A wide advertisement which will be shown on all devices. (700 x 100)

ވާހަކަ: ބަލަމުން މިދާ ޞަފުޙާތަކުން 10

ވާހަކަ: ބަލަމުންމިދާ ޞަފުހާތަކުން ...

ދިހަވަނަ ބައި

ހިމްޔާގެ ބައްޕައަކީ ރަށުގައި ހުރެގެން ރަށުގައި ވަޒީފާ އަދާކުރާ  އެރަށުގެ މަދު ފިރިހެނުންގެ ތެރެއިން އެކެކެވެ.  ވަޒީފާއަށް ދަމުން ދަރިފުޅުގެ ކަންތައްތައް ވަރަށް ރަނގަޅަށް ހިމްޔާގެ ބައްޕަ ބަލަހައްޓާކަން އެނގެނީ ހިމްޔާގެ ފިލާވަޅު ފަރިތަ ކުރުމާ ދަސްކުރުމާ ގެއަށް ދެވޭ މަސައްކަތްތައް ނިންމާފައި ހުންނަލެއް ފުރިހަމަކަމުންނެވެ.

ކިތަންމެ ދުވަހަކު ނައުރާ ގާތު އެގެއަށް ސައިބޯން އަންނަން ހިމްޔާ ބުންޏެވެ. އެހެންނަމަވެސް ކޮންމެވެސް އުޒުރެއް ދައްކާފައި ނައުރާ އެކަމުން ރެކި ގަނެއެވެ.

ނައުރާ ބަލިވެ އުޅޭ ޚަބަރު ލިބިގެން ނައުރާ ދެކިލަން އައި ގިނަ ކުދިންގެތެރޭ ހިމްޔާ ވެސް ހިމެނެއެވެ. މިއަދު ހިމްޔާ އައީ ހިމްޔާގެ މާމައާއެކުގައެވެ. އައި އިރު ނައުރާއަށް އާފަލާ އޮރެންޖު އަޅާފައިވާ ޕާރްސަލެއް ވެސް ގެނައެވެ. ހިމްޔާ ނޫން ބައެއް ކުދިން ވެސް ނައުރާއަށް ހަދިޔާ ގެނައެވެ.

“ހިމްޔާ ކޮއްކޮ ވަރަށް ދެރަވޭ ނައު މިސް ބަލިވެ އުޅޭތީ!”

ކުޑަކުޑަ ހިމްޔާގެ އަޑު އިވުމުން ނައުރާގެ ހިތް ލޯބިން ފުރުނެވެ. މަޔަކާ ނުލާ ބައްޕަ، ބައްޕަގެ މަންމަގެ އެހީގައި ގެންގުޅޭ ކުއްޖަކަށް ވާތީ ނައުރާ ވެސް އެކުއްޖާއަށް ޚާއްސަކަމެއް ބަހައްޓައެވެ.

“ނައު މިސް ވެސް ވަރަށް ދެރަވޭ ތިކުދިންނަށް ކިޔަވައިދޭން ނުދެވޭތީ! އިންޝާﷲ، އަންނަ ހަފުތާގައި މިސް ދާނަން! އޯކޭނު ….! ” ހިމްޔާގެ ކޮލުގައި މަޑު މަޑުން ހިފާލަމުން ނައުރާ ލޯބިން ހިމްޔާއާ ވާހަކަދެއްކިއެވެ. އަދި އަތުގައި ހިފައި އެނދުގައި، ނައުރާގެ ގާތުގައި ބޭންދިއެވެ.

“ތީ މާލޭ ކުއްޖެއްތަ!”

ނައުރާގެ މޫނަށް ބަލަހައްޓައިގެން އިން ހިމްޔާގެ މާމަ ނައުރާއާ އެކުރި ސުވާލަކީ އެރަށުގެ އެނޫ ބައެއް ބެލެނިވެރިން ވެސް ނައުރާއާ ކުރާ ސުވާލެކެވެ.

“ނޫނޭ! މާލެއެއް ނޫން!”

ނައުރާ އަބަދުވެސް ނައުރާގެ ރަށުގެ ނަން ބުނަން ޖެހިލުންވެއެވެ. އެކަމަކު މި ދައްތަ ކުރުނުކޮށް ސުވާލުކުރާތީ ނައުރާގެ ރަށުގެ ނަން ބުނަން މަޖުބޫރުވީއެވެ.

“އެހެންތަ! ތި އަތޮޅުގެ ކޮންމެވެސް ރަށެއްގެ މީހަކާ މި ދައްތަގެ ދޮށީ ދަރިފުޅު ވެސް އިން ! ދަރިއަކު ވެސް އޮވޭ! ހަނދާނެއް ނެތް ނަމެއް!…..އެ އަންހެން ކުއްޖާ އަކީ އެހާރަނގަޅު މީހެއް ނޫނޭ ކިޔާތީ އަޑު އިވޭ! އެހެންވެ ދައްތަގެ ދަރިފުޅު އޭނަ ދޫކޮށްލިކަމަށް ވަނީ! ފަހުން އެހެންމީހަކާ އިނދެގެން ހިމްޔާ ބައްޕަމެން ލިބުނީ! ……..އެ ސޮރު އެމީހަކާ އިންނަން އުޅުނު އިރު ވެސް ބުނިން ގޮތް ނޭނގޭ ފާޑުފާޑުގެ މީހުންނާ އިންނަން ނޫޅޭށޭ! ……………. މައިންބަފައިން ދަރިންނަކަށް ނުދޭނެ ނުބައި ނަޞޭހަތެއް! ދޮގެއްތަ މީ!”

ހިމްޔާ މާމަގެވާހަކަ ދެއްކުމުގައި ހުރި ގަޔާވާ ގޮތަކުން ނައުރާ އިނީ މަޖާވެފައެވެ.

“ކޮބާތާ ހިމްޔާ މަންމަ!”

ހިމްޔާއަށް އަޑު ނީވޭ ވަރަށް ނައުރާގެ ހިތުގައި އޮތް ސުވާލު ކުރިއެވެ.

“ތީ އަނެއްކާ އަނެއް ވާހަކަ! ސުހާނާ ވެސް ވަރިވެގެން އެހެންމީހަކަށް މޮޔަވެގެން އެ ސޮރު ދޫކޮށް ހިނގައްޖެ! އެ ދެ ބަފައިންނަށް ވެސް އިންނަން ކަމުދާކަހަލަ އަންހެނުން ވަކިކުރަން ނޭނގުނީތާ!”

ހިމްޔާގެ މާމަ ވާހަކަ ދެއްކި ރާގުން މިފަހަރު ނައުރާއަށް ނުހީއެއް ނީނދެވުނެވެ.

ހިމްޔާ ގޮވައިގެން ހިމްޔާ މާމަ ނިކުންނަން ހިނގައިގަތުމުން އަދި އަންނައްޗޭ ނައުރާ ބުނީ އަސްލު ވެސް އެމީހުން އައުމުން ނައުރާގެ ފޫހި ފިލާ،  މިޒާޖުގައި އެކުވެރި ގާތް ސަމާސާ ގޮތެއް ހުރި މީހަކަށް ނައުރާ މާމަ ވާތީއެވެ. އެކުވެރިކަން ބާއްވަން ރަނގަޅު ބައެކޭ ނައުރާ ހިތަށް އެރިއެވެ.

ކަމެއް ނެތި ގޭގައި އެކަނި އޮންނަން ވުމުން އެހެން މީހުން ފަދައިން ފޭސް ބުކަށް ވަނދެލަން ނައުރާ ވެސް ބޭނުންވިއެވެ. ނައުރާގެ ފޭސްބުކު އެޑެއް އޮތަސް އޭގައި އެޑްކޮށްފައި އޮތީ ދެތިން މީހެކެވެ. ނައުރާއަކަށް މާގިނައެއްކޮށް ރިކުއެސްޓެއް ވެސް ނާދެއެވެ. ނައުރާގެ ފޭސްބުކު ޕްރޮފައިލް ފޮޓޯއަކަށް ވެސް އިންނާނީ ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށުގެ މަންޒަރެކެވެ. ރިކުއެސްޓް ނާންނަނީ އެހެންވެގެން ކަމަށްވެސް ވެދާނެއެވެ. ނައުރާއަށް ރަނގަޅީ ވެސް އެ ގޮތެވެ. އެންމެ ފަހުން ނައުރާ ފޭސްބުކަށްވަނީ ވެސް މީގެ ދެމަސް ވަރު ކުރިންނެވެ. އެއީ ނައުރާ މަޒީދުއާ އިންނަން އުޅުނު ދުވަސްކޮޅެވެ.

ތިން ހަތަރު މީހެއްގެ ރިކުއެސްޓް އޮތުމުން އެންމެ ފުރަތަމަ ނައުރާ ބަލައިލީ ނައުރާއަށް ލިބިފައިވާ ރިކުއެސްޓް ތަކަށެވެ! އޭގެތެރޭގައި ވަކި ސަބަބެއް ނެތި ނައުރާގެ ސަމާލުކަން ދެވުނު ނަމެއް އޮތެވެ.

“ސާޖިދު!”

އެ ނަމާ ދޭތެރޭ ނައުރާގެ ހިތުގައި ޝައުޤު އުފެދުނީ ކީއްވެކަމެއް ޚުދު ނައުރާއަކަށް ވެސް ނޭނގެއެވެ. ރިކުއެސްޓް އެކްސެޕްޓް ކުރުމުގެ ކުރިން ޕޭޖް ހުޅުވައި ބަލައިލިއެވެ. މާގިނަ އެއްޗެއް ނެތެވެ. ޤުރުއާނުގެ ދެތިން އާޔަތަކާ އޭގެ މާނަ އޮތެވެ. އަދި ގަދައަޅާ މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނޭކަން ދޭހަވާ ދެތިން ޕޯސްޓެއް ވެސް އޮތެވެ. ދިވެހިންގެ ތެރޭގައި އެމީހެއްގެ މަޝްހޫރުކަން ވަރަށް ބޮޑު ބޭފުޅެއްކަމަށްވާ މުފްތީ މެންކްގެ ފަސްވަރަކަށް ވީޑިއޯ ވެސް ހުއްޓެވެ.

ވިސްނާލަން އިރުކޮޅެއް ނެގުމަށްފަހު އެންމެ ފަހުން ހަވަނަ މީހާގެ ގޮތުގައި ނައުރާ ސާޖިދުގެ ރިކުއެސްޓް އެކްސެޕްޓް ކުރީއެވެ.

ޒީނިޔާ ކާން ގެނައުމުގެ ކުރިން މިރޭ ކާން އެގެއަށޭ ދާނީ ހިތާ ނައުރާ ނިކުތެވެ. ނައުރާއަށް ރާމިޒުމެންގެއަށް ދެވުނުއިރު ޒީނިޔާ ހުރީ ތަށިބަރިއަށް ކާއެއްޗެހި އަޅަން ތައްޔާރު ވެގެންނެވެ.

“ޒީނިޔާއްތާ!’

ނައުރާ ގޮވައިލިއެވެ.  ސިއްސައިގެން ދިޔަ ޒީނިޔާގެ އަތުގައި ހުރި ރިހަތަށި ނުވެއްޓުނީ ވެސް ކިރިޔާއެވެ.

“ނައުރާ! ކީއްކުރަން ތެދުވެގެން އުޅެނީ! ނައުރާ ގަޔަކު އަދި ނުހުންނާނެ ތެދުވެގެން އުޅެވޭހާ ވަރެއް!”

އެއްބަނޑު ދައްތައެކޭ އެއްގޮތަށް ޒީނިޔާ ޝަކުވާކުރީ ލޯބިންނެވެ.

ޒީނިޔާމެންގެ ހެޔޮކަން ފެނި ނައުރާގެ ހިތް ޝުކުރުން ފުރުނެވެ. އެހެންކަމުން ބޭއިޚުތިޔާރުގައި ޒީނިޔާ ގައިގާ ނައުރާ ބައްދައިލިއެވެ.

“ތިއީ އަހަންނަށް މިދުނިޔެ މަތިން ފެނުނު އެންމެ ސްވީޓް ދެމަފިރިން! ތި ދެމަފިރިންގެ ހެޔޮކަން އަހަރެން ދުނިޔޭގެ ކޮންމެ ތާކުވިޔަސް ދުވަހަކު ވެސް ހަނދާން ނައްތައެއް ނުލާނަން! ތި ދެމަފިރިންނަށް ޓަކައި އަބަދުވެސް ހެޔޮ ދުޢާ ކުރާނަން!”

ނައުރާ އެހެން ބުނީ ހިތުގެ އަޑިންނެވެ. އޭރު ނައުރާގެ ދެލޯ ތެމިގެން ރޮވެން ކައިރި ވެއްޖެއެވެ. ދެން ޒީނިޔާ ގައިން ދޫކޮށްލުމަށްފަހު އިށީނދެ ގޮނޑީގައި ހަމަ ޖެހިލިއެވެ.

ކައި ނިމިގެން ނައުރާ ގެއަށް އައި އިރު ޒީނިޔާ ވެސް ނައުރާއާ އެކު ގެއާ ހަމައަށް އައެވެ. ގޭ ދޮރުމަތީ އިރުކޮޅަކު ވާހަކަ ދައްކަން މަޑު ކޮށްލުމަށްފަހު ދެން ނިދާލާށޭ ބުނަމުން ޒީނިޔާ ހިނގައްޖެއެވެ.

އާދައިގެ މަތިން ގޭގެ މައިދޮރުގައި ތަޅުލުމަށްފަހު ނައުރާ ކޮޓަރީގެ ދޮރު ވެސް ތަޅުލިއެވެ. އަދި ފާޚާނާއާ ދިމާއަށް ހިނގައިގަތް ވަގުތު ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އެއީ ވަބިރަ މެސެޖެއްތޯ ނުވަތަ މެސެންޖަރ އިން އައި މެސެޖެއްކަމެއް ވެސް ނައުރާއަކަށް ނޭނގެއެވެ.

ފާޚާނާއިން ނިމިގެން އައިސް ހެދުން ބަދަލުކުރުމަށްފަހު ނައުރާ އެނދުގައި އޮށޯވެ ފޯނު ހުޅުވައިލިއެވެ. އިންސްޓިޓިއުޓްގެ ވެރިމީހާގެ މެސެޖަކަށް ވެސް ވެދާނެއޭ ނައުރާ ހިތަށް އެރިއެވެ. އެހެންނަމަވެސް އެއީ މެސެންޖަރއިން އައި މެސެޖެކެވެ.

މިއީ ނައުރާއަށް މުޅިން އާކަމެކެވެ. މިހާތަނަށް ދުވަހަކުވެސް މެސެންޖަރ ބޭނުން ނުކުރާ މީހަކަށް ނައުރާ ވާއިރު މިއަދު އެކްސެޕްޓްކުރި މީހަކު ނައުރާއަށް މެސެޖް ކުރުމުން ޖަވާބުދޭންވީތޯ ނައުރާ ވިސްނައިލިއެވެ.

ނައުރާއަކީ ވެސް އިންސާނެކެވެ. އުފަލާ އަރާމާ ހިތްހަމަ ޖެހުމަކީ ނައުރާގެ ވެސް ހައްގެކެވެ. ހިތަށް ހަމަ ޖެހުން ލިބޭފަދަ ކަންކަމަށް ނައުރާގެ ހިތް ވެސް އެދެއެވެ. އެހެން މީހުންގެ ފަރާތުން ލޯތްބާ އޯގާތެރިކަމަށް ވެސް އެދެވެއެވެ.

ސާޖިދު ފޮނުވާފައިވާ މެސެޖަށް ބަލަހައްޓައިގެން އިން ނައުރާ ނިންމީ ސާޖިދުގެ ސުވާލަށް ޖަވާބު ދިނުމަށެވެ. މީހެއްގެ އެފްބީ ބަލާފައި އެއްޗެއް އެނގެންޏާ ނައުރާއަށް އެނގުނީ ސާޖިދުއަކީ ގޯސްމީހެއް ނޫންކަމެވެ. އެހެންވެ ވާހަކަ ދައްކާލަން ނައުރާ ނިންމިއެވެ.

އޭރު ސާޖިދު ވެސް އިނީ އޮންލައިންގައެވެ. ނައުރާ މެސެޖު ބަލައިފިކަން އެނގުމުން ދެވަނަ ސުވާލެއް ވެސް އައެވެ.

“އަލްޙަމްދުލިﷲ ރަނގަޅު! ސާޖިދު ކިހިނެތް!” ނައުރާ ޖަވާބު ލިޔުނެވެ.

“އަޅުގަނޑު ވެސް ހަމަ ތިފަދަ! ﷲ ގެ ރަޙުމަތުން މި ވަގުތު ހެޔޮ ޙާލުގައި!”

ސާޖިދު ވެސް ޖަވާބު ލިޔުނެވެ.

ދެން ދިޔައީ ހިމޭން ވަގުތު ކޮޅެކެވެ. ދެން ވާހަކަ ދައްކާނީ ކާކުކަމެއް، ދައްކާނީ ކޮން ވާހަކައެއް ކަމެއް ކަނޑަ ނޭޅި ދިޔަ ވަގުތުކޮޅެއްހެން ހީވެއެވެ. ނައުރާއަކީ މިކަމަށް މުޅިން އާ މީހެކެވެ.

“ހިނގާ އިންޓްރޮޑިއުސް ވަމާ! އޭރުން ވާހަކަ ދައްކަން ފަސޭހަވާނެހެން ހީވަނީ!”

ސާޖިދު ލިޔުނެވެ.

“ރަނގަޅު ގޮތެއް!…….  މީ ނައުރާ!”

ނައުރާއަށް ސާޖިދުގެ ވާހަކައާ އެއްބަސް ވެވުމުން ޖަވާބު ލިޔުނެވެ.

“އަޅުގަނޑުގެ ނަން އެބަ އޮތްދޯ!”

ހިނިގަނޑަކާއެކު ސާޖިދު ލިޔުނެވެ.

“އެއީތަ ނަމަކީ!”

ނައުރާ ވެސް މަޖާވެލާފައި ލިޔުނެވެ.

“ތިއީ ނަމުގެ އެއްބައި! އަނެއްބައިވެސް ކިޔައިދީފާނަން!”

“ނޫން! ކޮންމެހެން ފުރިހަމަ ނަން ނުލިޔުނަސް ރަނގަޅުވާނެ!”

ނައުރާގެ ޝައުޤެއް ނެތެވެ.

“ނައުރާގެ ރަށާ ކުރާ މަސައްކަތް އެނގިއްޖިއްޔާ ވަރަށް އުފާވާނެ!”

ސާޖިދު ބޭނުންވީ ނައުރާގެ ފުރިހަމަ މަޢުލޫމާތެވެ.

ނައުރާ އިރުކޮޅަކަށް ވިސްނައިލިއެވެ.

“މާ މަތީ މީހެއްނޫން! އަދި މާ މޮޅު މީހެއް ވެސް ނޫން! މިބުނި މަތީ ފާހެއް ވެސް ނެތޭ! …… މައެއް ބަފައެއް ނެތް! ވަރަށް އެކަނި ވެރި!…….. ޢާއިލާގައި ވެސް އިތުރު މީހަކު ނެތް!”

ނައުރާއަށް ނައުރާގެ ޙާލަތު ކިޔައިދެވުނީ ފައްޗަކަށް އަމުނަމުންނެވެ. ހުއްޓާލީ އެކޮޅުން އޯކޭ އޯކޭ އޭ އެތައްފަހަރަކު ލިޔުމުންނެވެ.

“އަހަންނަކީވެސް ރާއްޖެތެރޭ މީހެއް! އެކަމަކު މި ވަގުތު ދިރިއުޅެނީ މާލޭގައި! އެއީ ވަޒީފާގެ ގޮތުން! އަސްލު އުޅޭހިތްވަނީ ހަމަ ރާއްޖޭގެ ފެހިކަން ގަދަ ފެހިރަށެއްގައި!”

ނައުރާގެ ސުވާލަކާ ނުލައި ސާޖިދު އޮޅުން ފިލުވައިދިނެވެ.

ދެން އަނެއްކާ ވެސް ދިޔައީ އެއްވެސް ކޮޅަކުން ނުލިޔެ ދިޔަ ވަގުތު ކޮޅެކެވެ.

“މާލޭގައި ކޮން މަސައްކަތެއް ކުރަނީ! މިބުނީ ވަޒީފާގެ ވާހަކަ!”

ހިމޭންކަން ނައްތާލަން ބޭނުންވެގެން ނައުރާ ސުވާލުކުރިއެވެ.

“އަހަންނަކީ މިހާރު ފްލައިޓް އިންޖިނިއަރެއް!………. އޭގެ ކުރިން އުޅުނީ އޮފީހެއްގައި!”

ސާޖިދު ލިޔުނެވެ.

“ނައުރާ އަހަރެންގެ ފަރާތުން އެދޭ ކަމެއް އެބައޮތްތަ! …….. އަހަރެން ނައުރާގެ ފަރާތުން އެދޭކަމެއް އެބައޮތް! އަދި ބޭނުންވާ ކަމެއްވެސް އެބަ އޮތް!”

ސާޖިދު ބޭނުންވީ ނައުރާ އަހަން ބޭނުންވާ އެއްޗެއް އޮތްތޯ ބަލާށެވެ.

“އަހަރެން އެދެނީ ކޮންމެ ކޮންމެ ވާހަކައެއް އަހަންނާ ނުދެއްކުން! އެހެން ދައްކަން ފަށައިފިއްޔާ އަހަންނެއް ވާހަކައެއް ނުދައްކާނަން! އިތުރުކަމެއް ބެނުމެއްނޫން!”

ނައުރާ ބޭނުންވީ ޔަގީންކަމެވެ.

“އަހަރެންގެ ފަރާތުން ނައުރާ ނޭދޭ އެއްވެސް ޒާތެއްގެ ވާހަކައެއް އަޑެއް ނީވޭނެ! އެ ޔަގީންކަން ދެން! އަހަރެން އެދެނީ އަހަންނާ ނައުރާގެ އެކުވެރިކަން އަބަދުވެސް އޮތުން! ހިތްހަމަ ނުޖެހޭ ވާހަކައެއް ބުނެވިއްޖިއްޔާ އަހަރެން ގާތު ރީތިކޮށް ބުނުން! މިވަރުން ނައުރާއަށް އިތުބާރު ކުރެވޭނެ ކަމަށް ހީކުރަން!”

ސާޖިދުގެ ވާހަކާގައިވަނީ ކޮންކަހަލަ ބާރެއްކަމެއް ނައުރާއަކަށް ނޭނގެއެވެ. ވާހަކަ ދައްކާނީ ބާއޭ ނޫނީ ހުއްޓާލާނީ ބާވައޭ ވެސް ހިތަށް އެރިއެވެ. ސާޖިދު ލިޔާހާ އެއްޗެއް ކިޔަން ނައުރާ އޮތެވެ. އެހެންކަމުން ނައުރާގެ ޖަވާބެއް ނުލިބުނީމަ ސާޖިދު ނައުރާއަށް ގޮވައލިއެވެ.

“ނިދީތަ!”

“ނޫން! އަދި ހޭލާ! އެކަމު ދެން ނިދާނީ!”

ނައުރާ އަވަސްއަވަހަށް ޖަވާބު ލިޔުނެވެ.

“ވަކިވުމުގެ ކުރިން އަހަންނަށް ކަމަކަށް ހުއްދަ ދިނުން އެދެން!”

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !