A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުން މިދާ ޞަފުޙާތަކުން 9

ވާހަކަ: ބަލަުމުން މިދާ ސަފުހާތަކުން

ނުވަވަނަ ބައި

ނައުރާ ގެއިން ނައްޓާލުމުގެ ކުރިން ހިދާޔާ، ނައުރާއަށް ވަރަށް ނަސޭޙަތް ދިނެވެ. މަޒީދުގެ ކުރިމަތީ ހިތްވަރު ކުރުމަށާ މިހާހިސާބުން ވެސް މަޒީދުއަށް ވިސްނައިދޭން މަސައްކަތް ކުރުމަށެވެ. މަޒީދު ނައުރާ ދެކެ ވަރަށް ލޯބިވާކަމަށާ އެ ވާ ލޯބީގެ ޙައްގުގައި ފަހަރެއްގައި އިސްލާޙުވެ ރަނގަޅު ދިރިއުޅުމެއއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ހިދާޔާ ދެއްކި ހުރިހާ ވާހަކައެއް ނައުރާ އަޑުއެއްސެވެ. އިސްޖަހާލައިގެން އިނދެއެވެ. ހިދާޔާ ގަބޫލުކުރި ގޮތުގައި ނައުރާ އިނީ ވަރަށް ދެރަވެފައެވެ.

ބައްދަލުކުރަން ހަމަޖެހިފައިވާ ކޮޓަރިއަށް ނައުރާ ވަންއިރު ވެސް މަޒީދު އެތަނަށް ގެނެސް ބައިންދާފައި އިނެވެ. ނައުރާ ފެނުމުން މަޒީދުއަށް ފުންމައިގެން ތެދުވެވުނެވެ.  އުފަލުން އޭނަގެ ދެލޯ ވިދައިގަތެވެ. މަޒީދުއަށް ފުރަތަމަ އެ ފެންނަނީ ޙަޤީގަތެއްކަމަށް ގަބޫލެއް ވެސް ނުކުރެވުނެވެ.

ނައުރާ އައުން އެއީ އެއްގޮތަކަށް ވެސް މަޒީދު އުންމީދުކޮށްގެން ހުރި ކަމެއް ނޫންހެން މަޒީދު އުޅެގަތް ގޮތުން ވެސް ނައުރާއަށް ހީވިއެވެ. އުފަލުން ގޮސް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގޭކަހަލައެވެ.

“ނައު!”

ނައުރާގެ ނަމުން ގޮވައިލަމުން މަޒީދު އަތް ދިއްކުރީ ނައުރާގެ މޫނާ ދިމާއަށެވެ. މަޒީދު އުޅުނީ ނައުރާގެ މޫނުގައި ފިރުމާލަންހެން ނައުރާއަށް ހީވުމުން މޫނު ދުރަށް އަނބުރާލިއެވެ.

ނައުރާގެ މޫނުން މަޒީދުއަށް ފެނުނީ ހިތްހަމަ ނުޖެހުމެވެ. މަޒީދު ގަތީ ފާޑެއްގެ ލަދެކެވެ. ދެވަނަ ފަހަރު އެފަދަ ޙަރަކާތެއް ނުކުރަން މަޒީދު ނިންމިއެވެ. ހިތުގައި ޖެހުނު ވަރުން މަޒީދުގެ ދެލޯ ތެމުނެވެ. މިއަދު މި ގޮތަށް މިތާ މަޒީދު އިންނަން ޖެހުނީ ނައުރާއަށްޓަކައި މަޒީދު ވި ޤުރުބާނީގެ ސަބަބުންނެވެ. އެތައް ދުވަހެއް ފަހުން ދިމާވުމުން ވެސް އަމިއްލަ އަނބިމީހާ ބެހެއްޓި ދުރުކަމަކުން މަޒީދު ވަރަށް ދެރަވިއެވެ. މަޒީދު ހަނދާން ނެތުނީ އަނތްބަކަށް ނައުރާ ވުމުގެ ކުރިން މަޒީދު ކުރި އެ ބޮޑު ފާފައެވެ. ދުނިޔެއަކީ މިކަހަލަ ތަނެކެވެ.

ނައުރާ ވާހަކަ ދައްކަން ނުއުޅުމުން އަނެއްކާ ވެސް ނައުރާއާ މުޚާތަބުކުރީ މަޒީދެވެ.

“ނައު ހާލު ކިހިނެތްތަ! ކޮބާ ބޭބެއާ ދައްތައާ! އެމީހުން ގަދަތަ!…….. އަހަރެން ދެކެ ވަރަށް ހިތްހަމަ ނުޖެހިފަ ދޯ!”

މަޒީދުގެ ވާހަކަ އަޑު އިވުމުން މި ފަހަރު ނައުރާ މަޑުމަޑުން ބޯ ޖަހައިލިއެވެ. މަޒީދުގެ އަޑުގައިވަނީ ލަދުވެތިކަމެވެ. ޖެހިލުން ވުމެވެ.

“އަހަންނަކީ ވަރަށް ގޯސް މީހެއް! އެކަމަކު މިހާރު އަހަންނަށް އުޅެވުނު ގޮތާ ދޭތެރޭ އަހަރެން ދެރަވޭ! ލަދު ވެސް ގަނޭ! ނައުއަށް އެނގޭތަ އަހަރެން ތައުބާ ވެސް ވެއްޖައިން! …. އިރާދަ ކުރެއްވިއްޔާ އަހަރެން ދެން އުޅޭނީ ނައު އުފާވާގޮތަށް!…. ދުވަހަކުވެސް ނައު ލަދު ގަނެ ހިތާމަ ކުރާނެ ފަދަ ކަމެއް ނުކުރާނެ ކަމަށް ﷲ ގަންދީ ހުވާ ކުރަން!” މަޒީދުއަށް އެހިސާބުން ރޮވުނީއެވެ. އެހެންކަމުން އިރުކޮޅަކަށް ވާހަކަ ދެއްކުން ވެސް މަޑުކޮށްލިއެވެ.

“އަހަރެން މިތަނަށް މިއައީ ………!”

ނައުރާ ވާހަކަ ދައްކަން ފެށީ އިތުރަށް މަޒީދު ދައްކާ ވާހަކަ އަޑުއަހަން ހުންނަން ބޭނުން ނުވާތީއެވެ. އެވަގުތު ނައުރާގެ އޮތީ ހިލަ ހިތެކެވެ. އޭއީ ނައުރާ ބޭނުންވާ ގޮތެވެ.

ނައުރާ ވާހަކަ ދައްކަން ފެށުމުން މަޒީދުގެ މޫނު އަލިވެގެން ދިޔައެވެ. ސީދާ ނައުރާގެ މޫނަށް ބަލަހައްޓައިގެން މަޒީދު އިނެވެ. އެ ބެލުމުގައި ވަނީ އުންމީދެވެ. ހަމަ ޖެހުމެވެ. ލޯތްބެވެ.

“އަހަރެން މަޒީދު ގާތުން ވަރިވާން ނިންމި ވާހަކަ ބުނަން!”

ބުނަން ބޭނުންވި ވާހަކަ ބުނުމަށްފަހު ނައުރާ އެ ރޫމުން ނިކުންނަން ހިނގައިގަތެވެ. ސިކުންތަކަށް ވެސް މަޑު ކުރުމެއް ނެތިއެވެ.

އިވުނު ވާހަކަ މަޒީދުއަށް ގަބޫލުކުރަން ނުކުޅަދާނަވެ ބަސް ހުއްޓިފައި މަޒީދު އިނެވެ. އަނގަ ހުޅުވި ދެލޯ ބޮޑުކޮށްގެން އެސްފިޔަ ވެސް ޖަހާނުލައި ނައުރާ ދާދިމާއަށް ބަލަހައްޓައިގެންނެވެ.

ދެވަނަ ތީރު ނައުރާ ދޫކޮށްލީ މަޒީދު ގަބުވެ ބަސް ހުއްޓިފައި އެހެން އިންދައެވެ.

“އަދި އެއް ވާހަކަ ބުނަން އެބައޮތް!”

އެނބުރިފައި ޝަހާދަތް އިނގިލި ހިއްލާލަމުން ނައުރާ އެކެއް ދެއްކިއެވެ. އެހެންނަމަވެސް މި ފަހަރު މަޒީދު އިނީ އިސްޖަހާލައިގެންނެވެ.

“އަހަރެން މިއިނީ މަޒީދުގެ ދަރިއަކަށް ބަލިވެ!”

ނައުރާ ނިކުމެގެން ދިޔައީއެވެ.

މަޒީދުއަށް އިންތަނުން ފުންމައިގެން ތެދު ވެވުނެވެ. އަޑުން އަޑުނަގައި ނައުރާގެ ނަމުން ގޮވަމުން މަޒީދު ރޮއެގަތް އަޑު އެތަނާ ދުރުވަމުން ދިޔަ ނައުރާގެ ކަންފަތަށް ފޯރިއެވެ. އެހެންނަމަވެސް ނައުރާގެ ހިނގުން އެންމެ ތަންފުކެއް ވެސް މަޑެއް ނުކުރެއެވެ.

ދެކެވުނު ވާހަކައާ މަޒީދުގެ ރުއިމުގެ އަޑު އެހި ޖަލު ބަލަހައްޓާމީހުންގެ ހިތަށް ވެސް އަސަރު ކުރުވިއެވެ. ހަމްދަރުދީއާ އޯގާތެރިކަމުގެ ނަޒަރަކުން އެމީހުން މަޒީދަށް ބަލަން ތިއްބެވެ. އެމީހުންގެ ބެލުމުގެ ދަށަށް ގެނައީއްސުރެ އެންމެ ނަމާދެއް ވެސް ދޫކޮށްނުލާ ނަމާދުކޮށް ޤުރުއާން ކިޔަވައި އުޅުނު މީހަކު އެމީހުންނަށް ފެނިފައިވަނީ މަދުންނެވެ. އަމުދުން ޒުވާންކުދިންގެ ތެރެއިން އެ މަންޒަރު އެމީހުންނަށް ފެންނަނީ ވަރަށް މަދުންނެވެ. އެތަނަށް ގެނައިތާ ކުރީކޮޅު މަޒީދު އުޅުނު ހާލު އެމީހުންވަރަށް ގާތުން ދުށްޓެވެ. މަޒީދުއާ އެކު ގެނެވުނު އެހެން މީހުންނާ ޚިލާފަށް މަޒީދުގެ ފަރާތުން ފެނުނީ ކިޔަމަންތެރިކަމެވެ. ރީތި އަޚުލާގާ އަދަބުތަކެވެ. މި ސިފަތަކުގެ ސަބަބުން އެމީހުން ވެސް މަޒީދުއާ މެދު ކަންތައް ކުރަނީ ވިހާ ވެސް ރަނގަޅަކަށެވެ.

މަޒީދުއާ ބައްދަލުކުރިތާ ތިންވަނައަށް ވީދުވަހު ނައުރާ ފުރާ ވާހަކަ ހިދާޔާ ގާތު ބުންޏެވެ.

“އަހަންނަށް ވަޒީފާ ލިބިއްޖެ!”

ނައުރާގެ ވާހަކަ އަޑުއިވުމުން ހިދާޔާ ބަލައިލީ ވަރަށް އުފަލުން ހުރެއެވެ.

“ނައުރާއަށް މިގޭގައި ކިތަންމެ ދުވަހަކުވެސް ހުރެވޭނެ! މަޒީދު މިނިވަންވެގެން އަންނަން ދެން ވެސް ނައުރާ ބޭނުމިއްޔާ ހުރެވޭނެ! އެއްވެސް ކަމަކުން ނައުރާއަށް ދަތި ވިޔަކަ ދައްތަމެން ނުދޭނަން!”

ހިދާޔާމެންގެ އަމިއްލަ ދަރިން ދިރިއުޅެނީ ރާއްޖެހިން ބޭރުގައެވެ. ގާތްތިމާގެ މީހަކަށް އެމީހުން ގާތު އަބަދު ވެސް އުޅުނީ މަޒީދެވެ. އެހެންކަމުން މަޒީދުއާ ދޭތެރޭ އެމީހުން ދެކެނީ އަމިއްލަ ދަރިއަކު ފަދައިންނެވެ. އުންމީދުން ފުރިގެންވާ ލޯބިވެތި އަޑަކުން ހިދާޔާ އެމީހުންގެ ފަރާތުން ދޭން ބޭނުންވާ ޖަވާބު ދިނީ މިސަބަބު ތަކަށްޓަކައެވެ.

“ދައްތަމެން އަހަންނަށް ވަރަށް ހެޔޮ! އެކަން ގަބޫލުކުރަން!……… އަހަންނަށް ވަޒީފާ ލިބުނީ މާލެއަކުން ނޫން! އެހެންވީމާ ބޭނުންވަނީ މާލެ ދޫކޮށް ދާން!”

ނައުރާ ބުނަން ބޭނުން ނުވިއަސް އެގެ ދޫކޮށް ދާއިރު އެމީހުންނަށް ކޮންމެވެސް އެއްޗެއް އެނގެން ޖެހޭނެކަމަށް ނައުރާ ދުށްޓެވެ.

“ނައުރާ! ……..”

ހިދާޔާ ވާހަކަ ދައްކަން އުޅުނެވެ.

“އަހަންނަށް މަޢާފުކުރޭ! އަހަރެންގެ ނިންމުން ބަދަލެއް ނުކުރެވޭނެ! ބޭނުންވަނީ އަމިއްލަ ދެފައި މައްޗަށް ތެދުވެ ހިންދެމިލަން! ……  މާދަމާ ހެނދުނު އަހަރެން ފުރަން!”

ނައުރާ ތެދުވެގެން ގޮސްވަނީ ކޮޓަރިއަށެވެ. ބުނާނެ އިތުރު އެއްވެސް އެއްޗެއް ނޭނގިފައި ހިދާޔާ އިނެވެ. ނައުރާ ވަދެގެންދިޔަ ކޮޓަރީގެ ދޮރާދިމާއަށް ބަލަހައްޓައިގެންނެވެ. ބައެއް އިންސާނުންނަކީ ދަނެގަންނަން އުނދަނގޫ ބައެކެވެ.

އެތައް ހަނދާންތަކެއް އައިސް ނައުރާގެ މޭގަނޑު ކަފާ ކުދިކުދި ކޮށްލި ކަމުގެ އިޙުސާސުން ނައުރާގެ ހިތް ފަޅިފަޅިވެގެން ދިޔައެވެ. ނުރޯން އޮތަސް ބޭބީ އެބޯޓް ވި ޚަބަރުން ނައުރާއަށް ހިފަހައްޓައެއް ނުލެވުނެވެ. ކެތްތެރިކަން ކޮޅުންލައި އަޑުން އަޑުނަގައި ނައުރާއަށް ރޮވިއްޖެއެވެ. މޫނުގައި އެޅި ދެއަތުގެ އިނގިލަތަކުގެ ތެރެއިން ފޭދިގެން ފޭބި ކަރުނަތަކުން ދޭހަކޮށްދެނީ ނައުރާގެ ހިތުގައި ބަނޑުގައި އުފެދި ބޮޑުވަމުން އައި އެ ދަރިފުޅަށް ދެވުނު ލޯބީގެ މަތިވެރިކަމެވެ.

ނައުރާގެ ހާލާ މެދު ޒީނިޔާ ވަރަށް ކަންބޮޑުވިއެވެ. މިހިސާބަށް އައި އިރުވެސް ނައުރާގެ ޒާތީ ދިރިއުޅުމާ ބެހޭ އެއްވެސް ވާހަކައެއް ނައުރާ އެއްވެސް މީހަކާ ޙިއްސާއެއް ނުކުރެއެވެ. ނައުރާ ވަރަށް ކުޑައިރު މަންމަ ނިޔާވި ވާހަކައާ ބައްޕަ އާއެކު އުޅެވުނީ ވަރަށް ކުޑަ ދުވަސްކޮޅަކު ކަމަށާ ނައުރާ ބަލާ ބޮޑުކުރީ މަންމަގެ ބޭބެކަން ނޫން އިތުރު އެއްޗެއް ނައުރާ ރާމިޒުމެން ގާތަކު ވެސް ނުބުނެއެވެ.

“ނައުރާ!  ކޮބާތަ ނައުރާގެ ދަރިފުޅުގެ ބައްޕަ!” ޒީނިޔާ ޙަމްދަރުދީ އެކުލެވިފައިވާ އަޑަކުން ނައުރާއާ ސުވާލުކުރިއެވެ.

އެ ސުވާލުގެ ޖަވާބުދޭން ކިތަންމެ ބޭނުން ނުވިއަސް އެފަދަ ކިތަންމެ ސުވާލަކާ މިހާރު ކުރިމަތިލާ ނައުރާއަށް ޖެހޭނެ ކަން ނައުރާއަށް އެނގެއެވެ.

“ޖަލުގައި!”

އަނގައިން ނުބުނެ އިރުކޮޅަކު އޮތުމަށްފަހު ނައުރާ ބުނީ ގާތްގަނޑަކަށް ޒީނިޔާއަށް ހީވި ގޮތަށެވެ. އޭރު ޒީނިޔާ އިނީ ހައިރާންވި ވަރުން އަނގަމަތީ އަތް އެޅި ގޮތަށް އެއަތް ނަގާން ވެސް ހަނދާން ނެތިފައެވެ.

“ވަރިވާން ފޯމުލާން މިއުޅެނީ!” ނައުރާ އިތުރުކޮށްލިއެވެ.

“ކީއްވެ! ނައުރާއަށް އޭނަ ގޯހީތަ! އަނިޔާ ކުރަނީތަ! ނޫނީ ފަތުގެ މީހަކީތަ! ނޫނީ …………!” ޒީނިޔާ އެއްފަހަރާ އެތައް ސުވާލެއް ކުރުމުންވެސް ނައުރާ އެއަކަށް މިފަހަރު ޖަވާބުދޭކަށް ނޫޅުނެވެ. ކުރިން ދިން ޖަވާބުތައް ވެސް ދިނީ ނައުރާ މީހަކާ އިންކަން އެންގުމުގެ ގޮތުންނެވެ. އަދި އެކަމުގައި ނައުރާ ދޮގެއް ވެސް ނަހަދައެވެ. ނައުރާގެ ދަރިފުޅުގެ ބައްޕައަކީ މަޒީދެވެ. މަޒީދު އޮތީ ޖަލުގައެވެ.

“ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް! ފަތް ބޯމީހަކާ އިނދެގެން ލިބޭނެ އުފަލެއް ހަމަ ޖެހުމެއް ވެސް ނޯންނާނެ! އެންމެ ރަނގަޅު ގޮތަކީ އެނގޭ ހިސާބަކުން ދުރުވުން! ކިތަންމެ ލޯބި ވިޔަސް! ދަރިފުޅު އުފަން ނުވެ  ނައުރާއާ ވަކިވެގެން ދިއުމުން މިހާރު ނައުރާ ދެރަވިޔަސް ………! އެދަރިފުޅު ވެސް ފަހުން މާބޮޑަށް ދެރަވެ ލަދުގަންނާނެ ބައްޕައަކީ ފަތްބޯ މީހެކޭ ހަކުރުގެ މީހެކޭ މީހުން ބުނާއިރު! އެހެން ވީމަ ﷲ ކޮންމެ ކަމެއްވެސް އިރާދަ ކުރައްވާނީ އެކަމުގައި އެތައް ޙިކުމަތްތަކެއް ލައްވަވާފައި ވާތީ!……. އެހެންވީމަ ދެރަވެ ހިތާމަ ނުކުރޭ! އެ ތުއްތު ފުރާނަ ވާނީ ސުވަރުގޭގައި! ނައުރާއަށް އެ އުފަން ނުވި ދަރިފުޅު ވާނީ ލެއްވި ރަޙުމަތަކަށް!”

މައެއްފަދައިން ޒީނިޔާ ދެއްކި ވާހަކަ އަޑު އިވުމުން ނައުރާއަށް އަދި މާ އަސަރު ކުރިއެވެ. މިފަދަ ހިތް ހެޔޮ ކަމަކާ ގާތްކަމެއް ދުވަހަކު ވެސް އެހެން މީހެއްގެ ފަރާތުން ނައުރާއަށް ލިބިފައެއް ނެތެވެ. ބެސްޓްފްރެންޑް ކިޔާވަރުގެ އެކުވެރި މިތުރަކު ވެސް ނައުރާގެ ނުހުރެއެވެ. އުޅެން ޖެހުނު ހާލުގެ ގޮތުންނެވެ.

ނައުރާގެ ދިރިއުޅުމަށް މި ހިތްދަތި ޙާލަތު މެދުވެރިވާން އިރާދާގައި ވާހިނދު، ރާމިޒުމެން ދެމަފިރިން ފަދަ ބައެއްގެ ގާތަށް އާދެވުނުކަން އެއީ ރަޙުމަތެއްކަމުގައި ނައުރާ ނިންމިއެވެ. އެމީހުންނަށްޓަކައި ހިތުގައި އުފެދުނީ ޝުކުރުން ފުރިފައިވާ ލޯބިވެތިކަމުގެ އިޙުސާސެކެވެ.

ސިއްޙީމަރުކަޒުން ދޫކޮށްލުމުން އިންސްޓިއުޓަށް ނުނިކުމެ ހަފުތާއަކު އަރާމު ކޮށްލަން ނައުރާ ގާތު ރާމިޒު ބުންޏެވެ.  ނައުރާ ވެސް ބޭނުންވީ އެގޮތެވެ. ގޭގައި އެ އޮތް ދެތިން ދުވަހު ނައުރާ ދެކިލަން އެކުގައި މަސައްކަތް ކުރާ ދެ މުދައްރިސުން ކޮންމެ ދުވަހަކު އާދެއެވެ. އަދި ކިޔަވައިދޭ ކުލާހުގެ ވަރަށް ގިނަ ކުދިން އެކުދިންގެ ބެލެނިވެރިންނާއކު އައެވެ.

ހިމްޔާ އަކީ ނައުރާ ކިޔަވައިދޭ ކުދިންގެ ތެރެއިން މަންމަޔާ ވަކިން ބައްޕައާއެކު އުޅޭ ކުއްޖެކެވެ. ހިމްޔާގެ ބައްޕައަކީ ރަށުގައި ހުރެގެން ރަށުގައި ވަޒީފާ އަދާކުރާ  އެރަށުގެ މަދު ފިރިހެނުންގެ ތެރެއިން އެކެކެވެ.  ވަޒީފާއަށް ދަމުން ދަރިފުޅުގެ ކަންތައްތައް ވަރަށް ރަނގަޅަށް ހިމްޔާގެ ބައްޕަ ބަލަހައްޓާކަން އެނގެނީ ހިމްޔާގެ ފިލާވަޅު ފަރިތަ ކުރުމާ ދަސްކުރުމާ ގެއަށް ދެވޭ މަސައްކަތްތައް ނިންމާފައި ހުންނަލެއް ފުރިހަމަކަމުންނެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !