާ ޝެއާރ ކުރަން!” އެ އޮތްގޮތަށް އޮވެ ލައިލާ އެދުނެވެ.
އިތުރު އެއްވެސް ވާހަކައެއް ނުދައްކާ ފަރުހާން ހިއްލާލީ ފޯނެވެ. ލަމްޔާއަށް ވައިބާއިން ގޮވައިލިއެވެ. ލަމްޔާ އެ ވަގުތުވެސް އޮތީ ފަރުހާންގެ އިންތިޒާރުގައި ކަމުން ވަގުތުން ގުޅައިލިއެވެ. އަދި ވީޑިއޯ ކޯލް ކުރުމުގެ ކުރިން ލައިލާ ވާހަކަ ދައްކަން ބޭނުންވެގެން ކަމަށް ބުނެ ލަމްޔާ ތައްޔާރު ކުރިއެވެ. ލަމްޔާ އެ ކޯލަށް އެއްބަސްވީ އެހެން އެއްވެސް ގޮތެއް ނެތުމުންނެވެ. ސަބަބެއް އޮވެގެނެއް ނޫނެވެ. ހަމަ އެކަނި ފަރުހާންގެ ކުރީގެ އަނބިމީހާއަށް ވެފައި ކުރިން ދުވަހަކުވެސް ދިމާވެފައި ނެތުމުންނެވެ.
ފަރުހާން ލަމްޔާއަށް ލައިލާ ތަޢާރަފުކޮށްދިނީ ސާރާގެ މަންމަގެ ގޮތުގައެވެ. އެއަށްފަހު ފޯނު ލައިލާ އަތަށް ފޯރުކޮށްދިނެވެ.
ކުޑަކޮށް ތެދުވެލާ އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން ލައިލާ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. އެ ވަގުތު ލައިލާއަށް ހީވީ މޭގައި ބާރަށް ހިފައި މީހަކު ފިތާލިހެންނެވެ. ކުރިމަތިން ފެންނަން އިން ލަމްޔާއަކީ ލައިލާ ވަރަށް ރަނގަޅަށް ދަންނަ ފަރާތެކެވެ. އޭނަގެ ބަނޑުގައި އެންމެ ފަހުން ގަރުބަގަތް ކުޑަ ކުޑަ މައުސޫމު ފުރާނަ އެބަނޑުގައި ގަރުބަ ގަތުމަށް މެދުވެރި ވިފަރާތަކީ ހުޒާމެވެ. މިހާރު ލައިލާގެ ކުރިމަތީ އެއިނީ އެ ހުޒާމު އެ މީހަކާ އިނދެގެން އުޅުނު އިރުވެސް އެ އަނބިމީހާއަށް ވަގުތު ދިނުމަށް ހުރަސް އެޅުމުގެ ސަބަބުން އެ ފަރާތަކަށް އެތައް ވޭނަކާ ކެކުޅުމެއް ދެވުނު ފަރާތެވެ. ހުޒާމް ލަމްޔާ ދޫކޮށްލަން ޖެހުނު އަސްލު ސަބަބަކީ އޭރު ލައިލާގެ ފަރާތުން ލިބުނު ލޯތްބާ އަރާމެވެ.
ކުރިމަތިން ފެންނަންހުރި އެ ހިތްވަރުގަދަ އަންހެނާ އެއީ ލައިލާ މިއަދު މަޢާފަށް އެދެން އެންމެ ބޭނުން އެކެކެވެ. އަރުތެރެ ހިކި ގައިގެ ވަރު ދޫވެގެން ލައިލާއަށް ހަށިގަނޑު ދަމާލެވުނެވެ.
ހުޒާމްއާ ލައިލާގެ ގުޅުން އެނގި ހުރި ފަރުހާން ދިޔައީ ލައިލާއަށް ވަމުންދިޔަ ގޮތް ސިއްރުން ބަލަމުންނެވެ.
ދެވަނަ ފަހަރަކު ވެސް ލައިލާ ފޯނުން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.
“އަހަރެން ބޭނުން ދެ ކަމަކަށް ލަމްޔާގެ ފަރާތުން އެދެން! ކޮށްދޭނަންތަ!” ލަމްޔާ، ލައިލާގެ ޙާލު އަހުވާލުއަހާ ނިމުމުން ލައިލާ ކޮށްލީ ފަރުހާން މާކުރިންވެސް އުންމީދުކޮށްގެން ހުރި ސުވާލެވެ.
ލަމްޔާގެ ހުއްދަ ލިބުމުން ލައިލާ އެދުނީ ލައިލާ ނެތް ދުނިޔެއެއްގައި ސާރާ ވަރަށް ރަނގަޅަށް ބަލައި ދިނުމަށާ މައެއްގެ ލޯބި ސާރާއަށް ދިނުމަށެވެ. ސާރާގެ ހިތުގައި ނުޖެއްސުމަށާ ރަނގަޅު ދީންވެރި ކުއްޖެއްގެ ގޮތުގައި ސާރާ ބަލާ ބޮޑުކޮށްދިނުމަށެވެ. ލައިލާއަކީ ހިނދުކޮޅެއްގެ މެހްމާނެއްކަމަށާ ސާރާ އެންމެ ބޭނުންވާ ދުވަހު ލައިލާ ނުހުންނާނެ ކަމަށާ އެ ދުވަހަކުން ސާރާގެ ކަންތައް ބަލަހައްޓަން ހުންނާނީ ފަރުހާންގެ އަންބެއްގެ ގޮތުގައި ހުރެގެން ލަމްޔާ ކަމަށް ވުމަށް އެދި ދުޢާ ކުރާނެ ކަމަށް ލައިލާ ބުނުމުން ލަމްޔާއަށް ކުރި އަސަރުން ދެލޯ ފުރިގެން އައެވެ. އަދި ލައިލާ އެދުނު ފަދައިން ފަރުހާން އެ ފުރުސަތު ދީފިނަމަ ލަމްޔާގެ އަމިއްލަ ދަރިން ފަދައިން ސާރާވެސް ބަލާނެ ކަމަށާ ޙިމާޔަތާ ރައްކާތެރިކަން ދޭނެ ކަމަށާ މޮޅުކުއްޖަކަށް ހެދުމަށް ތަފާތު ކުރުމެއް ނެތި އައިނީ އެކޭ އެއްގޮތަށް މަސައްކަތް ކުރާނެކަމަށް ލަމްޔާ ބުންޏެވެ.
ލަމްޔާގެ ވާހަކަ ނިމުމުން އިރުކޮޅަކަށް އެއްޗެކޭ ނުބުނެ އެ އޮތްގޮތަށް ލައިލާ އޮތެވެ. އެހެންކަމުން ދައްކަން ހުރި ވާހަކަ ނިމުނީކަމަށް ބަލާ ފަރުހާން ފޯނު އަތުލަން ކުރިއަށް ގެންދިޔަ އަތުގައި ލައިލާ ހިފެހެއްޓިއެވެ. އެ މަންޒަރު ލަމްޔާއަށް ވަރަށް ރަނގަޅަށް ފެނުނެވެ. ލަމްޔާއަށް ހަށިގަނޑު ފަހަތަށް ގެނެވުނެވެ. ދެލޯ ބޮޑުކޮށްގެން ބަލަން އިނދެވުނެވެ. ޙައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލައިލާގެ ނިޔަތާމެދު ހިތުގައި ޝައްކާވަހުމު ހިނގައިލިއެވެ.
“ލަމްޔާ!…….. ދެންމެ އަހަރެން ވަރަށް މުހިންމު ކަމަކު އެދުނިން ދޯ! ލަމްޔާ އެކަމަށް އާނ ބަސް ވެސް ބުނެފިން ދޯ! ………… އުންމީދު ކުރަން ދެން މިއެދޭ އެދުންވެސް އުފަލާއެކު ލަމްޔާ ގަބޫލުކޮށް އެކަމަށް މަގުފަހި ކޮށްދޭނެކަމަށް!” ލައިލާގެ ވާހަކައިގެ މިސްރާބުހުރި ދިމާއެއް ފަރުހާންއަކަށް ވެސް އަދި ލަމްޔާއަކަށް ވެސް އަންދާޒާއެއް ނުކުރެވެއެވެ.
“އަހަރެންގެ އެދުން ފުރިހަމަ ކޮށްދިނުމަކުން ލަމްޔާއަށް މަދުވާނެ އެއްޗެއް ، އަދި ގެއްލޭނެ އެއްޗެއް ވެސް ނޯންނާނެއޭ އަހަރެންގެ ހިތް ބުނަނީ! ލަމްޔާއަށް ވެސް އޮންނާނީ އަހަރެންގެ ބައްޔާ ގުޅޭގޮތުން ޑޮކުޓަރ ދީފައި ހުރި ލިޔުންތަކާ އަހަރެންގެ ޓެސްޓްތައްވެސް ފެނިފައި!” ލައިލާގެ ވާހަކަ މިހިސާބަށް ގެންގޮއްސަ ހުއްޓާލުމުން ލަމްޔާ އާއެނކޭ ބުނެ ބޯޖަހައިލިއެވެ.
“އެނގޭތަ ޑޮކުޓަރ އަހަންނަށް ދިން މުހުލަތު. މިބުނީ އަހަރެން ދުނިޔޭގައި ހުންނާނެކަމަށް ޑޮކުޓަރ ބުނީ ކިހައި ދުވަހެއް ވަންދެންކަން އެނގޭ ހެއްޔޭ!” ލައިލާ ކުރި ސުވާލަށް ލަމްޔާ ބޯ ހޫރައިލީ ނޭނގެއޭ ބުނަމުންނެވެ.
“ތިންމަހާ ނުވަމަހާ ދެމެދުގެ މުއްދަތެއް!” ދެލޯ މަރައިލަމުން ލައިލާ ބުންޏެވެ.
އަނެއްކާވެސް ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ލައިލާ އަތުން ފަރުހާން ފޯނު ނާތުލައިގެން ލަމްޔާ ހުރީ ކަންބޮޑުވެފައެވެ. އަނެއްކޮޅުން ލައިލާ ހިފެހެއްޓި ފަރުހާންގެ އަތުން ދޫކޮށެއް ވެސް ނުލައެވެ. މި ހުރިހާ ކަމަކާހެދި ލަމްޔާ ހުރީ އުނދަގޫވެފައެވެ.
“ލަމްޔާ! ފަރުހާން ގާތު ބުނެދީބަލަ! …….. ބުނެދީބަލަ ފަރުހާންގެ އަނތްބަކަށް އަހަރެން ހަދައިދޭށޭ! އަހަރެން މަރުވުމުގެ ކުރިން……. ” އެވަގުތު އެތަނުގައި ބޮމެއް ގޮއްވައިލުން ވެސް އެ ބުނި ޖުމަލައަށްވުރެ ބާރު ކުޑަވާނެއެވެ. ފަރުހާންއަށް ކުއްލިއަކަށް ލައިލާގެ މުށުތެރޭ އޮތް ފަރުހާންގެ އަތް ދަމައިގަނެވުނެވެ. އަދި ފުންމައިގެން ކޮޅަށް ތެދުވެވިއްޖެއެވެ.
ފަރުހާންގެ ފަރާތުން މި ފެނުނު ކަންތަކުން ލައިލާއަށް ކުރި އަސަރަކުން ރޮވިއްޖެއެވެ. ކުޑަކުއްޖެއްހެން އަޑުން އަޑުނަގައި ލައިލާ ރޯން ފެށުމުން ފަރުހާން ފޯނު ކަނޑައިލިއެވެ. އަދި ބާރު ބާރަށް ހިނގާފައި ގޮސް ކޮޓަރިން ނިކުމެއްޖެއެވެ.
ފަރުހާން ބޭރަށް ނިކުތްގޮތަށް މިސްރާބު ޖެހީ ދުރަށެވެ. ބޭނުންވީ ހިތުގައި އުފެދެމުންދިޔަ ހައިޖާން މައިތިރިވާނެގޮތެއް ހޯދުމަށެވެ. ލައިލާ ދެއްކި ވާހަކަ އެއީ ނުދައްކާ ވަހަކާއަކަށް ހެދޭނެ ގޮތެއް އޮތްނަމައެވެ. އެ ކޯލް ގުޅައި ނުދެވުނު ނަމައެވެ. ރަށުން ފުރައިގެން ސާރާ ގޮވައިގެން ނާދެވުނު ނަމައެވެ. މި އަދު ޝަރުފާ ޑިއުޓީއަށް އައި ނަމައެވެ. ފަރުހާންގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. މަގުމައްޗަށް ނިކުމެ މޫނު ހުރި ދިމާއަށް އެތައް ތަނަކަށް ހިނގުނު އިރުވެސް ފަރުހާން ހަމައަކަށް ނޭޅެއެވެ.
ދެން ލަމްޔާއަށް އަހަރެން ދައްކާނީ ކޮން މޫނެއްހެއްޔެވެ. ލަމްޔާނޫން އަންހެނަކު އަހަރެންގެ ޙަޔާތަކަށް ދެންނާންނާނެއެވެ. ﷲ އަހަރެމެން ދެމީހުން ވަކި ނުކުރައްވާށިއެވެ.
ފަރުހާން ޚިޔާލީ ދުނިޔެއިން ހޭލައްވާލީ ފޯނުގެ ރިންގުގެ އަޑުންނެވެ. ނޫނެކެވެ. ކައިރިން އަޅާފައި ދިޔަ ސައިކަލެއްގެ ބަރުގޮނު އަޑުންނެވެ. އެ ވަގުތަކީ ހޮސްޕިޓަލުން ގުޅާތީ ކަންބޮޑުވެގެން މަންމަ ވެސް ފަރުހާންއަށް ގުޅި ވަގުތެވެ.
“ދަރިފުޅު ކޮންތާކު! ހޮސްޕިޓަލުން އެބަ ގުޅާ! ދަރިފުޅު ތިއިނީ އެތާކު ނޫންތަ!” ޚަދީޖާގެ އަޑުގައިވަނީ ހާސްކަމެވެ.
“ކުޑަކަމަކު ނިކުމެލީ! މިހާރު މިދަނީ!” ފަރުހާން އަނެއްކާ ވެސް މިސްރާބު ޖެހީ ހޮސްޕިޓަލާ ދިމާއަށެވެ. އަވަސް ފިޔަވަޅުތަކެއްގައެވެ. ކަމެއް ގޯސް ނުވާނަމަ ހޮސްޕިޓަލަކުން ނުގުޅީހެވެ. އަނެއްކާ ………… ހިތަށް އެރި އެއްޗަކުން ފަރުހާންއަށް ނޫން ނޫން އޭ ބުނެ ދެއަތަށް ބޯ ހޫރާލެވުނެވެ.
ލައިލާ އޮތް ރޫމުގެ ދޮރު ހުޅުވައިލިތަނުން ބައްދަލުވީ ލައިލާއަށް ފަރުވާ ދިނުމަށްފަހު ނިކުންނަން އައި ނަރުހާއެވެ. ކުރިން ދެތިން ޑިއުޓީއަކުން ވެސް އެ ނަރުހާ ފަރުހާންއާ ދިމާވެފައިވެއެވެ. ނަރުސް ބަލައިލީ ފަރުހާންގެ މޯޅިވެފައިވާ މޫނަށެވެ. ފަރުހާން މޫނުމައްޗަށް ގަދަކަމުން ހިނިތުންވުން ގެންނަމުން “ހައި” އޭ ބުނެލަމުން އިސްދަށަށް ޖަހައިލިއެވެ.
“ޕޭޝެންޓް ވަރަށް ވީކް! ޖެހިގެން މިހިރަ ރޫމަށް ދަނިކޮށް ވަރަށް ގަދަޔަށް ރޯއަޑު އިވުމުން އަހަރެން ވަނީ! އޭރު އެކަނި އޮތީ! މިހާލަތުގަ ޕޭޝެންޓްގެ އިޙުސާސްތައް އަހަރެމެނާ ވަރަށް ތަފާތުވާނެ! އެހެންވީމާ އެހެންމީހުންގެ ހިތްވަރުދިނުމާ އަޅާލުމާ ލޯބި ވަރަށް މުހިންމު! އެނގޭނު ޕޭޝެންޓްގެ ……….!”
ނަރުސްކުއްޖާ ވާހަކަ ދެއްކުން ހުއްޓާލުމުން ފަރުހާން އިސް އުފުލައި ބަލައިލިއެވެ.
( ނުނިމޭ )
ޚިޔާލުތައް
ޥަރަށް ރީތި! އަޅެ’ ލަމްޔާއާއި ފަރްހާން ވަކި ނުކުރައްޗޭ! ޥާހަކަ ވަރަށްސަޅި
ހިއްދަތި ހިތި ހަނދާން އާވަނީ 😭
ވަރަށް ރީތި