A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުންމިދާ ޞަފުޙާތަކުން… 7

ވާހަކަ: ބަލަމުންމިދާ ޞަފުހާތަކުން ...

ހަތްވަނަ ބައި

“އަހަރެންނަށް ކުރެވުނު ކުށުން ސަލާމަތްވާން އަހަރެން މިހިރީ ނައުއާ މެރީ ކުރަން ތައްޔާރަށް!……. މިހާރު ނައު އާނއެކޭ ބުންޏަސް އަހަރެން މިހިރީ ނައުއާ އިންނަން ތައްޔާރަށް! ……. ޕްލީޒު ރިޕުލައި މީ! އައި ލަވް ޔޫ ސޯމަޗް! ނައުގެ ހާލަތާމެދު މިހާރު އަހަރެން ދެރަވޭ! އުންމީދުކުރަން ތީ އަހަރެންގެ މީހަކަށް ވާން ރުހޭނެ ކަމަށް!”

އިޚުތިޔާރުން ބޭރުން ނައުރާއަށް މެސެޖުގެ ޖަވާބު ލިޔެ ފޮނުވައިލެވުނެވެ.

“އަހަންނާ ކަލެއާ އެކަނި މި ދުނިޔޭގައި އުޅެން ޖެހުނަސް ކަލެއަކާ ނީންނާނަން!”

މެސެޖު ފޮނުވައި ލުމަށްފަހު މަޒީދުގެ ނަމްބަރ ކަރުދާސްކޮޅެއްގައި ނޯޓްކޮށްލިއެވެ. އަދި ނަމްބަރ ބްލޮކް ކޮށްލިއެވެ.

ގޭތެރޭގައި ނައުރާގެ އުޅުމަށް ބަދަލު ތަކެއް އަތުވެއްޖެކަމަށް ހިދާޔާއަށް ފާހަގަވާން ފެށުމުން ނައުރާއާ އެވާހަކަ ދެތިން ފަހަރަކު ވެސް ދައްކައިފިއެވެ. އެއްވެސް ކަމެއް ނުވާކަމަށް ނައުރާ ބުނަނީ ކޮންމެވެސް އުޒުރެއް ދައްކަމުންނެވެ. މަސައްކަތް ބުރައީތޯ ނޫނީ އިމްތިހާނާހެދި ހާސްވަނީތޯ ނުވަތަ ހިތް ހަމަ ނުޖެހޭ ކަމެއް އޮތީތޯ ވެސް ނައުރާ ގާތު ކިތަންމެ ފަހަރަކު ހިދާޔާ އެހިއެވެ.

ނައުރާގެ ފަރާތުން އެއްވެސް ހިތްހަމަ ޖެހޭ ޖަވާބެއް ނުލިބުމުން މިހާރު ހިދާޔާވެސް މާ ބޮޑަކަށް އަޅައެއް ނުލައެވެ.

އާދައިގެ މަތިން ނައުރާ އުޅެމުން ދިޔައެވެ. ކޯހުގެ ފަހު އިމްތިހާނު ވެސް ކުރިއަށް ދިޔައެވެ.

ނައުރާގެ ޙަޔާތުގެ ނައު މާސިންގާ ކަނޑެއްގެ ބިޔަ ރާޅުތަކެއްގެ ތެރޭ ވަނިކޮށް ދެން ބޯމަތިވީ އެ ޠޫފާނަކުން ދުވަހަކު ވެސް ނައުރާއަށް އަރައި ނުގަނެވޭ ވަރުގެ ޠޫފާނަކާއެވެ. މަޒީދު ނައުރާގެ ދިރިއުޅުމަށް ވިހަލާ އެވިހައިގެ އަސަރުން ނައުރާ ހަފުސްވިތާ ތިންވަނަ ހަފުތާއެވެ. ހެނދުނު ތެދުވިއިރު ވެސް ނައުރާ ހުރީ ފާޑަކަށެވެ. ބައެއް ފަހަރު ހުމުގެ އަސަރު ވެސް ހަށިގަނޑުގައި ހުންނަހެން ހީވެއެވެ. އަނެއްބައި ފަހަރު ހީކަރުވާ ގޮތެއް ވެސް ވެއެވެ. އެކަމަކުވެސް މާބޮޑު ކަމަކަށް ނަހަދާ އިމްތިހާނުގެ އެންމެ ފަހު މާއްދާގެ ފަހު ޓެސްޓް ހަދަން ނައުރާ ގެއިން ނިކުތެވެ.

އިމްތިހާނު ހޯލުގައި އެތައް ސަތޭކަ ކުދިންނެއް ތިއްބެވެ. އިމްތިހާނު ކަރުދާސް އަތަށް ލިބި ޖަވާބު ހަދަން ފަށާ ވަގުތު ޖެހުމުން ނައުރާ ބެލީ ލަސްނުކޮށް ސުވާލުކަރުދާހަށް ޖަވާބުދީ ނިންމާލުމަށެވެ. އެހެންނަމަވެސް މޫނުމައްޗަށް އަނދިރިވެ އަނބުރައިގެން ނައުރާ ޑެސްކުމައްޗަށް ދެމުނުއިރު ބާކީ ދެ ސުވާލް އަތް ވެސް ނުލާ އޮތެވެ. އިމްތިހާނު ހޯލު ބަލަހައްޓަން ހުރި ބޭފުޅާ ވަޑައިގެން ނައުރާގެ މޫނުގައި ފެން އުނގުޅާ ހެދުމުން ނައުރާ ވަރުބަލި ގޮތަކަށް ލޯހުޅުވައިލިއެވެ. އަދި ގެއަށް ފޮނުވައި ދިނުމަށް އެދުނެވެ.

ހޮސްޕިޓަލަކަށް ނައުރާ ގެންދިއުމުގެ ބަދަލުގައި އެމީހުން ނައުރާ ގެއަށް ފޮނުވައިދިނީ ރޭގަނޑު ނުނިދާ ކިޔަވަން ހޭލާ ހުރީމާ ކާނެ ވަގުތެއް ނުލިބި ކުލާހަށް އަންނަން ޖެހުމުންނޭ ނައުރާ ބުނުމުންނެވެ.

އިރު އޮއްސުނު އިރު ނަސީބަކުން ނައުރާ ހަމައަކަށް އެޅިއްޖެއެވެ. އޭރު ނައުރާ އަނބުރާގަތް ސަބަބު ގާތްގަނޑަކަށް ނައުރާއަށް އޮތީ ކަށަވަރުވެފައެވެ. ނައުރާއެއް ނުރޮއެއެވެ. ދެލޮލުން އޮހޭނެ ބާކީ ކަރުނައެއް އެދެލޮލަކު ނެތެވެ. ރޮއެ ރޮއެގެން ނައުރާގެ ޙާލަތު އަޑު އިވުމުން އިތުރަށް ދެރަވެ ޙަމްދަރުދީވާނެ މީހަކީ ވެސް ވަކި ކާކު ހެއްޔެވެ!

ރޭގަނޑު ގަޑިން ނުވައެއް ޖެހުމުން ނައުރާ ނިކުތީ ފާމަސީއަކާ ދިމާއަށެވެ. އެންމެ ކައިރިން ޖެހުނު ފާމަސީއަށް ވަދެ ޓެސްޓް ކިޓެއް ގަނެގެން ގެއަށް އައިސް ނައުރާ އށީނީ ފުރަތަމަ އެނދުގައެވެ. އެއަށްފަހު ދެއަތް ނަގާ ދުޢާ ކުރީ ލިބޭނެ ޚަބަރަކަށް ކެތްތެރިކަން ދެއްވުން އެދިއެވެ. އޭނަ ފާފައެއް ނުކުރާކަމަށް ހެކިވެވޮޑިގެންވާ ފަރާތެއް ވާކަން އަބަދުވެސް ނައުރާ ގަބޫލުކުރެއެވެ. ނައުރާގެ ހިތަށް ތަސައްލީ ލިބޭ ހަމަ އެކަނި މަގަކީ ވެސް ހެއްދެވި ފަރާތް މަތިން ހަނދުމަކޮށް ދުޢާކުރުމުންނެވެ. ނައުރާގެ ބަލަދުވެރި ފަރާތަކީ އެއީކަމާ އެ ފަރާތުން ނައުރާއަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ ކަމަށް އަބަދުވެސް ނައުރާ ގަބޫލު ކުރެއެވެ. ވީކަމެއް ވުމުގައި ވެސް ކޮންމެވެސް ޙިކުމަތެއްވާނެކަން ކަށަވަރެވެ.

ނައުރާއަށް ލަފާކުރެވުނު ގޮތަށް ކިޓުން ދެއްކީ ނައުރާ ބަލިވެއިންކަމެވެ. އެހެންކަމުން ފާޚާނާއިން ނިކުމެ އެކި ގޮތްގޮތަށް ވިސްނުމަށްފަހު މަޒީދުގެ ނަމްބަރު އޮތްތޯ އަތްދަބަހުގެ އެކި ޒިބުތައް ކަހަމުން ދަނިކޮށް ނަސީބަކުން ނަމްބަރު ފެނިއްޖެއެވެ.

އަލުން ނަމްބަރު ނަގާ ފޯނުގައި ސޭވް ކުރުމަށްފަހު އަނެއްކާވެސް ވިސްނައިލިއެވެ. މެސެޖު ކުރާނީތޯ ނުވަތަ ގުޅާނީތޯއެވެ. މަޒީދު ބުނާނީ ކީކޭބާއޭ ވެސް ހިތަށް އެރިއެވެ. މަޒީދު ބުނި ފަދައިން މަޒީދު ނައުރާއާ އިންނާނެބާއޭ ނައުރާ ހިތާ ހިތާ ސުވާލުކުރަމުން ދިޔައެވެ. ވަރަށް ވިސްނުމަށްފަހު މެސެޖު ލިޔުނެވެ.

“ހައި! ……އިޓްސް މީ، ނައުރާ!”

އޭރު މަޒީދު އޮންލައިން ކަމަކަށް ނުދައްކައެވެ.  އެހެންކަމުން ނައުރާ ދައްކަން ބޭނުންވާ ވާހަކަ ދައްކަން ފަސޭހަ ވެސް ވިއެވެ.

“އައިމް ރެޑީ ޓު މެރީ ޔޫ! ވިލްޔޫ އެކްސެޕްޓް މީ!” ނައުރާ އިތުރަށް ލިޔުނެވެ. ދެން ޖަވާބަކަށް އިންތިޒާރު ކުރަން މަޑުކުރިއެވެ.

“އަނެއްކާ ހަމަހޭގައި މިގަޑީގައި ވެސް ނެތީކަންނޭނގެ!” ނައުރާއަށް ރުޅިވެރިކަމާއެކު ހިތާ ހިތާ ކިޔައިލެވުނެވެ.

ނައުރާ ނިދިއިރު ވެސް ލިޔުނު މެސެޖުތަކުގެ ޖަވާބެއް ނާދެއެވެ.

ފަތިހު ތެދުވެ ވެސް ޖަވާބެއް ލިބުނުތޯ ބެލުމުގެ ޝައުގެއް ނައުރާގެ ނެތެވެ. އެހެންނަމަވެސް ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ ވެސް ނައުރާއަށްޓަކައި ޤަރުނެކެވެ. ޝައުގެއް ނެތަސް ފޯނުހުޅުވައި ޖަވާބެއް އޮއްތޯ ބެލުން އެއީ ނައުރާ ކުރަން ޖެހފައިވާ ކަމެކެވެ.

ނަސީބު ހިނިތުން ވެލައިފި ކަމުގެ ހިތްހަމަ ޖެހުން ލިބުނީ މަޒީދުގެ ޖަވާބުތައް ފެނުމުންނެވެ. ހިތި ނަމަވެސް ހިނިތުންވުމެއް ނައުރާގެ މޫނުމަތިން ފާޅުވެގެން ދިޔައެވެ.

“ޔާ ޝުއާރ، އައިލް މެރީ ޔޫ، ސްވީޓް ހާޓް!”

މަޒީދުގެ ރިޕްލައި ކިޔާލުމަށްފަހު ނައުރާ ޝުކުރުކުރަން ބޭނުން ނުވިއަސް ޝުކުރު ކުރިއެވެ. ނައުރާއަކީ ގޯސްކުއްޖެއް ނޫންކަމަކަށް ނައުރާ މިއިން ޙާލަތު މިނޫން ގޮތަކަށް ބަދަލު ނުވަންޏާ އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ. ދުނިޔެ ދައްކާ ހިތި ހަޤީގަތަކީ އެއީއެވެ.

ކައިވެނި ވީހާ ވެސް އަވަސްކޮށްދިނުމަށް ނައުރާ އެދުނެވެ. ސަބަބަކީ މީހުންގެ ގޭގޭގައި އުޅެން ބޭނުންނުވާތީކަމާ އަމިއްލައިން ޙަޔާތެއް ފަށައިގެން އުޅެން އެދޭތީކަމަށް ނައުރާ ލިޔުނީ ގަބޫލުކުރެވޭފަދަ ސަބަބެއް މަޒީދުއަށް ދައްކަން ޖެހޭތީއެވެ. އެގޭ ދައްތަމެން ވަރަށް ހެޔޮ ކަމަށާ އެހެން ނަމަވެސް އަބަދަކު އެހެން ނޫޅެވޭނެކަމަށް ވެސް ނައުރާ ލިޔުނެވެ. ބޭނުންވަނީ ވީހާވެސް ބޮޑަކަށް މަޒީދު ހައްލައިލުމެވެ. މީހުންނަށް ލަނޑުދޭން އެނގެނީ މަޒީދުއަށް އެކަނި ނޫންކަން ކޮންމެވެސް އެއްދުވަހަކުން މަޒީދުއަށް އަންގައިދޭން ނައުރާ ބޭނުމެވެ. އަވަހަށެވެ. ނުވަތަ ލަހުން ވިޔަސް ނައުރާ އެކަން ކުރާނެއެވެ.

ނައުރާ ބޭނުމީ ކޮންދުވަހެއްތޯ އެހުމުން މާދަން ވިޔަސް ރަނގަޅުކަމަށް ނައުރާ ބުނީ ކޮންމެ ކަމެއް ވަރިހަމަ ކޮށްފައެވެ. ނައުރާ ކަހަލަ ރަނގަޅު ގެވެހި އަދި މަދުންނޫނީ ނުފެންނަ ފަދަ ރީތި ކުއްޖަކު މިހާ ފަސޭހައިން ކައިވެންޏަށް އެދުމުން މަޒީދު ހުރީ އުފަލުން ފޮޅިފައެވެ. ނައުރާ ކަހަލަ ކިތަންމެ އަންހެން ކުދިންނެއް ރުހުމުގައި މަޒީދުގެ ދަލުގައި ޖެހުނު އިރު ނައުރާ ނޫނީ ގަދަކަމުން ނުވަތަ އޮޅުވައިލައިގެން ދަލުގައި ޖައްސަން ޖެހުނު ކުއްޖަކާ މަޒީދުއަކާ ދިމައެއް ނުވެއެވެ.

މަޒީދު އެދޭ ހުރިހާ ސިފައެއް ނައުރާގެ ހުރުމުން މަޒީދު ވެސް ބޭނުންވީ ވަގުތުން ކައިވެނި ކުރުމަށެވެ. އެހެންކަމުން ޖެހިގެން އައިދުވަހު ރަންކިޔުއްވައި ފޯމު ކޯޓަށް ވެއްދިއެވެ.

ނައުރާގެ އެދުމުގެ މަތިން ސިއްރުކޮށްފައި އޮތް ކައިވެނީގެ ވާހަކަ މަޒީދު އެގޭ މީހުން ގާތު ވެސް ބުނީ ކައިވެނި ކުރެވުނު ދުވަހުއެވެ.

ނައުރާއާއި މަޒީދުގެ ކައިވެނީގެ ވާހަކަ އަޑު އިވުމުން ހިދާޔާގެ ދެމަފިރިންނަށް ލިބުނީ ކުއްލި ސިހުމެކެވެ. މަޒީދުއަކީ ދިރިއުޅުމަށް ރަނގަޅު ވަޒީފާއެއް އަދާ ކުރާ މީހަކަށް ވިޔަސް މަޒީދުގެ އުޅުމާ މެދު އެމީހުން ވެސް ތިބެނީ ޝައްކެއްގެ މަތީގައެވެ. އެހެންވެ ހިދާޔާ ބޭނުންވީ ކޮންމެވެސް ގޮތަކަށް ނައުރާގެ ސަމާލުކަމަށް އެކަން ގެނައުމަށެވެ. އެ ކައިވެންޏަކީ ނައުރާއަށް މަޖުބޫރުވެގެން ކުރާ ކައިވެއްޏެއްތޯ ޔަގީން ކުރަން ހިދާޔާ ބޭނުން ވިއެވެ. އެހެންނަމަވެސް އެކަން ހުއްޓުވީ މަޒީދުގެ ބޮޑުބޭބެއެވެ. ނައުރާކަހަލަ ރަނގަޅު ކުއްޖަކާ އިނުމުން މަޒީދު ވެސް ހަމަމަގަށް އެޅިދާނެއޭ ބުނަމުންނެވެ. ރަންކިއިތާ ދިހަވަނައަށް ވީދުވަހު ކައިވެނި ކުރެވިއްޖެއެވެ. އެހާދުވަސް ވެސް ނެގީ ނައުރާގެ ބައްޕަ ހޯދަން ކޯޓުން އެތައް މަސައްކަތެއް ކުރަން ޖެހުމުންނެވެ.

މެންދުރެއްހާ އިރު ކައިވެނި ކުރެވުނަސް މަޒީދު ބޭނުންވީ ރޭ ވަންދެން ގޭގައި މަޑުކުރުމަށެވެ. ދެމީހުންގެ އާކައިވެނީގެ ފުރަތަމަ ރޭ ހޭދަކުރަން ނިންމާފައިވާ ހޮޓަލަށް ދާނީ ރޭގަނޑުގެ ކެއުމުގެ ފަހުންކަމަށް މަޒީދު ބުނުމަކުން ނައުރާގެ އެއްވެސް މައްސަލައެއް ނެތެވެ. ހޯދަން ނައުރާ ބޭނުންވާ ފުރުސަތު ފަހިވާނެ މަގެއް ފެނުނީމަ ނައުރާއަށް ނިމުނީއެވެ.

މަޒީދު ހިފާފައިވާ ހޮޓަލަށް ދާން ތައްޔާރުވާން މަޒީދު ނައުރާއަށް ގުޅީ ބާރަ ޖަހަން ގާތްވި ފަހުންނެވެ. ބިރުގެންފައިވާ ހިތަކާއެކު ދިޔުން ނޫންގޮތެއް ނެތި ނައުރާ ދާން ތައްޔާރުވިއެވެ.

އިރުކޮޅަކުން މިހިރީ ތިރީގައިކަމަށްބުނެ މަޒީދު ގުޅުމުން ބޭނުންވާ މަދު ބައެއް ސާމާނު ހިފައިގެން ނައުރާ ތިރިއަށް ފޭބިއެވެ. އޭރު މަޒީދު ސައިކަލުގައި މަޑުކޮށްގެން މަގުގެ އެއްފަރާތުގައި އިނެވެ.

“އަހަރެމެންނަށް ކާރަކުން ނުދެވޭނެތަ!”

މަޒީދާއެކު ސައިކަލުގަ ދާކަށް ނައުރާ ބޭނުމެއްނޫނެވެ. އެދާ ދިއުމުގައި އެތައް ބަޔަކަށް އެ ދެމީހުން ފެންނާނެއެވެ. އެހެންވާކަށް ނައުރާ ނޭދެއެވެ. އެހެންވެ މަޒީދުއާ ވާހަކަ ދެއްކީވެސް އޯގާތެރިކަމާއެކު ރީތިކޮށްނެވެ. މަޒީދު ބަލައިލީ އިސްޖަހާލައިގެން ހުރި ނައުރާގެ ދޮން ދޮން މޫނަށެވެ. ފުރަތަމަ މަޒީދުއަށް ނައުރާ ފެނުނު އިރަށްވުރެ މިހާރު ނައުރާ މާރީތިކަން މަޒީދުއަށް ފާހަގަ ކުރެވުނެވެ.

ނައުރާ ލަދުގަތީކަމަށް ނިންމާ މަގުމަތިން ކާރެއް ހޯދއިގެން އެދެމީހުން ހޮޓަލަށް ދިޔައީ ކާރުގައެވެ. ކާރުގައި ތބި އިރުވެސް އަދި ކާރުން ފައިބާފަ ވެސް ނައުރާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެއްފަހަރަކު މަޒީދު ނައުރާގެ އަތުގައި ހިފާލަން އުޅުމުން ވެސް ނައުރާ އެކަމަށް ހުރަސް އެޅިއެވެ.

ކައުންޓަރުން ތަޅުދަނޑި ހޯދައިގެން ގޮސް ބުކްކޮށްފައިވާ ކޮޓަރިއަށް ފުރަތަމަ ވަނީ މަޒީދެވެ. މަޒީދުގެ ފަހަތުގައި ހުރި ނައުރާ ޖެހިލުންވެ ހުރުމުން މަޒީދު ވެސް ނުވަދެ ދޮރުމަތީ މަޑުކޮށްލިއެވެ. ނިކަން ލޯބިން ނައުރާގެ މޫނަށް ބަލަން ހުރެ ހީނލަމުން ވަންނާށޭ މަޒީދު ބުންޏެވެ. މިއީ ހިތާ ދެކޮޅަށް އެތައްކަމަކާ ކުރިމަތިލާން ޖެހޭ ވަގުތު ކޮޅެއްކަން ނައުރާއަށް އެނގެއެވެ. އެހެންކަމުން ބޭރުފުށުން ކިޔަމަންތެރިކަން ދައްކަމުން ނައުރާ ކޮޓަރިތެރެއަށް ވަދެ ގެނައި ކުޑަކުޑަ ދަބަސް ސައިޑްކަބަޑުމަތީ ބެހެއްޓިއެވެ.

ކޮޓަރީގައި މަޑުކުރާކަށް އަދި މަޒީދުގެ ލޮލަށް ފެންނަހިސާބަކު ހުންނާކަށް ވެސް ނައުރާގެ ޒަމީރު ނުރުހެއެވެ. އެހެންކަމުން ފާޚާނާއަށް ވަދެ ދޮރުލެއްޕީއެވެ. ދިހަވަރަކަށް މިނިޓް ވުމުން މަޒީދު ނައުރާއަށް ގޮވަން ވެސް ގޮވިއެވެ. ނައުރާ އަނގައަކުން ނުބުނެއެވެ. ކެއްސާލާފައި އަޑުއިވޭކަން އަންގާލައެވެ.

ދެން އިވެން ފެށީ މަޒީދު ވަރަށް ރުޅިއައިސްގެން މީހަކާ ވާހަކަ ދައްކާ އަޑެވެ. ކިޔާ  ނުކިޔާއެއްޗެއް ސާފެއް ނުވެއެވެ. ބައެއް ފަހަރު ވާހަކަ ދައްކަނީ އެކަކާ ނޫންހެން ވެސް ހީވެއެވެ.

ކޮޓަރިތެރެއިން އިވޭ އަޑުން އެއްޗެއް ސާފުވޭތޯ ހުރެ ހުރެ އެއްވެސް ވަރެއް ނުވުމުން ނައުރާ ދޮރު ހުޅުވާލާފައި ނިކުމެއްޖެއެވެ. އަދި ސިއްރު ސިއްރުން މަޒީދުގެ މޫނަށް ބަލައިލިއެވެ. ކަމެއް ގޯސްވެއްޖެކަން މަޒީދުގެ މިލާފައިވާ މޫނުން ނައުރާގެ ޅަ ސިކުނޑިއަށް ނަގައިގަނެވުނެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޥާރޭ

    ޥަރަހަ ރިވެތި ދެންވެން ނެންގޮތައްކާ މެދެ ވިސނެނި