A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުންމިދާ ޞަފުޙާތަކުން… 5

ވާހަކަ: ބަލަުމުން މިދާ ސަފުހާތަކުން

ފަސްވަނަ ބައި

ނައުރާ އެގެއަށް އައިސް މިވީ ދުވަސް ތަކުގައި، ކުރީ ކޮޅު ނައުރާ ގާތު ވެސް ރިސޯޓަށް ދާން ހިދާޔާ ބުނެއެވެ. އެކަމަކު ދުނިޔޭގެ އެފަދަ އުފާތަކާ ބީރައްޓެހި ނައުރާ އެކަމުން މަނާ ވެގަތީއެވެ.

“ނައުރާ! މާދަމާ މެންދުރުފަހު ދައްތަމެން ރިސޯޓަށް ދަމޭ! … މިފަހަރު ވެސް ނުދާނަންތަ! ކޯސް ވެސް ދެން ތި ނިމެނީނު! ….” ހިދާޔާ އަނެއްކާވެސް ނައުރާއަށް ރިސޯޓަށް ދާން ދަޢުވަތު ދިނެވެ.

ހިދާޔާގެ އަޑު އިވުމުން މަޒީދު ބަލައިލީ ނައުރާއަށެވެ. ނައުރާ ދެނީ ކޮން ޖަވާބެއްތޯ ބެލުމަށް ކަމަށް ވެދާނެއެވެ. މޫނުމަތިން އޭނަ ވެސް އެކަމަށް އެދިގެން އިންކަން ހާމަވެއެވެ.

“އަޅުގަނޑު ދާހިތެއް ނެތް! ….. ވަރަށް ގިނަ އެއްޗެހި ދަސްކުރަން ހުރީމަޔާ ވެސް އެކު ….!”

އާދައިގެމަތިން ނައުރާ ރެކިގަތެވެ.

މަޒީދު ކުރި އުންމީދު ފެނަށް ވުމުން ނުތަނަވަސްކަން އިޙުސާސްވިއެވެ. އަދި މަޒީދު ދަތުރު ދާހިތް ވެސް ކެނޑިއްޖެއެވެ. ނައުރާގެ އެ ޖަވާބު ލިބުމުގެ ކުރިން މަޒިދު ހުރީ އެ ދަތުރު ބޮޑުބޭބެ މެނާއެކު ދިއުމަށް ކޮންމެހެން ނިންމައިގެންނެވެ.

ހުކުރު ދުވަހު ހިދާޔާގެ ދެމަފިރިންނާ މަޒީދުއާ އަދި އެ މީހުންގެ ތިމާގެ އިތުރު ދެމަފިރިއަކާއެކު ރިސޯޓަށް ދާން އެމީހުން ގެއިން ނައްޓައިލީ އަސުރުގެ ފަހުންނެވެ. ހުކުރު ދުވަހަކީ ފިހާރައިގެ މަސައްކަތުގައި ނައުރާއަށް ވެސް ޗުއްޓީ ލިބޭ ދުވަހެކެވެ. އެހެންނަމަވެސް ގޭގައި އެކަނި އިނުމަށްވުރެ ފިހާރައަށް ދިއުމުން ފޫހި ވެސް ފިލާނެތީ ނައުރާ ބޭނުންވީ ފިހާރައަށް ދިއުމަށެވެ. ފިހާރަ ބަންދުކުރާނީ އެގާރަ ޖެހުމުން ކަމަށްވިޔަސް ނައުރާގެ ޗުއްޓީ ދުވަހެއްކަމުން މިރޭ ދިހައެއް ޖެހުމުން ނައުރާ އައީ ގެއަށެވެ.

މިގަޑީގައި ގޭގައި ދެން އުޅޭނީ ބޭރުމީހާ އެކަންޏެވެ. އޭނަ އިންނާނީ ޓީވީ ބަލާށެވެ. ގޭގެ ތަޅުގައި ނައުރާ ހިފައިލިއިރު ވެސް ޓީވީގެ އަޑު އިވެއެވެ. ތަޅުގެ އަތްގަނޑުގައި ހިފާލަމުން އަނެއް އަތުން ދޮރުގައި މަޑު މަޑުން ދެ ފަހަރަކު ޖަހައިލިއެވެ. ދެން ދޮރު ހުޅުވަންދެން މަޑުކޮށްލުމަށްފަހު އަތުގައި އޮތް ފޯނުން ވައިބަރ ގައި ހުރި ކުލާހުގެ ކުދިންގެ ފޮޓޯތަކަކަށް ނަޒަރު ހުއްޓައިލިއެވެ.

ދޮރު ހުޅުވުނު އަޑާއެކު ވެސް ނައުރާގެ ނަޒަރު ފޯނުން ވަކިކޮށްނުލާ އެތެރެއަށް ވަދެ ފައިން ދޮރު ލައްޕައިލިއެވެ. އަދި ކުރިއަށް ހިނގައިގަންނަމުން ބޭރުމީހާއާއި އަނގައިން ބުނަންކަމަށް އޭނަ އިށީނދެ އިންނަ ދިމާލަށް ނަޒަރު ހިންގައިލިއެވެ.

އެވަގުތު ފެނުނު މަންޒަރުން މީހާ ގަނޑުވެ ހިތުގައި ބިރުވެރިކަން ހިނގައިލީ އިންތިހާއަށެވެ. ބޭރު މީހާ އިންނަ ގޮނޑިއާ ހަމައަށް ނައުރާގެ ނަޒަރު ދަތުރު ކުރުމުގެ ކުރިން އެ ނަޒަރު ހުއްޓުވީ ސޯފާގައި އިން މަޒީދު ފެނުމުންނެވެ. މަޒީދު ބަލަހައްޓައިގެން އިނީ ކުރިމަތީހުރި ޓީއިން ފެންނަމުންދިޔަ އިނގިރޭސި ފިލްމަށެވެ.

ވައްކަޅިން ނައުރާއަށް ލިބުނު ސިހުން ބަލަން އިން މަޒީދު ދެނަހުރިކަމަށް ވެސް ނަހަދާ އިން ގޮތަށް އިނެވެ.

އައިސް އަލަމާރި ކައިރިއަށް ޖެހިލުމަށްފަހު ނައުރާ ފިނި ފެންފުޅިއެއް ނަގާ ތައްޓަކަށް އަޅައިގެން ފެންފޮދު ދަމައިލީ އެއް ކޯވަރުންނެވެ. އޭރުވެސް މަޒީދުގެ ތޫނު ނަޒަރުން ނައުރާއާ ދިމާއަށް ކަޅި އެއްލަމުން ދިޔައެވެ.

ނައުރާ ހީކުރި ގޮތުގައި މަޒީދު ނައުރާއާ ދިމާއަށް ބަލައި ވެސް ނުލައެވެ. އެހެންކަމުން ކޮންމެވެސް ވަރެއްގެ ހިތް ހަމަޖެހުމެއް ނައުރާއަށް ލިބިފައި އޮތެވެ.

ފެން ބުއި ތަށި ދޮވެލުމަށްފަހު ތަށި ބަހައްޓާފައި ނައުރާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

“ގެނެސްދީބަލަ ތައްޓެއް!…… ނައުރާ ކޯކު ނުބޯނަންތަ! …..!”

މަޒީދުގެ އަޑު އިވުމުން ކުރިއަށް ހިނގައިގަތް ނައުރާ އެނބުރި ބަލައިލިއެވެ.  އެއަޑުގައި އެއްވެސް ކެހިވެރިކަމެއް ނެތެވެ.

“އަހަންނެއް ނުބޯނަން……! ކޯކަކީ އަހަރެން ބޯ އެއްޗެއް ނޫން…..!”

ތައްޓެއް ނަގަމުން ނައުރާ ޖަވާބުދިނެވެ. ނެގި ތަށި ގެނެސް މަޒީދުގެ އަތަށް ދިއްކޮށްލުމުން މަޒީދު އެދުނީ ފްރިޖް ގައި ހުރި ކޯކުފުޅި ވެސް ގެނެސް ދިނުމަށެވެ. ނުވެސް ކަނޑާ ހުރި އެ ފުޅި ނައުރާ ދިއްކޮށްލުމުން މަޒީދު އެ ފުޅީގެ މަތީގައި ހިފާ އަނބުރާލުމުން ޗުސް ލައްވާފައި ކޯކުތައް މައްޗަށް އަރައިގެން އައި މަންޒަރު ބަލަން ނައުރާ ހުއްޓެވެ. އިރުކޮޅަކުން ނައުރާ ގެނެސްދިން ތަށީގެ އެއްބަޔަށް ކޯކު އެޅުމަށްފަހު މަޒީދު އިސް އުފުލާލަމުން އަދި އެއްތަށި ގެނެސް ދިނުމަށް އެދުނެވެ.

ދެވަނަ ތައްޓެއްގެ ބޭނުމަކީ ކޮބައިބާއޭ ހިތަށް އެރި ނައުރާ އެ ސުވާލެއް ނުކުރެއެވެ. އަނެއްކާވެސް އިތުރު ތައްޓެއް ގެނެސް ދިއްކޮށްލުމުން އެތަށީގެ ފުރެންދެން މަޒީދު ކޯކު އެޅިއެވެ. އަދި ދެވަނައަށް ގެނައި ތަށީގައި ތުން ޖަހާލަމުން އަނެއް އަތުން ދެން ހުރި ތަށި ނަގާ ނައުރާއަށް ދިއްކޮށްލިއެވެ.

ނޫނެކޭ ބުނެ ނައުރާ ބޯ ހޫރާލުމުން މަޒީދު އެދުނީ ދުވަހަކުވެސް ކަމެއް ކޮށްދެއްޏާ  އެފޮދު ބޯލުމަށެވެ.

“ބަލާބަލަ! ނައު ނުބޯއެއްޗަކަށް ވާތީ އަހަރެން މިއެޅީ ވެސް ކުޑަކުޑަ ފޮދެއްނު.!…..  ޕްލީޒް…..! ހަމަ އެކަނި އަހަންނާ ބައިވެރިވެލަން!”

މަޒީދު ވާހަކަ ދެއްކީ ވަރަށް ގާތްކޮށް އާދޭހުގެ ރާގަކަށެވެ.

ކިތަންމެ ބޯން ބޭނުން ނުވިއަސް ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ނައުރާއަށް ކެހި ލިބުނީ އެ ނިންމުމުގެ ސަބަބުންނެވެ. ކެހިވެރިންނާ މަކަރުވެރިންގެ މޫނުގައި އެހެން ލިޔެފައި އޮންނަނަމަ ނައުރާގެ މުޅި އުމުރަށް ހިތާމަ ކުރަން ޖެހޭ ވަރުގެ ކަމަކާ އެރޭ ކުރިމަތި ނުވީހެވެ.

މަޒީދުއާ ދެކޮޅު ނަހަދަންވެގެން ނައުރާ އެއްނޭވާއިން ކޯކުފޮދު ދަމައިލިއެވެ. އަދި ބުއި ތަށި ދޮވެ ބެހެއްޓުމަށްފަހު ކޮޓަރިއަށް ވަންނަން ހިނގައިގަތުމުން އުނދަގޫގޮތެއް އިހުސާސްވާން ފެށިއެވެ. ބޮލަށް އެނބުރުން އަރާހެންވެސް ހީވިއެވެ.

ނައުރާއަށް ވަމުން ދިޔަގޮތް ބަލަން ފާރަލައިގެން އިން މަޒީދުއަށް ނައުރާގެ ހާލަތު އެނގެއެވެ. ދެންވާނެ ގޮތްވެސް އެނގެއެވެ. އަދި އޭނަ ދެން ކަންތައް ކުރާނެ ގޮތް ވެސް އެނގެއެވެ. ބޮޑުބޭބެމެނާއެކު ދަތުރު ދިއުން ކެންސަލްކުރި ބޭނުން ހާސިލްވާކަމުގެ ކޮޅުމަތި ފެންނާތީ މަޒީދު އިނީ އެތެރެ އެތެރެއިން ހީނލަ ހީނލައެވެ.

އެތެރެއަށް ވަންނަން ވެގެން އެއް އަތުން ދޮރުގެ ތަޅުގައި ހިފި ނައުރާއަށް ދޮރު ހުޅުވާއި ލެވޭ ވަރެއް ނުވިއެވެ. އަނބުރާގަންނަކަހަލަ ގޮތެއް ވުމުން ނައުރާއަށް ހިފެހެއްޓުނީ ދެއަތުން ބޮލުގައެވެ.

ދުވެފައި ކައިރިއަށް އައި މަޒީދުގެ އަޑު ނައުރާއަށް އިވުނީ ވަރަށް ދުރުން އައި އަޑެއްގެ ގޮތުގައެވެ.

“ނައު!……. ކީއްވީ……!”

އޯގާތެރިކަން އެކުލެވޭ އެހެނަސް ކެހިވެރި އަޑަކުން މަޒީދު އެހި އެއްޗަކަށް ޖަވާބު ނުދެވެނީސް މަޒީދުގެ އަތުގެ ތެރެއަށް ސޮހިގެން ނައުރާ ވެއްޓުނީއެވެ.

ފަތަހައިގެ ހިނިތުން ވުމަކާ އެކު ލުއި ފަތެއްހެން ނައުރާ ނަގައި ގަނެގެން ގެން ގޮސް މަޒީދު ނައުރާ ބޭއްވީ ނައުރާގެ އެނދުގައެވެ. އެއަށްފހު ފަޚުރުވެރި ކަމާއެކު ފުންނޭވާއެއް ބޭރުކޮށްލިއެވެ. ހަށިގަނޑު ތެދު ކޮށްލާ ހަށަން ބަނދެލިއެވެ.

އިރުކޮޅެއް ވަންދެން ނައުރާގެ މައުސޫމު މޫނަށް ނަޒަރު ހުއްޓާލައިގެން މަޒީދަށް ހުރެވުނެވެ. ރީތި ކަމުގެ އިންތިހާއެވެ. ޒުވާންކަމުގެ އެންމެ ހިތްގައިމު ޢުމުރެވެ. ޅަނދޮޅު މަލެއް ފަދައެވެ. ކޫރުމެއްގެ އަސަރު ވެސް ފެންނަން ނެތް ފިނިފެންމަލެއްގެ ފިޔައެކެވެ.

މަޒީދު ހިތަށް އެރި އެއްޗަކުން ތުންފަތުގައި ދޫ ހާކާ ލެވުނެވެ. އަދި ތުންފަތުގައި ދަތް އަޅައިލިއެވެ. ނައުރާގެ މޫނަށް ހުޓިފައި ހުރި ނަޒަރު މޫނުން ތިރިއަށް ތުންފަތާ ހަމައަށް ގެންދިއުމަށްފަހު އަނެއްކާ ވެސް އިރުކޮޅެއްވަންދެން ހުއްޓެވެ. އަދި ދެން އަނެއްކާ ވެސް ނަޒަރު ތިރިއަށް މޭމަތީގެ ވަކި ހިސާބަކަށް ގެންގޮސް ހުއްޓައިލިއެވެ. މިއީ އަހަރެންގެ ރެއެވެ. ހަމައެކަނި އަހަރެންގެ ރެއެވެ. މި ރީތި އަންހެންކުއްޖާ މިރޭ އަހަރެންގެ ހިތެކެވެ.

ނައުރާއަށް ހޭލެވުނީ ދަންވަރުއެވެ. ހޭލެވުނުއިރު ނައުރާގެ ސިކުނޑިވަނީ މުޅިން ހުސްކޮށެވެ. ކުރިން ހިނގައިދިޔަ އެއްވެސް ކަމެއްގެ ހަނދާނެއް އަދި ލިސާނެއް ވިޔަސް ސިކުނޑިއަކަށް ނައެވެ. ބޮލަށް ވަނީ ބަރުވެފައެވެ. ހަށިގަނޑު ސީދާ ކޮށްލަން ހަރަކާތް ކޮށްލުމުން ހީވީ ހަށިގަނޑުގެ ކޮންމެ ބައެއް ވަކިވަކިވެގެން ފޭބިހެންނެވެ. ނުރިއްސާ ކަށިކޮޅެއް މަސްކޮޅެއް ވިޔަސް އެ ހަށިގަނޑަކު ނެތެވެ.

ބައްޔެއްގެ އަސަރުވިޔަސް ނެތް ނައުރާއަކީ ސިއްޙަތު ރަނގަޅު ބަލިތަކާ ދުރު ކުއްޖެކެވެ. އެހެންކަމުން ހަށިގަނޑުގައި ރިއްސަން މި ފެށި ސަބަބަކާ ދޭތެރޭ ވިސްނައި ލެވުމުން މިރޭ ކަންހިނގި ގޮތް ފަހަރަކު ކަމެއް ފަހަރަކު ކަމެއް ހަނދާނަށް އަންނަމުން ދިޔައެވެ.

ކޯކުތަށި ބުއި ހަނދާނާއެކު މަޒީދު ނައުރާއާ ވާހަކަދެއްކި ހަނދާން ވުމުން ފުންމައިގެން ތެދުވެ އެނދުގެ މެދުގައި ދެފައި ވަށްކޮށްގެން އިށީނދެވުނެވެ.

ލައިގެން ހުރި އަންނައުނު ހަށިގަނޑާ ވަކިވެފައިވާކަން އެނގުނީ ވެސް އެހިސާބުންނެވެ. ދެއަތް ގެނެސް މޭމަތީގައި ހުރަސްވާގޮތަށް މަހާލަމުން ދުރުގައި އެކި ހިސާބުގައި އުކާލެވިފައި ހުރި ނައުރާގެ އަންނައުނަށް ބަލަހައްޓައިގެން އިނދެވުނީ ރޯން ވެސް ނޭނގިއެވެ.

އެހެން އިނދެފައި ދެން ފެނުނީ ނައުރާ ގިސްލާން ފެށިތަނެވެ.  އަދި ދެން އަޑުން އަޑު ނަގާ ބާރަށް ރޯން ފެށިއެވެ. ކިތަންމެ ނުބައިކޮށް ހިތިޔަސް ، ކިތަންމެ އެއްޗެއް ކިޔަސް ، އަދި އަބަދު ރުޅި މޫނުން މަރުހަބާ ކިޔަސް ނައުރާގެ ޢިއްޒަތުއް ނަފުސް އޮތީ ރައްކާތެރި މުތެއްގެ ގޮތުގައެވެ. މިހާތަނަށް އައި އިރުވެސް އެއްވެސް ކޫރުމެއްގެ ހިލަން ވެސް ނުވާ އެއްޗެއްގެ ގޮތުގައެވެ. އަންހެންކުއްޖެއްގެ އެންމެ އަގު ބޮޑު، އަގު ހުރި އެއްޗަކީ އެ ކުއްޖެއްގެ ޢިއްޒަތުއް ނަފުސެވެ. މީހަކާ އިންނައިރު ފިރިއަކަށް ދެވޭނެ އެންމެ އަގުހުރި ހަދިޔާއަކީ ވެސް އެކުއްޖެއްގެ ޢިއްފަތްތެރިކަމެވެ.

އެކަމަކު މިއަދު ނައުރާ އެވަނީ ނައުރާގެ އެއްވެސް ކުށަކާ ނުލާ، ނައުރާގެ އެއްވެސް ހުއްދައަކާ  ނުލާ، އަދި ނައުރާއަށް އެނގުމަކާ ވެސް ނުލާ އެ އަގުހުރި މުތީ އަތުން ބީވެފައެވެ. ގެއްލިފައެވެ. ޒަމާނުގެ ތަހުޒީބުގެ ދާވަނީގެ ތެރެއަށް ހިނދިގެން ގޮސް އޮބިފައެވެ. ދުޝްމަންކަމެއް ނެތް މަކަރުވެރިއެއްގެ ފައި ދަށުވެ ޗިސްޗިސްވެފައެވެ.

އެރޭ ފުރަމަ ފަހަރަށް ނައުރާގެ އަމިއްލަ ނަފުސުގެ ހާލަތާ ދޭތެރޭ، އަދި އަމިއްލަ ނަސީބާ ދޭތެރޭ ޝަކުވާ ކުރެވުނެވެ. ތަޤުދީރު ނައުރާއާ މެދު މިކުޅޭ ކުޅިގަނޑުގެ ނިމުމަކީ ކޮބާއިބާއޭ ނައުރާ އެތައްފަހަރަކު ސުވާލުކުރިއެވެ. އަމިއްލަ ނަފުސާއެވެ. ޖަވާބު ނުލިބޭނެކަން އެނގޭއިރު ވެސް މި ކެހިވެރި ދުނިޔެއާއެވެ. ލޫޓުވާލެވިފައިވާ އަންހެންކުއްޖަކަށް މިއަދު އޭނާ އެވީ އޭނަގެ ކޮން ކުށެއް އޮވެގެންތޯ ސުވާލުކުރީ ދެ ލޮލުން ހިފެހެއްޓުމެއް ނެތި ފޭބި ކަރުނަތަކާއެވެ. ދުނިޔޭގެ އެންމެންނަކީ އޭނަ ފިޔަވައި އުފަލުގައި އުޅޭ މީހުނަށްވީ އޭނަ ކުރި ކޮން ކުށެއްގެ ސަޒާއެއްތޯ ސުވާލު ކުރީ ދަންވަރުގެ އެ ހަމަ ހިމޭން ވަގުތާއެވެ.

ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމާ ވަރުބަލިކަމުގެ ސަބަބުން ވިޔަސް ދެން އިތުރަކަށް އެ ދެ ލޮލަކަށް ނިންޖެއް ނައެވެ. ރަށުން ފުރައިގެން އެ ކޮއްޓެއްކަހަލަ ގައިދުން މިނިވަންވެގެން ނައުރާ މިހިސާބަށް ދަތުރު ކުރީ ތަޤުދީރުގެ މި ކުޅިވަރާ ކުރިމަތިލާން ހެއްޔެވެ! އާ ޢަޒުމަކާ އާ ހިތްވަރަކާއެކު ދިރިއުޅުމާއިގެން ހިންދެމިލާން ނައުރާ ކުރި މަސައްކަތުގެ މޭވާއަކަށް ވާންވީ މިގޮތަށް ބާޒާރުގައި ނީލަންކިޔޭ މީހެއްގެ ދަރަޖަ ހެއްޔެވެ!

ހިތުގައި އުފެދުނު އެތައް ސުވާލަކާ އެތައް ޝަކުވާތަކަކުން ނައުރާގެ މިޒާޖަށް އައީ ހީވެސް ނުކުރާފަދަ ބޮޑު ބަދަލެކެވެ. ބަދަލުހިފުމާ ރުޅިވެރިކަމުގެ ޖޯޝުން މީހާ ތުރުތުރުއަޅައިގެން ދިޔައެވެ. ހަށިގަނޑުގައި ޖަހަމުންދިޔަ ކޮންމެ ވިންދެއް ގޮވަމުންދިޔައީ ނައުރާގެ ޢިއްޒަތަށް އަރައިގަތް މީހާގެ ކިބައިން ރަނގަޅަށް ބަދަލު ހިފުމަށެވެ. އެމީހާގެ މުޅި ދިރިއުޅުމުގައި އެ ހިފާ ބަދަލެއްގެ ސަބަބުން ކަރުނަ އަޅާވަރުގެ ބަދަލެކެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !