A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުންމިދާ ޞަފުޙާތަކުން… 4

ވާހަކަ: ބަލަުމުން މިދާ ސަފުހާތަކުން

ހަތަރުވަނަ ބައި

އިތުރަށް ކިޔަވަން މާލެ ދެވޭނެ ގޮތެއް ހޯދައި ދިނުމަށާ ގެއެއްގެ ނޯކިރީ ކޮށްދީގެން ވިޔަސް ބޭނުމީ ކިޔަވަންކަމަށާ ހިނގާ ޚަރަދެއް ފަހުންދޭނެ ކަމަށާ އަނީސާ މިހާރު އެދޭ ގޮތަކީ ކޮބައިކަން ވެސް ރޮމުން ގިސްލަމުން ނައުރާ ކިޔައިދިނެވެ.

އިރުކޮޅަކު ވިސްނަން އިނުމަށްފަހު ހަމީދު ވިދާޅުވީ ގޮތެއް ހޯދައިދޭނެ ކަމަށާ އަނީސާ ސުވާލުކޮށްފިނަމަ ޝުޖާއާ އިންނަން އެއްބަހޭ ބުނުމަށެވެ. އަދި ޕްރިންސިޕަލް ހަމީދާ ނައުރާއާ ދެމެދު ދެކެވުނު ވާހަކަ އެއްވެސް މީހެއްގެ ގާތު ނުބުނުމަށެވެ.

ދެ ފަރާތުން ދެކެވުނު ވާހަކަ ތަކަކަށްފަހު އިރުކޮޅެއްފަހުން ނައުރާ ފެނުނީ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލުމަށްފަހު ހިނިތުންވެފައިވާ މޫނަކާއެކު ގޮސް ގެއަށް ވަންތަނެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. ހަވީރުއަތަށް އެޅިއިރު ނައުރާ އިނީ މާލެދިއުމަށް ރަށުން ފުރި ލޯންޗުގައެވެ. ފުރުމުގެ ކުރިން ގެއާ އިންވެގެން ހުރި ގޭގެ ފާތުމާދައިތަ އަތަށް އަނީސާއްތައާ ހަވާލުކޮށްދޭށޭ ބުނެ  ސިޓީއެއް ދިނެވެ. އަދި ސިޓީ ދޭނީ އިރު އޮއްސުމުންކަމަށާ އޭގެ ކުރިން ނުދިނުން އެދި އާދޭސް ކުރިއެވެ.

އެ ސިޓީގައި ނައުރާ ލިޔުނެވެ.

“މިއަދު މި ފިޔަވަޅު މި ގޮތަށް އަޅަން ޖެހުނީ ދިރިއުޅުން އަހަންނަށް ދެއްކި ކުލަތަކުގެ ސަބަބުންނެވެ. ކުރަން ޖެހުނު ހިތި ތަޖުރިބާތަކުގެ ސަބަބުންނެވެ. އުފުލަން ޖެހުނު ވޭނާ ތަކުލީފުންނެވެ. އަދި މުސްތަޤުބަލަށް ކުރެވޭ އުންމީދުގެ ސަބަބުންނެވެ.

އަނީސާއްތައަށާ ބޮޑުބޭބެއަށް އަހަރެން ދަރާފައިވާ ދަރަނި ފަހަރެއްގައި އަދާ ނުކުރެވިދާނެއެވެ. އެހެންނަމަވެސް އުންމީދުކުރަނީ ކޮންމެވެސް ދުވަހަކުން އަހަންނަށް ދިން ބޯހިޔާވަހިކަމަށާ ދިން ކާއެތިކޮޅަށާ ކުރި ބޭސް ފަރުވާއަށް އަދި ދެންވެސް ކޮށްދިން އެންމެހާ ކަންތަކަށް ބަދަލު ދެވޭނެ ދުވަހެއް ދެއްކެވުމެވެ.

އަނީސާއްތަގެ ފަރާތުން ލިބުނު ތަރުބިޔަތުން އަހަންނަށް ދުނިޔޭގެ ހަފަރާތް ފެނުނެވެ. އެ ތަރުބިއްޔަތުން އަހަންނަށް އެންމެ ބޮޑަށް ދަސްވީ އަނެކުންނަށް އަނިޔާވެރި ނުވުމަށާ އަނެކުންގެ އިޙުސާސްތަކަށް ގަދަރު ކުރުމަށެވެ. ތަފާތު ނުކުރުމަށާ ޖެއްސުން ނުކުރުމަށެވެ. އަދި ކޮންމެ މީހެއްގެ ހިތަށްވެސް ތަދުވާނެ ކަމަށާ އެހެން ތަދު ވެއްޖިއްޔާ ހިތުގައި ވޭން އަޅާކަމެވެ.

ދަސްވި ރަނގަޅު ހުރިހާ ކަމަކަށް އަނީސާއްތައަށް އަހަރެން ޝުކުރުވެރިވަމެވެ.

ތި ދެމަފިރިންނަށާ ދެމަފިރިންގެ ކުދިންނަށް ބާއްޖަވެރިކަމަށް އަބަދުވެސް އެދި ދުޢާ ކުރާނަމެވެ.”

ނައުރާއަށް މާލެ ފޭބޭ ވަރުވީ އެރޭ ބާރަ ވެސް ޖެހިފަހުންނެވެ. ހަމަ ޖެހިފައިވާ ގޮތަށް ނައުރާ ގުޅުމުން ނައުރާ ބަލާ ނައުރާ ހުންނަން ހަމަ ޖެހިފައިވާ ގޭގެ ފަރާތުން މީހަކު އައިސް ހުއްޓެވެ.

ގެއަކީ ތަނަވަސް ބަޔަކު ދިރިއުޅޭ ގެއެކެވެ. ނައުރާގެ ޒިންމާއަކީ ގޭގައި އުޅޭ ބިދޭސީ މަސައްކަތު މީހާއާއެކު ގޭގެ ކަންތައް ކުރުމާ ކަންކަން ބެލެހެއްޓުމެވެ. ފަތިހު ފަތިހާ ތެދުވެ ކެއްކުމުގެ ކަންތަކާ ދޮވެ ސާފުކުރުމުގެ މަސައްކަތް ނައުރާ ކުރަން ޖެހެއެވެ. ނުވަތަ ކުރުވަން ޖެހެއެވެ. މެންދުރު ފަސް ނައުރާއަށް ޗުއްޓީއެވެ.

ގޭގެ ވެރިފަރާތަށް ނައުރާ ފެނުނީ ހީވާގި މުރާލި މަސައްކަތަށް ކަމޭ ހިތާ އުޅުން ހުރި ކުއްޖެއްގެ ގޮތުގައެވެ. މި ޒަމާނަށްބަލާއިރު ނައުރާ އަކީ އަދި އުމުރުން އަށާރަ ފުރުނަސް ޅަކުއްޖެކެވެ. އެކަމަކުވެސް ނައުރާވީ ޒިންމާ ނަގަން އެނގޭ ޒިންމާދާރު ކުއްޖަކަށެވެ.

ޕާޓްޓައިމް ވަޒީފާއެއް ބޭނުންވެފައި ހުރި ނައުރާއަށް އެގޭގެ ފިހާރައެއްގެ ކައުންޓަރގައި އިންނަން އެގޭގެ ދައްތަ ފުރުސަތު ހޯދައި ދިނުމުން ނައުރާ ވަރަށް އުފާވިއެވެ. އަދި ބޭނުންކޮށްފައި އޮތް ފޯނަކަށްވިޔަސް، ފަހުގެ ފޯނެއް ދިނުން ވެސް ވެގެން ދިޔައީ ނައުރާ އެހާ އުފާވި ކަމަކަށެވެ.

ކުރިން ނައުރާ އަތުގައި އޮތީ ބައްތި ފޯނެކެވެ. އެ ބޭނުން ކުރަމުން އައީ ހަމަ އެކަނި ގުޅުމަށާއި މެސެޖެއް ކޮށްލުމަށެވެ. އޭރު އެވަރުން ފުދެއެވެ. އެހެންނަމަވެސް ތަނަވަސް ބައެއްގެ ތެރޭ އުޅެން ޖެހުމުން އެމީހުންގެ ކަންކަމުގައި ވައިބާރ ވެސް ބޭނުން ކުރަން ޖެހޭ ފަހަރު އަންނާތީ އެގޭ ދައްތަ ފޯނެއް ދިނީ ކަމަށް ވެދާނެއެވެ.

ސްމާޓް ފޯނެއް ލިބުމުން ވައިބާ އިންސްޓޯލް ކޮށް ފޭސްބުކު އެކައުންޓެއް ވެސް ހުޅުވިއެވެ. ކިޔަވަން ފެށުމުން އިތުރު މައުލޫމާތުތަކާ އިތުރު ފަސޭހަތައް ނައުރާއަށް ވެސް ލިބެން ޖެހޭނެތީއެވެ. އެފްބީ އެކައުންޓެއް ހުޅުވިއަސް އެއަކަށް އެއްވެސް މީހަކު އެޑެއް ނުކުރެއެވެ. ނައުރާ ދަންނަ މީހުން ނޫޅޭތީއެވެ. ނުވަތަ ރައްޓެހިކަން ބާއްވަން ބޭނުން ބަޔަކު ނެތީމައެވެ. ފޯނުގައި ސޭވް ކޮށްފައި އޮތީ އެގޭ ދައްތަ ނަމްބަރާ ހަމީދުބެ ނަމްބަރާ ގޭގައި އުޅޭ ބޭރުމީހާ ނަމްބަރު އެކަންޏެވެ.

ކޮންމެވެސް ބައެއްގެ ގާތްކަމާ އެހީތެރިކަން ލިބެން ފެށުމުން ނައުރާގެ މޫނުމަތިން އުޖާލާކަމާ ވިދުން ފެންނަން ފެށިއެވެ.  ގެތެރޭ އުޅޭއިރު ވެސް އަދި ފިހާރައިގެ ޑިއުޓީގައި އިނަސް އަބަދު ހުންނަން ޖެހެނީ ރީތިވެގެންނެވެ. އެހެން އުޅެން ފެށުމުން ނައުރާއަށް ވެސް ނައުރާގެ ރީތިކަން ހާމަވެ އެކަން ފާހަގަ ވިއެވެ. މޫނުގެ ދޮންކަމާ ފަން ދިގު އިސްތަށިގަނޑުގެ ރީތިކަމެވެ. އެ ރީތިކަމުން ފިރިހެނުންގެ ލޯތައް ނައުރާއަށް އަމާޒުވާކަން އެނގުމުން ހިތުގައި ނުތަނަވަސްކަން އުފެދުނެވެ.

ނައުރާ އުޅޭ ގޭގެ ދައްތައަކީ ޝޯލް އަޅާ މީހަކަށް ނުވިއަސް ނައުރާ ޝޯލް އަޅަން ބޭނުން ވާހަކަ ބުނުމުން އެކަމަށް ބޭނުންވާ ސާމާން ހޯދައި ދިނެވެ. ދިގު ދޫހެދުމާ ޝޯލެވެ.

ޤުރުއާން ޑިޕްލޮމާ ކޯހުގެ ކިޔެވުން ފެށުމުން ނައުރާ ރޭގަނޑު ދަނީ ކުލާހަށެވެ. ހަވީރު ފިހާރަ ބަންދުކުރަންދެން އިންނަނީ ފިހާރާގައެވެ. ދުވާލުގެ ހެނދުނުކޮޅު ހުސްކުރަނީ ގޭތެރޭގެ ކަންކަން ކުރުމާ ކުރުވުމުގައެވެ. އެހެންވިޔަސް ދުވަހަކުވެސް ބުރަވެގެން އުނދަގޫވެގެނެއް ނައުރާ ނޫޅެއެވެ. ވަރުބަލިވެގެން ޖައްސައިލި ތަނެއް ނުފެނެއެވެ. ނައުރާގެ މިސިފަތަކުގެ ސަބަބުން އެގޭ ދައްތަ ހުންނަނީ ނައުރާއާ މެދު ވަރަށް ހިތްހަމަ ޖެހިފައެވެ. ގެންގުޅޭ ކުއްޖަކަށްވުރެ ބޮޑަށް އާއިލީ ކުއްޖެއްގެ ގޮތުގައި ބެލެވެއެވެ.

ކޯހުގެ ކިޔެވުން ނިމެން ދެ މަހަށް ވީފަހުން އެއްދުވަހަކު ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރުކުރަން ނައުރާ ހުއްޓާ އިތުރު މީހަކަށާއެކު ކާން ހަދަން ދައްތަ ބުންޏެވެ.

ކާންތައްޔާރު ކުރުމަށްފަހު ނައުރާ ވަނީ ކުލާހަށްދާން ތައްޔާރު ވުމަށެވެ.

ކާން އެންމެން އިށީނދެ ތިއްބާ މަޒީދުގެ ކޮޓަރިއާ  ޖެހިގެން ހުރި ކޮޓަރިން ނިކުތް އަންހެން ކުއްޖާ ފެނުމުން މަޒީދުގެ ނަޒަރު އެނޫން ތާކަށް ނުހުއްޓުނެވެ. ނައުރާ ނިކުމެގެން ދިޔައިރު ވެސް މަޒީދު އިނީ އެ ފަރި ރީތި ފަތްމިންޏަށް ގެއްލި ހުސްވެފައެވެ. މަޒީދު އިން ހާލު ފެނުމުން އެގޭ ދައްތައާ ބޭބެ ހޭން ފެށުމުން މަޒީދު އިސް އޮބައިލީ ލަދުންނެވެ.

“އެއީ އަހަރެމެންގެ ރައްޓެއްސެއްގެ ތިމާގެ ކުއްޖެއް! ވަރަށް ރަނގަޅު އުޅުން ހުރި ކުއްޖެއް! ކުލާހަށް އެދިޔައީ!” ހެމުން ހެމުން މަޒީދުގެ ފަހަރި ގޭގެ ވެރިޔާގެ އަންހެނުން ހިދާޔާ އޮޅުން ފިލުވައިދިނެވެ.

ކުލާސް ނިންމާފައި ގެއަށް އައި އިރުވެސް މަޒީދުގެ އެއްވެސް ޚަބަރެއް ނައުރާއަކަށް ނުވެއެވެ. ގެއަށް އައިސް ހެދުން ބަދަލުކޮށްގެން ނިކުމެ ކާން އިށީން ފަހުން އެހެން މީހަކު ސިޓިން ރޫމުގައި އިންހެން ހީވެގެން ނައުރާ މޫނު އަނބުރާ ބަލައިލިއެވެ. ޓީވީއަށް ކުރިމަތިލައިގެން އިން ޒުވާން ފިރިހެނާ އިނީ ކަޅި ޖަހާނުލާ ނައުރާއާ  ދިމާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ބެލުމުން ނައުރާއަށް ހީވީ ކުރިން ދުވަހަކުވެސް އަންހެނަކު އޭނާއަށް ފެނިފައި ނުވާހެންނެވެ.

ހަދާނެ ގޮތެއް  ނުވިސްނި އިރުކޮޅަކު ނައުރާ އިނެވެ. އެއަށްފަހު އެ ބެލުމުން އުނދަގޫވެގެން އަދި އެއަށްވުރެ ބޮޑަށް ލަދު ގަތުމުން ނައުރާވަނީ ކޮޓަރިއަށެވެ. ދެން ނިކުތީ ބުރުގާއަކުން އިސްތށިގަނޑާ މޭމަތި ނިވާކޮށްގެންނެވެ. އެހެންނަމަވެސް ނައުރާ ޙައިރާންވީ ކުރިން އެތާ އިން ޒުވާން ސްމާރޓް ފިރިހެނާ މިހާރު އެތާ ނެތުމުންނެވެ. ހިތަށް ލިބުނީ ހަމަ ޖެހުމެކެވެ. އިށީނދެ ރަނގަޅަށް ކައިގެން ނައުރާ ކޮޓަރިއަށް ވަން އިރުވެސް އެމީހާގެ އެއްވެސް ހިލަމެއް ނުވުމުން ނައުރާ ހުރީ ހަމަ ޖެހިފައެވެ. އެމީހާ މަތިން ހަނދާން ވެސް ނެތްކަހަލައެވެ.

އާދައިގެ މަތިން ހެނދުނު ތެދުވެ ނައުރާ އުޅުނީ ގޭތެރޭގެ މަސައްކަތްތަކުގައެވެ. ހެނދުނުގެ ސައިގެ ކަންތަކުގައެވެ. އެކަން ނިމުމުން ގޭތެރެ ފޮޅާ ސާފު ކުރުވުމުގައެވެ.

“ކޮފީއެއް ހަދައިދެވިދާނެތަ!”

ކަންފަތް ބުޑުން އިވުނު ފިރިހެނެއްގެ އަޑަށް ނައުރާ ދިޔައީ ހަގީގަތުގައި ވެސް ސިއްސައިގެންނެވެ. އެނބުރި ފަހަތް ބަލައިލިއިރު ރޭގައި ފެނުނު ފިރިހެންމީހާ ނައުރާ އާއި ދާދި ގާތުގައި ހުއްޓި ހުރިތަން ފެނުމުން ހިތްހަމަ ނުޖެހުން މޫނުމަތިން ފާޅުކުރިއެވެ.

“ހައި! މަޒީދު!” ސަލާމަށް އަތް ދިއްކުރަމުން ތަންކޮޅެއް ދުރަށް ޖެހިލަމުން މަޒީދު ތަޢާރަފު ވިއެވެ.

މަޒީދުގެ އެ ޙަރަކާތް ނައުރާއަށް ކަމުދިޔައެވެ. ނައުރާގެ ހިތްހަމަ ނުޖެހުން މަޒީދުއަށް ފާހަގަވީމައެވެ.

 

ނައުރާ ޖަވާބެއް ނުދީ އަވަސްވެގަތީ ކޮފީ ހެދުމަށެވެ. އެގޭގައި އުޅޭ ކޮންމެ މީހަކަށް ވެސް ޚިދުމަތް ކުރުމަކީ ނައުރާ ގަބޫލުކުރާ ގޮތުގައި ނައުރާ ކުރަންޖެހޭނެ ކަމެކެވެ. އެ އުސޫލުންނެވެ.

ކޮފީތަށި ގެނެސް މަޒީދު އިށީނދެ އިން ސޯފާގެ ކުރިމަތީ ހުރި ކުޑަމޭޒުމަތީ ބެހެއްޓުމަށްފަހު ނައުރާ އެނބުރިލުމުން މަޒީދު އެދުނީ ނަން ބުނުމަށެވެ.

“ނަން އެނގިއްޖިއްޔާ ވާހަކަ ދައްކަން ފަސޭހަވާނެ!”

ތެދެކެވެ. އެއްގެއެއްގެ ތެރޭ އުޅޭއިރު ނަން އެނގުން މުހިންމެވެ. ނައުރާ ވިސްނައިލިއެވެ.

“ނައުރާ!”

ނައުރާގެ އަޑު އިވުމުން މަޒީދު ދިޔައީ ސިއްސައިގެންނެވެ. ރީތިކަމާ ހިތް ދަމައިގަތުން ހުރީ ސިފައިގާ އެކަންޏެއް ނޫނެވެ. އެއަޑު ވެސް ދެވަނަ ފަހަރަކު ވެސް އަހާލާހިތްވާނެއެވެ. މަޒީދަށް ހިތާހިތާ ކިޔާލެވުނެވެ.

“އޯހް! ވާވް!”

“ކީކޭ!” ހިތް ހަމަ ނުޖެހުނު ނަމަވެސް ނައުރާ ބެލީ ވީހައިވެސް އަދަބުވެރިކޮށް ވާހަކަ ދެއްކޭތޯއެވެ.

ނައުރާގެ ސުވާލަށް ޖަވާބު ނުދީ ހީނލަމުން މަޒީދު ނަޒަރު ހުއްޓައިލީ ދުރަށެވެ. މަޒީދުގެ ފަރާތުން ފެނުނު ފޮނިގޮތް ނައުރާއަކަށް ކަމަކުނުދިޔައެވެ. އެހެންނަމަވެސް އިތުރު ސުވާލެއް ނުކޮށް ނައުރާ އެނބުރި ދިޔައީ ކުރަން ހުރި މަސައްކަތް ނިންމުމަށެވެ.

މަޒީދު އެއީ ކާކުކަން އެނގޭކަށް ނައުރާ ބޭނުމެއްނޫނެވެ. އެއީ ކޮންމެ މީހަކަށްވިޔަސް ނައުރާއަކާ ކީކީހެއްޔެވެ! އެހެންނަމަވެސް މަޒީދު އެއީކާކުކަން އެގޭގެ ދައްތަ ކިޔައިދން އިރު އަޑު އެހުން އެއީ ނައުރާ ކުރަން ޖެހޭކަމެކެވެ. އަގަކާ ނުލާ ފަސޭހަ އަރާމު ދިރިއުޅުމެއް އެގޭގައި ހޭދަ ކުރެވޭތީއެވެ. އަދާކުރާނެ ވަޒީފާއެއް ދިނީތީއެވެ. އެގޭގައި ހުރެގެން ބޭނުންވާ ރޮގުން ކިޔެވުމުގެ ފުރުސަތު ފަހި ވީތީއެވެ. ލޭގެ ގުޅުން ތިބި މީހުންނަށްވުރެ އޯގާތެރިވާތީއެވެ.

“ނައުރާ!……. މިއީ މިގޭ ބޭބެގެ ބޮޑުބޭބެ ކުއްޖެއް! މިގޭގައި މަޒީދު އުޅެނީ!”

ހިދާޔާގެ ވާހަކައަޑުއެހިކަން އަންގަން ނައުރާ ހީނލަމުން މަޑުމަޑުން ބޯޖަހައިލީއެވެ.

އެގޭގެ މީހުންނަކީ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އެމީހުންގެ ތިމާގެ މީހެއްގެ ރިސޯޓަށް ޗުއްޓީއަށް ދާބައެކެވެ. ހުކުރު ދުވަހު މެންދުރު ފަހު ގޮއްސަ އަންނާނީ ހޮނިހިރު ދުވަހުގެ ފަތިހުއެވެ. ނައުރާ އެގެއަށް އައިސް މިވީ ދުވަސް ތަކުގައި، ކުރީ ކޮޅު ނައުރާ ގާތުވެސް ދާން ހިދާޔާ ބުނާނެއެވެ. އެކަމަކު ދުނިޔޭގެ އެފަދަ އުފާތަކާ ބީރައްޓެހި ނައުރާ އެކަމުން މަނާ ވެގަންނަނީއެވެ.

“ނައުރާ! މާދަމާ މެންދުރުފަހު ދައްތަމެން ރިސޯޓަށް ދަމޭ! ……… މިފަހަރު ވެސް ނުދާނަންތަ! ކޯސް ވެސް ދެން ތި ނިމެނީނު! ….” ހިދާޔާ އަނެއްކާވެސް ނައުރާއަށް ރިސޯޓަށް ދާން ދަޢުވަތު ދިނެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • އަހަރެން

    ވާހަކަ އަވަސް ކޮށް ދީބަލަ ހާދަލަހޭ