ތިންވަނަ ބައި
ދެ ލޮލުން ކަރުނަ ފޮހެލަމުން ފަރީދު ވެއްޓުނު ދިމާއަށް ނައުރާ ބަލައިލިއެވެ. ކުރިމަތީ ހުރީ ޒަކުވާންއެވެ. އެއްއަތުން ނައުރާގެ އަތުގައި ހިފަމުން އަނެއް އަތުގެ ޝަހާދަތް އިނގިލި ފަރީދުއާ ދިމާއަށް ދިއްކުރަމުން “ޔޫ! … ސްޓޭއަވޭ ފްރޮމް ހާރ! ނައުރާ ގައިގަ ދެން އިނގިލިކުރި ބީއްސާލިޔަސް ނިމުނީ!” އޭ ބުނަމުން ނައުރާ ދަމާފައި ކަހަލަ ގޮތަކަށް ގެއާ ދިމާއަށް ހިނގައިގަތެވެ. އެ ނޫނީ މި ގޮތަށް ނައުރާގެ ދިފާޢުގައި ބޮޑުބޭބެގެ އެއްވެސް ކުއްޖަކު ފާޅުގައި ބަހެއް ބުނި ހަނދާނެއް ނުވެއެވެ.
ޒަކުވާން ނައުރާގެ އަތުގައި ހިފަހައްޓައިގެން ހުރުމުން ލަދުވެތިކަން އިޙުސާސްވެ އެ އަތް ދަމައި ގަނެވުނީ ތަންގަނޑަކަށް ދެވުނު ވެސް ފަހުންނެވެ. ޒަކުވާން އެ ގޮތަށް ނައުރާ ގެންދާތަން އެއްވެސް މީހަކަށް ފެންނާކަށް ނައުރާ ނޭނދެއެވެ.
ނައުރާގެ އަތް ދަމައިގަތަސް އެ އަތުން ޒަކުވާން ދޫކޮށްލީ މަންމަ ގޭ ދޮރުމަތީ ބަލަން ހުރިތަން ފެނުމުންނެވެ. ނައުރާއަށް އަނީސާ ބަލަހައްޓައިގެން ހުރިކަން އެނގުނީ ވެސް އަދި މާ ފަހުންނެވެ.
“ޒަކުވާން ކޮން ކަމެއްތީ!”
އަނީސާ ޒަކުވާންއާ ސުވާލުކުރީ ނުރުހުމާއެކުގައެވެ. ޒަކުވާން ކުރީ ކުށެއްކަން އަންގާދޭ ފަދަ މޭރުމަކުންނެވެ. ނުވަތަ ނައުރާއާ އެއްކޮޅަށް ހުރުމަކީ އަނީސާ ރުހޭ ކަމެއް ނޫންކަން އަންގަން ބޭނުންވީއެވެ.
“މަންމާ! …. ފަރީދު ނައުގެ ބޮލުގެ އިސްތަށިގަނޑުގަ ހިފާ ދަމައިގަތީ!” ޒަކުވާން ޖެހިލުންވެ ހުރެވެސް ނައުރާގެ ދިފާޢުގައި ވާހަކަދައްކަން ބޭނުންވިއެވެ.
“ދެން ދަރިފުޅަށް ކީއްތަ! އޭނަގެ ދެއަތް އެބަހުއްޓެއްނު އޭނަގެ ސަލާމަތަށް މަސައްކަތް ކުރަން! ……. އެގޭ މީހުން ރުޅި އަންނާނީ ދަރިފުޅު ދެކެއެއްނު!”
އަނީސާ ކަންބޮޑުވީ ފަރީދުގެ މީހުން ޒަކުވާން ދެކެ ރުޅިއައިސްދާނެތީ އެކަމާއެވެ.
އަނިސާގެ އަރިމަތިން ކުރިކަނޑާ ގޯތިތެރެއަށް ވަދެގެން ދިޔަ ނައުރާއަށް އެންމެ ކުޑަމިނުން އަނީސާ ބަލައި ވެސް ނުލިއެވެ. އިސް ޖަހާލައިގެން މަޑު މަޑުން ހިނގާލާފައި ދިޔަ ނައުރާ ގޮސް ވަނީ ކޮޓަރިއަށެވެ. އެނދުގައި އިށީނދެ ފަރީދު ހިފެހެއްޓިތަނުން ދިލަ ނަގާތީ އެތަނަށް ބަލަހައްޓައިގެން ނައުރާއަށް އިނދެވުނީ ފެންކަޅިވެފައެވެ. އޭނަގެ ދިފާޢުގައި ތެދުވާނެ އެއްވެސް މީހަކު މި ދުނިޔޭގައި ނެތްކަން އަބަދުވެސް އޭނައަށް އިޙުސާސް ވެއެވެ. މިއީވެސް އެފަދަ ވަގުތެކެވެ. ޒަކުވާން އެ ކޮށްދިނީ ވަރަށް ބޮޑު ވަރެކެވެ.
އެވަގުތު އިތުރު އެހެން ދުވަހެއްގެ މަތިން ވެސް ނައުރާ ހަނދާން ވިއެވެ. އޭރު ނައުރާ އުޅުނީ ގްރޭޑް ހަތަރެއް ނޫނީ ފަހެއް ހިސާބުގައެވެ. ސްކޫލް ނިމިގެން ނައުރާ އާއި ޒާހިޔާ އަދި ޒަކުވާން ވެސް އައީ އެކު އެކީގައެވެ. ޔުނިފޯމް ބަދަލުކުރުމަށްފަހު ކާބަޔަށް ފުރަތަމަ ވަނީ ނައުރާއެވެ. އޭރު ނައުރާގެ ބޮޑުބޭބެ ކާން މޭޒުދޮށުގައި އިނެވެ. ނައުރާ ފެނުމުން ކާން އިށީންނާށޭ ބުނީ ނައުރާގެ މޫނަށް ބަލާލުމަށްފަހު ނައުރާ މާބޮޑަށް ބަނޑުފައި ވެފައި ހުރިހެން ހީވުމުންނެވެ. އޭރު އަނީސާ ހުރީ ކާއެއްޗެހި މޭޒުމައްޗަށް ނަގާފައެވެ.
އެދުވަހު އެގޭގައި މެންދުރަށް ކައްކާފައި ހުރީ މަސްބަތެވެ. އެއީ ނައުރާއަށް ވަރަށް މީރު އެއްޗެއްކަން ބޮޑުބޭބެއަށް އެނގުނީކަމަށް ވެސް ވެދާނެއެވެ.
ބަނޑުހައި ވެފައި ހުރިވަރުން ބޮޑުބޭބެ އެހެން ބުނުމުން ނައުރާ ވީއުފަލުން ކާން އިށީނެވެ. ނައުރާއަށް ކާން ރަނގަޅަށް ނުފެށެނީސް ބޮޑުބޭބެ ނިމިގެން އަތް ދޮވެލައިގެން ބޭރަށް ނިކުމެއްޖެއެވެ.
ނައުރާއަށް އަނގަޔަށް ލެވޭނީ ދެތިން ސުވަލެވެ. އަނީސާ އައިސް ކާބަޔަށް ވަނުމަށްފަހު ދެން ފެނުނީ ނައުރާގެ ބަތްތަށި ނެގިތަނެވެ. އަދި ތަށި ހުރިގޮތަށް ނައުރާގެ ބޮލަށް އޮއްސައިލީއެވެ.
ބަތްތައް ނައުރާގެ ބޮލަށް އެޅުމުން މުޅި މޫނަށާ ގަޔަށް ފައިބައިގެން ދިޔަ އިރުވެސް ނައުރާ އިންގޮތަށް ޖެހި ބުދެއްހެން ހިރިލާން ވެސް ނުކެރި އިނެވެ.
“ތަނެއްގަ އެއްޗެއް ހުއްޓެކޭ ކިޔާފަ ކާން ޖެހޭތަ! ބަލަ ކަލެއަކަށް ނޭނގޭތަ ތީ މަގޭ ދެ ދަރިންނަށް މަ ހަދާފަ ހުރި ކާއެއްޗެހިކަމެއް!”
އަނީސާ ކިތަންމެ ވަރެއް ކުރިއަސް ދުވަހަކުވެސް އަމިއްލަ ދިފާޢުގައި ޗުއްޕު ވެސް ނުބުނާ ނައުރާ މިފަހަރު އަނގަ ހުޅުވައިލީ ޖަވާބު ދިނުމަށެވެ. ރޮވިފައިވާ އަޑަކުންނެވެ.
“ބޮޑުބޭބެ …….!”
“ކޮން ބޮޑުބޭބެއެއް! ނިކަން ހުރެ އެންމެ ލަފުޒެއް ވެސް ކަލޭގެ ބޮޑުބޭބެއަށް އިއްވަބަލަ! ހަދާގޮތް ދައްކާލާނަން!”
ނައުރާގެ ޖުމްލަ މެދުކަނޑާލަމުން އަނީސާ ހަޅެއްލަވައިގަތެވެ.
އަނީސާ ބޭނުންވި ގޮތަށް އިތުރަށް އެންމެ ބަހެއް ވެސް ނައުރާގެ އަނގައަކުން ނުބުނެއެވެ. ބަދިގޭގެ ދޮރުން ބޭރަށް ނިކުތް އަނީސާއަކަށް ޒަކުވާން މި މަންޒަރު ބަލަން ހުރި ކަމެއް ނޭނގެއެވެ.
ދުވެފައި ގޮސް ބައްޕަ ގާތު މަންމަ ހެދިގޮތް ކިޔައިދިން އިރު އެ ސޮރު ވެސް ހުރީ ރޮވެން ކައިރިވެފައެވެ.
ބާރު ހިނގުމުގައި އައި ނައުރާގެ ބޮޑުބޭބެ ހާރޫނަށް ނައުރާ އިން ހާލު ފެނުމުން ދެރަވެ ހިތުގައި ޖެހުނެވެ. އަނބިމީހާގެ ރަޙުމެއް ނެތްވަރު ފެނުމުން ރުޅިއައެވެ. އެކަމަކުވެސް ބަސް މަދު ހާރޫނު މިފަހަރު ވެސް އިސްކުރީ ކެތްތެރިކަމެވެ.
ނައުރާ ގާތަށް ޖެހިލުމަށްފަހު ގިސްލެވިފައި އިން ނައުރާގާތު ބުނީ ޒަކުވާންއާ އެކު ގޮސް ބޮލުގައި ހުރި ކާއެއްޗެހި ފިލުވައިގެން އައުމަށެވެ.
އެދުވަހު ނައުރާގެ ބޮލަށް ދާނިން ފެން އަޅައި ދިނީ ޒަކުވާންއެވެ. ނައުރާގެ ފަންފަން ދިގު އިސްތަށިގަނޑުގެ ތެރޭހުރި ބަތްފުއްތައް ވެސް ހޮވާލަ ދިނެވެ.
ނައުރާ ފެންވަރައިގެން އައުމުން ނައުރާއަށް ކާން ހަދައިދިނީ ޚުދު ބޮޑުބޭބެއެވެ. އެހެންނަމަވެސް އަނީސާގެ ރުޅިގަނޑު ޒަކުވާންއަށް އަމާޒުވިއެވެ. ނައުރާއާ ގާތް ނުވުމަށާ އެއީ ޒަކުވާންއާ އަރާ އަރަފޯދޭ ކުއްޖެއް ނޫންކަމަށް ބުނެ ޒަކުވާންގެ ހިތުގައި ނައުރާއަށް ނަފުރަތާ ފޫހި އުފައްދަން މަސައްކަތް ކުރިއެވެ.
މަންމަ ދެކެ ބިރުން އެ ދުވަހަށްފަހު ޒަކުވާން އުޅުނީ ނައުރާއާ ދުރުންނެވެ. ޒާހިޔާ ފަދައިންނެވެ. އޭގެ ފަހުން ޒަކުވާންގެ އޯގާތެރިކަން ނައުރާއަށް ފެނުނީ ފަރީދު ނައުރާ ހިފެހެއްޓި ދުވަހުއެވެ.
އޯލެވެލްގައި ޒާހިޔާއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެން ނައުރާ ބޭނުމެއް ނުވިއެވެ. އެއީ އަނީސާއަށް ބިރުންނެވެ. ކުށެއް ނެތް މައުސޫމު ކުއްޖަކަށް ކޮށްފާނެ އަނިޔާއިން ސަލާމަތް ވުމަށްޓަކައެވެ. އެއްވެސް މާއްދާއަކުން ޓިއުޝަން ނުނެގިއަސް ޒާހިޔާއަށް ވުރެ ހަގީގަތުގައި މޮޅީ ނައުރާއެވެ. ފެންވަރު ވަޒަން ކުރެވި ނަތީޖާ އަތަށް ލިބޭ ކޮންމެ ދުވަހަކު އަނިސާގެ ވިހަގަދަ ބަސްތަކާ ނުރުހުމާ ލޯއެޅުމާ ނައުރާ ކުރިމަތި ލާން ޖެހޭތީ ނައުރާ ބޭނުންވީ އެގޮތެވެ.
ނައުރާގެ އޯލެވެލް ނިންމުނު ފަހުން އަނީސާ ފަހާކުލާހަކަށް ދާން ޒަރީންގެ ހުރިހާ ކަމަކާ ގޭތެރޭގެ ހުރިހާ ކަމެއްވެސް ނައުރާ ކުރުމަށް އަނީސާބުންޏެވެ. އޭރު އިތުރަށް ކިޔަވަން ބޭނުންވެގެން ބޮޑުބޭބެ ޒަކުވާން މާލެ ފޮނުވައިފިއެވެ. އަދި ހަމަ ޖެހިފައި އޮތްގޮތުން ނަތިޖާ ލިބުނުހާ އަވަހަކަށް ޒާހިޔާވެސް ކިޔަވަން މާލެ ފޮނުވާނެއެވެ. ކިތަންމެ ކިޔަވާހިތް ވިޔަސް ގޮތެއް ނެތީ ނައުރާއަށެވެ.
އޯލެވެލް ނިމުމަށްފަހު އުމުރުން އަށާރަ ފުރެންދެން ނައުރާ ކޮށީގައި ބަންދުވެފައި އިން ދޫންޏެއް ހެން އަނީސާގެ ބާރުގެ ދަށުގައި ފިތިފައި އިނެވެ. އެހެންނަމަވެސް ނައުރާގެ ވެސް އުންމީދުތަކެއް އޮތެވެ. ޢަޒުމެއް ވެސް އޮތެވެ. އަބަދު ބައެއްގެ ނުރުހުމުގެ ވިހަތީރު ހެރޭ މީހަކަށް ވެގެން ދިރިއުޅޭކަށް ނައުރާ ވެސް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އެހީއަކަށް އެދި ދާނީ ކާކުގެ ގާތަށް ހެއްޔެވެ. ހަމަ ޔަގީނުން ވެސް ބޮޑުބޭބެއަކަށް ނައުރާއަކަށް އެހީއެއް ނުވެވޭނެއެވެ.
ހަދާނެ ގޮތަކާމެދު އަބަދުވެސް ޚިޔާލުކުރެވި ނައުރާގެ ހުވަފެންތައް ޙަގީގަތަކަށް ހެދޭނެ ގޮތަކީ ކޮބައިތޯ ނައުރާ އައީ ވިސްނަމުންނެވެ. އުންމީދެއް އޮތިއްޔާ ކާމިޔާބުވާނެއެވެ. ﷲ އިރާދަ ކުރައްވައިފިއްޔާ އަނީސާއްތައަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެއެވެ. ނައުރާ ގަބޫލުކުރީ އެ ގޮތަށެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ނައުރާއަށް އަށާރަ ފުރުނު ހަފުތާއެވެ. އެއް ދުވަހަކު ހެނދުނު އަނީސާ އައިސް ނައުރާގެ ކޮޓަރިއަށް ވަދެ ވަރަށް ލޯބިން އޯގާތެރިކޮށް ނައުރާއާ ވާހަކަ ދައްކަން ފަށައިފިއެވެ. ފަހަކަށް އައިސް ޒާހިޔާ ފުރިފަހުން އަނިސާ މަދުމަދުން ނައުރާއާ ތަންކޮޅެއް ލޯބިން ވާހަކަ ދައްކާ ފަހަރު އާދެއެވެ. އެހެން ހެދުމުގައި ކެހިވެރި އަމިއްލަ އެދުމެއް އޮތްކަމަކަށް އޭރަކު ދުނިޔޭގެ ތަޖުރިބާ މަދު މައުސޫމު މި އަންހެން ކުއްޖާއަކަށް ރޭކައެއް ނުލައެވެ.
މިދުވަހު އަނީސާ އައީ އޭނަގެ އެ ރޭވުމަށް ޢަމަލީ ސިފަ ގެނައުމަށް އެންމެ ފަހުގެ ގޮތް ނިންމައިގެންނެވެ.
“ދަރިފުޅާ ނައުރާ! ނައުރާއަށްވެސް އެނގޭނެ މިހާރު ތީ ބޮޑު މީހެއްކަން! .. މިހެން އަބަދު ބޮޑުބޭބެގެ ބެލުމުގެ ދަށުގައި ކިހިނެތް ނައުރާ ގެންގުޅޭނީ ވެސް! …. ޒަކުވާންއާ ޒާހިޔާ އެތިބީ އިތުރަށް ކިޔަވަން ރާއްޖެއިން ބޭރުގަ! ….. އަނީސާއްތަމެން ވެސް އިތުރަށް ފައިސާ ވެސް ބޭނުންވާނެނު! ……. މިކަމަށް އެހީތެރިވެދޭން ހުރީ ހަމަ އެކަނި ނައުރާނު!”
އަނީސާ މި ދައްކާ ވާހަކަ އެއްވެސް ވަރަކަށް ފަހުމު ނުވާތީ ނައުރާ އިނީ ދެލޯ ބޮޑުކޮށްގެން އަނީސާއަށް ބަލަހައްޓައިގެންނެވެ.
“އަނީސާއްތަ ހޯދައިފިން ދަރިފުޅު އިންނަން ތަނަވަސް ރަނގަޅު މީހެއް!”
އެންމެ ފަހުން ނިންމާފައިވާ ގޮތް އަނީސާ ހާމަ ކުރުމުން ނައުރާއަށް އިންތަނުން ފުންމައިގެން ތެދު ވެވުނެވެ.
“އަނީސާއްތާ!….. އަހަރެން ………!”
ނައުރާގެ އަޑު ބެދި ހުއްޓުން އެރީ އަނީސާގެ އަލިފާންކަނި ބުރަ ބުރާހުރި ރުޅިވެރި ދެލޯ ފެނުމުންނެވެ.
“އާންން! ވިސްނާލާފަ ޖަވާބެއް ދޭތި މާދަމާ! ……ދިއްގާގަސްދޮށުގެ ޝުޖާ ހުރީ ނައުރާއާ އިންނަން ތައްޔާރަށް! ……..މީ ވަރަށް ރަނގަޅު ފުރުސަތެއްކަން ދަންނާތި!”
ނައުރާ ބުނަން އުޅުނީ ކީކޭކަން އެނގޭއިރު ވެސް މާނަ އޮޅުވާލާ އިންޒާރު ދިނުމަށްފަހު އަނީސާ ނިކުމެގެން ދިޔައީއެވެ.
އެ ބުނާ ޝުޖާއަކީ ނައުރާއަށްވުރެ ބާރަ، ފަނަރަ ވަރަކަށް އަހަރު ދޮށި މީހެކެވެ. ދެކުދިންގެ ބައްޕައެކެވެ. ތެދެކެވެ. މީހާއަކީ ރަނގަޅު ތަނަވަސް މީހެކެވެ. އެކަމަކުވެސް ހަމަ ކުއްލިއަކަށް މީހަކާ އިނދެވޭހެއްޔެވެ! އަދި އަމުދުން އެތައް އަހަރެއް ދޮށީ މީހަކާއެވެ.
އެދުވަހު އެތައް ގަޑިއިރަކު ވިސްނަން ނައުރާ ޖެހުނެވެ. ދެން ކަންތައް ކުރަންވީ ގޮތެކެވެ.
މެންދުރު ފަހަށް އެޅުމުން އަބަދުވެސް ގޭތެރެ އޮންނާނީ ހުސްކޮށެވެ. އެ ގަޑިއަކީ މެންދުރު ކައިގެން އަނީސާ ނިދަން ކޮޓަރިއަށް ވަންނަ ގަޑިއެވެ. ބޮޑުބޭބެ އުޅޭނީ ފިހާރާގައެވެ. ޒަރީން ވެސް އޮންނާނީ ކޮޓަރީގައެވެ.
ވިސްނެން ހުރި ހުރިހާ ދިމާއަކަށް ވިސްނުން ހިންގުމަށްފަހު ނައުރާ ގެއިން ނިކުމެ މިސްރާބު ޖެހީ ސްކޫލާ ދިމާއަށެވެ. އެގަޑިއަކީ ސްކޫލްގެ ޕްރިންސިޕަލް ހަމީދުބެ ސްކޫލް ނިމިގެން ގެއަށް ދާން ތައްޔާރު ވަމުން ދާނޭގަޑިކަން ނައުރާއަށް އެނގެއެވެ. ނައުރާއަށް އެއްވެސް އެހީތެރިކަމެއް ވެދެވޭނެ މީހަކަށް ހުރީ ހަމައެކަނި މަންމަ ފަރާތުގެ ދެބެންގެ ދެދަރި މި މީހާއެވެ.
ސަލާން ގޮވައިލުމަށްފަހު ޕްރިންސިޕަލާ ބައްދަލުކޮށް ނައުރާގެ ހާލަތު ޕްރިންސިޕަލް ޙަމީދުއާ ޙިއްސާކުރީ ނެތް ހިއްވަރު ލައިގެން އުންމީދުގެ ހުޅުކޮޅު ނުނިވުން އެދި ދުޢާ ކުރާ ހާލުގައެވެ. ލަދުގެ މައްޗަށް ސާބިތުކަން ގެނެސް ބޭނުންވާ ގޮތާ ޙާލަތު ބަޔާން ކޮށްދިނެވެ. އިތުރަށް ކިޔަވަން މާލެ ދެވޭނެ ގޮތެއް ހޯދައި ދިނުމަށާ ގެއެއްގެ ނޯކިރީ ކޮށްދީގެން ވިޔަސް ބޭނުމީ ކިޔަވަންކަމަށާ ހިނގާ ޚަރަދެއް ފަހުންދޭނެ ކަމަށާ އަނީސާ މިހާރު އެދޭ ގޮތަކީ ކޮބައިކަން ވެސް ރޮމުން ގިސްލަމުން ނައުރާ ކިޔައިދިނެވެ.
(ނުނިމޭ)
ޚިޔާލުތައް
އަޅޭ ހާދަރީއްޗޭ. މިއަށްވުރެ ދިގުކޮށް ގެނެސްދީބަލަ.
އަޅޭ ހާދަރީއްޗޭ. މިއަށްވުރެ ދިގުކޮށް ގެނެސްދީބަލަ.