A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުންމިދާ ޞަފުޙާތަކުން … 1

ވާހަކަ: ބަލަމުންމިދާ ޞަފުހާތަކުން ...

ފުރަތަމަ ބައި

ދުވަސްވަރަކީ ހުޅަނގުމޫސުމުގެ ވިއްސާރަ ކުރާ ދުވަސްވަރު ކަމަށް ވިޔަސް މިއަދަކީ މޫސުން ރީތި ވައި މަޑު ދުވަހެކެވެ. އަރައިގެން އައި އިރުގެ ދޯދިތައް މުޅި ދުނިޔެއަށް ފެތުރިފައިވާއިރު ކަނޑުގެ ލޮނުގަނޑުން އާދަޔާ ޚިލާފު ހިތްގައިމުކަމެއް ފާޅުވާން ހުއްޓެވެ. މަޑު ނޫކުލަޔާ ދަނބު ކުލަޔާ ރަންކުލައިން ޖަރީވެފައިވާ އުޑުމަތިން ޤުދުރަތުގެ ފުރިހަމަ ތަސްވީރެއް ފާޅުވަމުން ދިޔައެވެ. ޚާއްސަކޮށް އިރުމަތި ފަރާތް ފެންނަނީ ކުލަބޮކިތަކެއް ހެންނެވެ. މެދު އުޑު ފެންނަނީ ކޮތަރި ވިލާތަކުން ބަރާވެފައިވާ ތަނެވެ.

ދަތުރުކުރަމުންދިޔަ ލޯންޗުގައި ތިބި ބައެއް ދަތުރުވެރިން ތިބީ ނިދިފައެވެ. އެމީހުންގެ މަންޒިލަށް ދެވޭތީ ހިތްހަމަ ޖެހިފައި ތިބީ ކަމަށްވެސް ވެދާނެއެވެ. ބައެއް ދަތުރުވެރިން ކަނޑުގެ ލޮނުގަނޑަށް އަންނަމުންދިޔަ ލޮޅުންތަކަށް ބަލަހައްޓައިގެން ވެސް ތިއްބެވެ. ގިނަ މީހުން ފެންނަނީ ޚިޔާލެއް ފިކުރެއް ނެތި ތިބި ތަނެވެ. މާޔޫސްކަމާ އެކަނިވެރިކަން ފެންނަނީ ހަމަ އެންމެ ދަތުރުވެރިއެއްގެ މޫނުމަތިންނެވެ.

ނައުރާ އެ ލޯންޗަށް އެރީ މާލެ ނޫން ކޮންމެ ތަނެއް ވެސް ވަރިހަމަވީމައެވެ. އަލަތު ކައިވެނި ކުރެވުނު އެ ފަސްގަނޑާ ދުރަށް، މާދުރަށް ދާން ނައުރާ ބޭނުންވީއެވެ. އެތައް ސަބަބަކާ ހެދިއެވެ.

ނައުރާގެ ލޮލުން ފޭބި ކަރުނަތިކި ފެނުނުތޯ ޔަގީން ކުރަން ސިއްރު ސިއްރުން ކުރިމަތީ ހުރި ސީޓްގައި ތިބި ދެމީހުނަށް ބަލައިލިއެވެ. އަދި ހަމަ އެހާ ސިއްރުން ދެ ލޮލުން ފޭބި ކަރުނަ ތިކި ކަނާތުގެ ބޮޑުވާއިނގިލީގެ އަރިމަތިން ފޮހެލުމަށްފަހު ދެލޯ މަރާލެވުނީ އެ މާޒީ ހަނދާންކުރަން ބޭނުން ނުވީމައެވެ. އެކަމަކު ވެސް ޙާލަތު ދެންވެސް ނައުރާ ގެންދިޔައީ އެ ހިތި މާޒީގެ ދުވަސްތަކެއްގެ ތެރެއަށެވެ.

