A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބޯގަންވިލާ 18

ވަހަކަ: ބޯގަންވިލާ

އަށާރަވަނަ ބައި

“ހަލޯ ލަމް! ލޯބި!” ފަރުހާން ހުރީ ކެތްތެރިކަން ކުޑަވެފައެވެ.

ފަރުހާންގެ އަޑު އިވުމުން ބޯގަންވިލާ ގަސްތައް ކައިރީ މަޑުކޮށްގެން ހުރި ލަމްޔާއަށް ހެނދުނުގެ އެ ގަޑީގައި ހުޅަނގުފަރާތުން ޖެހެމުން އައި ވައިރޯޅިން ހިތަށް ލިބެމުން ދިޔަ ފިނިކަމަށްވުރެ ބޮޑު ފިނިކަމެއް އިހުސާސްވިއެވެ.

“ފަރުހާން!” ލަމްޔާއަށް ބުނެވުނީ އެހާވަރަށެވެ. އެއަޑުގައިވަނީ އޯގާތެރިކަމާ ލޯތްބެވެ.

“ލައިލާ އައިސީޔޫގައި! ރޭ ހަތަރުދަމު އަހަރެން އުޅުނީ ވަރަށް ހާލުގައި! ގެއަށް ދާން …… މަގުމަތީ ….. ގެއަށް ގޮސް ގުޅަންދެން އިންތިޒާރުކޮށްފާނަންތަ!”

ފަރުހާން  އެވާހަކަ ދެއްކި ގޮތުން ލަމްޔާގެ ހިތުގައި ޖެހުނެވެ. ބޭނުންވީ ފަރުހާންއާ އެންމެ ގާތުގައި ވުމަށެވެ. ފަރުހާންގެ ބުރަކަށީގައި ފިރުމާލަ ދިނުމަށެވެ. އަތުގެ އިނގިލިތަކަށް އަމިއްލަ އިނގިލިތައް މަހާލުމަށެވެ. އެ ދެއަތުން ފަރުހާންގެ ހަށިގަނޑު ވަށާލާ ބައްދާލުމަށެވެ. ފަރުހާން އާ ހަތަރުކަޅިހަމަކޮށް ލޯބިން ހީނލުމަށެވެ. ވަރުބަލިވެފައިވާ އެ ޖިސްމުގެ ލޮޑުކަން ފިލުވާލަ ދިނުމަށެވެ. އަމިއްލަ ހަށިގަނޑުގެ ހޫނުންނެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް މިވަގުތު ކުރެވޭކަށްނެތެވެ. ދެމީހުންގެ ދެމެދުގައި އެތައް ސަތޭކަ މޭލެއްގެ ދުރުމިން އެބަހުއްޓެވެ.

ގެއަށް ވަދެވުން ވެސް ފަރުހާންއަށްވީ ގަރުނަކަށެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރި ހުޅުވައިލައިގެން އެންމެ ފުރަތަމަވެސް ވެއްޓިގަތީ އެނދަށެވެ. އޭގެ ކުރިން އެއޮތް ހެނދުނު ވެސް ދާހިއްލާފައިވާތީ ޓިޝާޓް ގަޔާ ވަކިކޮށްލިއެވެ. އެއްވެސް ނުބައި ނިޔަތެއް ނެތިއެވެ. އެއަށްފަހު އޭސީގެ ފިނިކަން ހަށީގަނޑަށް ވެރިވެގަތުމުގެ ކުރިން ލަމްޔާއަށް ވީޑިއޯ ކޯލް ކުރިއެވެ.

ލަމްޔާ އިނީ ފަރުހާންގެ އިންތިޒާރުގައި ކެތްތެރިކަން ކޮޅުންލާފައެވެ. ފުރަތަމަ ރިންގާއެކު ނެގި ފޯނުން ލަމްޔާއަށް ފެނުނީ ފަރުހާންގެ ލޮކިމަސްކޮޅެއް ނެތް ރީތި ޒުވާން ހަށިގަނޑެވެ. ލަމްޔާގެ ދެލޯ ފަރުހާންގެ މޫނުން މޭމައްޗާހަމައަށް ދަތުރު ކުރުމުން މޫނު ރަތްވެގެންދިޔައެވެ. ލަދުން އެ މޫނު ރަކިކޮށްލައިފިއެވެ.

“ފަރުހާން!” ލަމްޔާއަށް ވައި އަޑުން ފަރުހާންއަށް ގޮވައިލެވުނެވެ.

ދެންވެސް ފަރުހާންއަކަށް ރޭކާނުލިއެވެ.

‘ކަމަކު އެދެންތަ!” ލަދުން މޯޅިވަމުން ރަކި ހިނިތުން ވުމަކާއެކު ލަމްޔާ އެދުނެވެ.

“އެނީތިންގ ލަވް!” ފަރުހާންގެ އަޑު އިވުމުން ލަމްޔާ އެދުނީ އިހަށް ފޯނު ކަނޑާނުލާ ޓީޝާޓް ލުމަށެވެ. ވީގޮތް އެނގުމުން ފަރުހާން ވެސް ލަދު ގަތެވެ.

“އޯހް!” ބޭއިޚުތިޔާރުގައި ފަރުހާންއަށް އަޑެއް ލައްވައި ލެވުނެވެ.

ދެމީހުންވެސް ހިތް އެދޭވަރަށް ވާހަކަ ދެއްކުމަށްފަހު ކުރީ ދުވަހު ހިނގި ކަންތަކުގެ ވާހަކަ ދެމީހުން ދެމީހުންނަށް ޙިއްސާކޮށް ނިމުނުއިރު ފަރުހާން ނިންޖާ ޖެހެނީއެވެ. އެހެންކަމުން ލަމްޔާ އެދުނީ ފެންވަރާލައިގެން އިރުކޮޅަކު ނިދާލުމަށެވެ.

ފަރުހާންއަށް މާގިނައިރަކު ނިދާކަށް ނޯވެވުނެވެ. ފޯނު ރިންގްވާން ފެށުމުން ހޭލެވުނީ ބިރުވެރި ހުވަފެނަކުން ހޭލެވޭހެންނެވެ. ހާސްކަން އިޙުސާސް ވަމުންދިޔައެވެ. އަވަހަށް ފޯނުނަގާ ބަލއިލިއިރު މަންމައެވެ.

“ދަރިފުޅާ! މި ކޮޅަށް އައިސްބަލަ!” މަންމައަށް ހީވަނީ ސާރާ ހުންއައިސްގެންހެން! އެހެންކަހަލަ ގޮތަކަށް މިއިނީ! ވަރުބަލިވަނީއޭ ވެސް އެބަ ކިޔާ!”

ޚަދީޖާ ކިތަންމެ ބޭނުން ނުވިއަސް މާލޭގައި އެމީހުންގެ ބަޔަކު ނެތެވެ. ޝަރުފާގެ ޚަބަރެއްވެސް އަދި ވީކީ ނޫނެވެ. ބޭނުން ނުވިޔަސް ދަރިފުޅު ކިތަންމެ ވަރުބަލިކަން އެނގޭއިރުވެސް ޚަދީޖާ ގުޅާކަށް އެހެން މީހަކު ނެތެވެ.

ފަރުހާން ދުއްވައިގަތީ ފާޚާނާއާ ދިމާއަށެވެ. މޫނުދޮވެލާ ހަދައިގެން ސައި ވެސް ބުއިމެއްނެތި މިސްރާބު ޖެހީ ހޮސްޕިޓަލާ ދިމާއަށެވެ.

ދުއްވާފައި އައި ސައިކަލް ޕާކު ކުރުމަށްފަހު ފަރުހާން އަވަސްވެގަތީ މަންމައާ ބައްދަލުކުރުމަށެވެ. ސާރާއަށް ވެގެން އުޅޭ ގޮތެއް ސާފުކުރުމަށް ޑޮކުޓަރަށް ދެއްކުމަށެވެ.

ޚަދީޖާއަށް ފަރުހާން ގުޅީ ސާރާ ފާޚާނާއަކަށް ދާން ބުނުމުން ގޮވައިގެން ހިނގައިގަތްތަނާއެވެ. ހުރިތަން ބުނުމުން ފަރުހާން އައިއިރު ޚަދީޖާ ސާރާ ގޮވައިގެން އެނބުރި އަންނަނީއެވެ. ފަރުހާން އެދުނީ މަންމަ އައިސީޔޫ ކައިރީ މަޑުކޮށްލާ ދިނުމަށެވެ. ސާރާ ޑޮކުޓަރަށް ދައްކާ ނިމުމުން ވާނުވާ އަންގާނޭކަމަށް ބުނަމުން ފަރުހާން ސާރާ އުރާލައިގެން ހިނގައިގަތީ މެމޯހެއްދުމަށެވެ. އުމުރުން ތިން އަހަރުގެ ކުއްޖަކަށް ވިޔަސް ސާރާ ފެންނަނީ އިސްކޮޅު ހެޔޮ ކުއްޖެއްގެ ގޮތުގައެވެ. ބަލާބެލުމަށް އުމުރަށްވުރެ ކުއްޖާ ބޮޑެވެ. އެހެންކަމުން މި ވަރުގެ ކުއްޖަކު އުރާލައިގެން ދާތީ ވަރަށް ގިނަ މީހުންގެ ނަޒަރު ފަރުހާންއަށް ހުއްޓެމުންދިޔައެވެ.

ސާރާ ޑޮކުޓަރަށް ދެއްކުމުން ހަދަން ދިން ބައެއް ޓެސްޓްތައް ހެދުމަށް ސާމްޕަލް ނެގުމުން ރިސަލްޓް ލިބުމާ ދެމެދު ހޭދަވި ވަގުތުކޮޅު ފަރުހާން ބޭނުންވީ ސާރާއަށް އެއްޗެއް ކާންދިނުމަށެވެ. މަންމައަށް ގުޅާފައި ކެންޓީނަށް އަންނަން ބުނުމަށްފަހު ދެބަފައިން ގޮސް އިށީނީ ބޭރު މަގާވީ ފަރާތު ހުސްކޮށް ހުރި މޭޒެއްގައެވެ.

ޚަދީޖާއައުމުން ބޭނުންވަނީ ކޯއްޗެއްތޯ އެހުމަށްފަހު އޯޑަރުދޭން ފަރުހާން ދިޔައީ ސާރާ ކުޅެން ބޭނުންވުމުން ފޯނު ސާރާއަތަށް ދީފައެވެ. ކޯލް އައީ ސާރާ ފޯނުން ގޭމް ކުޅެން ފެށިތަނާއެވެ. އެ ވަގުތު ނަސީބަކުން ސާރާ ފޯނު ކަނޑާ ނުލާ ފޯނު ދިއްކޮށްލީ ޚަދީޖާއާ ދިމާއަށެވެ. އެއީ ލަމްޔާގެ ކޯލެކެވެ.

“އައްސަލާމުޢަލައިކުމް!” ޚަދީޖާގެ އަޑުއިވުމުން މި ގުޅުނީ ފަރުހާންއަށް ނޫންކަން ލަމްޔާ ކަށަވަރު ކުރަން ބޭނުންވެގެން އަލުން ފޯނަށް ނަޒަރު ހިންގައިލިއެވެ.

“ފަރުހާންވީ ތަންކޮޅެއް ދުރުގައި! ދަރިފުޅު ކިހިނެތް!” ޚަދީޖާ ލަމްޔާގެ ޖަވާބު ލިބުން ލަސްވުމުން އޮޅުން ފިލުވައިދިނެވެ.

“މަންމަ ކިހިނެތް! ރަނގަޅުތަ! ފަރުހާން ބުނި ސާރާ ބަލިވެ އުޅޭ ވާހަކަ! ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބޭދޯ!” ލަމްޔާގެ އޯގާތެރި އަޅާލާ އަޑު އެއީ އަބަދު ވެސް ޚަދިޖާގެ ހިތް ލަމްޔާއަށް ހެޔޮވާ އެއް ސަބަބެވެ.

“މަންމަ ރަނގަޅު! ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބޭ! މަޑުކުރައްޗޭ! ފަރުހާން އަތަށް މިދެނީ!” ކާއެއްޗިހި އަތުރާފައިވާ ތަބައް ހިފައިގެން ފަރުހާން އަންނަތަން ފެނުމުން ޚަދީޖާ ލަމްޔާ ގާތު މަޑުކުރަން ބުންޏެވެ. އެހެންނަމަވެސް ފަހުން ގުޅާނެ ކަމަށް ބުނެފައި ލަމްޔާ ފޯނު ކަނޑައިލީއެވެ.

“ލަމްޔާ އެ ގުޅީ!” ފޯނު އަނބުރާ ސާރާއަތަށް ދިއްކޮށްލަމުން ކައިރީ އައިސް ހުއްޓުނު ފަރުހާންގާތު ޚަދީޖާ ބުންޏެވެ.

“އެހެންތަ! ބޭއްވީތަ! ކީކޭ ބުނީ!” ސާރާ އަތަށް މަންމަ ފޯނު ދޭނީ ލަމްޔާ ފޯނު ކަނޑައިލީމަކަން ފަރުހާންއަށް އެނގެއެވެ.

“ފަހުން ގުޅާނަމޯ ބުނީ!” ކުރިމަތީ ހުރި ފްރެޝް އޮރެންޖް ތަށިން ކޯވަރެއް ބޯލަމުން ޚަދީޖާ ޖަވާބުދިނެވެ. އެހިސާބުން ދެން ދިޔައީ ކޮންމެ މީހަކުވެސް ކެއުމާ މަޝްޣޫލުވި ވަގުތު ކޮޅެކެވެ.

ތަނުގައި އިވެމުން ދިޔައީ ދެ ޖިންސްގެ މީހުންގެ މައްސުނި އަޑުތަކެކެވެ. ތަށިތަކުގައި އުލާ ސަމުސާ ކޭއްތޭއަޑެވެ. ބައެއްފަހަރު މަޑުމަޑުން ބައެއް މީހުންގެ ހީނލުމުގެ އަޑުވެސް އިވެއެވެ.

ފަރުހާންގެ ސަމާލުކަން އަނެއްކާވެސް ހުއްޓުނީ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. ފޯނު ނެގުމުގެ ކުރިން ކުރިމަތީއިން މަންމައަށް ބަލައިލިއެވެ. އެ ބަލައިލުމުގައި ވަނީ ނުތަނަވަސްކަމެވެ. ދެން ފެނުނީ ފޯނު ކަންފަތުގައި ޖައްސައިގެން ތެދުވެގެން ހިނގައިގަތްތަނެވެ. ފަރުހާން ތެދުވުމުން ޚަދީޖާ ބަލައިލީ ފަރުހާންއަށެވެ.

ތަންކޮޅެއް ދުރުގައި އަޑުމަޑު ހިސާބެއްގައި ފަރުހާން ހުއްޓިހުރެ އެ ފޯނުން ވާހަކަ ދެއްކުމުގައި ދެތިން މިނިޓް ހޭދަކުރިއެވެ. ދެން ފެނުނީ އަނެއްކާވެސް އައިސް ކުރިން ވެސް އިށީނދެ އިންތާ އިށީން ތަނެވެ. މޫނުމަތިން ތަފާތުކަމެއް ނުފެނެއެވެ. އެކަމަކު ޙަރަކާތްތައް ފެނުނީ ކުރިއަށްވުރެ އަވަސް ވެފައިވާ ތަނެވެ.

ކައި ނިމިގެން ފަރުހާން އެދުނީ ސާރާގެ ރިސަލްޓްތައް ދައްކާ ނިމިގެން ފަރުހާން އަންނަންދެން މަންމަ އައިސީޔޫ ކައިރީ މަޑުކޮށްލަދިނުމަށެވެ.

އެ ގަޑީގައި ރަނގަޅަށް ކާލެވުމުން ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ލޮޑުކަމެއް ލިބި ނިދިއަންނަ ގޮތްވުމުން ގޮނޑީގައި ރަނގަޅަށް ހަމަ ޖެހިލާ ޚަދީޖާއަށް ލޯމަރާލެވުނެވެ.

ކުޑަކޮށް ނިދިޖެހުނު ނަމަވެސް ބަޔަކު ވާހަކަ ދައްކާހެން ހީވުމުން ޚަދީޖާއަށް ލޯ ހުޅުވާލެވުނެވެ. އަދި ހަށިގަނޑު ތެދުކޮށްލާ ވަށައިގެން ހޯދައި ލެވުނެވެ. ކުރިމަތީ ތިބި މީހުން ފެނުމުން ޚަދީޖާގެ ޙައިރާންކަން އިންތިހާއަށް ދިޔައެވެ. އެހެންނަމަވެސް އެބަޔަކަށް އަދި ޚަދީޖާ އެނގުނުހެނެއް ހިއެއްނުވެއެވެ. އެހެންކަމުން ޚަދީޖާ ވެސް ދެނަހުރިކަމަކަށް ނެހެދިއެވެ. ކައިރީ ޖެހިގެން ހުރި ގޮނޑިތަކުގައި އެބަޔަކު އިށީނެވެ. އެވަގުތަކީ ޝަރުފާގެ ކޯލް ޚަދީޖާއަށް އައި ވަގުތެވެ.

ކައިރީތިބި މީހުންނަށް ކުޑަކޮށް ފުރަގަސް ދެމުން ޚަދީޖާ އެހީ ޝަރުފާ ވީހިސާބެކެވެ. ޚަދީޖާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޝަރުފާ ބުނީ ކުރީ ދުވަހު ލައިލާ ގާތަށް ނުދެވުނީ ފިރިމީހާ ބަލިވެގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ބާއްވަން ޖެހުމުން ކަމަށެވެ. އެހެންނަމަވެސް މިހާރު ފިރިމީހާއަށް ރަނގަޅުކަމަށާ ލައިލާއާ ވާހަކަ ދައްކާން ބޭނުންވާތީ ލައިލާ އަތަށް ފޯނު ދިނުމަށެވެ .

ޝަރުފާއަށް އާދެވެންޏާ އައިސްދީބަލަ މިކޮޅަށް! ކަންތައްތައް ވަރަށް ގޯހޭ!” ރޮވިފައިވާ އަޑަކުން ޚަދީޖާ ވާހަކަ ދެއްކުމުން ޝަރުފާ އެހީ ލައިލާ ކޮބާތޯއެވެ.

“އައިސީޔޫ ގައި! ރޭގަ ލީ!” ޚަދީޖާ އެންމެ ފަހުން ބުންޏެވެ.

ޚަދީޖާގެ އަޑު އިވުމުން ޝަރުފާއަށް އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ބަސް ހުއްޓުނު ގޮތަށް މީހާގެ ސިކުނޑިވެސް އިރުކޮޅަކަށް ގަނޑުވި ކަހަލައެވެ. ލައިލާ އެއީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. އެތައް ކަމެއްގައި އެތައް ފަހަރަކު ލައިލާގެ އެހީ އޭނައަށް ލިބުނެވެ. ދެމީހުންގެ އުޅުން އުޑާބިމާހާ ތަފާތު ނަމަވެސް އެކަކު އަނެކަކަށް އިޙުތިރާމް ކުރެއެވެ. އެކުވެރިކަން ކަނޑާނުލައި އުމުރުގެ މިހިސާބަށް އާދެވުނީ އެހެންވެގެންނެވެ. އެކުވެރިޔާ ގާތު ހިތްހެޔޮކުރާށޭ ވެސް ދެން ނުބުނެވިދާނެއޭ ޝަރުފާހިތަށް އެރިއެވެ.

ޝަރުފާ ފޯން ކަނޑައިލިތާ މާގިނައިރެއް ނުވެ ފަރުހާން އަންނަތަން ޚަދީޖާއަށް ފެނިއްޖެއެވެ. ފަރުހާންގެ އުރުގައި އިން ސާރާ އަތުގައި ސާރާގެ ޓެސްޓް ކަރުދާސްތައް ހުއްޓެވެ. ދެބަފައިން އައީ ވާހަކައެއްގައި ތިބެގެންނެވެ.

ގޮނޑިބަރިއާ ދިމާއަށް ހިނގަމުން އައި ފަރުހާންގެ ފިޔަވަޅު ހުއްޓުނީ އޭނަގެ މަންމަޔާ ޖެހިގެން އިށީނދެ ތިބި މީހުން ފެނުމުންނެވެ. އެމީހުން އަންނާނެކަން އެނގުނަސް މިހާ އަވަހަށް އަތުވެދާނެއެކޭ ފަރުހާން ހިތަކަށް ނާރައެވެ.

ހިނގަމުން އެމީހުންނާ ކައިރިވަމުންއައި ދެބަފައިންގެ ހިލަން ވެގެން އެތާތިބި މީހުން   ވާހަކަ ހުއްޓާލުމަށްފަހު ފަރުހާންއާ ދިމާއަށް އެނބުރުނެވެ.

“އަހަނ! ފަރުހާން!” ޚަދީޖާއާ ޖެހިގެން އިން އަންހެންކުއްޖާގެ ކަނާތްފަރާތުގައި އިން ދުވަސްވީ ފިރިހެނަކު ފަރުހާންގެ ނަމުން ގޮވައިލުމުން ސާރާއަށް  ގޮވައިލާން ތައްތައްޔާރު ކުރި ޚަދީޖާގެ އަނގަ ހުޅުވުނެވެ. އެމީހުންނަށް ވެސް ފަރުހާން ފެނުނީއެވެ.

“ބޮޑުބޭބޭ! ކިހިނެތްތޯ! އަޅުގަނޑު ހީކުރީ ދެ ދުވަހެއްވަރު ފަހުން ކަމަށް އަންނާނީ! ތި ވީގޮތް އަސް ލު މާރަނގަޅު. ވަގުތު ހީވަނީ ވަރަށް ކުރުހެން!”

ވާހަކަ ދައްކަން ދަތި ވެ ފަރުހާންގެ އަޑު ބެދޭ ގޮތް ވުމުން ވާހަކަ ދެއްކުން ހުއްޓައިލިއެވެ. މޫނުމަތީ ހުރި ހިނިތުންވުން ފިލައި ފަނޑުވެގެން ދިޔައެވެ. ފަރުހާންގެ އަތުގައި ހިފައިގެން ހުރި ލައިލާގެ ބޮޑުބޭބެ އެހީ ލައިލާއަށް އެއްވެސް ކުރިއެރުމެއް ލިބިއްޖެތޯއެވެ. ފަރުހާން ނޫނެކޭ ބުނެ ބޯ ހޫރައިލިއެވެ.

              ( ނުނިމޭ )

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • މުނީ

    ޥަރަށް ރީތި! ކުޑަކުޑަ ސާރާއަށް ދެރަގޮތަޖަށް ނަހަދައްޗޭ!

  • ޢަހަރެން

    ވާހަކަ ލިޔާ ކުއްޖާ އަށް ޝުކުރިއްޔާ. ވާހަކަ ރީތި ކަމުން