ސަތާރަވަނަ ބައި
ފަރުހާން އިސް އުފުލާ ނަރުސްކުއްޖާގެ މޫނަށް ބަލައިލިއެވެ. ނަރުސްކުއްޖާ ވެސް ހުރީ ސީދާ ފަރުހާންގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނަ ބުނަން އުޅުނީ ކީކޭކަން ފަރުހާންއަށް އެނގޭނެކަމަށް އެ ކުއްޖާ ނިންމިއެވެ.
ފަރުހާން އެތެރެއަށް ވަންނަން ހިނގައިގަތުމުން ގަޑިއެއްހާ އިރުފަހުން އެއްޗެއް ދެވެތޯ ބަލައްޗޭ އަހަރެން އެބަ އަންނަމޭ ބުނަމުން އަނެއްފަހަރު ވެސް އެކުއްޖާ ފަސް އެނބުރި ބަލައިލިއެވެ. އަދި ދެން ބޭރަށް ނިކުމެގެން ހިނގައްޖެއެވެ.
ލައިލާ އޮތް އެނދާ ދާދި ކައިރީގައި ހުއްޓުނު ފަރުހާންއަށް ކުށްވެރިކަމުގެ އިޙުސާސް އޭގެ އިންތިހާއަށް ކުރެވުނެވެ. ލޯމެރިފައި އޮތް ލައިލާގެ މޫނުމަތިން ފެނުނީ ވަރުބަލިކަމެވެ. މައުސޫމުކަމެވެ. ތުއްތު ކުއްޖަކުހެން ޚިޔާލެއް ފިކުރެއް ނެތް ފަދަ ގޮތަކަށް ނިދިފައި އޮތެވެ.
ފަރުހާން ގުދުވެ ލައިލާގެ ނިތްކުރީގައި އަތްބާއްވައިލިއެވެ. ލައިލާ ކުޑަކޮށް ޙަރަކާތް ކޮށްލިހެން ހީވުމުން ފަރުހާން އަތްދަމައިގަތެވެ. ދެން މަޑުމަޑުން ގޮނޑި ކައިރިކޮށްލައިގެން އިށީނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.
އިރުކޮޅަކުން ފެނުނީ އަވަސް ހިނގުމެއްގައި ފަރުހާން ބެލްކަންޏާ ދިމާއަށް ހިނގާލާފައި ދިޔަތަނެވެ. މަޑުމަޑުން ބެލްކަނީގެ ދޮރު ލެއްޕުމަށްފަހު ފޯނު ނަގައިގެން ނަމްބަރަކަށް ގުޅައިލިއެވެ. ދެ ތިން ފަހަރު އެ މަސައްކަތް ކުރިއެވެ.
ދެން އަނެއްކާވެސް ފެނުނީ ފޯނު ހާވަން ފެށިތަނެވެ. މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. ހާސްކަމެވެ.
އަނެއްކާވެސް ފޯނުން ހޯދި ނަމްބަރަކަށް ގުޅޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. ފަރުހާން ގުޅި ނަމްބަރުން ރިންގްވާން ފެށުމުން ކޮޓަރިއަށް ވަންނަން ހުރި ދޮރުން، ފަނޑު އަލިކަމެއް ވެރިވެފައިވާ ކޮޓަރީގައި އޮތް ލައިލާއަށް ބަލައިލިއެވެ.
ފަރުހާން ގުޅި ނަމްބަރުން ޖަވާބުއައީ ލައިލާއަށް ބަލަހައްޓައިގެން ހުއްޓައެވެ. ވާހަކަ ދެއްކި ތަން ފެނުނީ މުޅިން ވެސް ފަރުހާންއެވެ. ދުރުން ބަލާލާ މީހަކަށް ދެތިން ފަހަރު ފަރުހާން ލޯ ފޮހެލިތަން ވެސް ފެންނާނެއެވެ.
އެނބުރި ކޮޓަރިއަށް ވަންއިރު ފަރުހާން ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ.
ކޮޓަރިއަށް ވަނުމަށްފަހު އަނެއްކާވެސް ލައިލާ އާ ދިމާއަށް ކުޑަކޮށް ގުދުވެ އެ މޫނަށް ބަލަން އިރުކޮޅަކު އޮތެވެ. ދެން ކައިރީގައި ހުރި ގޮނޑީގައި އިށީނީ ލައިލާ ކުޑަޙަރަކާތެއް ކޮށްލިޔަސް ފެންނާނޭހެން ގޮނޑި އަނބުރާލައިގެންނެވެ.
ލަމްޔާއަށް ގުޅާކަށް ފަރުހާންއަކަށް ނުކެރުނެވެ. އެހެންނަމަވެސް ވައިބާ އިން ދެ ފަހަރަކު ގޮވައިލިއެވެ. ހިނގިކަންތަކާ ހާސް ފަހަރު މަޢާފު އެދޭކަމަށް ބުނެ ލިޔުނެވެ. އެއިން އެއްވެސް މެސެޖެއް ލަމްޔާ ބަލާފައެއް ވެސް ނެތެވެ. ފަރުހާންއަށް ހަދާނެ ގޮތް ހުސްވިއެވެ. ކުރެވޭ ކަމަކުން ލަމްޔާގެ ހިތުގައި ކުޑަނަމަވެސް ކޫރުމެއް އެޅުމަކީ ފަރުހާންއަށް ކެތްވާނޭ ކަމެއް ނޫނެވެ. ދުނިޔޭގެ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ލައިލާ އުފަލުގައި ހުރުމަކީ ފަރުހާން އުފާވާނޭ ކަމެކެވެ. ލަމްޔާގެ އިޝާރާތެއް ނުވުމުން ފަރުހާން ނިންމީ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ގުޅުމަށެވެ.
ދެތިން ފަހަރު ގުޅުމުންވެސް ލަމްޔާގެ ޖަވާބެއް ނައެވެ. މާޔޫސްވުމާ ހިތުގަ ޖެހުމުގެ ސަބަބުން ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. އަދި މަޑުމަޑުން ލޮލުން ފޭދިގެން ފޭބި ކަރުނަ ތިކި އަތުގެ އިނގިލިން ފޮހެލިއެވެ. ކަންތައް ވެގެން ދިޔައީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ކަން ފަރުހާން އަމިއްލައިން ގަބޫލުކުރިއެވެ. އޭގައި ލަމްޔާ ކުށްވެރި ކުރާނޭ އެއްވެސް ޖާގައެއް ނެތެވެ. ލަމްޔާ ފަރުހާން ދެކެ ލޯބިވާވަރާއި ލަމްޔާ އެކަމާ ދެރަވާނެ ވަރު ޚުދު ފަރުހާންއަށް އިޙުސާސް ކުރެވެއެވެ. ލަމްޔާ އެއީ އޭނަގެ ފުރާނައެވެ. އެހާވެސް ފަރުހާން ލަމްޔާ ދެކެ ލޯބިވެއެވެ. ފަރުހާން ހާމަ ކުރަނީ ލަމްޔާ ދެކެ ފަރުހާން ވާލޯބީގެ ކުޑަ މިންވަރެކެވެ.
ގަޑި ދެ ގަޑި ވީއިރު ވެސް ލައިލާ ލޯހުޅުވައެއް ނުލިއެވެ. އެންމެ ފަހުން ފަރުހާން ކަންބޮޑުވެއްޖެއެވެ. އަންނާނަމޭ ބުނެފައި ދިޔަ ނަރުސްގެ ވެސް ޚަބަރެއް ނުވިއެވެ. ތެދުވެ މޯޅިއަކަށް ދެމިލި ފަރުހާންގެ ހަށިގަނޑަށް ލުއިވެގެން ދިޔައެވެ. ސިކުނޑިއަށް ވެފައިވާ ވަރުބަލިކަމުން ވެސް ބައެއް މަދުވިހެން ހީވިއެވެ. އަނެއްކާވެސް ނަޒަރު ހުއްޓާލެވުނީ ހިމޭންވެފައިވާ ލައިލާގެ ތުނި ހަށިގަނޑަށެވެ. ލައިލާއަކީ ފަރުހާންއާ އިނދެގެން އުޅުނު އިރުވެސް ކަސްރަތު ކުރުމާއެކު ހަށިގަނޑަށް ވަރަށް ރނގަޅަށް ބަލައިގެން އުޅުނު ކުއްޖެކެވެ. ހަމަ އެކަނި ތަފާތަކީ ބަލިވެ އުޅެން ޖެހުމުން މޫނުމަތީގެ ތާޒާކަން ގެއްލި މޫނުމަތިން ލޭގެ އަސަރު ކުޑަވެގެން ދިޔުމެވެ. އަދި އޭރަށް ވުރެ ވަރަށް ބޮޑުތަން މިހާރުވަނީ ހިކިފައިކަން އޭރު ލައިލާ ދުށްކޮށްމެ މީހަކަށްވެސް އެނގޭނެއެވެ.
ލައިލާއަށް ނަޒަރު ހުއްޓާލައިގެން ހުރި ފަރުހާންގެ ނަޒަރު ތިރިއަށް ދަތުރުކުރަމުން ގޮސް ލައިލާގެ މޭމައްޗާ ހަމައަށް ހުއްޓުނެވެ. ލައިލާ ނޭވާލާކަން ޔަގީން ކުރީ މޭކަށިގަނޑަށް އަންނަމުން ދިޔަ ލުއި ހަރަކާތުންނެވެ.
ވިސްނުމަކަށް ގެއްލިފައި ހުރި ފަރުހާން ހިނގައިގަތީ އެ ފަންގިފިލާގައި ހުންނަ ނަރުހުންގެ ޖަގަހައާ ދިމާއަށެވެ.
“އަޅުގަނޑަށް ހީވަނީ ޕޭޝެންޓް މި އޮތީ ވަރަށް ބޮޑަށް ވީކް ވެފަހެން!” ފަރުހާންއާ އެކު އައިސް ލައިލާ ގާތު ހުއްޓުނު ނަރުސް ދެން ނިކުމެގެން އަވަސް ފިޔަވަޅުތަކެއް އަޅަމުން ދިޔައީ ޑޮކްޓަރ ބަލައެވެ.
ހަވީރު ފަރުހާން ލައިލާއަށް ގުޅައި ދިނުމުން ފޯނުން ވާހަކަ ދައްކަން ލަމްޔާ އޮތީ ކޮޓަރީގައެވެ. ފަރުހާން ފޯނު ކަނޑާލުމުން ލަމްޔާ އެތާ އެތައް އިރަކު އިނެވެ. ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގިފައެވެ. ޖެހި ބުދެއްހެން ހަރަކާތެއް ނެތި ބަސް ހުއްޓިފައެވެ. ދިރިއުޅުމަށް ދެން ކުރިމަތިވާނީ ކިހާވަރެއްގެ ތޫފާނެއްކަން ޚިޔާލަށްވެސް ނުގެނެވިފައެވެ. ފަރުހާންއާ އިންނަން ރަންކިޔާފައި އޮތަސް މިހާރު މިއީ ފަރުހާން މާލެ ދިޔަތާ ސާދަވަނަ ދުވަހެވެ. ދެމީހުންގެ ގުޅުމަކަށް ހަވީރު ވުމާ ހަމައަށް އެއްވެސް ބުރުލެއް ނާރައެވެ. ނުރުހުމެއް ހިތްހަމަ ނުޖެހުމެއް ނެތެވެ. ދުރުގައި ތިބެން ޖެހުމުން ކުރެވޭ ވީޑިއޯ ކޯލްތަކާ ކުރާ ވައިބާ މެސެޖުތަކުން ގުޅުން އައީ އިތުރަށް ބަދަހިވަމުންނެވެ. އެހެން ނަމަވެސް ކުއްލިއަކަށް މިވީ ކީއްހެއްޔެވެ!
ލަމްޔާގެ ހަޔާތުން ފަރުހާން ބީވެގެން ދިއުމަކީ ލަމްޔާއަށް މިހާރު ދެން ކެތްވާނޭ ކަމެއްނޫނެވެ. ބަލިކަށިވެފައިވާ ލަމްޔާގެ ހިތަށް ފަރުވާއަކަށްވި ފަރާތް އަތުންދޫވާ މަންޒަރު ބަލަން ލަމްޔާއަށް ހުރެވޭނީ ކިހިނެތް ހެއްޔެވެ!
އުންމީދުކުރީ އުފެދުނު ކޮޅިގަނޑުގެ ވައި ހިނދުނީމާ ފަރުހާންގެ ޚަބަރެއް ވާނެކަމަށެވެ. ލަމްޔާއަށް ގުޅާ ލައިލާ އެހެން ބުނަން ޖެހުނު ސަބަބު ކިޔައިދޭނެ ކަމަށެވެ. ލަމްޔާ ނޫން މީހަކާ ދުވަހަކުވެސް ނުގުޅޭނެކަމަށް ކުރި ވަޢުދާ އަހުދު ދަމަހައްޓާނޭ ކަމަށެވެ. އެހެންނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ފޯނު ކަނޑާލި ގޮތަށް އެރޭ ވީއިރުވެސް ފަރުހާންގެ ޚަބަރެއް ނުވިއެވެ.
ލަމްޔާގެ ފޯނުގެ ރިންގްގެ އަޑު ލަމްޔާ ބަހައްޓަނީ ބަދިގޭގައި ހުއްޓާ ފޯނެއް އަޔަސް އިވޭ ވަރަށެވެ. އައިނީއަށް ކާންދީ ނިމިގެން ކޮޓަރިއަށް ވަން އިރުވެސް ހަވީރުއްސުރެ އިތުރު ފޯނެއް ނާދެއެވެ. އެހެންކަމުން ހިތުގައި އުފެދުނު ޝަކުވާތައް ބޭރުކޮށްލަން އަމިއްލައިން ފަރުހާންއަށް ގުޅާނީއޭ ހިތަށް އަރާ ފޯނު ކޮބައިތޯ ބަލައިލިއެވެ. އެނދުމަތީގައި ފޯނު އޮންނަން ޖެހޭނެއެވެ. އެހެންނަމަވެސް ފޯނެއް ނުފެނުނެވެ.
“ދަރިފުޅާ! މަންމަގެ ފޯނު ނެގިންތަ!” ބައެއް ފަހަރު އައިނީ ގޭމް ކުޅެން ބުނެނުލާ ފޯނު ނަގާތީ ލަމްޔާ ސުވާލު ކުރީ އައިނީއާއެވެ.
ވިސްނަން އިރުކޮޅަކު އޮތުމަށްފަހު ވަކި ޖަވާބެއް ނުދީ އައިނީ ތެދުވެގެން ހިނގައިގަތެވެ. ބޭރަށް ނިކުމެ ތަންތަން ހާވާތަން ފަހަތުން ނިކުތް ލަމްޔާއަށް ފެނުމުން އައިނީ އެއުޅެނީ ފޯނު ބޭއްވުނު ތަނެއް ނޭނގިގެންކަން އެނގުނެވެ.
“ދަރިފުޅު ފޯނު ހިފައިގެން އިނީ ކޮންތާކު!” ލަމްޔާ ސޯފާގެ ގޮދަޑިތައް ނަގާ އެއް ފަރާތް ކުރަމުން ސުވާލުކުރިއެވެ. ޢާންމުކޮށް އައިނީ ފޯނު ހިފައިގެން އިންނަނީ ސޯފާގައެވެ.
“އަޅުގަނޑަށް ހީވަނީ ކާފަ ކޮޓަރީ އެހެރަ ކުޅޭ އެއްޗެހި އަޅާ ބޭގް ތެރޭހެން އޮންނާނީ!” އައިނީ މިސްރާބުޖެހީ ރަޝީދުގެ ކޮޓަރިއާ ދިމާއަށެވެ. އައިނީއަށް ވުރެ ކުރިން ހިތްއަވަސްވެފައިވާ ލަމްޔާ ގޮސް އެ ބޭގު ހާވަން ފެށިއެވެ. ތެދެކެވެ. ފޯނު އޮތީ ކުޅޭ އެއްޗިއްސާއެކު ދަބަހަށް ލެވިފައެވެ.
ތުރުތުރުލާ އިނގިލިތަކަކުން ފޯނު ހުޅުވައި ބަލައިލިއެވެ. ފަރުހާންގެ ފަސް މިސްކޯލް އޮތެވެ. އެތައް މެސެޖެއް އޮތެވެ. ލަމްޔާއަށް ކަރު އެލުވައިލެވުނެވެ. ވީދެރައިން އައިނީއާ ދިމާއަށް ކަޅިއަޅާ ލެވުނެވެ. ނަސީބަކުން ލަމްޔާގެ އެ ހިތްހަމަ ނުޖެހުން އައިނީއަކަށް ނުފެނުނެވެ. ފަހުން އެހެން ހިތަށް ވެސް އެރިމެއެވެ.
އެރޭ ހިނދުކޮޅަކަށް ވެސް ފަރުހާން ލޮލު ފިޔައެއް ނުޖަހައެވެ. ލައިލާ އައިސީޔޫއަށް ބަދަލު ކުރި ހިސާބުން އަމިއްލަ ނަފުސު ކުށްވެރި ކުރެވެނީއެވެ. ހިތުގައި އުފެދިފައިވާ ހައިޖާން މައިތިރި ކުރެވޭތޯ ހިތްވަރުކޮށްކޮށް ވަރުބަލި ވެއްޖެއެވެ. ކޮންމެވެސް މީހެއްގެ އޯގާތެރި ފިރުމުމަކަށް ފަރުހާން ހުރީ ނިހާޔަތަށް ބޭނުންވެފައެވެ. ލަމްޔާ ގުޅާނެ ނަމައެވެ. ވާހަކަދައްކާނެ ނަމައެވެ. ހިތްވަރުގެ އެންމެ ލަފުޒެއް ނަމަވެސް ބުނާނެ ނަމައެވެ.
ބައެއް ފަހަރު ލައިލާގެ ހާލަތާމެދު ފިކުރުބޮޑުވެ ދެލޮލުން ކަރުނަ އާދެއެވެ. ބައެއްފަހަރު ލަމްޔާގެ އެ ހިތްހަމަ ނުޖެހުން ދެމީހުންގެ ދެމެދު ލެވޭ ފާރަކަށް ވެދާނެއޭ ހީވާތީ އެކަމާވެސް ވިސްނެނީއެވެ.
އިރުގެ ފުރަތަމަ ދޯއްޖާއެކު އައިސިޔޫގެ ކުރިމަތީ އައިސް ހުއްޓުނީ ޚަދީޖާއެވެ. މާމަގެ އަތުގެ އިނގިލީގައި ހިފަހައްޓައިގެން މޮޅިވެފައި ސާރާ ހުއްޓެވެ.
އައިސީޔޫގެ ކުރިމަތީ ހުރި ގޮނޑިބަރީގެ ގޮނޑިއެއްގައި ފަރުހާން އިނީ ލޯ މެރިފައެވެ. ފަރުހާން އިންގޮތް ފެނުމުން ޚަދީޖާގެ މައިވަންތަ ކުލުނަށް ވަރަށް އަސަރު ކުރިއެވެ. ސާރާއަށް ފަރުހާން ފެނުނީވެސް ޚަދީޖާއަށް ބޭއިޚުތިޔާރުގައި އެދިމާއަށް ހިނގައިގަނެވި އަދި ފަރުހާންގެ ނަމުން ގޮވައިލުމުންނެވެ.
“ޑެޑީ، ޑެޑީ!” ސާރާގެ އަޑަށް ފަރުހާން ލަސްލަހުން ލޯ ހުޅުވައިލިއެވެ. ކުރިމަތީ ތިބި ދެމައިން ފެނުމުން އަވަސްވެގަތީ ތެދުވުމަށެވެ. މޫނުމަތީ އަތް ހިންގާލާ އަދި އަތުގެ އިނގިލިތަކުން ހޭވިފައިވާ ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮށްލިއެވެ. މަޑުމަޑުން ގޮސް ދަރިފުޅު އުރާލާ ކޮލުގައި ބޮސް ދިނެވެ. އަދި ހޮސްޕިޓަލަށް އައީ މާމަޔާ ދެކުދިން ސައި ބޮއެގެންތޯ އެހިއެވެ. ސާރާ ޖަވާބުދިނީ ފަރުހާންގެ ކަނދުރާގައި ދެއަތުން ވަށައިލަމުންނެވެ.
“ދަރިފުޅު ދާންވީނު އިރުކޮޅަކަށް ނިދާލަން! މަންމައާ ސާރާ މަޑުކުރާނަން!” ޚަދީޖާ ވާހަކަ ދެއްކި އިރުވެސް ފަރުހާން ހުރީ ސާރާ އުރާލައިގެންނެވެ.
“މަންމަ ޝަރުފާއަށް ގުޅިންތަ!” ފަރުހާން ޝަރުފާގެ ވާހަކަ އެހީ ޝަރުފާއަށް ލައިލާ އޮތީ އައިސީޔޫގައިކަން އެނގޭތޯ ބެލުމުގެ ނިޔަތުގައެވެ.
“ނޫން ނުގުޅަން! މަންމަ ގުޅާފަ ޝަރުފާ ގާތު ބުނެފާނަން! ދަރިފުޅު ދޭ! ގެއަށް ގޮއްސަ ރަނގަޅަށް ސައި ބޮއެގެން ނިދާލާތި!” ޚަދީޖާ ވާހަކަ ދެއްކީ އޯގާތެރިކަމާ ކުލުނު އެކުލެވިފައިވާ އަޑަކުންނެވެ. މަންމަގެ އެ އޯގާތެރިކަން ވީ މި ވަގުތަށް ފަރުހާންއަށް ލިބުނު ފަރުވާއަކަށެވެ. ބޯ ޖަހާލުމަށްފަހު ގެއަށް ދާން ހިނގައިގަންނަމުން އަނެއްކާވެސް ސާރާ އުރާލިއެވެ. ގަޔާލާ ބޮނޑިކޮށްލިއެވެ. ކުރަހާ ފޮތާ ކުލަ ޖައްސާއެއްޗެހި ގެނައިންތޯ އަހައިލިއެވެ. ސާރާ ބޯ ޖަހާލީ ފަޚުރުވެރިވެލާފައެވެ.
ދެތިން ފިޔަވަޅު ކުރިއަށް އެޅުމަށްފަހު އެނބުރި އަނެއްކާވެސް އައިސް ހުއްޓުނީ މަންމަގާތުގައެވެ. ފަރުހާންއަށް ބަލަހައްޓައިގެން އިން ޚަދީޖާ ދަރިފުޅުގެ މިލާފައިވާ މޫނަށް ބަލަހައްޓައިގެން އިނީ ސުވާލުގެ ނަޒަރަކުންނެވެ.
“މަންމާ! ލައިލާގެ ހާލު ރަނގަޅެއް ނޫން! އިތުރަށް ގޯސްވަންޏާ ލަސްނުކޮށް އަންގާތީ!” ފެންކަޅިވެފައިވާ ދެލޮލުން ދަރިފުޅަށް ބަލައިލަމުން ފަރުހާން ވާހަކަދެއްކިއެވެ.
ޚަދީޖާ އިން ގޮނޑިން ތެދުވެ ފަރުހާންގެ ބޮލުގައި ފިރުމައިލިއެވެ.
“ދަރިފުޅުކަންބޮޑުނުވޭ! މަންމަ ގުޅާނަން. ދެން ދޭ ގެއަށް……… އަރާމުކޮށްލާތި ގޮސް! އެހެން ނޫނީ ދަރިފުޅު ބަލިވެދާނެނުން!”
ޚަދީޖާ ބޭނުންވީ ދަރިފުޅަށް ހިތްވަރުދޭށެވެ. ފަރުހާންގެ އަނބިމީހާއަށް މިހާރު ނުވިއަސް ލައިލާ އެއީ ފަރުހާންގެ ދިރިއުޅުމުގައި ޚާއްސަ ފަރާތެކެވެ.
ސައިކަލް ނަގައިގެން ދުއްވާލަން ފަހިކޮށްލި ވަގުތު ފޯނު ރިންގުވެގެން ބަލައިލިއެވެ. ލަމްޔާ ގުޅަނީއެވެ. ފަރުހާންއަށް ހީވީ މުޅިދުނިޔެ ރަންވިހެންނެވެ. ބޭނުންވީ ދާތާކަށް ކިތަންމެ ލަހުން ދެވުނަސް ފުރަތަމަ އެ ކޯލަށް ޖަވާބުދޭށެވެ.
“ހެލޯ ލަމް! ލޯބި!” ތެޅިފޮޅިގަންނަމުންކަހަލަ ގޮތަކަށް އެއްފަހަރާ ދެތިން ލަފުޒު ފަރުހާންގެ އަނގައިން ބޭރުކޮށްލެވުނެވެ.
( ނުނިމޭ )
ޚިޔާލުތައް
ވ ކިޔާހިތްވާ ވާހަކަ އެއް. ކޮންމެ ދުވަހަކު ގެނެސް ދޭނަމަ
ޥަރަށް ރީތި! އެކަމަކު އެއްވެސް އިތުރު ހާދިސާއެއް ނުގެނެސްދީ މިބައި ނިމުނީ މަ ސޭޑް ދޯ!
ޥަރަށް ރީތި! ތަނޮކޮޅެްްކުރު
ވަރަށް އަސަރުގަދަ ވަރަށް ފުރިހަމަ