ނައުރާގެ ބައްޕަ ނައުރާގެ މަންމަ ވަރިކުރުމަށްފަހު އެރަށުން ފުރައިގެން ދިޔަ ފަހުން ދުވަހަކު ވެސް އެ ބައްޕަ ދެކިލުމުގެ ނަސީބެއް ނައުރާއަކަށް ނުލިބެއެވެ. ފަހަރެއްގައި ބައްޕަ އެ ގޮތް ބޭނުން ނުވަނީއެވެ. ނުވަތަ ދެން ތިބި ބަޔަކުވެސް އެ ގޮތް ބޭނުން ނެތީއެވެ. އެހެންކަމުން ބައްޕަ ދުނިޔޭގައި ހުރިކަމެއް ނުވަތަ ނެތްކަމެއް ވެސް ނައުރާއަކަށް ނޭނގެއެވެ.

މަންމަ ދުނިޔޭގައި ހުރިއިރު މަންމަ ނައުރާއަށް ބައްޕައެއްގެ ލޯތްބާ މަންމައެއްގެ ލޯބި ވެސް ދިނެވެ. ނައުރާގެ ހަޔާތުގައި އުފާވެރިކަމުގެ އެންމެ މަލެއް ފޮޅުނަސް އެ މަލެއް ފޮޅުނީ އެ މަދު ދުވަސްކޮޅުގައެވެ. އެއީ ޚިޔާލެއް ފިކުރެއްނެތި ނައުރާ މަންމަގެ ލޮބުވެތި އުނގުތެރޭ އުޅުނު ދުވަސްވަރެވެ. މައިވަންތަކަމުގެ ކުލުނުން ފުރިފައިވާ ފިރުމުންތަކާ ނާނާގެ އަޑުން ނައުރާގެ މުޅި ދުނިޔެ ފަތިހަށް ފޮޅޭ ވަސްމީރު މާތަކެއް ފަދައިން ފޮޅުނު ދުވަސްކޮޅެވެ.

ނައުރާގެ އުމުރުން ފުރުނު ފުރަތަމަ ފަސްއަހަރު ފުރުނީ ލޯބިވާ މަންމަގެ މިބުނި ލޯތްބާ އަޅާލުމާ ޙިމާޔަތާ އޯގާތެރިކަމުގެ ދާވަނީގެ ތެރޭގައެވެ. އެހެންނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ތަޤުދީރު ނިޔާކުރީ ނައުރާ އަދި އަދަށް ދާންދެން ވެސް ހަނދާންކުރަން ބޭނުން ނުވާ ނިޔާއެކެވެ. އެއްދުވަހު ހެނދުނު ތެދުވި އިރު އެރޭ ނައުރާއާއެކު ނިދަން އޮށޯތް މަންމަ އަބަދަށްޓަކައި ލޯމަރައިލީއެވެ. މިއޮތް ބޮޑު ދުނިޔެއަށް ނައުރާ އެކަނި ދޫކޮށްލާފައެވެ. ވަސިއްޔަތެއް ކޮށްނުލިތާގައި އިޝާރަތެއް ވެސް ކޮށްނުލައެވެ.

އުމުރުން ފަސް އަހަރުކަމުގައި ވިޔަސް މަންމަގެ ހަނދާންތައް އަދިވެސް ނައުރާގެ ހިތުގައި ބިންވަޅުނެގިފައި ވެއެވެ. ބައެއް ހަނދާންތައް ވަރަށް ފަނޑުކޮށެވެ. އަނެއްބައި ހަނދާންތައް އެއަށްވުރެ ތަންކޮޅެއް ކުލަ ގަދަކޮށެވެ. އެންމެ ބޮޑަށް ހަނދާން ހުންނަނީ މަންމަގެ ހިނިތުންވުމެވެ. ނައުރާ ގައިގާ ލޯބިން ބައްދާލާ ހަނދާނެވެ. މަންމަގެ ރަންދޫންޏާއޭ ކިޔާ ގޮވާލާ ހަނދާނެވެ.

މަންމައާ ނައުރާގެ މި ރީތި ކުލަ ހަނދާންތަކުން ނައުރާގެ މޫނުމައްޗަށް ފަނޑު ހިނިތުންވުމެއް ގެނެސްދިނެވެ. އެ ލޯންޗު ތެރޭގައި ނައުރާއަށް ސަމާލުކަން ދިން އެކަކު ހުރިނަމަވެސް ނައުރާގެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ތަފާތު ކުލަތައް ފެނުނީސްކަން ކަށަވަރެވެ.

ނައުރާގެ ޚިޔާލީ ދުނިޔޭގެ މިރީތި ހިނދުކޮޅުތަކާ ވަކިވާންޖެހުނީ ލޯންޗު އޭގެ މަންޒިލަށް އާދެވެނީކަން ދަތުރުވެރިންގެ ހޭލަމޭލަވުމުން އަންގައިދިނުމުންނެވެ. ދެލޯ ހުޅުވައިލުމަށްފަހު އަރިމަތިން ފެންނަން އޮތް މާސިންގާ ރަށާ ދިމާއަށް ނައުރާއަށް ބަލައިލެވުނެވެ. ފެހިގަސްތަކުން މަލަމަތި ކުލަކޮށްފައިވާ މާރަށެކެވެ. އުޅެ ބޮޑުވި އަމިއްލަ ރަށަކީ ގަސްމަދު އިމާރާތްތައް ގިނަ ރަށެކެވެ. އޭގެ ފަހުން ދެން އުޅެވުނީ ތޮއްޖެހިފައިވާ ކޮންކްރީޓް ޢިމާރާތްތަކެއްގެ ތެރޭގައެވެ.

އަލަށް މިދެވޭ ރަށުގެ މީހުންނަކީ ހިތްހެޔޮ އޯގާތެރި ބަޔަކަށް ވުން އެދި ހިތާ ހިތާ ދުޢާ ކުރެވުނެވެ. އަދި އަމާންކަމުގެ އައްސޭރިއަކަށް ދެވޭ މަންޒިލަކަށް މިރަށް ވުން ވެސް އެދެވުނެވެ.

މަދު ވަގުތުކޮޅެއްގެ ތެރޭ ބާރު ސްޕީޑްގައި ދުއްވަމުން އައި ލޯންޗް ރަށުގެ ތޮށިގަނޑާ ކައިރި ކޮށްލައިފިއެވެ. ފަހަރަކު މީހަކު ލޯންޗުން ފައިބަމުން ދިޔައިރު ނައުރާ ބަލަހައްޓައިގެން ހުރީ ނައުރާ ބަލާ އައި މީހަކީ ތޮށިގަނޑުމަތީ ތިބި މީހުންގެ ތެރެއިންކާކުތޯ ދެނެގަތުމަށެވެ. އެމީހަކު ވާނީ އޮރެންޖުކުލައިގެ ރޮނގުދެމި ޓީޝާޓެއް ލައިގެން ހުރި މީހަކަށެވެ. އެކަމަކު އެތައް ބަޔަކު އެތާ ތިބި އިރުވެސް އެ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު އެތާކުން ނައުރާއަކަށް ނުފެނުނެވެ.

ކޮންމެ އަކަސް ހުރިހާ ދަތުރުވެރިން ލޯނޗުން ފައިބާ ނިމުމުން އެންމެ ފަހު ދަތުރުވެރިޔާގެ ގޮތުގައި ހުރި ނައުރާ ވެސް ލޯންޗުން ފައިބައިފިއެވެ. ދަތުރުވެރިން ކޮންމެ މީހަކުވެސް އެމީހެއްގެ ލަގޭޖްތައް ވަކިކުރުމަށްފަހު ބަލާ އައި ކޮންމެވެސް އާއިލާ މީހަކާއެކު ނުވަތަ ރައްޓެއްސަކާއެކު އެއްގަމަށް މިސްރާބުޖަހަމުން ދިޔަ މަންޒަރުން އަނެއްކާ ވެސް ނައުރާގެ ހިތަށް ތަދު ކުރަމުން ދިޔައެވެ.

ހަދާނެ ނަހަދާނެ ގޮތެއް ނޭނގި އެއްފަރާތުގައި ހުއްޓި ހުރި ނައުރާއާ ދިމާއަށް އައި ބޯޓުގެ ކައްޕި ނައުރާއާ ކައިރީ ގެނެސް ބެހެއްޓި ނައުރާގެ ފޮށީގައި ނައުރާއަށް ހިފާލެވުމުގެ ކުރިން،  ތިއީ އަހަރެންގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ކުއްޖެކޭ މީހަކު ބުނި އަޑަށް ފޮށީގެ އަތްގަނޑުގައި ހިފަން ކުޑަކޮށް ގުދުވެލި ނައުރާއަށް ތެދުވެ ހިން ދަމާލެވުނެވެ.

އޭނައާ ހަވާލުވާން އަންނާނެ ކަމަށް އަންގާފައިވާ އޮރެންޖު ޓީޝާޓްލި މީހާ ކުރިމަތީ ސަލާމަށް އަތް ދިއްކޮށްލައިގެން ހުރި ތަން ފެނުމުން ކުޑަކޮށް ހީނލެވުނެވެ. ދިއްކޮށްލެވިފައިވާ އަތުގައި ހިފުމުގެ ބަދަލުގައި އައްސަލާމް ޢަލައިކުމްއޭ ބުނެ ސަލާމް ކޮށްލިއެވެ.

“އޯހް” ކުރިމަތީ ހުރި މީހާގެ އަނގައިން ބޭރުވިއަޑު ނައުރާއަށް އިވުނެވެ. އެއަށްފަހު ދެން އިވުނީ އޭނަ ސަލާމް ބަލައިގަތް އަޑެވެ.

“ހިނަގާ ދަމާ! ތަންކޮޅެއް ލަސްވީމަ ބަލާ ނައީކަމަށްތަ ތިހރީ!” ބަލާ އާދެވުނުލެއް ލަސްވި ސަބަބު ކިޔައިދެމުން އެމީހާ ތަޢާރަފުވިއެވެ.

“އަހަންނަކީ ރާމިޒު!”

ނައުރާ ރާމިޒާދިމާއަށް ބަލާލަމުން އަނެއްކާ ވެސް ހިނިތުންވެލިއެވެ.

ރާމިޒު ނައުރާ ގޮވައިގެން ގޮސް އެރުވީ ތަންކޮޅެއް ދުރުގައި ޕާކުކޮށްފައި އޮތް ކާރަކަށެވެ.

ދާންވީ އެޑްރެސް ބުނެދިނުމަށްފަހު ކާރުގެ އަގު ވެސް ދެއްކީ ރާމިޒެވެ.

“އަހަރެން ދާނީ ސައިކުގަ! ޑްރައިވަރު ރައްކާތެރިކަމާއެކު ނައުރާ ގެއަށް ގެންގޮސް ދޭނެ!”

ފަހަތުސީޓުގައި އިން ނައުރާއާ ދިމާއަށް ގުދުވެލަމުން ރާމިޒު އޮޅުން ފިލުވައިދިނެވެ. އެހެންނަމަވެސް ނުވެސް ދަންނަ ރަށެއްގައި ޓެކްސީއެއްގައި އެކަނި މާއެކަނި ދަތުރުކުރަން ޖެހުމުން ނައުރާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. އެކަމަކުވެސް މަޑުމަޑުން ބޯޖަހާލަމުން އޯކޭއޭ ބުނެލިއެވެ.

ދިހަވަރަކަށް މިނިޓް ދުއްވުމަށްފަހު ކާރުގޮސް މަޑުކޮށްލީ ކުޑަ ކުޑަ ގެއެއްގެ ކުރިމައްޗަށެވެ. ކާރުން ފޭބުމުގެ ކުރިން އެގޭގެ ނަންބޯޑު ފެނޭތޯ ނައުރާ ހޯދައިލިއެވެ. ނަސީބަކުން ނަންބޯޑުގައި އޮތީ ރާމިޒު ބުނި އެޑްރެހެވެ.

ނައުރާއަށް ކާރުން ފޭބުނުއިރު ރާމިޒުގެ ސައިކަލް އައިސް ކާރުގެ ފަހަތުގައި މަޑުކުރަނީއެވެ. ޖީބުން ތަޅުދަނޑި ނަގާ އެގޭގެ ދޮރު ހުޅުވީ ވެސް ރާމިޒެވެ. އަދި ނައުރާ ގެނައި އޭނަގެ ފޮށި އެތެރެއަށް ވެއްދީ ވެސް ރާމިޒެވެ. ހޭދަވެގެން ދިޔަ މި ވަގުތުކޮޅުގައި ނައުރާ ހުރީ ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭނގި ރާމިޒުގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ހިތުގައި އުފެދެމުން ދިޔަ ބައެއް ސުވާލު ތަކަކީ ކޮންމެހެންވެސް ޖަވާބު ލިބެން ޖެހޭ ސުވާލު ތަކަކަށް ވާތީ ރާމިޒުގެ ސަމާލުކަން ލިބެންދެން ނައުރާ ހުރީ އިންތިޒާރުކޮށްގެންނެވެ.

ނައުރާގެ ފޮށި ކޮޓަރިއަށް ވެއްދުމަށްފަހު ނިކުމެ ދޮރު ލައްޕާލަމުން ދެން ރާމިޒު އެނބުރުނީ ނައުރާއާ ދިމާއަށެވެ.

“މިގޭގައި އިތުރު ބަޔަކު ނުތިބޭނެ! ގަޑިތައް ނަގާނީ މިގޭގެ އެފަރާތުގައި ހެދިފައި ހުރި ތިން ކުލާހުގެ ކުލާސްރޫމުތަކުގައި!”

ގޭގެ ފަހަތަށް އިޝާރާތް ކުރަމުން ރާމިޒު ބުނި އެއްޗަކަށްވުރެ ބޮޑަށް ނައުރާގެ ސަމާލުކަން ދެވުނީ އެގޭގައި އިތުރު މީހަކު ނޫޅޭ ވާހަކަ ބުނުމުންނެވެ.

“އަހަރެން އެކަނި މާއެކަނި ކިހިނެތް މިގޭގައި ދިރިއުޅޭނީ! އަހަންނަކީ ……!” ބުނަން އުޅުނު ވާހަކަ ނުބުނެ ނައުރާ ހުއްޓާލީ އެއީ ރާމިޒަށް އެނގެން ޖެހޭ ވާހަކައެއް ނޫންކަން ވިސްނުނު ހިސާބުންނެވެ.

“މިރަށަކީ ވައްކަމާ ފޭރުމާ މާރާމާރީއާ ޑްރަގުގެ ވަބާ މި ދިވެހިރާއްޖޭގައި އެންމެ މަދު ރަށޭ ބުނެފިއްޔާ ނައުރާ ގަބޫލުކުރާނަންތަ! މި ރަށަކު ނުތިބޭނެ ނައުރާއަށް އުނދަގޫކޮށް ގެއްލުމެއްދީ ހަދާނެ ބަޔަކު! އެންމެން ވެސް ވަރަށް ރައްޓެހިވާނެ! އަމުދުން ޤުރުއާން ޓީޗަރެއްވީމާ ވަރަށް އިޙުތިރާމް ކުރާނެ!”

ރާމިޒު ބޭނުންވީ ނައުރާއަށް އެރަށަކީ ކިހާ އަމާން ރަށެއްކަން އަންގައި ދިނުމެވެ.

ރާމިޒުގެ ވާހަކަ އަޑު އިވުމުން ނައުރާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެހެންނަމަވެސް ނައުރާ އިން ޙާލަތުން އެކަނި އުޅެން ބިރު ގަނެޔޭ ބުނާކަށް ނައުރާ ބޭނުމެއް ނުވިއެވެ.

ރާމިޒު އިރުކޮޅަކު ނައުރާއާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ގޭގެ ތަޅުދަނޑިފަތި ދިއްކޮށްލިއެވެ.

“ނައުރާ ކަންބޮޑުވާނެ ކަމެއްނެތް! މަގުގެ މި ފަޅީގައި ތިހިރަ ނޫކުލައިގެ ފާރު އެހެރަ ގެއަކީ އަހަރެންގެ ގެ! އެއްވެސް ކަމަކުން ނައުރާއަށް ދައްޗެއް ނުވާނެ! އަހަރެންގެ އަންހެނުން ވަރަށް ރަނގަޅުވާނެ! އެހީތެރިވާނެ! ކާނީ އަހަރެމެންގެ ގެއިން! ފެންވަރާލާ ހަދާލާ! އިރުކޮޅަކުން އަންހެނުން އަންނާނެ ސައިބޯން ބަލާ!”

ވާހަކަ ނިންމާލި އިރު ރާމިޒު ހުރީ ގޭގެ ދޮރުން ނިކުމެ ބޭރުގައެވެ. އަދި ނައުރާގެ މޫނަށް ބަލާލުމަށްފަހު ދޮރުލައްޕާލިއެވެ.

ހުރިގޮތަށް ގުޑާވެސް ނުލާ އެހެން އެތައް އިރަކު ނައުރާ ހުއްޓެވެ. އަމިއްލަ ދިރިއުޅުމުގެ އެންމެ ކުޑަކަމުން ފެށިގެން އެންމެ  މުހިންމުކަމާހަމައަށް ވެސް އޭނަގެ ބާރެއް ނުފޯރަނީ ކީއްވެބާއޭ ނައުރާ ހިތަށް އެރިއެވެ.

ގޭގެ މައިދޮރުގައި މީހަކު ޓަކިދޭއަޑަށް ގޭތެރޭގެ ތަންތަން ބަލާލާނީއޭ ހިތާ ދޮރުތައް ހުޅުވަ ހުޅުވާ އުޅުނު ނައުރާ އެދިމާއަށް އެނބުރުނެވެ. އަދި އަވަސްކޮށްލައިގެން ގޮސް ދޮރު ހުޅުވައިލިއިރު ކުރިމަތީ ހުރީ ނައުރާއަށްވުރެ ތަންކޮޅެއް ދުވަސްވެފައިވާ އަންހެނެކެވެ. ރާމިޒު އެބުނި ރާމިޒުގެ އަންހެނުންނަކީ އެއީއޭ ނައުރާ ހިތަށްއެރިއެވެ.

“ޢައްސަލާމު ޢަލައިކުމް، މީ ޒީނިޔާ! ރާމިޒުގެ އަންހެނުން!”

ސަލާމަށް ދިއްކުރި އަތުގައި ނައުރާ ހިފާލުމުން ޒީނިޔާ ވާހަކަ ދެއްކީ އޯގާތެރިކަމާ ގާތްކަމާއެކުގައެވެ. ރާމިޒު ބުނި ފަދައިންނެވެ. ފުރަތަމަ ފެނިލުމުން ވެސް އެއީ ރަނގަޅު މީހެއްކަމަށް ނައުރާއަށް ގަބޫލުކުރެވުނެވެ.

“އަހަރެން މީ ނައުރާ! …….. ރާމިޒު …… ރާމިޒުބެ ބުނި ޒީނިޔާ ބަލާ އަންނާނެ ވާހަކަ!” ހީނލުމަކާއެކު ނައުރާ ވެސް ވާހަކަދެއްކީ ޒީނިޔާއާ ދިމާވުމުން ހުރީ އުފަލުންކަން އެންގުމަށެވެ.

ދެ އަންހެންވެރިން މަގަށް ނިކުމެ ހިނގައިގަތީ ރާމިޒުގެ ގެއަށެވެ. ނުދަންނަ ބީރައްޓެހި ރަށެއްގައި ނުދަންނަ މަގަކުން ނުދަންނަ މީހަކާއެކު ދާން ވިޔަސް ނައުރާ ހުރީ ހަމަޖެހިފައެވެ. އުފާވެފައެވެ. ރަށުގެ މީހުންނާ ބެހޭގޮތުން ރާމިޒު ދެއްކި ވާހަކައިން ނައުރާ ހުރީ  އުންމީދު އާވެފައެވެ. ފުރަތަމަ ދިމާވީ ވެސް އަދި ދެން ދިމާ މިވީ ވެސް ނައުރާއަށް އިތުބާރު ކުރެވިދާނެ ބައެކެވެ. ކުރަން އައިކަންތައް ކުރިއަށް ގެންދަން ފަސޭހަވާނެކަމުގެ ފޮނި އުންމީދު ނައުރާއަށް ލިބިގެން ދިޔައެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !