A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުންމިދާ ޞަފުޙާތަކުން… 8

ވާހަކަ: ބަލަުމުން މިދާ ސަފުހާތަކުން

އަށްވަނަ ބައި

ކޮޓަރިތެރެއިން އިވޭ އަޑުތަކުން އެއްޗެއް ސާފުވޭތޯ ހުރެ ހުރެ އެއްވެސް ވަރެއް ނުވުމުން ނައުރާ ދޮރު ހުޅުވާލާފައި ނިކުމެއްޖެއެވެ. އަދި ސިއްރު ސިއްރުން މަޒީދުގެ މޫނަށް ބަލައިލިއެވެ. ކަމެއް ގޯސްވެއްޖެކަން މަޒީދުގެ މިލާފައިވާ މޫނުން ނައުރާގެ ތަޖުރިބާ މަދު ސިކުނޑިއަށް ނަގައިގަނެވުނެވެ.

ނައުރާއަށް ފުރަގަސްދީގެން ކަނާތުގެ އެއް އަތް އުކުޅުގައި ވިއްދާލައިގެން މަޒީދު ހުއްޓެވެ. އަދި ދެން އިނގިލިތަކުން ނިތުގައި ފިރުމާލަ ފިރުމާލާ ހުރެފައި މަޒީދު މިސްރާބު ޖެހީ ފާޚާނާއާ ދިމާއަށެވެ. ފާޚާނާގެ ދޮރު ލައްޕާލުމަށްފަހު އަލުން ހުޅުވާލަމުން ބޭރަށް ބޯދިއްކޮށްލާފައި މީހަކު ޓަކި ދިނަސް ކޮޓަރީގެ ދޮރު ނުހުޅުވާށޭ ބުނެފައި އަލުން ދޮރު ލައްޕައިލިއެވެ.

ވިއްޔާ ވާނީ ދެތިން މިނިޓެވެ. ދޮރުގައި މީހަކު ޓަކި ޖެހިއަޑު އިވުނެވެ. ހަދާނެ ގޮތަކާމެދު ނައުރާ ވިސްނައިލިއެވެ. އަމިއްލާ ނަފުސުގެ ސަލާމަތާ މެދު ވެސް ނައުރާ ވިސްނައިލަން ޖެހުނެވެ.

މަޒީދު ދޮރު ނުހުޅުވަން ބުނާނީ އޭގައި ސިއްރު ތަކެއް އޮތުމުންނޭ ހިތަށް އެރިއެވެ. އެހެންވެ މިއީ ރަނުގެ ފުރުސަތެއްކަމަށް ބަލައި ނައުރާ ދޮރު ހުޅުވައިލިއެވެ. ހުޅުވިގެން ދިޔަ ދޮރުން އެއްފަހަރާ އެތެރެއަށް ދެމިގަތީ ތިން ހަތަރު މީހުންނެވެ.

“ކޮބާ އެ ގޮލާ!”

އެންމެ ކުރިން ދެމިގަތް މީހާ ސުވާލުކުރީ ނައުރާއާއެވެ. އަސްލުގައި އެއީ ސުވާލެއް ނޫނެވެ. ހަޅޭއްލަވައި ގަތުމެކެވެ. ނައުރާ އަނގައަކުން ނުބުންޏެވެ. އެމީހުން ތިބި ސިފައިންނާ އުޅެގަތް ގޮތުން ފުރަތަމަ ފަހަރަށް މި ކުރެވުނީ ނުކުރަން ޖެހޭ ކަމެއް ކަމަށް ނައުރާއަށް ގަބޫލުކުރެވުނެވެ. އެހެންކަމުން ދެންވެސް އަނގައިން ނުބުނެ ބަލަހައްޓައިގެން ހުރީއެވެ.

ޖަވާބު ނުލިބުމުން އެހެން މީހަކު އައިސް ހިފައި ދަމައިގަތީ ނައުރާގެ ޝޯލްގައެވެ. ނައުރާ ރޮއެގަތް އަޑަށް މަޒީދު ފާޚާނާގެ ދޮރު ހުޅުވާލާފައި ނިކުމެއްޖެއެވެ. އެމީހުންގެ ތެރެއިން އެކަކު ނައުރާއާ ދިމާކޮށްލައިގެން ހުރިތަން ފެނުމުން މަޒީދުގެ ރުޅި ކޮންޓްރޯލެއް ނުވިއެވެ. ދުވެފައި އައިސް ހިފީ އެމީހާގެ ބޮލުގެ ދިގު އިސްތަށިގަނޑުގައެވެ. މަޒީދުގެ ޙަރަކާތް ހުރިގޮތް ފެނުމުން ކުރީއްސުރެ ރުޅިގަދަވެފައި ތިބި މީހުން މަންޒަރު ބަލަން ނުތިބެ އެންމެން އެއްފަހަރާ ޖެހިގަތީ މަޒީދުގެ ގައިމައްޗަށެވެ.

ވަގުތުގެ ބޭނުން ހިފާ ކޮޓަރިން ނިކުންނަން ދުވެފައި ދިޔަ ނައުރާ، އަތް އެއްލައި ކުރިން ކަބަޑުމަތީ ބެހެއްޓި ދަބަސް ހިފައިގެން ބޭރަށް ދެމިގަތެވެ. އަދި އިތުރަށް ވިސްނަން ނަހަދައި ގުޅީ ކަމާބެހޭ ފަރާތަށެވެ. ފޯނުކަންފަތުގައި ޖައްސައިގެން ދުވެގޮސް ނައުރާ ނިކުތީ ބޭރަށެވެ.

ފެނުނު މަންޒަރުން ބިރުން ހަލާކުވާވަރުވެފައި ހުރި ނައުރާއަށް ކާރެއް ފަސޭހަ ގޮތަކަށް ލިބުން ވެސް އެވަގުތުވީ ލެއްވި ނިޢުމަތަކަށެވެ.

ކާރަށް އެރުމަށްފަހު ޑްރައިވަރު ކާރު ދުއްވައިލީ މި އަންހެން ކުއްޖާއަށް ކޮންމެވެސް ކަހަލަ ނުރައްކަލެއް ދިމާވެގެން އުޅޭހެން ހީވުމުންނެވެ. ތަންކޮޅަކަށް ދުއްވާލުމަށްފަހު ދާންވީ އެޑްރެސް ޑްރައިވަރު އެހީ އެޑްރެސް ނުބުނާތީއެވެ. ނައުރާގެ ސަމާލުކަން ޑްރައިވަރަށް ދެވުނީ ދެވަނަ އަދި ތިންވަނަ ފަހަރަކު ވެސް ޑްރައިވަރު ސުވާލު ތަކުރާރުކުރި ފަހުންނެވެ. އޮޅިގެންވިޔަސް ނައުރާއަށް ބުނެވުނީ ހުރި ގޭގެ އެޑްރެހެވެ.

ގޭގެ ތަޅުދަޑި އަދިވެސް ނައުރާ އަތުގައި އެބަ އޮތެވެ. ދޮރުހުޅުވާލުމަށްފަހު މަޑުމަޑުން ކޮޓަރިތެރެއަށް ދެމިގަތީ ފިޔަވަޅުގެ ހިލަން ވެސް ނީވޭހާ މަޑުންނެވެ. އެހެންނޫނަސް ހިދާޔާމެން ތިބޭނީ އެ ގަޑީގައި ނިދާފައެވެ.

އެކަމަކު އެމީހުންގެ ސުވާލުތަކާ މާދަމާ ކުރިމަތިލާން ޖެހޭނެތީ ނައުރާ ނިންމީ ހިނގި ހާދިސާ ކޮންމެވެސް ވަރަކަށް މާދަމާ ކިޔައިދިނުމަށެވެ.

ޖެހިގެން އައި ދުވަހުގެ ނޫސް ތަކުގެ ފަލަ ސުރުޚީގައި މަޒީދުމެން އަތުލައިގަތް ވާހަކަ ލިޔެފައި އޮތެވެ. ފުލުހުން އެތަނަށް ދިޔައިރު ނައުރާއަށް އެތާގައި ނުހުރެވުނުކަން އެއީ ނައުރާގެ ނަސީބެވެ.

މެންދަމުގެ ހަމަހިމޭންކަމުގެ ތެރެއަށް ފޭދިގެން ގޮސްފައިވާ ފިނީގެ އަސަރު ވަރުބަލިވެފައިވާ ނައުރާގެ ސިކުނޑިއަށް ވެސް އަސަރު ކުރުވަމުން ދިޔުމުގެ ނަތީޖާއަކަށްވީ މަޑުމަޑުން ނިދެމުން ގޮސް ނިދީގެ ޢާލަމަށް ވާސިލު ވެވުމެވެ.

ފަތިސް ނަމާދު ބަންގީގެ އަޑަށް ހޭލަން އާދަވެފައިވާ ނައުރާއަށް ހޭލެވުނީ އިރުއަރަން ގާތްވެފައި ވަނިކޮށެވެ. ލަހުން ހޭލެވުނު ސަބަބާމެދު ވިސްނާލަން ވަގުތުކޮޅެއް ނެގުމަށްފަހު ނައުރާއަށް ނިދޭނީ ވަރަށް ލަސްވި ފަހުންނޭ ނައުރާ ހިތަށް އެރިއެވެ. ނައުރާގެ ޙަޔާތުގެ އަފުސާނާ އަޑު އަހާނެ މީހަކުނެތަސް ޚިޔާލުގެ ނައު ރޭގައި ނައުރާ ގޮވައިގެން ހާދަ ދުރަކަށް ދަތުރުކުރިއެވެ.

އަވަސްކޮށްލައިގެން ފާޚާނާއިން ނިކުމެ ވަގުތު ފަސްދިނުމުގެ ކުރިން އަވަހަށް ނަމާދު ކޮށްލިއެވެ. ނަމާދަށް ފަހު ކިޔަން ޖެހޭ ޒިކުރުތައް ކިޔުމަށް އައިސް އޮށޯތީ އެނދުގައެވެ. ނައުރާގެ ސިކުނޑިއަށް ވަނީ މިއިން ދުވަހަކު ވެސް ނުލިބޭ ވަރަށް ލުއި ލިބިފައެވެ. މާޒީގެ ޞަފުޙާތައް މިހާވަރަށް ނިއުޅާލި ފަހަރެއް ނައުރާގެ ޙަޔާތުގައި އަދި ނާދެއެވެ. ދިރިއުޅުމުގެ ޙާލަތު ނައުރާ އިމްތިހާނު ކުރަމުންދަނީ މާގިނަ ކަންކަމަކާ ވިސްނާ ފިކުރު ކުރެވޭ ވަރަކަށް ނޫނެވެ. އަބަދުވެސް ޚިޔާލު ކުރެވެމުން އައީ ދެން އަޅާނެ ފިޔަވަޅަކާ މެދުގައެވެ. އެ ފިޔަވަޅުގައި ސާބިތުވެހުންނާނެ ގޮތަކާ މެދުގައެވެ. މާޒީއާ މެދު ރޭގައި އެ ވިސްނައި ލެވުނު ވަރަށް ވިސްނާލަން ވަގުތު ނުލިބުނީ އެހެންވެ ކަންނޭނގެއެވެ.

ފަތިސް ވަގުތު ނިމި އާ ދުވަހަކަށް އެރި އިރުން ދުނިޔެމައްޗަށް ދޯދި ފެތުރި، އެދޯދިތަކުން ފަތިހުގެ ފިނިކަމަށް ބާރުފޯރުވައި ދުނިޔެއަށް ހޫނުކަން ގެނުވަމުން އައިއިރު ވެސް ނައުރާ އޮތީ އެނދުން ތެދުވާ ހިތް ނުވެފެއެވެ. ކުލާހަށް ވަންނަ ގަޑި އޮތީ ނުވައަކުން ކަމަށްވިޔަސް ދުވަހުގެ ގަޑި ފެށޭއިރު އަބަދުވެސް ނައުރާ އިންސްޓިޓިއުޓްގެ ދޮރުމަތީ ހުންނާނެއެވެ.

ޚިޔާލުތަކާ ފިކުރުތައް އެއް ފަރާތް ކޮށްލުމަށްފަހު ނައުރާ އުޅުނީ ފެންވަރާ ތާޒާވެލައިގެން ސައިބޯން ރާމިޒުމެންގެއަށް ދިއުމަށެވެ. އެހެންނަމަވެސް ނޭނގޭ އުނދަގޫތަކެއް އިޙުސާސް ވާތީ ސައިބޯހިތެއް ނުވެސް ނެތެވެ.

ރާމިޒުމެންގެ ގޭގެ ސިޓިން ރޫމް ތެރެއަށް ވަނދެގެން ދިޔަ ނައުރާއަށް ކޮޓަރިން ނިކުތް ޒީނިޔާގެ ސަމާލުކަން ދެވުނެވެ. މޫނުމަތިން ތާޒާކަން ކެނޑި ވަރުބަލިކަން ފެންނަން ހުއްޓެވެ.

ނައުރާއަށް ތައްޔާރުކޮށްފައިވާ ސަޔަށް އިންސާފުކުރަން ނައުރާ ގޮސް އިށީނީ ޒީނިޔާއަށް ގޮވާލާފައެވެ. ސައިބޯން ފެށިތަނުން ބަނޑަށް އުދަނގޫތަކެއް ވާކަމަށްބުނެ ފާޚާނާއަކަށް ދާންޖެހިއްޖޭ ބުނަމުން ނައުރާ އަވަސް ވެގަތީ ގެއަށް ދިއުމަށެވެ.

“ޒީނިޔާއްތަމެން ކޮޓަރީ ފާޚާނާއަށް ވަންނަންވީނު! ރާމިޒުބެ ވެސް ނެތޭ ގެއަކު!”

ޒީނިޔާ ބުނި އެއްޗަކަށް ޖަވާބުދޭން މަޑުނުކޮށް ނައުރާ ދިޔައީ އުޅޭ ގެއަށެވެ.

ކޮޓަރިއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއެކު ނައުރާގެ އަނގައިން ވޭނީ އާހް އެއްގެ އަޑު ނިކުތެވެ. ބަނޑުގައި އެޅި ވޭންވަރާއެކު ނައުރާއަށް ރޮވެން ފެށުނެވެ. ދުނިޔޭގެ ތަޖުރިބާ ކިތަންމެ މަދަސް ކިޔެވިފައި ހުރި ހިސާބުން ކަމެއް މާ ބޮޑަށް ވެސް ގޯސްވެއްޖެހެން ހީވުމުން ނައުރާ އަދި މާބޮޑަށް ދެރަވިއެވެ.

ކޮންމެ ގޮތަކަށް ލިބުނަސް ނައުރާގެ ބަނޑުގައިވި ފުރާނައަކީ ނައުރާގެ އުންމީދެވެ. ލޮލަށް ނުފެނުނަސް އެ ތުއްތު ފުރާނަ ދެކެ ނައުރާ ލޯބިވެއެވެ. އެއީ ނައުރާގެ މޭގެ އެތިކޮޅެވެ. ލޯތްބާ ރައްކަތެރިކަމާއެކު އެ ފުރާނަ ސަލާމަތް ކުރުމަށް އަބަދުވެސް ނައުރާ އައީ ޢަޒުމު ކުރަމުންނެވެ. އެހެންނަމަވެސް އަނެއްކާވެސް ނައުރާގެ މި އުންމީދު ވެސް އޭގެ އެންމެ ފޮނި ހިސާބަށް ވާޞިލް ނުވެ ހިނދިގެން ހިނގައިދާނެ ކަމުގެ ބިރު ނައުރާގެ ސިކުނޑި ހާސްކުރުވަން ފަށައިފިއެވެ.

ބަނޑުގައިވާ ދަރިފުޅު ގެއްލިދާނެ ކަމުގެ ބިރު ހީވެ އަވަސްއަވަހަށް ނައުރާ ގުޅީ ސިއްޙީ މަރުކަޒަށެވެ. އެއަށްފަހު ދެން އަވަސް ވެގަތީ ޒީނިޔާއަށް ގުޅުމަށެވެ.

ނަސީބަކުން އެމްބިއުލަންސް އައުމުގެ ކުރިން ޒީނިޔާ ދުވެފައި އަތުވެއްޖެއެވެ. އޭރު ނައުރާގެ ބަނޑުން ލޭ ފައިބަނީއެވެ.

ނައުރާގެ ބަނޑުގައި ވި ތުއްތު ފުރާނަ ނައުރާއާ ވަކިވެގެން ދިޔައީ ސިއްޙީ މަރުކަޒަށް ނައުރާ ގެންދިޔަ މަގުމަތީގައެވެ. އެ ހިއްދަތި ޙާދިސާއާ ވެސް ނައުރާ ޖެހުނީ ކުރިމަތި ލާށެވެ! އެހީތެރިވާނެ މައެއް ބަފައެއް ފިރިއެއް އަދި ގާތްތިމާގެ މީހަކު ވެސް ނެތް ފަސްގަނޑެއްގައި ދުރުހިލޭ ބައެއްގެ ކައިރީ ހުރެއެވެ. މައެއްގެ ލޯތްބަށް އަދި ފިރިއެއްގެ ލޯތްބަށް މިހާވަރަށް ނައުރާއަށް އެދެވުނު ފަހަރެއް އަދި ދިރިއުޅުމުގައި މިނޫނީ ނާދެއެވެ. މަޒީދުއާ ދުރަށް މާދުރަށް އައުމަށް ކުރި ދަތުރުގައި މިއަދު ފުރަތަމަ ފަހަރަށް ރުހުމާއެކު މަޒީދުގެ މަތިން ނައުރާ ހަނދާންވިއެވެ.

ނައުރާއާ ދޭތެރޭ މަޒީދު ކުރީ ދުވަހަކު ވެސް ނައުރާއަށް މަޢާފުކުރެވޭ ކަހަލަކަމެއް ނޫނެވެ. އޭގެ ފަހުން މަޒީދު ކިތަންމެ ހެވަސް ކިތަންމެ ރަނގަޅަސް އަދި ނައުރާ ދެކެ ކިތަންމެ ލޯތްބެއްވެ އެ ލޯތަބަށްޓަކައި ކަނޑު ފެތިޔަސް ނައުރާ މަޢާފެއް ނުކުރާނެއެވެ. އެހެންނަމަވެސް މި ހިތްދަތި ދަނޑިވަޅުގައި މަޒީދުގެ މަތިން ނައުރާ ވަރަށް ހަނދާންވިއެވެ. ކައިވެނީގެ ވާހަކަ ނައުރާ ބުނުމުގެ ކުރިން ވެސް އަދި ކައިވެނީގެ ރޭ ވެސް މަޒީދު ނައުރާ އާ މުޚާތަބު ކުރި އޯގާތެރި ގޮތެވެ.  އޭގެ ފަހުގައި މަޒީދުގެ އެކުވެރިން ނައުރާ އާ ދިމާކޮށްލުމުން އަމިއްލަ ނަފުސަށް ވެސް ބެލުމެއް ނެތި ނައުރާގެ ސަލާމަތަށް ނުކުތް ނުކުތުން ވެސް ނައުރާގެ ހަނދާނަށް އައެވެ. ދެން އަދި އޭގެ ފަހުން ފުލުހުންގެ ބަންދުގައި މަޒީދު ހުއްޓާ އެންމެ ފުރަތަމަ ފަހަރަށް އަދި އެންމެ ފަހު ފަހަރަށް ނައުރާ މަޒީދުއާ ބައްދަލު ކުރި ދުވަސް ވެސް ނައުރާގެ ޚީޔާލީ ބުރުތެރޭ އެނބުރެން ފެށީ އެވަގުތުއެވެ.

ވަޒީފާ ހަމަ ޖެހުމުން ނައުރާ ނިންމީ ވީހާވެސް އަވަހަކަށް މާލެއިން ބޭރުވުމަށެވެ. އެހެންކަމުން އޭގެ ކުރިން މަޒީދު ގާތު ކޮށްމެހެން ދައްކަން ޖެހޭ ދެ ވާހަކައެއް އޮތުމުން ނައުރާ ބޭނުންވީ މަޒީދުއާ ބައްދަލުކުރުމަށެވެ. އެކަމުގައި އެގޭ ދައްތަގެ އެހީ ހޯދަން ނިންމައި އެއްދުވަހެއްގެ ހެނދުނު ސައި ބޯން ތިބެ ނައުރާ އެވާހަކަ ފެށިއެވެ.

“އަހަރެން ބޭނުން މަޒީދުއާ ބައްދަލުކުރަން!”

ނައުރާގެ އަނގައިން އަޑު ނިކުތީ ހީކުރިވަރަށްވުރެ މަޑުންނެވެ.

ނައުރާގެ އަޑު އިވުމުން ހިދާޔާއާއި މަޒީދުގެ ބޮޑުބޭބެ ނައުރާގެ މޫނަށް ބަލަން ތިބީ ޙައިރާން ވެފައެވެ. އެވާހަކަ ގަބޫލުކުރަން ދަތީކަންނޭނގެއެވެ.

”އަދި ނައުރާ މަޒީދުއަކާ ބައްދަލެއް ނުކުރަންތަ!” ހިދާޔާ ސުވާލުކުރީ ނައުރާ ކުށްވެރި ކުރާކަހަލަ ރާގަކަށެވެ.

ނައުރާއަށް ކުރެވުނުކަމަކީ އާނއެކޭ  ބުނުމުގެ ގޮތުން ބޯޖަހާލުމެވެ. އިސްޖަހާލައިގެން އިނދެއެވެ.

އެއަށްފަހު ތަނަށް ވެރިވީ ހިމޭންކަމެވެ. އެއްވެސް މީހަކު އަނގައިން ނުބުނެ އިރުކޮޅެއް ދިއުމަށްފަހު މަޒީދުގެ ބޮޑުބޭބެ ވާހަކަދައްކަން ފެށީ ނައުރާއަށް ބަލައި ވެސް ނުލާ އިނދެއެވެ.

“އެބަ ބަލަން ވީހާވެސް އަވަހަކަށް ތިކަން ހަމަޖެހޭތޯ!”

ނައުރާ އުންމީދު ކުރިވަރަށް ވުރެ ގިނަ ދުވަސް މަޒީދުއާ ބައްދަލުކުރަން ކުރަންޖެހޭ ކަންތައްތަކުގައި ހޭދަ ކުރަން ޖެހުނެވެ. އެކަމަކުވެސް ނައުރާ ފުރަން ހަމަޖެހިފައި އޮތް ދުވަހަށްވުރެ ކުރިން އެ ފުރުސަތު ލިބުނުކަން ނަސީބޭ ނައުރާ ހިތަށް އެރިއެވެ.

މަޒީދުއާ ބައްދަލުކުރަން ދިޔައީ ނައުރާ އެކަންޏެވެ. ހިދާޔާމެން ދާން ބޭނުންތޯ އެމީހުން ނައުރާ ގާތު އެއްސެވެ. ނައުރާ ބުނީ ދާން ބޭނުމީ އެކަނިކަމަށެވެ. ނައުރާގެ އެދުމަށް އެމީހުން އެ ގޮތް ވެސް ގަބޫލުކުރިއެވެ.

ނައުރާ ގެއިން ނައްޓާލުމުގެ ކުރިން ހިދާޔާ، ނައުރާއަށް ވަރަށް ނަސޭޙަތް ދިނެވެ. މަޒީދުގެ ކުރިމަތީ ހިތްވަރު ކުރުމަށާ މިހާހިސާބުން ވެސް މަޒީދުއަށް ވިސްނައިދޭން މަސައްކަތް ކުރުމަށެވެ. މަޒީދު ނައުރާ ދެކެ ވަރަށް ލޯބިވާކަމަށާ އެ ވާ ލޯބީގެ ޙައްގުގައި ފަހަރެއްގައި އިސްލާޙުވެ ރަނގަޅު ދިރިއުޅުމެއއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

( ނުނިމޭ )

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • މުނާ

    ޥަރަށްރީތި!އެކަމަކު ހާދަ ކުރޭ!