ދެވަނަ ބައި
ނުދަންނަ ބީރައްޓެހި ރަށެއްގައި ނުދަންނަ މަގަކުން ނުދަންނަ މީހަކާއެކު ދާން ވިޔަސް ނައުރާ ހުރީ ހަމަޖެހިފައެވެ. އުފާވެފައެވެ. ރަށުގެ މީހުންނާ ބެހޭގޮތުން ރާމިޒު ދެއްކި ވާހަކައިން ނައުރާ ހުރީ އުންމީދު އާވެފައެވެ. ކުރަން އައިކަންތައް ކުރިއަށް ގެންދަން ފަސޭހަވާނެކަމުގެ ފޮނި އުންމީދުގައެވެ.
ނައުރާއަކީ ޤުރުއާން ޓީޗަރެކެވެ. އަދި މާމަތީ ފާހެއް ނެތަސް ޑިޕްލޮމާއަކުން އަދި ނިންމާލިޔަސް އުންމީދުކުރަނީ މިރޮނގުން މުސްތަގުބަލުގައި އިތުރަށް ކިޔަވައި ދެވެން ހުރި އެންމެ މައްޗަކަށް ދިއުމެވެ. ސެޓްފިކެޓް އަތަށް ނުލިބެނީސް ހުސްވަޒީފާއެއް ލިބެން އޮތީ ކޮންތާކުން ކޮން ހިސާބަކުންތޯ ނައުރާ އައީ ބަލަމުންނެވެ. ކިޔަވައިދިން ލެކްޗަރާއެއްގެ އެހީތެރިކަމާއެކު ދެކުނުގެ އާބާދީ ބޮޑު މިރަށުން އަމިއްލަ މީހަކު ހިންގާ އިންސްޓިޓިއުޓަކުން ވަޒީފާ ހަމަޖެހުމުން ނައުރާއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އުމުރުން ބާވީސް އަހަރާހަމައަށް އައިއިރު ވެސް އުފަލާ ހިތްހަމަ ޖެހުމަކީ ނައުރާއަށްޓަކައި އުފަން ނުވާއެއްޗެކޭ ނައުރާ ހީކުރިއެވެ. މާޒީގައި ކަންތައްތައް ދިމާވި ގޮތުންނެވެ. އެހެންކަމުން ގަދަ އަޅާ މަސައްކަތް ކުރަމުން އައީ އެ ހިތްދަތިކަމާ ހިތާމަތަކާ އުނދަގޫތަކުން މިންޖުވެ އަމިއްލަ ފައިމައްޗަށް ތެދުވުމަށެވެ. އެހެން މީހެއްގެ އެހީއާ ނުލާ ވެސް ހިންދެމިލުމަށެވެ. ﷲގެ އިރާދަފުޅުން މިހާރު މީ ޙާލަތު އެ ގޮތަށް ބަދަލުވުމުގެ ކޮޅުމަތި ކަމުގައި ނައުރާ ދުށްޓެވެ.
“މިހިރީ ގެ! ހިނގާ ވަންނަމާ!”
ޒީނިޔާގެ އަޑު އިވުމުން ނައުރާ ދިޔައީ ސިއްސައިގެންނެވެ. ތިންކޮޓަރިއާ ކާބަޔާކާއެކު ހުއްޓަސް ތަނަވަސް ރީތި ގެއެކެވެ. އެންމެ މޮޅު ފަރުނީޗަރު ނޫނަސް ގޭތެރޭގައި ހުރިހާއެއްޗެއް ހަމައަށް އެބަހުއްޓޭ ނައުރާ ހިތަށްއެރިއެވެ.
ނައުރާމެންގެ އަޑުއިވުމުން ބަދިގެއާ އެންމެ ކައިރީ ހުރި ކޮޓަރިން ނިކުތީ ރާމިޒެވެ.
ސިޓިންގރޫމުގައި ނައުރާ ބަހައްޓަފައި ޒީނިޔާ ވަނީ ބަދިގެ ބަޔަށެވެ. އިރުކޮޅެއްވެސް ނުވެ ނައުރާއަށް ރާމިޒު ގޮވައިލީ ސައިބޯން އައުމަށެވެ.
ސައިބޯން ތިބިއިރު އެކިކަހަލަ ވާހަކަ ދެކެވުނެވެ. ނައުރާ ހީވަނީ އިންޓަރވިއުއަކަށް ހާޒިރުކުރެވިފައި އިންމީހެއް ހެންނެވެ. އެކި ކަހަލަ ވާހަކަތައް އަހަމުން ގޮސް އެންމެ ފަހުން ނައުރާ އެންމެ ބިރުގަތް ވާހަކަ ވެސް އެމީހުން އަހައިފިއެވެ.
“މީހަކާ އިނދެގެން!” ނައުރާގެ އަޑު އިވުނީ ނައުރާ ހީކުރިވަރަށްވުރެން ވެސް މަޑުންނެވެ. އެ ޖަވާބު ނައުރާގެ އަނގަތެރެއިން ނެރެން ނައުރާ ވަރަށް މަސައްކަތް ކުރަން ޖެހުނެވެ.
ނައުރާއަށް އައި ބަދަލު ފެނުމުން ޒީނިޔާއަށް ރާމިޒުގެ މޫނަށް ބަލައިލެވުނެވެ. ކޮންމެވެސް ގޯހެއް އުޅޭހެން ހީވުމުން ޒީނިޔާ އަވަސްއަވަހަށް މައުޒޫއު ބަދަލުކޮށްލީއެވެ. އަންހެނުންނަށް އަންހެނުންގެ އިޙުސާސް އެނގޭނެއޭ ބުނާ ބަހަކީ ތެދެއްކަން ފުރަތަމަ ފަހަރަށް ނައުރާއަށް ގަބޫލުކުރެވުނެވެ. ދެވުނު ޖަވާބުން ކިތަންމެ ލަދު ގަތަސް ނައުރާ އިނީ ނޭނގޭކަމަށް ހަދައިގެންނެވެ.
ރާމިޒު ބުނީ ތެދެކެވެ. ރަށުގެ މީހުންނަކީ އެކުވެރި އަނެކާއަށް އިޙުތިރާމް ކުރަން ދަންނަ ބައެކެވެ. ރަށުގެ ކުދިންނަށް ޤުރުއާން އޭގެ ރަނގަޅު ގޮތުގައި އުނގަންނައި ދޭނެ ފަރާތަކަށް ރަށުގެ މީހުން އެދި އެދި ތިބީ ނިހާޔަތަށެވެ. ނައުރާ އައުމުގެ ކުރިން އެ ތަނުގައި މަސައްކަތް ކުރަމުން ދިޔައީ މާބޮޑު ތަމްރީނު ތަކެއް ލިބިގެންތިބި ބައެއް ނޫނެވެ. ރަށުގެ އެދުރުގެއިން އެނގުނު އެއްޗެއް ނޫން އެއްޗެއް އެ ދެ ޓީޗަރުންނަކަށް ނޭނގެއެވެ. އެހެންކަމުން ނައުރާ މަސައްކަތް ފެށީ ކުރިން ހުރި ޝައުޤަށްވުރެ އިތުރަށް ވެސް މަސައްކަތަށް ޝައުގު ޖެހިގެންނެވެ. ހެޔޮ ނިޔަތުގައި އިޚުލާސްތެރިކަމާއެކު ގައެވެ. މަސައްކަތްތައް ރޭވުމުގައި ކުރީއްސުރެ އެތާ ތިބި ދެ ޓީޗަރުންގެ ޚިޔާލާ މަޝްވަރާ ހޯދައިގެން މަސައްކަތްތައް ރާވައިލީ ނުލާހިކު ކުޅަދާނަ ކަމާއެކުގައެވެ.
އިންސްޓިޓިއުޓުގެ ކިޔެވުން ފެށި ދަރިވަރުންގެ ކިޔެވުން ކުރިއަށްދާން ފެށުމުން ކުރީ ދެއަހަރަށްވުރެ ތަނުގެ ހިންގުމާ ކިޔަވައިދިނުމުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުކަން ބެލެނިވެރިންނަށް ފާހަގަވާން ފެށިއެވެ.
އެރަށު މީހުން އުންމީދު ކުރި ވަރުގެ ޓީޗަރަކަށް ނައުރާ ވުމުން ބައެއް ބެލެނިވެރިން އެމީހުންގެ ގޭގެއަށް އައުމަށް ވެސް ނައުރާއަށް ދަޢުވަތު ދެއެވެ. ގޭގެއަށް ގޮސް މީހުންނާ އެކުވެރިވެ އުޅެން ރާމިޒު ވެސް ނައުރާއަށް ހިތްވަރުދެއެވެ. އެކަމަކު ނައުރާ ބިރުގަންނަ އެއްކަމެއް އޮތަތީވެ ރާމިޒުގެ ގެ ނޫން ގެއަކަށް ނައުރާ ނުދެއެވެ. ކިޔަވައިދޭ ވަގުތުތައް ފިޔަވައި އެހެންވަގުތުތައް ހޭދަކުރަނީ ކުދިންނަށް ކިޔަވައިދިނުމުގެ ކަންތަކާ ގުޅުން ހުންނަ މަސައްކަތުގައެވެ. އެހެންނޫނީ ރާމިޒުމެންގޭގަ ނުވަތަ ނައުރާ އުޅޭ ގޭގައެވެ. ބޭރަށް ނިކުމެލާ މީހުންނާ ވާހަކަދައްކާލާ ހަދާލަން ނައުރާ ވެސް ބޭނުމެވެ. އެކަމަކު އެކަންކަމަށް ހުރަސްއަޅާ އެއްކަމެއް އޮތީމައި ފަސްޖެހެވެނީއެވެ. ކިތަންމެ ފަސްޖެހެވުނަސް އެއީ ކުރިމަތިލާންޖެހޭ ޙަޤީގަތެއްކަން ނައުރާއަށް ނޭނގެނީއެއް ވެސް ނޫނެވެ.
ނައުރާ އެރަށަށް އައިތާ މަސް ދުވަސް ވާން ކައިރި ވެފައި ހުއްޓާ ރަށުގެ ސިއްޙީމަރުކަޒަށް ދައްކާލަން ދާން ބޭނުންވާ ވާހަކަ ޒީނިޔާ ގާތު ބުނެފިއެވެ. ބަލީތޯ ޒީނިޔާ އެހުމުން ހަމަ ދައްކާލަން ދަނީކަމަށް ނައުރާ ބުނުމުން، ވީގޮތެއް ކިޔައިދޭން ނައުރާ ޢުޒުރުވެރިކަން ޒީނިޔާ ދެނެގެންފިއެވެ. އެހެންވެ ޒީނިޔާ އިތުރަކަށް ނޭހިއެވެ. ނައުރާ ބުނަން ބޭނުން ނުވާތީ ނުބުނީކަމަށް ނިންމައި އަޅާނުލީއެވެ.
ޖެހިގެން އައި ދުވަހު ޒީނިޔާއާއެކު ނައުރާ ސިއްޙީ މަރުކަޒަށް ދިޔައެވެ. ދެއްކީ އަންހެނުންގެ ޑޮކުޓަރަށެވެ. އަންހެނުންގެ ޑޮކުޓަރ ލަފާ ދިނީ ބައެއް ޓެސްޓްތައް ހެދުމަށް ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށެވެ. ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށަކީ ނައުރާ އުޅޭ ރަށާ ފުދޭވަރަކަށް ދުރުގައި އޮތް ރަށަކަށްވެފައި ދެން އެރަށަށް ދާ ލޯންޗް އޮންނާނީ ވެސް ފަސްވަރަކަށް ދުވަސް ފަހުން ކަމުން ނައުރާ ކަންބޮޑުވިއެވެ. އެއަށްވުރެ އަވަސް ކުރަންޏާ ނައުރާ ޖެހޭނީ ލޯންޗެއް ކުއްޔަށް ހިފާށެވެ. އެވަރު ތަނަވަސްކަމެއް ނައުރާ އަތަކު އަދި ނެތެވެ.
ބަނޑުގައި އުފެދި ބޮޑުވަމުން އައި އެ މަސްކޮޅުގެ ވިންދު ނައުރާގެ ހިތުގެ ވިންދާ ވަނީ ގުޅިފައެވެ. އެއީ ނައުރާ އެދިގެން ބޭނުންވެގެން ކުރިކަމަކުން ބަނޑުގައި ގަރުބަ ގަތް ގަނޑުލޭ ކޮޅަކަށް ނުވިއަސް އެއީ ނައުރާގެ އަމިއްލަ ލެއެވެ. އެހެންކަމުން އެ ފުރާނަޔަށް ރައްކާތެރިކަމާ ޙިމާޔަތާ އަޅާލުން އޭގެ އިންތިހާއަށް ދޭން ނައުރާ ނުލާހިކު ބޭނުމެވެ. އެކަނި މާއެކަނި ބަލާ ބޮޑުކުރަން ޖެހުނަސް އެއްވެސް ޝަކުވާއެއް ނެތި ދަރިފުޅު ރަނގަޅު ކުއްޖެއްގެ ގޮތުގައި ބަލާ ބޮޑުކުރަން ބަލިވެ އިންކަން އެނގުނީއްސުރެ ނައުރާ ވަނީ ޢަޒުމު ކަނޑައަޅާފައެވެ.
ކުރީ ދެ ދުވަހަކު ބަނޑުން ތޮޅިލި ނަމަވެސް މި ދެ ދުވަހު އެކަހަލަ އެއްވެސް ނިޝާނެއް ފާހަގަ ނުވާތީ ނައުރާ އޮތީ ކަންބޮޑުވެފައެވެ.
“އަނެއްކާ ގޯހެއް އުޅެނީބާ!”
ބަނޑުގެމަތީގައި މަޑުމަޑުން އަތް ހިންގާލަމުން ނައުރާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.
“އަހަރެންގެ ދަރިފުޅު އަހަރެން ބޭނުން! ޔާ ﷲ، މި ދަރިފުޅު ހެޔޮ ހާލުގައި ލަހައްޓަވާށި!”
ނައުރާގެ ލޮލުން އޮހިގެން ފޭބި ކަރުނަތިކި މިނިވަންކަމާއެކު އޭގެ މަންޒިލަށް ދަތުރު ކުރިއިރު ވެސް ނައުރާ އަޅައެއް ނުލިއެވެ.
އަމިއްލަ ހާލުގެ ނިކަމެތިކަމާ ޢާއިލާގެ އެއްވެސް މީހެއް ނެތުމުގެ ހިތާމަ ނައުރާ ވަށައިލީ ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އެއް އަރިއަކަށް ފުރޮޅި ލުމަށްފަހު އަނެއްކާ ވެސް ދެލޯ މަރައިލީ އެ ޚިޔާލުތަކުން މިންޖު ވުމަށެވެ. އެހެންނަމަވެސް މީގެ ފަނަރަވަރަކަށް އަހަރު ކުރީގެ މާޒީއަށް ހާލަތު ނައުރާ ގަންބައިލިއެވެ.
މަންމަ ނިޔާވި ދުވަސް އެހާ ބޮޑަކަށް ނައުރާ ހަނދާނެއް ނުހުރެއެވެ . މަންމަ ހުދު ފޮތިތަކަކުން ބަނދެފައި އޮތް އިރު މަންމަ ގެ ވަށައިގެން މީހުން ރޯން ތިބި ހަނދާނެއް ވެއެވެ. އަދި އެދުވަހު މާމަގެ ގެއިން މަންމަ ފޮށިގަޑެއްކަހަލަ އެއްޗަކަށް އަޅައިގެން ބައެއްގެ ކޮނޑުމަތީގެންދިޔަ ހަނދާނެއް ވެސް ފަނޑު ގޮތަކަށް ހުރެއެވެ. އެ ދުވަހަށްފަހު މާމަގެ ގޭގައި އިތުރު ބަޔަކު ނުތިބޭތީ ނައުރާ ގޮވައިގެން ދިޔައީ ބޮޑުބޭބެއާ ބޮޑުބޭބެ އަންހެނުން އަނީސާއްތައެވެ.
އެގޭގައި ނައުރާ އުޅެމުން ދިޔައީ އެގޭގައި އުޅޭ ބޮޑުބޭބެގެ ތިންކުދިންނާ އެއްކޮށެވެ. ބޮޑުބޭބެގެ އެންމެ ދޮށްޓަށް ހުންނަނީ ޒަކުވާންއެވެ. ނައުރާއަށްވުރެ ޒަކުވާން ތިން އަހަރު ދޮށްޓެވެ. ދެން ހުންނާނީ ނައުރާއާ އެއް އުމުރުގެ ޒާހިޔާއާއި ނައުރާއަށްވުރެ ހަނގު ޒަރީން އެވެ.
ޒާހިޔާއަކީ ނައުރާއާ އެއް އުމުރުގެ ކުއްޖަކަށްވިޔަސް ޒާހިޔާ ނައުރާއާ ވާހަކަދައްކާ އެއްކޮށް ކުޅެފިކަން އެނގުނަސް އަނީސާއްތަ ވަރަށް ރުޅި އަންނާނެއެވެ. ފުރަތަމަ ކޮޅު ދެކުދިން އެއްކޮށް ކުޅެ ވާހަކަ ދައްކާ ހަދަން ތިބޭތީ މައްސަލަ ޖެހޭތީ ބޮޑުބޭބެ އަނީސާއްތަޔަށް އެއްޗެހި ގޮވާތީ އަނީސާއްތައަކަށް މާ ފާޅުކޮށް އެކަން ހުއްޓުވާކަށް ނުކެރެއެވެ.
ޒާހިޔާ ބޮޑުވަމުން އައިވަރަކަށް އޭނާ އަމިއްލައިން ވެސް އައީ ނައުރާއާ ދުރުވަމުންނެވެ. ނައުރާ ވާހަކަ ދެއްކިޔަސް އަޅާނުލާ ދުރަށް ހިނގައިދާނެއެވެ. އެހެންކަމުން ނައުރާގެ ހަމަ އެކަނި ރައްޓެއްސަކަށް އަދި އެކުވެރިއަކަށް ވެސް ހުންނަނީ ނައުރާއަށްވުރެ ފަސްއަހަރު ހަނގު ޒަރީން އެވެ.
ނައުރާއަކީ ކިޔެވުމުގައި ތޫނުފިލި ކުއްޖެކެވެ. އަވަހަށް ދަސްވާ ފަސޭހައިން ކަންކަން ނަގައިގަންނަ ކުއްޖެކެވެ. އެކަމަކުވެސް ގޭތެރޭގެ މަސައްކަތް ކުރަން ޖެހިގެން ނައުރާއަށް ސްކޫލަށް ނުދެވޭ ކިތަންމެ ދުވަހެއް އައެވެ. ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނަނީ މަންމައާއި ބޮޑުބޭބެގެ ޢާއިލީ މީހަކަށްވާތީ ނައުރާއަށް ސްކޫލް ނިންމާލުމުގެ ނަސީބު ލިބުނެވެ. ނަތީޖާ ވެސް ނައުރާ ހީކުރި ވަރަށްވުރެ މާ ރަނގަޅެވެ.
ގްރޭޑް އަށެއް ނުވަޔަކާ ހަމައަށް އައި އިރު ދެން ދިމާވާން ފެށީ އަދި އެހެންކަހަލަ މައްސަލައެކެވެ. ޒާހިޔާއަށްވުރެ ނައުރާގެ ހަމުގެ ކުލަ އަލިވެފައި އިސްކޮޅުން ހެޔޮވެފައި ބައްޓަން ރީތި ވުމުގެ މައްސަލައެވެ. އަނީސާއްތައަށް ބިރުން ކުލާހުގެ ފިރިހެން ކުއްޖެއް ކީއްކުރަން އަންހެން ކުއްޖަކާ ވެސް އަނގައިން ބުނަން ނައުރާ ފަސްޖެހެއެވެ.
ގްރޭޑް ނުވައެއްގެ މެދު ތެރޭ ނައުރާ ކިޔަވަމުން ދިޔައިރެވެ. ކުލާސްގަޑި ނިންމާލާފާއި ނައުރާ ގެއަށް އައި ވަގުތެވެ.
ފަރީދުއަކީ ކުލާހުގައި ހުންނަ އެންމެ ސަކަރާތް ޖަހާ ކުއްޖާއެވެ. އޭނަގެ މައިންބަފައިންނަކީ ރަށުގެ ނިސްބަތުން ތަނަވަސް ބަޔަކަށްވާތީ ޓީޗަރަކަށް ވެސް ފަރީދުއާ ދިމާއަށް އެއްޗެކޭ ބުނާކަށް ނުކެރެއެވެ. އެހެންކަމުން ކުލާހުގައި ވެސް ފަރީދު ކުރާނީ ފަރީދު ބޭނުންކަމެކެވެ.
އެދުވަހު ނައުރާ ގެއަށް އައި އިރު ފަރީދު ވެސް ނައުރާއާއެކު އައެވެ. ފަރީދު ބޭނުންވީ ނައުރާ ފަރީދުއާ ވާހަކަ ދައްކަން މަޑުކުރުމަށެވެ. ނައުރާ ބޭނުންވީ ފަރީދުއާ ވާހަކަ ނުދައްކާ އަވަހަށް ގެއަށް ދިއުމަށެވެ. ފަރީދު އެގޮތަކަށް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ނައުރާ ނުހުއްޓުމުން ފަރީދު ހިފީ ނައުރާގެ އަތުގައެވެ.
ނައުރާ ބޭނުންވީ އަތް ފޮޅުވާލާފައި ނަމަވެސް އަވަހަށް ގެއަށް ދެވޭނެ ގޮތެކެވެ. ނައުރާ ގަދަ ހަދަން ފެށުމުން ފަރީދު ހިފީ ނައުރާގެ ބޮލުގެ އިސްތަށިގަނޑުގައެވެ. އަތްދިއްޔޯއްއޭ ކިޔާ ނައުރާ ރޮއެގަތް އަޑާއެކު މީހަކު އައިސް ފަރީދު ކޮއްޕާލިކަން އެނގުނެވެ.
ދެ ލޮލުން ކަރުނަ ފޮހެމުން ފަރީދު ވެއްޓުނު ދިމާއަށް ނައުރާ ބަލައިލިއެވެ. ކުރިމަތީ ހުރީ ޒަކުވާންއެވެ. އެއްއަތުން ނައުރާގެ އަތުގައި ހިފަމުން އަނެއް އަތުގެ ޝަހާދަތް އިނގިލި ފަރީދުއާ ދިމާއަށް ދިއްކުރަމުން “ޔޫ! … ސްޓޭއަވޭ ފްރޮމް ހާރ! ނައުރާ ގައިގަ ދެން އިނގިލިކުރި ބީއްސާލިޔަސް ނިމުނީ!” އޭ ބުނެ ފަރީދަށް އިންޒާރު ދިނެވެ.
(ނުނިމޭ)
ޚިޔާލުތައް